ޓީނާ ޓާނާ 1990 ވަނަ އަހަރު ނެދަލެންޑްސްގައި ލަވަ ހުށަހަޅައިދެނީ

މިއުޒިކް

'ރޮކް އެންޑް ރޯލްގެ ރާނީ' ޓީނާ ޓާނާ މަރުވެއްޖެ

އޭނާގެ ނުފޫޒު ބިޔޯންސޭ، ޖެނެޓް ޖެކްސަން، ޖެނެލް މޮނޭ އަދި ރިއާނާ ފަދަ ކަޅު އަންހެން އާޓިސްޓުންނަށް ފޯރި
25 މޭ 2023

'ދަ ބެސްޓް' އަދި 'ވަޓްސް ލަވް ގޮޓް ޓު ޑޫ ވިތު އިޓް' ފަދަ މަޝްހޫރު ލަވަތަކާ އެކު ސުޕަސްޓާރެއްގެ ދަރަޖަ ހޯދި އެމެރިކާގެ ލަވަކިޔުންތެރިޔާ ޓީނާ ޓާނާ އުމުރުން 83 އަހަރުގައި މަރުވެއްޖެ އެވެ.

އޭނާއަށް މިފަހުގެ އަހަރުތަކުގައި ސިއްހީ އެކި މައްސަލަތައް ކުރިމަތިވެ ކެންސަރާއި ސްޓްރޯކެއް ޖެހުމުގެ އިތުރުން ކިޑްނީ ވަނީ ފެއިލްވެފަ އެވެ.

ޓީނާ ޓާނާ

ޓީނާ ޓާނާ އޭނާގެ ކުރީގެ ފިރިމީހާ އައިކް ޓާނާއާ އެކު މަޝްހޫރުވެގެންދިޔައީ 1960ގެ އަހަރުތަކުގަ އެވެ. އޭނާގެ އޭރުގެ މަޝްހޫރު ލަވަތަކުގެ ތެރޭގައި 'ޕްރައުޑް މޭރީ' އަދި 'ރިވާ ޑީޕް، މައުންޓަން ހައި' ހިމެނެ އެވެ.

ޓީނާ ޓާނާ އާއި އައިކް ޓާނާ 1975 ގައި ލަވައެއް ހުށަހަޅައިދެނީ

އޭނާއަށް ވަރަށް ބޮޑަށް އަނިޔާކުރަމުން ގެންދިޔަ އައިކް 1978 ގައި ވަރިކުރުމަށް ފަހު ސޯލޯ އާޓިސްޓެއްގެ ގޮތުގައި ނުކުމެ 1980ގެ އަހަރުތަކުގައި ޓީނާ ޓާނާ އަދި މާ ބޮޑެތި ކާމިޔާބީތައް ހޯދަން ފެށި އެވެ. އޭނާ ސިފަކުރެވިފައިވަނީ ރޮކް އެން ރޯލް މިއުޒިކުގެ ރާނީގެ ގޮތުގަ އެވެ.

ޓީނާ ޓާނާ އަށް ގްރެމީ އެވޯޑު ހޯދި އެވެ. އަދި ރޮކް އެން ރޯލް ހޯލް އޮފް ފޭމްއިން 1991 ވަނަ އަހަރު އައިކްއާ އެކު ޖާގަ ލިބުމަށް ފަހު ސޯލޯ އާޓިސްޓެއްގެ ގޮތުގައި 2021 ގައި ވެސް އެ ޝަރަފް ވަނީ ހޯދައިފަ އެވެ. ހޯލް އޮފް ފޭމް އިން އޭރު ބުނެފައިވަނީ ޓީނާ ޓާނާ އަކީ ކަޅު އަންހެނަކަށް ސްޓޭޖެއް ފަތަހަކުރެވިދާނެ ގޮތާ މެދު ގެންގެޅުމުންދިޔަ ހަނި ވިސްނުން ބަދަލުކޮށްލި ފަންނާނު ކަމަށެވެ.

ޓީނާ ޓާނާ

ޓީނާ ޓާނާގެ ނުފޫޒު ބިޔޯންސޭ، ޖެނެޓް ޖެކްސަން، ޖެނެލް މޮނޭ އަދި ރިއާނާ ފަދަ މި ޖީލުގެ ކަޅު އަންހެން އާޓިސްޓުންނަށް ވަނީ ފޯރައިފަ އެވެ. 

އައިކްއާ އެކު ކެރިއަރު ފަށައި ހިޓް ލަވަތައް ނެރެމުން ދަނިކޮށް އޭނާގެ ފުށުން ބޮޑެތި އަނިޔާތަކާ ކުރިމަތިލާން ޖެހި އޭގެ އަސަރު ޓީނާ ޓާނާއަށް ވަރަށް ބޮޑަށް ކުރި އެވެ. އައިކް ވަނީ އޭނާއަށް ނާންގާ އޭނާގެ ނަން ވެސް ބަދަލުކޮށްފަ އެވެ. އޭނާގެ އުފަން ނަމަކީ އެނާ މޭ ބުލޮކް އެވެ. ޓީނާ ޓާނާއަކީ އައިކް އޭނާއަށް ދިން ނަމެކެވެ.

ޓީނާ ޓާނާ 2018 ގައި ނެރުނު އޭނާގެ ބަޔޮގްރަފީ 'މައި ލަވް ސްޓޯރީ' ގައި އައިކްގެ އަނިޔާތަކުގެ ވާހަކަ ލިޔުނެވެ.

ޓީނާ ޓާނާ އާއި އައިކް ޓާނާ 1960ގެ އަހަރުތަކުގެ ތެރޭ

އައިކްގެ ކިބައިން ސަލާމަތްވެ، ޓީނާ ޓާނާ ވަނީ އޭނާގެ ކެރިއަރު އަލުން ކޮޅަށްޖަހައިފަ އެވެ. އަދި 80ގެ އަހަރުތަކާއި 90ގެ އަހަރުތަކުގެ އެންމެ ބޮޑެތި ޕޮޕް އަދި ރޮކް ފަންނާނުންގެ ތެރޭގައި އޭނާ ހިމެނިގެންދިޔަ އެވެ. އެ ދުވަސްވަރު އޭނާ ނެރުނު ހިޓް ލަވަތަކުގެ ތެރޭގައި 'ލެޓްސް ސްޓޭ ޓުގެދާ،' 'ސްޓީމީ ވިންޑޯސް،' 'ޕްރައިވެޓް ޑާންސާ' އަދި ޖޭމްސް ބޮންޑް ފިލްމު 'ގޯލްޑެންއައި'ގެ ތީމް ލަވަ ހިމެނެ އެވެ.

ޓީނާ ޓާނާ

ޓީނާ ޓާނާ ފިލްމުތަކުން ވެސް ފެނިފައިވެ އެވެ. އެއީ އޭނާގެ މަޝްހޫރު ލަވަ 'ވީ ޑޯންޓް ނީޑް އެނަދާ ހީރޯ' ހިމެނުނު 1985ގެ ފިލްމު 'މޭޑް މެކްސް ބިޔޯންޑް ތަންޑަޑޯމް' އާއި 1975ގެ 'ޓޮމީ' އެވެ.

ޓީނާ ޓާނާ 1985 ވަނަ އަހަރުގެ ގްރެމީ އެވޯޑަކާ އެކު

އަށްޑިހައިގެ އަހަރުތަކުގެ މެދުތެރޭ ރައްޓެހިވެ 2013 ގައި ކައިވެނިކުރި ދެވަނަ ފިރިމީހާ އާވިން ބަކްއާ އެކު ޓީނާ ޓާނާއަށް އުފާވެރި ހަޔާތެއް ލިބުނެވެ. އެ ދެމަފިރިން އުޅެމުން އައީ ސްވިޓްޒަލެންޑުގަ އެވެ. ޓީނާ ޓާނާގެ ކިޑްނީ ފެއިލްވުމުން 2017 ގައި ފިރިމީހާގެ ކިޑްނީއެއް އޭނާއަށް ހަދިޔާކުރި އެވެ.

ޓީނާ ޓާނާ (ކ) ދެވަނަ ފިރިމީހާ އާވިން ބަކްއާ އެކު 2018 ވަނަ އަހަރު ލަންޑަންގައި

ޓީނާ ޓާނާގެ އުފަން ދެ ދަރިން މީގެ ކުރިން ވަނީ މަރުވެފަ އެވެ. އޭނާ ވަނީ ކުރީގެ ފިރިމީހާ އައިކްއަށް އެހެން މީހަކާ އެކު ލިބިފައި ތިބި ދެ ދަރިން އެޑަޕްޓް ކޮށްފަ އެވެ.

ޓީނާ ޓާނާގެ މަޝްހޫރު ބައެއް ލަވަތައް

އިތުރު އާޓިކަލް

އިތުރު އާޓިކަލް