ޒެންޑާޔާ (ކ) އާއި ޓިމޮތީ ޝަލަމޭ 'ޑޫން'ގެ ސީކުއެލްގެ މަންޒަރެއްގައި

ހޮލީވުޑް

ހޮލީވުޑްގެ ހަޅުތަލާ ހެދި 'ޑޫން'ގެ ދެވަނަ ބައި އަންނަ އަހަރަށް ފަސްކޮށްފި

މި އަހަރަށް އެންމެ އިންތިޒާރު ބޮޑު ފިލްމުތަކުގެ ތެރޭގައި ހިމެނުނު 'ޑޫން: ޕާޓް ޓޫ' ލަސްވުމުން، އެ ފިލްމަށް ކުރިއަށް އޮތް އެވޯޑް މޫސުން ކަޓާނެ
26 އޯގަސްޓު 2023

ކާމިޔާބު ސައި-ފައި ފިލްމު 'ޑޫން'ގެ ދެވަނަ ބައި އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ބޮޑު ބަޖެޓަކުން އުފައްދައި އަންނަ ނޮވެމްބަރު މަހު ނެރެން ނިންމާފައި އޮތް 'ޑޫން: ޕާޓް ޓޫ' އަކީ މި އަހަރަށް އެންމެ އިންތިޒާރު ބޮޑު އެއް ފިލްމެވެ. ނަމަވެސް ހޮލީވުޑްގެ ލިޔުންތެރިންނާއި އެކްޓަރުންގެ ހަޅުތަލާ ގުޅިގެން އެ ފިލްމު ނެރުނުން ލަސްވާނެ ކަމަށް އައީ ބެލެވެމުންނެވެ. އެންމެ ފަހުން އެކަން ކަށަވަރުކޮށްދީ، ވޯނާ ބްރޯސް އިން ބުނިގޮތުގައި 'ޑޫން'ގެ ސީކުއެލް ނެރޭނީ އަންނަ އަހަރުގެ 15 މާޗުގަ އެވެ.

ޓިމޮތީ ޝަލަމޭ އާއި ޒެންޑާޔާގެ މި ފިލްމު ނެރުން ފަސްކުރުމުން، އަންނަ އަހަރުގެ ކުރީކޮޅު އަންނަ އެވޯޑު މޫސުމަށް ލައްވައެއްނުލާނެ އެވެ.

'ޑޫން'ގެ ތަަރިން ކަމަށްވާ ޒެންޑާޔާ (ކ) އާއި ޓިމޮތީ ޝަލަމޭ

ތަރިންގެ ތެރޭގައި ރެބެކާ ފާގަސަން އާއި ޖޯޝް ބްރޯލިން އަދި ސްޓެލަން ސްކާސްގާޑް ވެސް ހިމެނޭ 'ޑޫން'ގެ ފުރަތަމަ ފިލްމަށް ދުނިޔޭގެ ބޮކްސް އޮފީހުގައި ލިބުނު 402 މިލިއަން ޑޮލަރުގެ އާމްދަނީ އާއި ކްރިޓިކުންގެ ތައުރީފާއި ހަ އޮސްކާ އެވޯޑަށް ފަހު ސީކުއެލްއާ މެދު ކުރެވޭ އުއްމީދު ވަރަށް ބޮޑެވެ.

ނަމަވެސް ވޯނާ ބްރޯސް އިން ބުނީ ތަރިން ހަޅުތާލުގައި ތިބުމާ ގުޅިގެން ފިލްމު ޕްރޮމޯޓްކުރުމުގައި ބައިވެރިނުވެވޭތީ، ކުރިން ތާވަލުކުރި ގޮތަށް ފިލްމު ނެރެފި ނަމަ އާމްދަނީ ދަށްވުމުގެ ބިރު އެބައޮތް ކަމަށެވެ. އެއީ، 'ޑޫން'އަށް ކޮށްފައިވާ ބޮޑު އިންވެސްޓްމެންޓަށް ބަލާއިރު، އެ ސްޓޫޑިއޯ އިން ނަގަން ބޭނުންވާ ރިސްކެއް ނޫނެވެ.

ވޯނާ ބްރަދާސްގެ ތާވަލަށް ގެނައި ބަދަލާ އެކު އެ ކުންފުނީގެ އެހެން ބައެއް ފިލްމުތައް ވެސް ވަނީ ލަސްވެފަ އެވެ. އޭގެ ތެރޭގައި 'ގޯޑްޒިއްލާ × ކޮންގް: ދަ ނިއު އެމްޕަޔާ' 15 މާޗުން 12 އޭޕްރީލްއަށް ފަސްކުރުން ހިމެނެ އެވެ.

'ޑޫން'ގެ ސީކުއެލް އަންނަ އަހަރަށް ލަސްވުމަކީ ކޮވިޑްގެ ބަލިމަޑުކަމުގެ އަޑިގަނޑުން އަރައިގަންނަން ސިނަމާތަކުން ކުރަމުން އަންނަ މަސައްކަތަށް ކުރިމަތިވި ގޮންޖެހުމެކެވެ. ނަމަވެސް އެ ފިލްމަށް އަންނަ އަހަރުގެ އެވޯޑް މޫސުން ކެޓުމުން، 'ބާބީ' އާއި 'އޮޕެންހައިމާ' ފަދަ ފިލްމުތަކަށް ފުރުސަތު ހައްތަހާ ބޮޑުވާނެ އެވެ.

ހޮލީވުޑްގެ ހަޅުތާލު އަދިވެސް ދިގުދެމިގެންދާނެތީ، އިތުރު ބައެއް ބޮޑެތި ފިލްމުތަކަށް ވެސް އަންނަ އަހަރުގެ އެވޯޑްތަކުން ޖާގަ ނުލިބުން އެކަށީގެންވެ އެވެ.

'ޑޫން: ޕާޓް ޓޫ'ގެ ޓްރެއިލާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް