އަނުޝްކާ ޝަރުމާ އޭނާގެ ބޮޑީގާޑުގެ ސައިކަލު ފަހަތުގައި ދާއިރު ދެ މީހުން ކުރެ މީހަކު ހެލްމެޓް ނާޅާ

އަނުޝްކާ ޝަރްމާ

ހެލްމެޓު ނާޅާ ދުއްވި މައްސަލައިގައި އަނުޝްކާގެ ބޮޑީގާޑު ޖޫރިމަނާކޮށްފި

ސައްހަ ލައިސަންސެއް ނެތި ދުއްވުމުގެ ޖޫރިމަނާ ވެސް ކުރި
18 މޭ 2023

އަނުޝްކާ ޝަރުމާ އާއި އޭނާގެ ބޮޑީގާޑު ސޯނޫ ޝައިހު ހޯމަ ދުވަހު މުމްބާއީގައި ހެލްމެޓު ނާޅައި ސައިކަލު ދުއްވި މައްސަލައިގައި ސޯނޫ ޖޫރިމަނާކޮށްފި އެވެ.

އަނުޝްކާ ސޯނޫއާ އެކު ސައިކަލުގައި ނައްޓާލީ ގަހެއް ވެއްޓި މަގު ބަންދުވުމާ ގުޅިގެން، ކާރުގައި ދިޔުން ލަސްވާތީ އެވެ. އެ މަންޒަރުގެ ވީޑިއޯއެއް ޕަޕަރާޒީ އެކައުންޓަކުން  އާއްމުކުރުމުން ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެ މުމްބާއީގެ ފުލުހުންގެ ޓުވިޓާ އެކައުންޓު ޓެގުކޮށް ޝަކުވާކޮށްފައިވެ އެވެ.

އެކަމާ ގުޅިގެން ސޯނޫއާ މެދު ފިޔަވަޅު އަޅައި ޖޫރިމަނާކޮށްފައިވާ ކަމަށް މުމްބާއީ ޓްރެފިކް ޕޮލިހުން އިއްޔެ ބުންޏެވެ. ހެލްމެޓް ނާޅާ އަދި ސައްހަ ލައިސަންސެއް ވެސް ނެތި ދުއްވާފައިވާތީ އޭނާ ޖޫރިމަނާ ކުރީ 10،500 އިންޑިއާ ރުފީސް (2،000 އެއްހާ ރުފިޔާ) އިންނެވެ. ފުލުހުން ބުނިގޮތުގައި ސޯނޫ ވަނީ އެ ފައިސާ ދައްކައިފަ އެވެ.

ފިލްމީ މަސައްކަތްތަކަށް ބަލާއިރު އެންމެ ފަހުން މިދިޔަ އަހަރުގެ 'ގާލާ'ގެ ހާއްސަ ފެނިލުމަކުން ފެނުނު އަނުޝްކާ، ފުރަތަމަ ފަހަރަށް ކާން ފިލްމު ފެސްޓިވަލުގައި މި މަހު ބައިވެރިވާނެ އެވެ. ފިލްމީ ދާއިރާގެ އަންހެނުންގެ އަގުވަޒަންކުރުމަށް ބާއްވާ އިވެންޓެއްގައި އޭނާ ކޭޓް ވިންސްލެޓާ އެކު އެވޯޑެއް ހަވާލުކޮށްދޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

އަމީތާބު ބައްޗަން ވެސް މި ހަފްތާގައި ހެލްމެޓު ނާޅާ މީހެއްގެ ސައިކަލު ފަހަތުގައި ގޮސްގެން އާއްމުންގެ ފާޑުކިޔުން އަމާޒުވި އެވެ. އެ މައްސަލަ ފެންމަތިވީ، އޭނާ ޓްރެފިކްގައި ތާށިވެފައި އިންދާ ޝޫޓިންއަށް ގަޑިއަށް ގެންގޮސްދިން އާއްމު މީހަކަށް ޝުކުރު އަދާކުރުމުގެ ގޮތުން އަމީތާބު އާއްމުކުރި ފޮޓޯއަކާ އެކު އެވެ.

އަމީތާބު ގޮވައިގެން ދުއްވި މީހާ ވެސް ހުރީ ހެލްމެޓު ނާޅަ އެވެ. އެ މައްސަލަ ވެސް ޓްރެފިކް ޕޮލިހަށް ފޮނުވާފައިވާ ކަމަށް މުމްބާއީ ފުލުހުން ބުނެފައިވެ އެވެ.

އަމީތާބު ބައްޗަން މީހެއްގެ ސައިކަލު ފަހަތުގައި ދާއިރު ދެ މީހުން ކުރެ މީހަކު ހެލްމެޓް ނާޅާ

ނަމަވެސް މައްސަލަ ހޫނުވުމުން އަމީތާބު އޭނާގެ ބްލޮގުގައި ބުނީ ދެކުނު މުމްބާއީގައި އޭނާގެ ފިލްމުގެ ޝޫޓިން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ރަސްމީ ހުއްދަތައް ވަނީ ނަގާފައި ކަމަށާއި އޭނާ އެއްވެސް ގަވާއިދަކާ ހިލާފުވެފައިނުވާނެ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް