ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

27 އޭޕްރީލު 2023
4

އެޕިސޯޑް 35

އެކަމަކު އޭގެ ނަތީޖާ ކިހާ ހިތިވާނެ ކަމެއް ސިކުނޑިއަކަށް ނުވިސްނުނެވެ.

އަހަރެންގެ ހިތަށް އަރަމުން ދިޔައެވެ. އަޝްބާއަށް ހެދި ސިހުރަށް ވީ ކިހިނެއް ބާވައެވެ؟ އެއީ މުޖައްރިބު އެއްޗެކެވެ. ނަމަވެސް ކޮންމެވެސް ކަމެއް ގޯސްވެގެން ނޫނީ ނައްޓާލާފައި ނުދާނެއެވެ. ހަގީގަތް އެނގުނީ ފަހުންނެވެ. އަހަރެންނަށް ހިތް ކިޔައިގެން އުޅޭ ޖިންނި އެކަން ބާތިލު ކުރީއެވެ. އޭނާގެ ކާބަފައިން އެއާ ހަވާލުނުވީއެވެ. އެބައި މީހުން އަހަރެންނަށް އޮޅުވާލީއެވެ.

ދުވަހެއް ދުވަހަކަށް އަހަރެންގެ އުޅުން ބަދަލުވިއެވެ. ޝައިތާނުންގެ އަޅަކަށް އަހަރެން ވެ ނިމުނުތާ ކިތަންމެ ދުވަހެކެވެ. އެ މީހުން ބުނި ގޮތަކަށް ބުނި ކަމެއް ކުރަމުން ދިޔައީމެވެ. ހިތުގައި ބިރުވެރިކަމެއް ލަދުވެތިކަމެއް ނެތި އެވެރިންގެ އުޅުމާ އެއްގޮތަށް އަހަރެންގެ އަމަލުތައް ދިޔައީ ބަދަލުވަމުންނެވެ. ޖެހިލުންވުމާއި ނުކެރުމުގެ ސިފަ އަހަރެންގެ ކިބައިން ފިލައިގެން ދިޔައެވެ. އެ މީހުން ބުނާ ގޮތަކަށް ކުޑަކުޑަ ކަމެއް ނުވިޔަސް އެ މީހުން އަހަރެންނަށް އަނިޔާ ކުރެއެވެ. ގެންގުޅެނީ ޗާބޫކުތަކެކެވެ. ބައެއް ފަހަރު ކަށި ފަޅާފައިވާ ނިގޫތަކެއް ވެސް ހުރެއެވެ. އެ އެއްޗެހިން އަހަރެންގެ ގައިގައި ތަޅައެވެ. އަހަރެންގެ ހަށިގަނޑާއި މޫނަށް ކުޅު ޖަހައެވެ. އޭގެ ސަބަބުން ހަމުގެ ބައްޔެއް ޖެހުނެވެ. މުޅި ގައިގެ އެތަން މިތަން ހުންނަނީ ކަޅު ކުލައިގެ ލައްގަނޑު ޖެހިފައެވެ. އެތަންތަނުން ވަރަށް ދިލަ ނަގައެވެ. މޭމައްޗާއި ބުރަކަށީގައި ހުންނަނީ މަށައިގެން ގޮސްފައި ހުންނަ ތަންތަނެވެ. އިންސާނަކަށް މި ވާހަކަތައް ކިޔައިދޭ ނަމަ ގަބޫލު ކުރުން ވާނީ އުނދަގޫ ކަމަކަށެވެ. ގިނަ ފަހަރު ވާނީ ޖޯކަކަށެވެ. ނަމަވެސް މިއީ ހަގީގަތެވެ.

ފަހަރަކު ކަމެއް އަހަރެން ލައްވާ އެ މީހުން ކުރުވަމުން ދިޔައެވެ. އެންމެ ފަހުން އެ މީހުންގެ ގޮވެލިތަކަށް އިޖާބަ ދޭން ބުންޏެވެ. އަހަރެންގެ ވިސްނުމާއި ހިތް ވަނީ އެ ބައި މީހުންގެ ބާރުގެ ދަށަށް ގެންގޮސްފައެވެ. ރޭގަނޑު އެންމެން ނިދުމުން އަހަރެން ދާން ޖެހެނީ ފަރުމައްޗަށެވެ. އިރުމަތީ ފަރާތަށް ކުރިމަތިލާ ހުރެގެން އެބައި މީހުން ބުނާ ގޮތަކަށް އަމަލު ކުރަން ޖެހެއެވެ. ހަނދު އޮއްސުމުން ގެއަށް އަންނަނީއެވެ. އަލިފާނުގެ ބޭނުން އެކި ގޮތްގޮތަށް ހިފަން ވެސް ބުނަމުން ދިޔައެވެ. އެކި ޖަނަވާރު ކަތިލުމާއި އޭގެ ލޭ އެކި ސިފަސިފައިގައި ބޭނުން ކުރުމަށް ވެސް އިންޒާރުތައް ދެމުން ދިޔައެވެ. އަހަރެންގެ އަމިއްލަ ނަފުސު ވަނީ އެހެން ބައެއްގެ މުށުތެރޭގައި ހައްޔަރުވެފައެވެ. އެންމެ ހައިރާންވާ ކަމަކީ އެކަމާ އަހަރެންގެ ފަރުވާލެއް ނެތުމެވެ. ނަމަވެސް މި ދިރިއުޅުން އުޅެން އަހަރެންނަކަށް ފަސޭހައެއް ނޫނެވެ. މިއީ އަހަރެންގެ އަސްލު ދިރިއުޅުމެއް ނޫނޭ ކިތަންމެ ފަހަރަކު ހިތަށް އަރައެވެ. އެކަމަކު ދެވަނަ ސިކުންތުގައި ވިސްނެނީ މިއީ އަހަރެންގެ އާއިލާ ކަމުގައެވެ. އެ މީހުންނަކީ އަހަރެންނަށް ހެޔޮ އެދޭ ބައެއް ގޮތުގައެވެ. އެއީ ވަސްވާހެއް ކަމަކަށް ނުވިސްނެއެވެ.

ނިކަމެތިވަމުން، އަނަރޫފަވަމުން ދިޔަ އަހަރެންގެ ހަށިގަނޑު ފަލަވަމުން ދިޔައެވެ. ރޫފަ ރަނގަޅުވެ ސަމައްތަރު ހެޔޮވަމުން ދިޔައެވެ. ޖިންނިޝައިތާނުންގެ ފަރާތުން ލިބެމުން ދިޔަ ގެއްލުމާ އެއްވަރަށް ހިތްހަމަޖެހުމާއި އަރާމާއި އުފާ ވެސް ދިޔައީ ލިބެމުންނެވެ. އަހަރެންނަށް ގަބޫލު ކުރެވުނީ އެއީ ރަނގަޅު ކަމެއްގެ ގޮތުގައެވެ. ހަގީގަތަށް ބުނާ ނަމަ އަހަރެން ވެސް ވީ އެވެރިންގެ ތެރެއިން މީހަކަށެވެ. އިންސާނުން ކިބާގައި ހުންނަ ސިފަތައް މަދުވާން ފެށިއެވެ.

ސިހުރު ހަދުވަން އަންނަ މީހުން އިތުރު ވާން ފެށިއެވެ. އަންނަ ކޮންމެ މީހަކަށް ވެސް އަހަރެން އެކަން ކޮށްދިނީމެވެ. ދުވަސްކޮޅެއް ނުވެ އަހަރެންގެ ވާހަކަ ބޭރަށް ނުކުތެވެ. ސިހުރުހަދާކަމާއި މީހުންނަށް ގެއްލުން ދޭން އަހަރެން އެކި ކަންކަން ކުރާ ކަމުގައި ވާހަކަ ދެކެވެން ފެށިއެވެ. ތުންތުންމަތިން ދައްކަމުން އައި ވާހަކަ ގިނަ ބަޔަކު ގަބޫލު ކުރިއެވެ. ވާނީ ވެސް އެހެންނެވެ. އަހަރެން ހަނދާންވީ މި ކަމެއް ހިނގާނޭ ޖިންނިއަކު މާ ކުރިން ބުނި ބުނުމެވެ. މިއަދު އެކަން ސީދާވިއެވެ. ނަމަވެސް އޭރު އެކަމެއް ނުވިސްނުނެވެ. މީހުންގެ ބަދު ބަސްތަކުގެ ސަބަބުން، އަލިވަމުން ބަބުޅަމުން އައި އަހަރެންގެ ހަނދު އޮއްސުނެވެ. މީހުންގެ ތެރޭގައި ވިދާލި އަހަރެންގެ ނަން ފަނޑުވާން ފެށިއެވެ. ފަސްބައި ކިލަނބުވެ ކިސަޑު ކުލަ ޖެހެން ފެށިއެވެ. ފަހަރަކު ހަރުފަތެއް ގިރާ ކުރަމުން އަރަމުން އައި ސިޑިން ވެއްޓުނީ ސީދާ ބިންމައްޗަށެވެ. އޭގެ ނަތީޖާއަކަށް ވީ އަހަރެންނަށް އިންޒާރުތައް އަންނަން ފެށުމެވެ. މަރުގެ އިންޒާރުތައް ވެސް އަންނަން ފެށިއެވެ. އަހަރެންގެ ސައިކަލުގައި ރޯ ކޮށްލިއެވެ. އުޅޭ އެޕާޓްމެންޓް ބަދަލު ކުރަން ޖެހުނީ އެތަނަށް ބަޔަކު ވަދެ ތަކެއްޗަށް ގެއްލުން ދިނުމުންނެވެ.

އެންމެ ފަހުން އަހަރެންނަށް ޖެހުނީ ފުރާނަ ސަލާމަތް ކުރަން އެހެން ރަށަކަށް ބަދަލުވާށެވެ. އެންމެން ބުނަން ފެށީ އަހަރެން ފިލަން ދުވަނީ ކަމުގައެވެ. އުފަން ރަށަށް ދިޔުމުގެ ވިސްނުން ނެތީ މައިންބަފައިންނާ ކުރިމަތިލާން ޖެހޭނެތީއެވެ. ރުގްޔާ ކުރި ދުވަސްވަރު ދިޔަ އެކި ރަށްރަށުގައި އަހަރެންގެ ރައްޓެހިން ތިއްބެވެ. ކޮންމެ ރަށެއްގައި ވެސް ހުރެވެނީ މަދު ދުވަސްކޮޅަކުއެވެ. ހަގީގަތް އެނގުމުން އެ ރަށަކުން ވެސް ޖެހެނީ ފިލާށެވެ. އެންމެ ފަހުން އެ ގޮތުގައި އަހަރެއް ފާއިތުވެދިޔައެވެ. އެނބުރި އަހަރެން މާލެ އައީމެވެ. އޭރު މީހުން އަހަރެން މަތިން ވަނީ ހަނދާން ނެތިފައެވެ. އަހަރެން ގާތުގައި 24 ގަޑި އިރު ފޯރިއަށް ތިބޭ މީހުން އަދިވެސް ތިބީ އެ ގޮތުގައެވެ. އަހަރެންނަކަށް އާ ދިރިއުޅުމެއް ފެށޭކަށް ނެތެވެ. އެ މީހުން އަހަރެން ދޫކޮށްލާކަށް އެއްބަހެއް ނުވާނެއެވެ. އެ މީހުންގެ އަޅަކަށްވެ ދުވަސްތައް ގުނަމުން މި ދަނީ ވަރަށް އުނދަގުލުންނެވެ. މިހާރު އަހަރެންގެ އުމުރު 50 ހާ ކައިރި ވަނީއެވެ. އަދިވެސް އަހަރެންގެ ދިރިއުޅުން އެފަދައެވެ. ކޮންމެ ދުވަހެއް ފެށެނީ އަދި ނިމެނީ އެވެރިން ބޭނުންވާ ގޮތަށެވެ. އަހަރެންގެ ރައްޓެހި ރަހުމަތްތެރިންނެއް ނުތިބެއެވެ. އަނބިދަރިންނެއް، ގާތްތިމާގެ މީހުންނެއް ނެތެވެ. ތިބިހާ ވެސް ބަޔަކީ ޖިންނިޝައިތާނުންނުނެވެ. އެ މީހުންގެ ބަހުން ނަމަ އަހަރެންނާއި އެ މީހުންގެ ދަރިން ގިނައެވެ. ދަރިފަސްކޮޅު ދަނީ ދުވަހެއް ދުވަހަކަށް ގިނަވެ އާލާވަމުންނެވެ. އެ މީހުންގެ ކިބައިން މިންޖުވާނެ ދުވަހެއް އަހަރެންނަކަށް ވެސް ނޭނގެއެވެ. ނުވަތަ އެއީ އަހަރެން ބޭނުންވާ ގޮތް ކަމުގައި ނުވެދާނެއެވެ.

ހަޔާތުގެ މި ބާބު މީހަކަށް ކިޔައިދިނަސް ގަބޫލު ކުރުން ވާނީ ނާދިރު ކަމަކަށެވެ. ނަމަވެސް މިއީ ތެދު ހަގީގަތެއް ކަން އެނގޭނީ އަހަރެންނާ އެކުގައި ވަގުތު ހޭދަ ކުރާ ނަމައެވެ. އަހަރެން ބޭނުންވާ ކަންކަމާއި ބޭނުންނުވާ ކަންކަން ވެސް ޚުދު އަހަރެންނަކަށް ބުނެދޭކަށް ނޭނގެއެވެ. ހިތުގައި އުފެދިފައިވަނީ މަސްހުނި ހިޔާލުތަކެކެވެ. މީހުންނަށް ފެންނަ ފެނުމުގައި އަހަރެންނަކީ އެކަހެރިކޮށް އުޅޭ ދުވަސްވީ މީހެކެވެ. މައިންބަފައިންނާއި އާއިލާ މީހުންނާ އެއްވެސް ގުޅުމެއް ނެތް، އުޅުމެއް ނެތް ވިޔާނުދާ މީހެކެވެ. އެކަން އަހަރެން ގަބޫލު ވެސް ކުރަމެވެ. ނަމަވެސް މި ކަމުން ސަލާމަތްވާން މި ހުންނަނީ ނޭނގިފައެވެ. ރަނގަޅު ގޮތް ފެންނަން އޮތް ނަމަވެސް އެކަން ކުރެވޭކަށް ނެތެވެ. ހެޔޮނުބައި ވަކި ކުރަން އެނގޭ ނަމަވެސް އެ ގޮތަށް އަމަލުތައް ބެހެއްޓޭކަށް ނެތެވެ. އަހަރެންނަށް ޖެހިފައި މިވަނީ ސިހުރަށް ވުރެ ވެސް ނުބައި ވަބާއެކެވެ. މިކަމުން އަރައިގަންނާނެ ނުވަތަ ސަލާމަތް ވާނެ ގޮތެއް އަހަރެންގެ ވިސްނުމަކަށް ނާދެއެވެ. އަހަރެންގެ ހަޔާތަށާއި އަމިއްލަ ނަފުސުގެ ވެރިންނަކީ ނުބައިވެގެންވާ ޝައިތާނުންތަކެކެވެ. އެ ވަރު ވިސްނުމަށް އައި ނަމަވެސް އެކަން ގަބޫލެއް ނުކުރެވެއެވެ. މި ގޮތް އިހުތިޔާރު ކުރީ އަމިއްލައަށެވެ. މި މަގުން ކުރިއަށް ދާން ބޭނުންވީ ވެސް އަމިއްލައަށެވެ. ނަމަވެސް އޭރު ނުވިސްނުނު އެއްޗަކީ މިއީ ވަގުތީ އުފަލެއް ކަމެވެ. މިއީ ދާއިމަށް ގެއްލުން ލިބެނިވި ވޭން ދެނިވި މަގެކެވެ. ޣާފިލުކަންމަތީ ދިރިއުޅެން ކޮށުނު މަގެކެވެ. އިންސާނާ ބާކީ ކޮށްލާ އެކަހެރިކޮށްލާ ކަމެކެވެ.

- ނިމުނީ -

އިތުރު ވާހަކަ

ކޮމެންޓް (4)

ޖަހާން

27 އޭޕްރީލު 2023
މީ ޢަސްލު ހާދިސާއަކަށް ބިނާކޮއް ލިޔެފަ އޮއް ވާހަކައެއްތަ.
0 0

ލިޔާ މީހާ

27 އޭޕްރީލު 2023
@ޖަހާން މިއީ ވާހަކަ އެއް.
0 0

މޫނި

27 އޭޕްރީލު 2023
@ޖަހާން ވަރަށް ވައްތަރު ދޯ. ވަރަށް ހީވޭ އަސްލެއް ހެން
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް