ޓޭލާ ސްވިފްޓް އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް ހަފްލާގެ ބެކްސްޓޭޖުގައި އެވޯޑުތަކާ އެކު

މިއުޒިކް

އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް: ޓޭލާ ސްވިފްޓަށް އެންމެ މޮޅު ވީޑިއޯގެ ޝަރަފާ އެކު އެވޯޑު ފުންޏެއް

9 އެވޯޑާ އެކު ވީއެމްއޭގެ ރެކޯޑާ އަރާހަމަކުރި ޓޭލާގެ 'އެންޓި-ހީރޯ' އަށް ލިބުނު އަހަރުގެ އެންމެ މޮޅު ވީޑިއޯގެ އެވޯޑް ހަވާލުކޮށްދިނީ އަހަރުތަކަކަށް ފަހު އަލުން އެންމެން އެކުގައި ފެނުނު އެންސިންކްގެ މެމްބަރުން
13 ސެޕްޓެމްބަރު 2023

ޓޭލާ ސްވިފްޓް އެންމެ މޮޅު ވީޑިއޯގެ އެވޯޑް ޖެހިޖެހިގެން ދެވަނަ ފަހަރު ހޯދައި، ޖުމްލަ ނުވަ އެވޯޑާ އެކު އެމްޓީވީގެ އަހަރީ ވީޑިއޯ މިއުޒިކް އެވޯޑްސް (ވީއެމްއޭ) ފަތަހަކޮށްފި އެވެ.

އޭނާ މިދިޔަ އަހަރު ނެރުނު 'މިޑްނައިޓްސް' އަލްބަމްގެ ފުރަތަމަ ސިންގަލް 'އެންޓި-ހީރޯ' އަށް އެންމެ ޝަރަފްވެރި އެމްޓީވީ އެވޯޑު ލިބުމުން ޓޭލާ ބުނީ އެއީ ފޭނުންގެ ވޯޓުން ދޭ އެވޯޑެއް ކަމަށްވާތީ ވަކިން ހާއްސަ އެވޯޑެއް ކަމަށެވެ.

ޓޭލާ ސްވިފްޓް އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް ހަފްލާގައި

މިއީ، ރެކޯޑްތައް ހަދަމުން އަންނަ އެރާސް ޓުއާ އިން ބްރޭކެއް ނަގައި އެވޯޑު ހަފްލާގައި ބައިވެރިވި ޓޭލާ، އަހަރުގެ އެންމެ މޮޅު ވީޑިއޯގެ އެވޯޑު ޖެހިޖެހިގެން ހޯދި ދެވަނަ ފަހަރެވެ. މިދިޔަ އަހަރު އޭނާގެ 'އޯލް ޓޫ ވެލް'ގެ 10 މިނިޓުގެ ވީޑިއޯއަށް ވެސް ވަނީ އެ އެވޯޑު ލިބިފަ އެވެ.

ޓޭލާ ސްވިފްޓް އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް ހަފްލާގައި އަހަރުގެ އެންމެ މޮޅު ވީޑިއޯގެ އެވޯޑާ އެކު

އެންމެ މޮޅު ލަވަ، އެންމެ މޮޅު އާޓިސްޓް އަދި އެންމެ މޮޅު އަލްބަމްގެ އެވޯޑާ ވެސް އެކު ޓޭލާ، 33، ރޭ ނުވަ އެވޯޑު ހޯދުމަކީ މިހާތަނަށް ވީއެމްއޭ އެވޯޑު އެއްފަހަރާ އެންމެ ގިނައިން ހޯދާފައިވާ އަދަދުގެ ރެކޯޑާ އަރާހަމަކުރުމެވެ. އެއާ އެކު ޓޭލާގެ ވީއެމްއޭ އެވޯޑުތަކުގެ ޖުމްލަ ވަނީ 23 އަށް އަރާފަ އެވެ. މިހާތަނަށް އެއަށް ވުރެ ގިނައިން އެ އެވޯޑު ހޯދާފައިވަނީ ބިޔޯންސޭ އެކަންޏެވެ.

ޓޭލާ ސްވިފްޓް އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް ހަފްލާގައި

އެމެރިކާގެ ނިއު ޖާޒީގައި ބޭއްވި ހަފްލާގައި ޓޭލާއާ އެންމެ މޮޅު ވީޑިއޯގެ އެވޯޑް ހަވާލުކޮށްދިނީ 90ގެ އަހަރުތަކުގެ މަގުބޫލު ޕޮޕް ބޭންޑް އެންސިންކް އެވެ. އެންސިންކް އިން ވަނީ މީގެ 20 އަހަރު ކުރިން އެ މީހުންގެ ހިޓް ލަވަ 'ބައި ބައި ބައި' އިން އެ އެވޯޑު ހޯދާފަ އެވެ.

އަހަރުތަކަކަށް ފަހު އަލުން އެންމެން އެކުގައި ސްޓޭޖުން ފެނުނު އެންސިންކްގެ ލާންސް ބޭސް އާއި ޖަސްޓިން ޓިމްބަލޭކް އަދި އެހެން މެމްބަރުން އެވޯޑު ހަވާލުކުރުމުން ޓޭލާ ވަނީ އުފާފާޅުކޮށް އެ މީހުންނަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

ޓޭލާ ސްވިފްޓް އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް ހަފްލާގައި އެންސިންކްއާ އެކު

ވީއެމްއޭގެ މުހިއްމު އެހެން އެވޯޑުތައް ހޯދީ:

  • އެންމެ މޮޅު އާ އާޓިސްޓް - ރެޕާ އައިސް ސްޕައިސް

  • އެންމެ މޮޅު ކޭ-ޕޮޕްގެ އެވޯޑު - ރިއަލިޓީ ޝޯއަކުން އުފެއްދި ބޭންޑެއް ކަމަށްވާ ސްޓްރޭ ކިޑްސް

  • އެންމެ މޮޅު އާރްއެންބީ ވީޑިއޯ - ސިޒާގެ 'ޝާޓް'

  • އެންމެ މޮޅު އެފްރޯބީޓްސް މިއުޒިކްގެ ފުރަތަމަ އެވޯޑު - ރެމާ އާއި ސެލީނާ ގޯމޭޒްގެ 'ކާމް ޑައުން'

ހަފްލާގައި ލަވަ ހުށަހަޅައިދިން އާޓިސްޓުންގެ ތެރޭގައި ޑެމީ ލޮވާޓޯ، ލިލް ވޭން، އޮލިވިއާ ރޮޑްރީގޯ، ހަފްލާގެ ހޯސްޓް ނިކީ މިނާޖު އަދި ގްލޯބަލް އައިކޮންގެ އެވޯޑު ހޯދި ރެޕާ ޝޯން 'ޑިޑީ' ކޯމްބްސް ހިމެނެ އެވެ.

ނިކީ މިނާޖް ވަނީ އެންމެ މޮޅު ހިޕް ހޮޕް ވީޑިއޯގެ އެވޯޑް ހޯދާފަ އެވެ.

ޕޮޕް ލަވަކިޔުންތެރިޔާ ޝަކީރާގެ 20 އަހަރުވީ ކެރިއަރުގެ ޝަރަފުގައި ވީޑިއޯ ވެންގާޑް އެވޯޑު ވަނީ ދީފަ އެވެ. ޝަކީރާ 'ހިޕްސް ޑޯންޓް ލައި' އަދި 'ވެންއެވާ ވެއައެވާ' ފަދަ ހިޓް ލަވަތަކުގެ މެޑްލީއެއް ހުށަހަޅައިދިނެވެ. އެއަށް ފަހު، އޭނާ "ކުރާ ހުރިހާ ހަނގުރާމަތަކެއްގައި ވެދޭ އެހީތެރިކަމަށްޓަކައި" ފޭނުންނަށް ޝުކުރު އަދާކުރި އެވެ.

ޝަކީރާ އާއި ކޮލަމްބިއާގެ ލަވަކިޔުންތެރިޔާ ކެރޮލް ޖީގެ 'ޓީކިއުޖީ' އަށް ވަނީ އެންމެ މޮޅު ކޮލެބޮރޭޝަންގެ އެވޯޑު ލިބިފަ އެވެ.

ޝަކީރާ އެމްޓީވީ ވީޑިއޯ މިއުޒިކް އެވޯޑްސް ހަފްލާގައި ލަވަކިޔަނީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް