ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

26 އޭޕްރީލު 2023
2

އެޕިސޯޑް 34

"އަޝްބާ ވީ ޔޫ.ކޭ ގައި. މިހާރު ދެ މަސް ވެއްޖެ،" ހަމްޒާ ބުންޏެވެ. "އެއްކަލަ އިރު ކައިވެނި ކޮށްގެން ދިޔައީ. އޭނާގެ ފިރިމީހާއަކީ އެތަނުގައި ވަޒީފާގައި އުޅޭ މީހެއް. އެހެންވެ އެތާ އުޅެނީ. އަހަރެމެން..."

ހަމްޒާ ފަހުން އެ ދެއްކި އެއްވެސް ވާހަކައެއް އަހަރެންގެ ކަންފަތަކަށް ނީވުނެވެ. ކަންފަތް ބައްވި ކަހަލައެވެ. ހަމްޒާ ދައްކަމުން ދިޔަ ވާހަކަ ފަނޑުވަމުން ގޮސް ކީ އެއްޗެއް ދެން ނޭނގުނެވެ. ދެ މަސް ވަންދެން އަޝްބާ ޔޫ.ކޭ ގައި އުޅޭ ނަމަ އަހަރެން ކައިރިއަށް ކޮންމެ ރެއަކު އެ އަންނަނީ ކާކު ހެއްޔެވެ؟ ބޮލަށް އެރި އެނބުރުން ނުފިލިއެވެ. މަޑުމަޑުން އެ ތަނުން ތެދުވެވޭތޯ އުޅުނީމެވެ. އިވުނު އަޑުން ހީވީ މީހަކު ބޮލުގައި އެތިފަހަރަކުން ޖެހިހެންނެވެ. ހިތަށް ސިފަ ވަމުން ދިޔައީ 'އަޝްބާ' އާ އެކުގައި ހޭދަ ކުރި ވަގުތުތަކާއި ދެއްކި ވާހަކަތަކެވެ. ކޮންމެ ރެއެއްގެ އެ ވަގުތަށް ކުރެވެމުން ދިޔަ އިންތިޒާރުތަކެވެ.

އެގެއިން ނުކުމެވުނީ ތަންތަނުގައި ހިފަހައްޓަމުންނެވެ. ހަމްޒާ އާއި އަތީކާ އަހަރެންނަށް ގޮވަމުން ދިޔައެވެ. އެ އަޑެއް އަހަރެންނަކަށް ނީވުނެވެ. މިސްރާބު ހުރީ މޫދާ ދިމާލަށެވެ. މަޑު ހިނގުމެއްގައި ގޮސް އަހަރެންނަށް ހުރެވުނީ ތޮށިގަނޑު މަތީގައެވެ. ކުރިމަތިން ފެންނަން އޮތް މާ ސިންގާ ކަނޑުގެ ފުންމިނެއް ނޭނގެއެވެ. ހަމަ އެ ގޮތަށް މިވީ ކުޑަ ދުވަސްކޮޅު ތެރޭގައި އަހަރެންގެ ލޯ ކުރިމައްޗަށް ދައްކަމުން ދިޔައީ އަވާމެންދުރެއް ކަމެއް ވެސް އަހަރެންނަކަށް ނުވިސްނުނެވެ.

ހަޔާތަކީ އިންސާނާ ވަށައިގެން އެނބުރޭ ވަށްބުރަކާ ތަފާތެއް ނެތެވެ. އެ ބުރުގައި ކެނޑުންތަކާއި ގޮށްޖަހާފައިވާ ތަންކޮޅު ކޮޅު ވެސް ހުންނާނެއެވެ. އެކަންކަން ފުރިހަމަވެފައި ހުންނަނީ ތިމާ ހިތް އެދޭހާ ކަމަކާއި ހިތް ނޭދޭ ކަންކަން އެއްވަރުވުމަކުންނެވެ. އެކި މީހުން ޝައުގުވެރިވާނީ އެކި ކަންކަމަށެވެ. އެކި އެއްޗެއްސަށެވެ. އަހަރެން ދުށް ފަލްސަފާއަކީ އެއީއެވެ. އަހަރެންގެ އަމިއްލަ އެދުމާއި ބޭނުންތައް ކިތަންމެހާ ވެސް ގިނައެވެ. އެ ލަނޑުދަނޑިތައް ހާސިލްކުރަން ކުރެވުނު ހުރިހާ ކަމެއް ކުރަމުން ދިޔައީމެވެ. ކެތްތެރިކަން ކުޑަކަމާއެކު ވެސް އެކަންކަން ކުރީ ކުރާ ހިތުންނެވެ. އަހަރެން ހޯދަން ބޭނުންވީ ހަމައެކަނި ލޯތްބެއް ނޫނެވެ. ދުނިޔޭގެ އަރާމާއި އުފަލާއި ހިތްހަމަޖެހުމެވެ. ލައްޒަތާއި މަޝްހޫރުކަމާއި މަގުބޫލުކަމެވެ. ގަދަކަމުން ވިޔަސް ބޭނުންވީ އެކަންކަން ކުރާށެވެ. މިއަދު އޭގެ ތެރެއިން ގިނަ ކަންކަން ހާސިލްވިއެވެ. ނަމަވެސް ހިތަށް ވެރިވީ ބިރުވެރިކަމެވެ. ލިބުނު ހިތްހަމަޖެހުމެއް ނެތެވެ.

ގެއަށް ވަދެފައި އަހަރެން ބަލާލީ އެނދާ ދިމާލަށެވެ. މިއީ އެ ދާނެވެ. އެތަކެއް ރެއެއް އެ ދާނެއްގައި ހޭދަ ކުރެވުނު ތަނެވެ. ނުވެސް ދަންނަ 'މީހަކާ' އެކު ދެކެވުނު ވާހަކަތަކާއި ބަދަލު ކުރެވުނު ލޯބީގެ އިހުސާސްތަކެވެ. އެ ހަނދާންތަކަކީ ބިލާހެކެވެ. އެއީ ހަގީގަތެއް ނޫނެވެ.

"ކޯއްޗެއް ތި ބަލަނީ؟" ކުއްލިއަކަށް ފާރުތެރެއިން ފޭދިގެން ނުކުތީ 'އަޝްބާ'އެވެ. އަހަރެންގެ ދެ ލޯ ބޮޑުވިއެވެ. ސިއްސައިގެން ދިޔަ ގޮތަށް ފަހަތަށް ޖެހެވުނެވެ.

"އަހަރެން ދެކެ މިހާރު ބިރުގަންނަން ފެށީތަ؟" އޭނާ ބުންޏެވެ.

"ކަލޭ ތީ ކާކު؟" ތުރުތުރު ލާ އަޑަކުން އަހަރެންނަށް އަހާލެވުނެވެ.

"ކަލޭއޭ؟ މިހާރު މިއީ ދަންނަ މީހަކަށް ވެސް ނުވޭތަ؟ އަހަރެން އަސްލު ނަމަކީ ކަޝްޔާ!" އޭނާ ބުންޏެވެ.

"ކީއްވެ އަހަރެންނަށް މި ކަހަލަ ކަމެއް ކުރީ؟" އަހަރެންނަށް ބުނެވުނެވެ. ޖިންނި ޝައިތާނަކާ އެކު އުޅެވުނު ގޮތް ހަނދާންވުމުން އަހަރެންގެ ގައިން ހީބިހި ނަގައިގަތެވެ. ކުރިމަތީ ހުރީ ކިހާ ބާރުގަދަ މަހުލޫގެއް ކަމެއް ނޭނގެއެވެ.

"ކީއްވެހޭ؟ ކަލޭ ބޭނުންވި ގޮތެއްނު މިއީ. ކަލޭ ބޭނުންވީ އަހަރެމެން ކަލޭ ކައިރީ އަބަދާއިއަބަދު ތިބެން. ކަލެއަށް ހިމާޔަތްދީ، ރައްކާތެރިކަން ދޭން. ކަލޭ ސަލާމަތަށް ވެސް ރައްކާތެރިކަމަށް ވެސް އެދުނީ އަހަރެމެން ކިބައިން. މަދަދާއި އެހީތެރިކަމަށް ވެސް އެދުނީ އަހަރެމެން ފަރާތުން. އެކަމަކު ލޯބި ބޭނުންވީ އިންސާނެއްގެ ލޯބި. އަހަރެންނަކަށް އެކަން ހަޖަމެއް ނުވި. ކަލޭ ކައިރީ އަހަރެންގެ ބައްޕަ އާއި ކާފަ ވެސް ތިބޭނެ. އަހަރެން އައީ އެންމެ ފަހުން. އެކަމަކު ކަލޭ ފެނުނު ފުރަތަމަ ދުވަހު ވެސް ކަލެއަށް ހިތް ކިޔައިފި. ކަލެއަކީ ސިހުރުވެރިއެއް. މީހުންނަށް ސިހުރު ހަދައިދީ، މީހުންނަށް އެއިން ގެއްލުންދީ ހަދާ އިރު އެއްވެސް އެއްޗެއް ހިތަކަށް ނާރައެއްނު؟ އެކަމަކު މިއަދު ކަލެއަށް އެކަހަލަ ކަމެއް ލައްވާލީމަ މީހާ ތި ހުންނަނީ ތިވަރު ވެފަ." އޭނާ ބުނީ ތެދު ވާހަކައެކެވެ.

"ކަލެއަކީ ފާހާނާ އާއި އެހެން ވެސް ތަންތަނަށް ދާ އިރު އެއްވެސް އެއްޗެއް ނުކިޔާ މީހެއް. އެހެންވީމަ ކަލޭގެ ހިތާއި ސިކުނޑިއަށް ބާރު ފޯރުވުން ވީ ވަރަށް ފަސޭހަ ކަމަކަށް. އަހަރެން އެންމެ ގިނައިން އުޅޭ ތަނަކީ ފާހާނާ އާއި ކަލޭގެ ކޮޓަރި. ކަލޭގެ ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ވަރަށް ގާތުން އަހަރެން ދިޔައީ ބަލަމުން." އޭނަ ވާހަކަ ކުރިއަށް ދިޔަ ވަރަކަށް އަހަރެންގެ ހިތުގައި ބިރުވެރިކަން އިތުރުވަމުން ދިޔައެވެ. އަޑުއަހަން އުނދަގޫވިޔަސް، ބޭނުން ނުވިޔަސް އޭނަގެ ވާހަކަ ކުރިއަށް ގެންދިޔައެވެ.

"އިންސާނުންގެ ތެރެއިން ކަލޭ ހިތް ކީ މީހާގެ ސިފައަށް އަހަރެން ބަދަލުވީ. އެ ގޮތް ކަލެއަށް ވެސް ކަމުދާނެތީ. ކޮންމެ ކުރު މަގަކީ ފަހި މަގެއް ނޫންކަން މިހާރު ކަލެއަށް ވެސް ހުންނާނީ ވިސްނިފަ. ކަލޭ ކައިރީ ތި އުޅޭ ޝައިތާނުންނަކީ ހުސް މާރިދުން. އެ މީހުން ކަލޭ ދުލެއް ނުކުރާނެ ދެނެއް. އެނގޭތަ އެއީ ކީއްވެގެން ކަން؟" އޭނާ އަހަރެންގެ މޫނާ މޫނު ކައިރިކޮށްލިއެވެ. "އަހަރެންގެ ބަނޑުގައި ކަލޭގެ ދަރިއެއް އޮތީމަ."

އެ ވަގުތަކީ މިހާތަނަށް އަހަރެންގެ ހަޔާތަށް އައި އެންމެ ބިރުވެރި ވަގުތުކޮޅެވެ. ހިތް ހުއްޓޭ ނަމަ އެގަޑީގައި ހުއްޓޭނެއެވެ. އޭނާގެ އަސްލު ސިފައަށް ބަދަލުވާން ފެށިއެވެ. އަހަރެންނަށް އެ މަންޒަރު ބެލުން ވީ އުނދަގޫ ކަމަކަށެވެ. އޭނާގެ ލޮލުގައި ހުރީ މަޑު ނޫކުލައެކެވެ. ހީވަނީ ރެދަން ލާފައި ހުރި ހެންނެވެ. އަނގައިގެ ބޮޑުމިން ގޮސް ކަންފަތާއި ހިސާބަށް ދިޔައެވެ. ނުކުތް ދަތްތައް ހީވަނީ ހިޔަޅު ދަތްޕިލާއެއް ހެންނެވެ. ބޮލު މެދުން ނުކުތީ ދަޅު ފީންޏެކެވެ. އަތުގެ އިނގިލިތައް ދިގު ވަމުން ދިޔައެވެ. ގައިގެ ހަންގަނޑު ބަދަލުވަމުން ދިޔައީ މުށި ކުލައަށެވެ. މަޑުމަޑުން ކެހެރިތައް ނުކުންނަމުން ގޮސް މުޅި ހަށިގަނޑު ފޮރުވާލިއެވެ. ކުއްލިއަކަށް ހަތަރުމޮށްގަނޑު ޖަހާފައި އަހަރެންނާ ދިމާލަށް ވައްވައް ޖަހައިގަތެވެ. އަހަރެން ހުރީ ބިރުން ގޮސް ހަރަކާތްކޮށްލަން ވެސް ނޭނގިފައެވެ. ފަހަތަށް ވެއްޓުނީ އެއްވެސް އިހުތިޔާރަކާ ނުލައެވެ.

ކުއްލިއަކަށް އޭނަ ގެއްލުނެވެ. ހީވީ ލޮލަށް ފެނުނު ހުވަފެނެއް ހެންނެވެ. އެކި ދިމާލަށް އަހަރެން އެނބުރި ހޯދީމެވެ. ފެންނާކަށް ނެތެވެ. ހިނދުކޮޅެއް ކުރިން ހިނގައިދިޔަ ކަންތައްގަނޑުގެ އެއްވެސް ނިޝާނެއް ވެސް ނެތެވެ. ނަމަވެސް އޭނާ އެ ދެއްކީ ތެދު ވާހަކަތަކެކެވެ. އެކަން އަހަރެންނަށް ގަބޫލު ކުރެވުނެވެ. އެކަމަކު ދެން ކަންތައް ކުރަންވީ ގޮތެއް ނުވިސްނުނެވެ. ހަދާނެ ގޮތެއް ނޭނގިފައި އަހަރެންނަށް އިނދެވުނީއެވެ. ޖިންނިންނާއި އިންސިންނަށް ދަރިން ލިބުމަކީ އެކަށީގެންވާ ކަމެއް ކަމުގައި އަހަރެން ގަބޫލު ކުރަމެވެ. ނަމަވެސް ގަބޫލު ކުރަން އުނދަގޫވީ އަހަރެންނަށް އޭނަގެ މަޅީގައި ޖެހެވުނީމައެވެ. އެކަން އެހާ ފަސޭހައިން ކާމިޔާބުވީ އަހަރެން އިތުބާރު ކުރި ޝައިތާނުންގެ އެހީތެރިކަން އޭނައަށް ލިބުމުންނެވެ.

ކައިރީގައި ރަސްކަން ކުރަމުން ދިޔަ ޝައިތާނުންގެ ވަސްވާސް އިވެމުން ދިޔައެވެ. ވައި އަޑުން ވާހަކަ ދައްކަމުން ދިޔަ އިރު އަހަރެންނަށް އެ އަޑު ބިރުވެރިއެވެ. ފުރަތަމަ ފަހަރަށް އެ އަޑުތަކުގެ ސަބަބުން ނުތަނަވަސްކަމާއި ޖެހިލުންވުން އުތުރެމުން ދިޔައެވެ.

އަހަރެންގެ ސަލާމަތްތެރިކަމަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ހެން ހީވާން ފެށިއެވެ. އެ މީހުން ފާޅުގައި އަހަރެންނާ އެކުގައި އުޅޭތަން ފެންނަން ފެށިއެވެ. އެކި ސިފަސިފައިގައި އަހަރެންނަށް ޖެއްސުން ކުރަން ވެސް ފެށިއެވެ. އުޅެން އުނދަގޫވީ އެ ހިސާބުންނެވެ. ކައިބޮއި ހަދަން ވެސް ދަތިވިއެވެ. ހީވަނީ ކަރުގައި އެއްޗެއް ތާށި ވެފައި ހުންނަ ހެންނެވެ. ވަމުން ދިޔަ އުދަނގޫތައް ލުއި ވާން ފެށީ އެ މީހުންގެ ބަހަށް އަހަރެން ތަބާ ވާން ފެށުމުންނެވެ. އެކަމަކު އޭގެ ނަތީޖާ ކިހާ ހިތިވާނެކަމެއް ސިކުނޑިއަކަށް ނުވިސްނުނެވެ.

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (2)

ޣހވ ބ

26 އޭޕްރީލު 2023
މިވށހަކަ ރައްޖޭގެ މައްޝޫރު ރާގީއެއްގެ ވާހަކަ އާ ހާދަވައްތަރޭ
0 0

ސަލީމާ

26 އޭޕްރީލު 2023
@ޣހވ ބ ތިބުނާ ވާހަކައިގެ ލިންކެއް ފޮނުވާލަ ބަލަ. ބަލައިލަން ވައްތަރު ތޯ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް