ސެލީނާގެ ގޯމޭޒްގެ 430 މިލިއަން ފޮލޮވަރުން އިންސްޓަގްރާމްގައި އެބަތިބި (ފޮޓޯ/ޓީއެމްޒީ.ކޮމް)
ސެލީނާއަށް ފަލަސްތީނު މައްސަލައިގައި އަމާޒުވި ނުރުހުމާ އެކު ބުނީ އިންސްޓަގްރާމް ފޮހެލަނީ ކަމަށް
ލަވަކިޔުންތެރިޔާ އަދި ފިލްމީ ތަރި ސެލީނާ ގޯމޭޒް އަކީ އިންސްޓަގްރާމްގައި އެންމެ ފޮލޮވަރުން ގިނަ އަންހެން ތަރި އެވެ. އޭނާގެ 430 މިލިއަން ފޮލޮވަރުން އިންސްޓަގްރާމްގައި ތިބެ އެވެ.
އިޒްރޭލް-ފަލަސްތީނު މައްސަލައާ ގުޅޭގޮތުން ސެލީނާ އިންސްޓަގްރާމް ޕޯސްޓެއްގައި ބުނި އެއްޗަކާ ހެދި އޭނާއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.
ސެލީނާ މިދިޔަ ހޯމަ ދުވަހު ޝާއިއު ކުރި ޕޯސްޓު ފަށަމުން ބުނެފައިވަނީ ދުނިޔޭގައި ހިންގަމުންދާ މީހުން މެރުމާއި އަނިޔާވެރިކަމުގެ އަމަލުތައް ފެނި ހިތްހަލާކުވާތީ އޭނާ އައީ ސޯޝަލް މީޑިއާ އިން ބްރޭކެއް ނަގަމުން ކަމަށެވެ. އޭނާ ބުނިގޮތުގައި ވަކި ބަޔަކަށް ވީތީ އެއްވެސް ބަޔަކަށް ނަފްރަތު ކުރުމަކީ ބޮޑުވެގެންވާ ނުބައެކެވެ. އަދި ހުރިހާ އިންސާނުން، ހާއްސަކޮށް ކުޑަކުދިން ހިމާޔަތްކޮށް، އަނިޔާވެރިކަން އަބަދަށް ހުއްޓާލަންޖެހޭ ކަމަށާއި މައުސޫމް ބަޔަކަށް އަނިޔާ ލިބެމުންދާތަން ބަލަހައްޓައިގެން ނުހުރެވޭނެ ކަމަށް ވެސް ސެލީނާ ބުނެފައިވެ އެވެ.
"އަހަރެން ބޭނުންވޭ ދުނިޔެ ބަދަލު ކުރަން. އެކަމަކު ޕޯސްޓެއް ކޮށްގެން ބަދަލެއް ނުވާނެ،" ސެލިނާގެ ޕޯސްޓް ނިންމާލަމުން ލިޔެފައިވެ އެވެ.
އޭނާއާ ދެކޮޅަށް އިންޓަނެޓަނުގައި އެއް ބަޔަކު ކޮމެންޓް ކުރަން ފެށީ، އޭނާގެ ޕޯސްޓަކުން ކަމެއް ބަދަލުނުވާނެ ކަމަށް ބުނުމުންނެވެ. އޭނާގެ 430 މިލިއަން ފޮލޮވަރުން ތިބި އިރު، ފޯރުވޭނެ ނުފޫޒެއް ނެތް ކަމަށް ސިފަކުރުން އެއް ބަޔަކަށް ބަލައެއް ނުގަނެވުނެވެ. އަނެއް ބަޔަކު ސެލީނާއާ މެދު ނުރުހުން ފާޅުކުރީ ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގަމުންދާ ގަތުލުއާއްމަކީ އޭނާއަށް ކުރިމަތިވެގެން އުޅޭ ކަމެއްގެ ގޮތުގައި ސިފަކުރި ކަމަށް ބުނެ އެވެ.
މީގެ އިތުރުން، މިދިޔަ އަހަރު ޔޫކްރެއިން-ރަޝިޔާ ހަނގުރާމައާ ގުޅިގެން ޔޫކްރެއިންގެ ދިފާއުގައި އޭނާ ވާހަކަ ދައްކާ، ޔޫކްރެއިނަށް އެހީ ފޯރުކޮށްދީ ހަދާފައިވާ އިރު އިޒްރޭލް-ގާޒާ ހަނގުރާމާއާ މެދު އެ މޭރުމުން ވާހަކަ ދައްކައި އަމަލުކޮށްފައި ނުވާތީ ވެސް ސެލީނާއަށް ފާޑުކިޔުން އަމާޒުވި އެވެ.
މި ނުުރުހުމާ އެކު ސެލީނާ ވަނީ ބްރޭކެއް ނަގައި އިންސްޓަގްރާމް ޑިލީޓް ކޮށްލަނީ ކަމަށާއި ދެން ވާހަކަދައްކާ ނިމުނީ ކަމަށް އަދި "އަހަރެން މިހާރު ހިނގަމުންމިދާ އެއްވެސް ކަމަކަށް ތަރުހީބެއް ނުދެން" ކަމަށް ސްޓޯރީއެއްގައި ބުނެފަ އެވެ. ނަމަވެސް އެ ސްޓޯރީ މިހާރު ވަނީ ފޮހެލައިފަ އެވެ.
ސެލީނާ މީގެ ކުރިން ވެސް އިންސްޓަގްރާމް ބޭނުން ކުރުން ހުއްޓާލާފައިވެ އެވެ. އެފަހަރު އޭނާ އިންސްޓަގްރާމް ބޭނުން ކުރުން ހުއްޓާލީ މީހުން ކުރާ ކޮމެންޓްތަކުގެ ސަބަބުން ނަފްސާނީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްގެން ކަމަށް ސެލީނާ ބުނެފައިވެ އެވެ. ލަވަކިިޔުންތެރިޔާ ޖަސްޓިން ބީބާ އާއި އޭނާގެ ގުޅުން ކެނޑި ދެން އައި ދުވަސްތަކުގައި ސޯޝަލް މީޑިއާގައި އެކަމާ ގުޅޭގޮތުން ވާހަކަދެއްކުން ނުހުއްޓެ އެވެ.
ފަލަސްތީނާ ގުޅޭ ގޮތުން އަޑުއުފުލާ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވާހަކަދައްކާ ކޮންޓެންޓް ޕޯސްޓްކުރާ ސޯޝަލް މީޑިއާ އެކައުންޓްތައް ޝެޑޯ ބޭން ކުރަމުންދާ ދަނޑިވަޅެއްގައި ސެލީނާގެ ޕޯސްޓް ލިޔުނު ގޮތް ބަލައިގަތުން ގިނަ ބަޔަކަށް ވަނީ ދަތިވެފަ އެވެ.
ފަލަސްތީނުގެ ދިފާއުގައި އަޑުއުފުލާ ނަމަ، ސެލެބްރިޓީންނާ އެކު ވިޔަފާރީގެ އެއްބަސްވުންތައް ހަދާފައިވާ ބްރޭންޑްތަކުން ގެންދަނީ އެ މީހުންނަށް ފިއްތުންތައް ކުރިމަތިކުރަމުންނެވެ. އަދި ފަލަސްތީނަށް ނިސްބަތްވާ މަޝްހޫރު މޮޑެލް ޖީޖީ ހަދީދު އާއި ބެލާ ހަދީދުގެ މުޅި އާއިލާއަށް ދަނީ މަރުގެ އިންޒާރުތައް ލިބެމުންނެވެ.