އަކްޝޭ ކުމާރު

ބޮލީވުޑް

އަކްޝޭ އެންމެ ފަހުން އިންޑިއާ ރައްޔިތަކަށްވެ، ހެކި ދައްކައިފި

އަކްޝޭ ކެނެޑާގެ ރަށްވެހިކަން ހޯދުމާ ގުޅިގެން ވޭތުވެދިޔަ އަހަރުތަކުގައި ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވި
16 އޯގަސްޓު 2023

އަކްޝޭ ކުމާރު ވޭތުވެދިޔަ 12 ވަރަކަށް އަހަރު ހޭދަކުރީ ކެނެޑާގެ ރައްޔިތެއްގެ ގޮތުގަ އެވެ. އިންޑިއާ މީހުންނަށް އެ ގައުމުގެ ރަށްވެހިކަން ދޫކޮށްލާފައި މެނުވީ އެހެން ގައުމެއްގެ ރަށްވެއްސަކަށް ނުވެވެ އެވެ. އެހެންކަމުން އަކްޝޭ 2011 ހިސާބުގައި ކެނެޑާގެ ރަށްވެހިކަން ހޯދި ފަހުން މިހާތަނާ ޖެހެންދެން ހުރީ އިންޑިއާ ރައްޔިތެއްގެ ހައިސިއްޔަތު ގެއްލިފަ އެވެ.

އެކަމާ ހެދި އޭނާއަށް ވޭތުވެދިޔަ އަހަރުތަކުގައި ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެއް ބަޔަކު އޭނާއަށް "ކެނޭޑިއަން ކުމާރު"ގެ ނަމުން ގޮވާ ހެދި އެވެ.

އެ މައްސަލަ އުޅޭތާ މިވީ އަހަރުތަކަށް ފަހު އަކްޝޭ މިހާރު ވަނީ އިންޑިއާ ރަށްވެހިކަމަށް ރުޖޫއަވެފަ އެވެ. ކެނެޑާގެ ރަށްވެހިކަން ދޫކޮށްލައި އަނެއްކާވެސް އިންޑިއާގެ ރައްޔިތަކަށްވީކަން އަކްޝޭ ވަނީ އިއްޔެ އިންޑިއާގެ މިނިވަން ދުވަސް ފާހަގަކުރުމާ ދިމާކޮށް އެކްސްގައި އިއުލާންކޮށްފަ އެވެ. އަދި އޭގެ ހެއްކެއްގެ ގޮތުގައި، ރަށްވެހިކަމުގެ ލިޔުމުގެ ފޮޓޯއެއް ވެސް އާއްމުކުރި އެވެ.

މިނިވަން ދުވަހުގެ ތަހުނިޔާ ފޮނުވަމުން އަކްޝޭ ބުނީ އޭނާގެ ހިތާއި ރަށްވެހިކަން ވެސް އިންޑިއާ ކަމަށެވެ.

އަކްޝޭ ކުރިން ބުނެފައިވަނީ ކެނެޑާ ޕާސްޕޯޓެއް އޮތަސް، އޭނާ އިންޑިއާ މީހަކަށްވާ މިންވަރު ކުޑަނުވާ ކަމަށެވެ. އަދި އިންޑިއާ ޕާސްޕޯޓް ހޯދަން ހުށަހަޅާފައިވާކަން 2019 ގައި ހާމަކުރި އެވެ. އޭގެ ތިން އަހަރު ފަހުން އޭނާ ބުނެފައިވާ ގޮތުގައި އެކަން ލަސްވަމުންދިޔައީ ކޮވިޑްގެ ހާލަތާ ގުޅިގެންނެވެ. 

އަކްޝޭ ކުމާރު

ކެނެޑާގެ ރަށްވެއްސަކަށްވާން ނިންމި ގޮތް ކިޔައިދެމުން އަކްޝޭ ކުރިން ބުނެފައިވާ ގޮތުގައި އޭނާގެ 14 ފިލްމެއް ފުލުފުލުން ފްލޮޕްވެ، ދެން ހަދާނެ ގޮތެއް ނޭނގި ހުއްޓާ، ކެނެޑާ އަށް ގޮސް އެ ގައުމުގައި ކޮންމެވެސް ކަމެއް ކުރުމުގެ ހިޔާލު ރައްޓެއްސަކު ދިނެވެ. އެކަމަށްޓަކައި ކެނެޑާ ޕާސްޕޯޓެއް ހޯދީ ކަމަށާއި ނަމަވެސް ދެން އައި 15 ވަނަ ފިލްމު ކާމިޔާބުވުމުން، ފަސްއެނބުރި ނުބަލައި ހުރި ފިޔަވަޅުމަތިން ކުރިއަށްދާން ނިންމީ ކަމަށް އަކްޝޭ ބުނެފައިވެ އެވެ.

އަކްޝޭ ކުމާރު

އަކްޝޭގެ އެންމެ ފަހުގެ ފިލްމު 'އޯއެމްޖީ 2' މިދިޔަ ހުކުރު ދުވަހު ނެރުނު ފަހުން ރަނގަޅު ތަރުހީބެއް އަންނަނީ ލިބެމުންނެވެ. ނަމަވެސް މި ވަގުތު ބޮކްސް އޮފީހުގައި އެންމެ ގަދަޔަށް ހިނގަނީ ސަނީ ޑިއޯލް އާއި އަމީޝާ ޕަޓޭލްގެ 'ގަދަރް 2' އެވެ.

ޕަންކަޖް ތުރިޕާޓީއާ އެކު އަކްޝޭ ފެންނަ 'އޯއެމްޖީ 2' އަށް ފަހު 1 ސެޕްޓެމްބަރުގައި ވެސް އަކްޝޭގެ ފިލްމެއް ނެރޭނެ އެވެ. އޭނާގެ ކުރިއަށް ހުރި އެހެނިހެން ފިލްމުތަކުގެ ތެރޭގައި އަންނަ އަހަރު ނެރޭ އެކްޝަން ތުރިލާ 'ބަޅޭ މިޔާ ޗޯޓޭ މިޔާ' އާއި ހިޓް ކޮމެޑީ ފްރެންޗައިޒް 'ހައުސްފުލް'ގެ ފަސްވަނަ ފިލްމު އަދި ގިނަ ބަޔަކު ވަރަށް ބޮޑަށް އިންތިޒާރުކުރަމުން އަންނަ 'ހޭރާ ޕެރީ 3' ހިމެނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް