ވާހަކަ: ރާގީ
އެޕިސޯޑް 33
"ބޭނުން ވަނީ ހާމިޒްގެ މީހަކަށް ވާން،" އަޝްބާ އަހަރެންނާ ގާތަށް ޖެހިލަމުން ބުންޏެވެ. އަހަރެންގެ ގައިން ހީބިހި ނަގައިގަތެވެ.
އަޝްބާ އެހެން ބުނުމުން ގަބޫލު ކުރަން އުނދަގޫވިއެވެ. ނަމަވެސް އެކަން އެ ވަނީ ސިހުރުގެ ބާރުގައިކަން ވިސްނުމަށް އައެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކޮށްގެން ވެސް އަހަރެން ބޭނުންވީ އަޝްބާ އަހަރެންގެ މީހަކަށް ހަދާށެވެ. މިއަދު އެކަން ކާމިޔާބުވާކަމުގެ ކޮޅުމަތި ދައްކާލައިފިއެވެ. އެހެން ނޫން ނަމަ މިފަދަ ރެއެއްގައި މިފަދަ ގަޑިއެއްގައި އަޝްބާއެއް މިގެއަކަށް ނާންނާނެއެވެ.
"ކިހިނެއްވީ އެއްޗެކޭ ނުބުނީ؟" އަޝްބާ މަޑުމަޑުން އަހާލިއެވެ. އަހަރެން އިނީ ގަބޫލު ކުރަން އުނދަގޫވެފައެވެ. ބުނާނެ އެއްޗެއް ނުވިސްނިފައެވެ.
"އަހަރެން އައީމަ ކަމުނުދިޔައީތަ؟" އަޝްބާ އެހިއެވެ. "ވާހަކަ ނުދައްކަންޏާ ގެއަށް ދަނީ."
އަޝްބާ ހިނގައިގަތުމުން އެ އަތުގައި އަހަރެން ހިފީމެވެ. މެޔާ ކައިރި ކޮށްލީ ދުވަހަކު ވެސް ވަކިވާން ބޭނުން ނުވާ ކަމުގައި ބުނެދެމުންނެވެ. އަނގައިން އެންމެ ބަހެއް ނުބުނި ނަމަވެސް އަހަރެންގެ ލޮލުން އުތުރި އަރަމުން ދިޔަ ލޯބި އަޝްބާއަށް ދައްކަން ބޭނުންވިއެވެ. އަހަރެންގެ ހޫނު ނޭވާއިން އެ ހަށިގަނޑުގައި ލަމުން ދިޔަ ތުރުތުރު މަޑު ކުރަން ބޭނުންވިއެވެ. ހިތުގައި ޖަހަމުން ދިޔަ ކޮންމެ ވިންދެއްގެ އަޑު އެ ކަންފަތަށް އިއްވަން ބޭނުންވިއެވެ. އެ އަޑަށް ބީރު ކަންފަތެއް ނުދޭނެ ކަމުގައި އުންމީދު ކުރަމުންނެވެ.
އެ ރެއަކީ އަހަރެން ދުވަހަކު ވެސް ހަނދާން ނެތޭނެ ރެއެއް ނޫނެވެ. ރޭގަނޑުގެ ހަތަރުދަން ދިޔައީ އަޝްބާއާ އެކުގައެވެ. ލޯބީގެ އެކި ދަރުބާރުތަކަށް އަހަރެމެން ދަތުރު ކުރީމެވެ. މާމުއި ހަނދަށް ދިޔައީމެވެ. ލޯބީގެ ދާނުގައި އެތައް ވަގުތެއް ހޭދަ ކުރީމެވެ. މުސްތަގުބަލު ރާވާނެ ގޮތާއި ކައިވެންޏާ ހިސާބަށް ވެސް ވާހަކަތައް ދިޔައެވެ. ދުވަހަކު ވެސް ވަކި ނުވާނެ ކަމުގައި ވައުދު ވަމުންނެވެ. ދުވަހަކު ވެސް އެކަކު އަނެކަކަށް ދެރައެއް ނުދޭނަން ކަމުގައި ހުވާ އަހުދު ކުރަމުންނެވެ. އަހަރެން ހުރީ އުފަލުން ބުނާނެ އެއްޗެއް ނޭނގިފައެވެ. އަހަރެން ދެކެމުން އައި ހުވަފެނުގައި މިހާ އަވަހަށް އަސްލު ކުލަ ޖެހޭނެ ކަމުގައި ހީ ވެސް ނުކުރަމެވެ. އަޝްބާ ހުރީ މައިންބަފައިންނާ ދެކޮޅަށް ވިޔަސް އަހަރެންނާ ކައިވެނި ކުރާށެވެ. އެކަމަކު އޭރުން އަހަރެންނަށް އެ މީހުންގެ މިލްކިއްޔާތާ ކައިރި ވެވޭނެ ހެއްޔެވެ؟ އެއީ އުފެދުނު ސުވާލެކެވެ. ކުރަން ބޭނުންވި ނަމަވެސް ކުރަން އުނދަގޫ ސުވާލެކެވެ.
ހެނދުނު ހޭލި އިރު އަޝްބާއެއް ނެތެވެ. އަހަރެން ވަށައިގެން ހޯދާލީމެވެ. ފާހާނާ ވެސް ބެލީމެވެ. ފެންނާކަށް ނެތެވެ. ހޭވިފައިވާ އެނދުގައި އަނެއްކާވެސް އޮށޯވެލީމެވެ. ތެދުވާ ހިތްނުވެފައި އޮތީ ހަށިގަނޑަށް ލިބިފައިވާ ލޮޑުކަމެއްގެ ސަބަބުންނެވެ. ސިކުނޑިއަށް ލިބުނު ވަރުބަލިކަން ފިލަން އިރުކޮޅެއް ނެގިއެވެ. ނަމަވެސް މާ ގިނަ އިރު އެހެން އޮންނަ ހިތެއް ނުވިއެވެ. ވެފައިވާ ބަނޑުހައިކަމެއްގެ ސަބަބުންނެވެ.
އެއްޗެއް ކާލަން ބޭނުން ވެގެން ބަދިގެއަށް ދާން ހިތަށް އެރިއެވެ. އޭގެ ކުރިން ފާހާނާއަށް ވަދެ މޫނު ދޮވެލީމެވެ. އެ ވަގުތު ދިލައެއް އިހުސާސް ވިއެވެ. ލޯގަނޑު ބަލާލި އިރު މޫނުމަތި ހުރީ ދަނބު ކުލަ އަރާފައެވެ. ހަށިގަނޑުގެ އެކި ހިސާބުގައި ތަންގަނޑު ގަނޑަށް ވެސް އެ ކުލަ އަރާފައި ހުއްޓެވެ. އަހަރެން އަތް ކާއްތާލީމެވެ. ކޮންމެ ތަނަކުން ވެސް ދިލަ ނެގިއެވެ. ކޮޓަރިއަށް ނުކުމެ އެ ތަންތަނުގައި ބާމު އުނގުޅީމެވެ. އެއިން ނަގާ އާވިން ދިލަ މަޑުވާހެން ހީވިއެވެ.
މޫނާއި ހަށިގަނޑުގެ އެކި ހިސާބުގައި ހުރި ލައްގަނޑުތަކުގެ ކުލަ މަޑުވީ ދެތިން ދުވަސް ފަހުންނެވެ. އަޝްބާގެ އިންތިޒާރުގައި މި ދެ ދުވަސް ދިޔަ ގޮތެއް ނޭނގުނެވެ. ނުނިދެއެވެ. ނުކެވެއެވެ. އަޝްބާ ކޮބައިތޯ ބަލާލަން އެ ގެއަށް ދާން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. ނަމަވެސް އޭގެ ނަތީޖާ ގޯސްވެދާނެތީ ދާން ޖެހިލުންވިއެވެ. އޭނާގެ ހަބަރެއް ނުބަލައި ހުރުން ވެސް ވީ އުނދަގޫ ކަމަކަށެވެ. އަހަރެންގެ ވިސްނުމަށް ނުބައި ހިޔާލުތަކެއް އަންނަން ފެށިއެވެ. އަޝްބާ އަހަރެންނަށް އޮޅުވާލީ ހެއްޔެވެ؟ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ނޫނެކެވެ. އެހާ ހިސާބަށް ވިސްނުން ގެންދިޔުމުގެ ބޭނުމެއް ނުވިސްނުނެވެ. ދެން ވެސް އަހަރެން އިންތިޒާރު ކުރީމެވެ.
އިޝާ ނަމާދަށް ބަންގި ގޮވަމުން ދިޔަ ވަގުތެވެ. އަހަރެން ކަންފަތަށް އުނދަގޫ ވަމުން ދިޔައެވެ. ކާރޫބާރޫ ބޮޑު މަޖީދީ މަގުގައި އަހަރެން އިނީ ޓްރެފިކުގައި ޖެހިފައެވެ. ކައިރީގައި ހުރި މިސްކިތުން ގޮވަމުން ދިޔަ ކަލިމަތަކުގެ މާނަ އަހަރެންނަށް ވެސް އެނގެއެވެ. ނަމަވެސް އެއާ މެދު ވިސްނާލާކަށް ބޭނުމެއް ނުވިއެވެ. ވެހިކަލުތަކުން ބަރުގޮނު އަޅުވަމުން ދިޔަ އަޑު އެހާ ގަދައެވެ. އެ ވަގުތު ލޮލުގައި އަޅައިގަތީ ޕޭވްމަންޓް މަތިން ހިނގާފައި ދިޔަ ދެ އަންހެން ކުދިންނެވެ. އެކަކަކީ އަޝްބާއެވެ. ސައިކަލުގައި އިނުމުން އެ ވަގުތު އެތަނުން ދުރަށް ދެވޭކަށް ނެތެވެ. މަގުގެ އެއް ކޮޅަށް ގޮސް އޮބާލަންދެން އަހަރެން އޭނައަށް ބެލީމެވެ. ޓްރެފިކް ބާރު ކުޑަވުމުން އަޝްބާ ދިޔަ ދިމާލަށް މިސްރާބު ޖެހީމެވެ. ހަނި ގޯޅިއަކަށް އެޅީމެވެ. އަދި ސައިކަލު ޕާކުކޮށްފައި ކައިރި ހިސާބުތައް ހޯދީމެވެ. އެތަންގަނޑަކީ ސަރުކާރުގެ ގިނަ އޮފީސްތަކެއް ހުރި ސަރަހައްދެކެވެ. ރޭގަނޑު ވުމުން އެތަންތަން ހުރީ ބަންދު ކޮށްފައެވެ. ވުމާއެކު ވެރިވެފައިވަނީ އަނދިރިކަމެވެ.
"އަހަރެންތަ ތި ހޯދަނީ؟" ފަހަތަށް ބަލާލެވުނީ އެ ރީތި އަޑު އިވުމުންނެވެ.
"ކޮންތާކު މި ހުރިހާ ދުވަހު ތި އުޅުނީ؟ އަޝްބާއަށް އެނގޭތަ އަހަރެން އުޅުނު ހާލު؟" ޝަކުވާގެ ރާގެއްގައި އަހަރެން ބުނީމެވެ. އޭނަ ގާތަށް ލާނެއް ހިންޏެއް އައެވެ. އަދި އަހަރެންނާ ގާތްވެލިއެވެ.
"ހަމަ އެހާ ވެސް ކަމުދޭތަ އަހަރެން؟ ކަމުނުދާ ސިފައެއް ފެނިއްޖެއްޔާ ރުޅި އަންނާނަންތަ؟" އަޝްބާގެ ވާހަކަ ހުންނަނީ ދެ މާނަ އެކުލެވޭ ގޮތަށެވެ.
"ކަމުދަނީ އެކަނިތަ؟ އަހަރެން ވަރަށް ލޯބިވޭ އަޝްބާ ދެކެ. ނޭނގެ ކޮން އިރަކުން ފެށިގެން ކަމެއް،" އަޝްބާގެ އަތުގައި ހިފާލަމުން ބުނީމެވެ. "އަޝްބާއަކަށް ނުކުރެވޭނެ އަހަރެން ރުޅި އަންނަ ކަހަލަ ކަމެއް."
އަހަރެންނަށް އެހެން ކަމެއް ފާހަގަވިއެވެ. އަޝްބާއާ ކުޑަކޮށް ދުރަށް ޖެހިލާފައި ކޮޅުކޮޅަށް ބަލާލީމެވެ. އަޝްބާ އަހަރެންނަށް ވުރެ ތަންކޮޅެއް ދިގުހެން ހީވެއެވެ. އަދި މީގެ އިރުކޮޅެއް ކުރިން މަޖީދީ މަގުން ފެނުނު އިރު ލައިގެން ހުރި ހެދުން ތަފާތުހެން ވެސް ހީވިއެވެ.
"ހެދުން ބަދަލު ކޮށްގެންތަ ތި އައީ؟ އެކަމަކު މިއީ އަޝްބާ އުޅޭ ގެ ހުންނަ ސަރަހައްދެއް ވެސް ނޫން،" ދެ ލޯ ކުޑަކޮށްލަމުން އަހަރެން ބުނީމެވެ.
"ތިއީ ހީވި ގޮތް. އަހަރެން ހުރީ ހަމަ މި ހެދުން ލައިގެން. އެހެން މީހުން ތިބޭ އިރު ވާހަކަ ދައްކަން އުނދަގޫވާނެއެއްނު؟ އެހެންވެ ރައްޓެހި ކުއްޖާ ފޮނުވާލާފައި މިތަނަށް މި އައީ" އަޝްބާ ހަމަޖެހިލަމުން ބުންޏެވެ.
"އެހާ އަވަހަށް؟" އަނެއްކާވެސް ސުވާލެއް ކުރެވުނެވެ.
"ހޫމް. މިރޭ ހާދަ ސުވާލު ގިނައޭ. އަހަރެން ފެނުނީމަ އުފަލެއް ނުވޭތަ؟ ތިހާ ވަރަށް ސުވާލު ކުރަންޏާ ދަނީ،" ހިނގައިގަންނަމުން އަޝްބާ ބުންޏެވެ. އަހަރެން އޭނަ ހުއްޓުވީމެވެ. އަދި މާފަށް އެދުނީމެވެ. އެއީ އޭނަ ބޭނުންވާ ގޮތެވެ.
ދެ މީހުން އެކުގައި އަހަރެންގެ ގެއަށް ދިޔައީމެވެ. ކުރީ ރެއެކޭ އެއްގޮތަށް މިރޭ ވެސް އެކުގައި ވަގުތުތައް ހޭދަ ކުރެވުނެވެ. އެކި ވާހަކަތައް ދެކެވުނެވެ. ލޯބީގެ މައިޒާންތަކުގައި ވަގުތުތައް ގުނީމެވެ.
އެ ގޮތުގައި މަހެއް ފާއިތުވިއެވެ. އަހަރެންގެ ބޮލުގައި ރިއްސަން ފެށިއެވެ. އެ ރިހުން ވަރަށް ވޭން ގަދައެވެ. ބޮޑަށް ފާހަގަ ވާން ފެށީ އަޝްބާ އަންނަ ރޭތަކުގައި ބޮލުގައި ރިހުން ގަދަވުމެވެ. ކައިވެނީގެ ވާހަކަ ދެއްކިޔަސް އަޝްބާ ރުޅި ގަދަވެއެވެ. ބުނަނީ މި އުޅެވެނީ ކައިވެންޏެއް ކޮށްގެން ކަމުގައެވެ. އަހަރެންނަށް އެކަން ވީ ފޫހި ކަމަކަށެވެ. އަހަރެން ބޭނުންވާ އެހެން ކަންކަން އެބަ ހުއްޓެވެ. އެންމެ ފަހުން އެއް ރެއަކު އަޝްބާމެން ގެއަށް އަހަރެން ދިޔައީމެވެ. ހަމްޒާއަށް ނާންގާ ދިޔުމުން ނުކުމެދާނެ ނަތީޖާއަކަށް އަހަރެން ނުވިސްނަމެވެ.
"އަހަނ. ހާމިޒް. ކޮބާ ކިހިނެއް؟" އަތީކާ އިނީ ސިޓިންރޫމުގައި ޓީވީ ބަލާށެވެ. "ހަމްޒާ،" ކޮޓަރިއާ ދިމާލަށް ބަލާލަމުން އަތީކާ ގޮވާލިއެވެ.
ހަމްޒާ ނުކުމެގެން އައިސް ގޮނޑީގައި އިށީނެވެ. އަހަރެން އިށީންނަން ތަން ދެއްކިއެވެ. ނުތަނަވަސްކަމާ އެކު އަހަރެން ވެސް ގޮނޑީގައި އިށީނީމެވެ. ފަރާތް ފަރާތަށް ބެލުނީ އަޝްބާ ކޮބާތޯއެވެ. ހަމްޒާ އާއި އަތީކާ ކުރަމުން ދިޔަ އެއްވެސް ސުވާލެއް އަހަރެންނަކަށް ނީވެއެވެ.
"ކޮބާ އަޝްބާ؟" އެންމެ ފަހުން އަހަރެންނަށް އަހާލެވުނެވެ. ހަމްޒާ އާއި އަތީކާ އެކަކު އަނެކަކަށް ބަލާލިއެވެ. އެ ބަލާލުމުގައި އެހެން މާނައެއް ވާހެން އަހަރެންނަށް ހީވިއެވެ.
"ކިހިނެއްވީ ކުއްލިއަކަށް ތިހެން ތި އެހީ؟" ހަމްޒާ އަހާލިއެވެ.
"އޭނަ ފެންނަން ނެތީމަ ހަމަ އަހާލީ،" އަހަރެންގެ މޫނު މައްޗަށް އެރި ކުލަވަރު ބަދަލު ކުރަމުން ބުނީމެވެ.
"އަޝްބާ ވީ ޔޫ.ކޭ ގައި. މިހާރު ދެ މަސް ވެއްޖެ،" ހަމްޒާ ބުންޏެވެ.
- ނުނިމޭ -