'މީ އިޝްގް'ގެ ޑައިރެކްޓަރު އަޒްހާން އިބްރާހިމް (ކ) އާއި ލީޑް ތަރި އާމިނަތު ރަޝްފާ (އާޝާ) މިދިޔަ މާޗު މަހު ފިލްމު ލޯންޗުކުރި ހަފްލާގައި ބައިވެރިވަނީ (ފޮޓޯ/ފޭސްބުކް/މީއިޝްގް)

'މީ އިޝްގް'ގެ ޓްރެއިލާ ދައްކާލައިފި

ޒުވާން ލިޔުންތެރިޔާ އަޒްހާން އިބްރާހިމްގެ އަލަތު ފީޗާ ފިލްމުގައި ގެނެސްދޭނީ އަސަރުގަދަ ލޯބީގެ ވާހަކައެއް
2 ޑިސެމްބަރު 2023

ލިޔުންތެރިޔާ އަދި ޑައިރެކްޓަރު އަޒްހާން އިބްރާހިމްގެ ފުރަތަމަ ފީޗާ ފިލްމް 'މީ އިޝްގް'ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އިންސްޓަގްރާމްގައި އާއްމުކޮށްފައިވާ ޓްރެއިލާ މަތީގައި އެ ވަނީ އެވެ.

އަންނަ 6 ޖެނުއަރީގައި އޮލިމްޕަހުގައި އަޅުވާ 'މީ އިޝްގް' އަކީ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

ފިލްމުގެ ލީޑް ރޯލް އިން ފެންނާނީ އާމިނަތު ރަޝްފާ (އާޝާ) އެވެ. ފިރިހެން ލީޑެއްގެ ގޮތުގައި އުޅެނީ ޝަރަފް އަބްދުﷲ އެވެ.

ފިލްމްގެ ބޮޑު ބައެއް ޝޫޓްކޮށްފައިވަނީ ކ. މާފުށީގަ އެވެ.

އަޒްހާންގެ މަސައްކަތް މީގެ ކުރިން ބެލުންތެރިންނާ ހަމައަށް އައިސްފައިވަނީ ކްރައިމް ތުރިލާތަކުންނެވެ. 'ދަރަކަ' އާއި 'މިރާއީ' މިއީ އޯޑިއަންސުން ބަލައިގެންފައިވާ ސީރީސްތަކެވެ.

އަޒްހާން ބުނި ގޮތުގައި ފިލްމާއި މަސައްކަތާ މެދު އޭނާ ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންނެވެ.

"މިއީ ހަމައެކަނި ބުރަ މަސައްކަތެއް ނޫން. މިއީ އަދި ހަމައެކަނި ދާއިމީ ވަޒީފާއެއް ވެސް ނޫން. އެއަށް ވުރެ ބޮޑަށް ހިތާ ކައިރި މަސައްކަތެއް. މަސައްކަތް ކުރި އެންމެންގެ ފަރާތުން ވެސް ފެނުނީ އެ ރޫހު،" އަޒްހާން 'ދައުރު' އަށް ކިޔައިދިނެވެ.

ފީޗާ ފިލްމް 'މިީ އިޝްގް'ގެ ޑައރެކްޓަރު އަޒްހާން އިބްރާހިމް (ކ2) އާއި ތަރިންނާއި ޕްރޮޑިއުސަރު ލީނާާޒް ހުސެން (ވ) މިދިޔަ މާޗު މަހު ފިލްމު ލޯންޗުކުރި ހަފްލާގައި ބައިވެރިވަނީ (ފޮޓޯ/ފޭސްބުކް/މީއިޝްގް) 

އަޒްހާން ވެސް ވަރަށް ބޮޑު އިންތިޒާރެއް ކުރަމުން އަންނަ މި ފިލްމު ވެގެންދާނީ އޭނާގެ ކެރިއަރުގެ އުސްއައްޔަކަށެވެ. އޭނާ ތައްޔާރުވަމުން އެ ގެންދަނީ އަމިއްލަ ފިލްމެެއް ފުރަތަމަ ފަހަރަށް ސިނަމާގައި އެޅުވުމަށެވެ.

އަޒްހާން ބުނިގޮތުގައި އޭނާ މި ފިލްމްގެ ސްކްރީންޕްލޭ ލިޔުނީ ގާތްގަނޑަކަށް 12 ގަޑިއިރު ވަންދެން ކޮމްޕިއުޓަރު ދޮށުގައި އިނދެގެންނެވެ. ބައެއް ބައިތައް ލިޔަމުންދިޔައިރު ލޮލުން ކަރުނަ އައި ކަމަށް ވެސް އޭނާ ބުންޏެވެ.

ޑައިރެކްޓަރު ފިލްމާ ގުޅޭ ގޮތުން މިވަގުތު ކިޔައިދޭން ބޭނުންވާ މިންވަރަކީ އެއީ އެވެ.

'މީ އިޝްގް'ގެ ޕްރޮޑިއުސަރަކީ ލީނާާޒް ހުސެން އެވެ. ފިލްމްގެ މިއުޒިކް ހަދަނީ އަހުމަދު ޝަހީދު (ޝަހީދު ލެގަސީ) އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް