ދީޕިކާ ޕަޑުކޯން ޓައިމް މެގަޒިންގެ ބޭރުގަނޑުގައި

ދީޕިކާ ޕަޑުކޯން

ދީޕިކާ ޓައިމް މެގަޒިންގެ ބޭރުގަނޑަށް: 'ކައިވެނީގައި އެންމެ މުހިއްމީ ކެތްތެރިވުން'

ޓައިމް އިން ބުނެފައިވަނީ 'ގްލޯބަލް ތަރި' ދީޕިކާއަކީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ އެންމެ މަގުބޫލު އެކްޓްރެސް ކަމަށް
12 މޭ 2023

އެމެރިކާގެ ޓައިމް މެގަޒިންގެ ބޭރުގަނޑަށް އެރި ބޮލީވުޑްގެ މަދު ތަރިންގެ ތެރޭގައި ދީޕިކާ ޕަޑުކޯން ހިމެނިއްޖެ އެވެ.

ޓައިމްގެ ކަވަރުގައި ދީޕިކާ ސިފަކޮށްފައިވަނީ 'ބައިނަލްއަގުވާމީ ތަރި'ގެ ގޮތުގަ އެވެ. ދީޕިކާ އަންނަނީ ދުނިޔެއަށް ބޮލީވުޑް ދައްކައިދެމުން ކަމަށް، އޭނާގެ ފޮޓޯއާ އެކު މެގަޒިންގެ ބޭރުގަނޑުގައި ލިޔެފައިވެ އެވެ.

ޓައިމް އިން 2018 ގައި ހޮވި އެންމެ ނުފޫޒުގަދަ 100 މީހުންގެ ލިސްޓުގައި ވެސް ދީޕިކާ ހިމެނުނެވެ.

ޓައިމް އިން ބުނެފައިވަނީ ދީޕިކާއަކީ "ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ އެންމެ މަގުބޫލު އެކްޓްރެސް" ކަމަށެވެ.

ދީޕިކާ ޓައިމްއަށް ދިން އިންޓަވިއުގައި، އިންޑިއާއަށް ފުރަތަމަ ފަހަރަށް އޮސްކާ އެވޯޑު ލިބުމާ ގުޅޭގޮތުން ވާހަކަދެއްކި އެވެ. ނަމަވެސް އޭނާ ބުނީ ފިލްމެއްގެ ލަވަޔަކަށް އެއް އޮސްކާ އަދި ޑޮކިއުމެންޓްރީއަކަށް އެއް އޮސްކާ ލިބިގެން ހިތްހަމަޖެހިލައިގެން ތިބެންވީ ނޫން ކަމަށާއި މި ކާމިޔާބީ ދެކެންވީ މިއީ ހުޅުވުނު ފުރުސަތެއްގެ ގޮތުގައި ކަމަށެވެ.

މިދިޔަ އޮސްކާ އެވޯޑު ހަފްލާގެ ޕްރެޒެންޓަރެއްގެ ގޮތުގައި ދީޕިކާ ފެނުނެވެ.

ރަންވީރް ސިންގްއާ ކައިވެނިކުރިތާ ފަސް އަހަރު ވާން ކައިރިވެފައިވާ ދީޕިކާ ކައިވެންޏާ ބެހޭގޮތުން ވެސް ޓައިމްގެ އިންޓަވިއުގައި ވާހަކަދެއްކި އެވެ. އޭނާ ބުނީ މިހާރުގެ ޖޯޑުތަކަށް ބަލާއިރު ކެތްތެރިކަން ކުޑަކަން ފާހަގަވާ ކަމަށެވެ. ދީޕިކާ ބުނިގޮތުގައި ކައިވެނީގައި ނަމޫނާއަކަށް ނަގަންވީ އޭނާ އާއި ރަންވީރުގެ މައިންބަފައިން ފަދަ، ކުރީގެ ޖީލުގެ މީހުންގެ ކެތްތެރިކަމެވެ.

"ވަރަށް ގިނަ ކަންކަން އެބަހުރި. އެކަމަކު އެންމެ ފުރަތަމަ ކަމަކީ ކެތްތެރިވުން،" ދީޕިކާ ބުންޏެވެ.

އޭނާ އާއި ރަންވީރްގެ 10 އަހަރުވީ ގުޅުމާ ބެހޭގޮތުން ވެސް ދީޕިކާ ވާހަކަދެއްކި އެވެ. އޭނާ ބުނީ ކައިވެނިކުރީ އެންމެ ގާތް އެކުވެރިޔާ ކަމަށެވެ. އަދި ރަންވީރާއި އޭނާއަކީ އެއް މިޒާޖެއްގެ ދެ މީހުންކަން ފާހަގަކުރި އެވެ. ދީޕިކާ ބުނީ ރަންވީރާ އެކު ވަގުތު ހޭދަކުރަން އަބަދުވެސް ލޯބިކުރާ ކަމަށާއި އެންމެ ބޮޑު އުފަލަކީ ވެސް ރަންވީރު ކަމަށެވެ.

އިންޓަވިއުގައި ރަންވީރާ ބެހޭގޮތުން ކުރި ސުވާލަށް ޖަވާބުދޭން ދީޕިކާ ތައްޔާރުވިތަނާ ރަންވީރު ކުއްލިއަކަށް އެ ތަނަށް ގޮސް ދީޕިކާ ހައިރާންކޮށްލާ ތަން ފެންނަ ވީޑިއޯއެއް ޓައިމް އިން ސޯޝަލް މީޑިއާގައި ވަނީ އާއްމުކޮށްފަ އެވެ.

ރަންވީރު އެ ވީޑިއޯގައި ބުނީ އޭނާ ގޮސް އުޅުނީ ޖެހިގެން ހުރި ތަނުގައި އޮތް ޝޫޓިންއަކަށް ކަމަށެވެ. ދީޕިކާ ވެސް ބުނީ އެ ތަނުން ބައްދަލުވާން ޕްލޭންކޮށްފައިނުވާ ކަމަށާއި އެއީ ވަރަށް ބޮޑު އިއްތިފާގެއް ކަމަށެވެ. އަދި ރަންވީރު އެ ތަނަށް ދިޔައީ ދީޕިކާ ކައިވެންޏާ ބެހޭގޮތުން ވާހަކަދައްކަން އުޅެނިކޮށްކަން ފާހަގަކޮށް ދެ މީހުން ވާހަކަދެއްކި އެވެ.

ބޮލީވުޑް ފަންނާނުންގެ ތެރެއިން ޓައިމްގެ ބޭރުގަނޑަށް މީގެ ކުރިން އަރާފައިވަނީ ވަރަށް މަދު ބައެކެވެ. އެންމެ ފުރަތަމަ، ޕަރްވީން ބާބީ ޓައިމްގެ ކަވަރުން 1976 ގައި ފެނުމަށް ފަހު ދެން އެ ޝަރަފް ހޯދީ 2003 ވަނަ އަހަރު އައިޝްވަރްޔާ ރާއީ އެވެ. ޓައިމްއިން އައިޝްވަރްޔާއަށް ދިނީ ފިލްމީ ދުނިޔޭގެ 'އާ މޫނު'ގެ ލަގަބެވެ. އޭނާއަށް ފަހު ޝާހު ރުކް ހާން، އާމިރު ހާން އަދި 2016 ގައި ޕްރިޔަންކާ ޗޯޕްރާ ޓައިމްގެ ކަވަރުން ފެނުނެވެ.

ދީޕިކާ ޕަޑުކޯން ޓައިމް މެގަޒިންގައި

އެކި ކަންކަމުގައި ސިޔާސީގޮތުން އޭނާއަށް ފާޑުކިޔުން ކުރިމަތިވާ މައްސަލައާ ގުޅޭގޮތުން ވެސް ދީޕިކާ ޓައިމްއާ ވާހަކަދެއްކި އެވެ. އޭނާ ބުނީ އެކަމާ މެދު ވަކި އެއްޗެއް ހިތަށް އަރަންޖެހޭތޯ ނޫންތޯ ނޭނގޭ ކަމަށާއި އެކަމަކު ހަގީގަތުގައި އެއްވެސް އެއްޗެއް ހިތަށް ނާރާ ކަމަށެވެ.

ދީޕިކާއަކީ ކަނާތުފިޔައިގެ ހިންދޫންނާއި ހަރުކަށި ހިންދޫ ޖަމާއަތްތަކުގެ ފާޑުކިޔުން އަމާޒުވާ ތަރިއެކެވެ. އޭނާގެ ފިލްމު 'ޕަދުމާވަތު'އާ ގުޅިގެން މުޒާހަރާތައް ކުރި އެވެ. އަދި އާއްމުން ނުކުމެ ހަމަލާދިން ދަރިވަރުންތަކަކަށް ޒިޔާރަތްކުރުމަށް ޖަވާހިރްލާލް ނެހުރޫ ޔުނިވާސިޓީއަށް ދީޕިކާ ޒިޔާރަތްކުރުން ވެސް ބޮޑު މައްސަލަގަނޑަކަށް ހަދާފައިވާ އިރު މިފަހުން 'ޕަޓާން'ގައި އޭނާ ރީނދޫކުލައިގެ ބިކިނީއެއް ލުމުން އެއީ ފުރައްސާރައެއް ކަމަށް ބުނެ އެ ފިލްމު ބޮއިކޮޓްކުރަން ގޮވާލާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް