ވާހަކަ: ރާގީ

ވާހަކަ

ވާހަކަ: ރާގީ

24 އޭޕްރީލު 2023

އެޕިސޯޑް 32

"އަދި ވަރަށް އުފާވެރި ހަބަރެއް ވެސް އެބަ އޮތް،" ހަމްޒާ ބުންޏެވެ. "މި އުޅެނީ އަޝްބާ ކައިވެނި ކުރުވަން."

އަހަރެންގެ މެޔަށް ހިވީ ފެން އެއްޗެއް އޮއްސާލި ހެންނެވެ. ކަންފަތަށް އިވުނު އަޑުން ހީވީ ހޮނު ގުގުރިއެއް ޖެހި ހެންނެވެ. މޫނުމަތީގައި ކުލަ ޖެހެމުން އައި ހިނިތުންވުން ހިނދުކޮޅެއްގެ ތެރޭގައި ފަނޑުވެގެން ދިޔައެވެ. އުންމީދެއް ފެނަށް ދާކަން އެނގުމުންނެވެ. ރުޅިވެރި ނަޒަރަކުން އަޝްބާއަށް ބަލައިލެވުނެވެ. ހިތާހިތުން ބުނެލެވުނީ ތިއީ ހަމައެކަނި އަހަރެންގެ މީހެއް ކަމެވެ. އަހަރެން ނޫން އެހެން މީހަކަށް އަޝްބާ ލިބިއްޖެ ނަމަ އެ މީހެއްގެ ދުވަސް ދުއްވާލާނެ ކަމަށް ވެސް ހިތް ބުނަމުން ދިޔައެވެ. ހިތުގައި އަނދައިގަތް އަލިފާނުގެ ހުޅު ލޮލުގައި ބަބުޅަމުން ދިޔައެވެ. އޭގެ ހޫނުގައި އެންމެން ފިހިގެން ދާތަން ވެސް ހިތަށް ތަސައްވުރު ކުރެވުނެވެ. ވިސްނަމުން ދިޔަ ކަންތައް ހާސިލު ކުރަން ބޭނުންވިއެވެ. މާ ގިނަ ވަގުތު އެ ތަނުގައި އިންނަން ބޭނުން ނުވެ ނުކުމެގެން ދިޔައީ މީހަކު ގުޅަނީ ކަމުގައި ބުނަމުންނެވެ.

ގެއަށް އައިސް ވަދެފައި ވަރަށް ބާރަށް ސޯފާގައި އިށީނީމެވެ. އަދި ގޮށްމުށްކަވާފައި ކައިރީގައި ހުރި މޭޒުގައި ޖެހުނެވެ. ކޮޅަށް ތެދުވެފައި ދެކޮޅަށް ހިނގަށް ފެށީމެވެ. ޝަކުވާ ކުރަމުންނެވެ. އަޝްބާ ކީއްވެ ކުރި ކަމެއް ހެއްޔެވެ؟ އޭނާ ކުރިން އެ ދިން ފެހި ސިގްނަލްތަކުގެ މާނައަކީ ކޮބާ ހެއްޔެވެ؟ އަހަރެން ކަމުދާ ނަމަ އެހެން މީހަކާ ކައިވެނި ކުރުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ އަހަރެން ހުރީ ރަނގަޅު ދަނޑިވަޅެއްގައި ހަމްޒާ ގާތުގައި އެ ވާހަކަ ދައްކަން ތައްޔާރު ވެގެންނެވެ. އަހަރެން ހަމައެކަނި ބޭނުން ވަނީ އަޝްބާއެއް ނޫނެވެ. އެ މީހުންގެ މުދަލާއި ފައިސާގަނޑު ވެސް ބޭނުންވެއެވެ. ރޭގަނޑުގެ ނިދި ނަގާލާފައި އެ ގެއަށް ދިޔައީ މި ކަންކަން ހާސިލު ކުރުމުގެ ނިޔަތުގައެވެ. ނުކައިނުބޮއި ހުރެގެން ވެސް އެތައް ދުވަހަކު އަޝްބާއަށް ހިދުމަތް ކުރުމަށް އަހަރެން ދިޔައީމެވެ. ވެހޭހާ ވާރޭގައި ވެސް ކޮންމެ ދަންވަރެއްގައި އަހަރެންގެ ބޭނުން ޖެހިގެން ގުޅާހާ ހިނދަކު ދިޔައީ އެހެންވެގެންނެވެ. އެމީހުންގެ އިތުބާރާއި ރަހުމް ހޯދުމަށެވެ. އަޝްބާއާ ކައިވެނިކޮށް އެގެއަށް ބާރުގަދަކޮށް އަތް ގަދަ ކުރުމަށެވެ. ނަމަވެސް މިއަދު އެކަންކަން ފެނަށް ވެއްޖެއެވެ. ހިނދުކޮޅެއްގެ ތެރޭގައި އަހަރެންގެ އުންމީދުތައް ވެއްޔާމޮޑެވިގެން ދިޔައެވެ.

ނޫނެކެވެ. އެ މަންޒަރު ބަލާކަށް އަހަރެން ބޭނުމެއް ނޫނެވެ. ކެތެއް ވެސް ނުވާނެއެވެ. އެ ކަމަށް ހިތާއި ސިކުނޑި އިޖާބައެއް ނުދެއެވެ. އަޝްބާ އަހަރެންގެ މީހަކަށް ހަދާނަމެވެ. ކާމިޔާބު ކުރާނީ ދޭތިން އެކައްޗަށް ހިފައިގެންނެވެ. އަޝްބާގެ ހިތް އަތުލާކަށް އަހަރެންނަކަށް އުނދަގުލެއް ނުވާނެއެވެ. އަހަރެންގެ އަތުގައި ވަރުގަދަ ހަތިޔާރެއް އެބަ އޮތެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. މިކަން ކާމިޔާބު ވެއްޖެ ނަމަ މުޅި އުމުރަށް އުފަލުގައި އުޅެވޭނެއެވެ. މުއްސަނދި ދިރިއުޅުމެއްގައި ރީތި އަތްނބެއް ގޮވައިގެން ހިތްހަމަޖެހިގެން އުޅެވޭނެއެވެ. މަދުވާނެ އެއްވެސް ކަމެއް ނޯންނާނެއެވެ. އަތަށް ފަޔަށް ނޯކަރުން ތިބޭނެއެވެ. ބޭނުން ކޮންމެ ކަމެއް ބޭނުން އިރަކު ކުރަމުން ގެންދެވޭނެއެވެ.

އަހަރެންގެ ހިޔާލާއި ސިކުނޑީގައި އެނބުރެމުން ދިޔަ ކަންކަން ހާސިލު ކުރުމަށްޓަކައި މަސައްކަތް ފެށުނެވެ. ރޭގަނޑުގެ ހަމަހިމޭން ކަމުގެ ތެރެއަށް އަނދިރިކަން ވެރިވެފައިވެއެވެ. އަހަރެން ހުރީ ވިލިނގިލީގެ އަތިރިމަތީގައެވެ. ތޮށިމައްޗަށް ދިޔައީ މަޑު ހިނގުމެއްގައެވެ. ހިކިފައިވާ ތޮށިމަތިން ފެންނަމުން ދިޔައީ ފަޅުކަމާއި އަނދިރިކަމެވެ. ދުވަނީ ފަރުހަކި ވަހެވެ. ގާތައް މަތީގައި ކަކުނިތައް ދުވާތަން ފެނުނެވެ. ރަށުގެ އެ ދިމާލަކީ މީހުން މަދު ދިމާއެކެވެ. ވަގުތުގެ ގޮތުން އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ގަޑިން 3 ޖަހަން އޮތީ އެންމެ ފަސް މިނެޓެވެ. އަހަރެން ބަލާލީ އޮއްސެމުން ދިޔަ ހަނދަށެވެ. އެ ދިމާއިން ފެންނަން އޮތީ ރަށެކެވެ. އަނެއްކާވެސް އިހު ހުރި ގޮތަށް އެނބުރުނީމެވެ. އަދި އަޑު ހަރުކޮށް އެއްޗެހިތަކެއް ކިޔެވީމެވެ. ޖީބުން ނެގި އިސްތަށިކޮޅު އައްސަން ފެށީމެވެ. ފަހަރަކު ގޮށެއް ޖަހާ ބާރު ކުރަމުން ދިޔައީމެވެ. އަހަރެން ބޭނުންވާ ކަންކަން ނިމުމުން 3 އިންޗި ހުންނަ ކުޑަ ބިއްލޫރި ފުޅިއަކަށް ލާފައި އިސްތަށިކޮޅު އެއްލާލީމެވެ. އެއްލޭ އެންމެ ދުރަކަށެވެ. ނުބައި ހިނިތުންވުމެއް މޫނުމަތީގައި ހަރަކާތް ކުރަމުން ދިޔައެވެ. މަގުސަދު ކާމިޔާބު ވާނެ ކަމަށް ޔަގީން ކުރެވުނެވެ.

ސިހުރުވެރިއަކަށް އަހަރެން ބަދަލުވީ ކޮން އިރަކު ކަމެއް ބުނެދޭކަށް ނޭނގެއެވެ. ސިހުރުވެރިއެއްގެ ކިބައިގައި ހުންނަން ޖެހޭ ހުރިހާ ސިފައެއް އަހަރެންގެ ކިބައިގައި އަށަގަންނަމުން ދިޔައެވެ. މީހުންގެ ތެރޭގައި އަހަރެން މަޝްހޫރު ވެފައި އޮންނަނީ 'ރުގްޔާ ހާމިޒް'ގެ ނަމުންނެވެ. ނަމަވެސް ހަގީގަތުގައި އަހަރެންނަކީ ސިހުރުވެރިއެކެވެ. ރުގްޔާގެ ނަމުގައި އަހަރެން ކުރަމުން ދިޔައީ ސިހުރުގެ ބައެއް ކަންކަމެވެ. ފަރުވާ ކުރަމުން ދިޔަ މީހުންނަށް ވެސް ދިޔައީ އޮޅުވާލަމުންނެވެ. އެ މީހުންނަށް ހީވަނީ އަހަރެން ކުރަމުން ދަނީ ރުގްޔާ ކަމަށެވެ. އެ މީހުންގެ ލޮލުގައި އަޅުވާފައިވާ އަނދުނުގެ ކުލަ ގަދައެވެ. ނަމަވެސް ބައެއް މީހުންނަށް އެކަން އެނގެން ނެގީ މަދު ދުވަސް ކޮޅެކެވެ. ބައެއް މީހުން އަހަރެން ލައްވާ ސިހުރު ހަދުވަން ވެސް ފެށިއެވެ. އެ ކަމުން ވެސް އަހަރެންނަށް ލިބުނީ ފައިސާއެވެ. ކާމިޔާބާއި މޮޅާއި މަންފާ ލިބެމުން ދިޔަ އިރު މިއީ ވަގުތީ އުފާކަމުގައި ހިތަށް ވެސް ނާރައެވެ. ފެންނަމުން ދިޔައީ ފެހިކުލަ ގަދަ މުސްތަގުބަލެވެ. ބަނަވަމުން ކަޅު ވަމުން ދިޔަ މާޒީގެ ލައްގަނޑުތަކެއް ނުފެނެއެވެ. ފަސްބައި ކިލަނބުވަމުންދާ މަންޒަރެއް ވެސް ނުފެނެއެވެ.

އަހަރެން ދެކެ މަދު މީހަކު ނަފުރަތު ކުރާކަން އެނގުނެވެ. އެ މީހުންނަށް ވެސް ދެރައެއް ދޭން ބޭނުންވިއެވެ. މަގުމަތިން ދާ އިރު އާއި ގެއަށް ވަންނައިރު ގެއްލުން ލިބޭ ގޮތަށް ސިހުރު ހަދަން ފެށީމެވެ. ސިހުރު ހަވާލު ކުރަމުން ދިޔައީ އަހަރެން ގާތުގައި އުޅޭ ޖިންނިޝައިތާނުންނާއެވެ. ކާމިޔާބު ވާން ފެށުމުން އަހަރެންނަށް އުޅެވޭ ގޮތް ވެސް ހަނދާން ނެތުނު ކަހަލައެވެ. ހީވަނީ މެދު އުޑުގައި ފިޔަޖަހާހެންނެވެ. މީހުންގެ އިތުބާރު ލިބެން ފެށުމުން ހުރިހާ ކަމެއް ހަނދާން ނެތުނެވެ.

ވަރަށް ބާރަށް ގުގުރި ޖަހަމުން ދިޔަ ރެއެކެވެ. ވިދާލާ ވިދުވަރާ އެކު ބޭރުތެރެ ފެންނަނީ ބިރުވެރިކޮށެވެ. އަހަރެން އުޅުނީ ނޫޑްލްސް ކޮޅެއް ކާށެވެ. އަހަރެން އުޅޭ ތަނުގައި ދޮރު ފޮއްޗެއް ނުބަހައްޓަމެވެ. ބޭރުގެ އަނދިރިކަން ފެންނަން އޮންނަނީ އެހެންވެއެވެ. އެއްލި ކަޅިއަކުން ފެނުނީ އަޝްބާއެވެ. ރަނގަޅަށް ލޯ ފޮހެލާފައި ބަލާލީމެވެ. އެއީ ހަމަ އަޝްބާއެވެ. މީހާ ހުރީ ތެމި ފޯވެފައެވެ. އެތެރެއަށް ވަންނަން އަހަރެން ބުނީމެވެ. އެއްވެސް ސުވާލެއް ނުކޮށް އަޝްބާ އެތެރެއަށް ވަނެވެ. ހީކަރުވައިގަނެފައިވާ އެ ހަށިގަނޑުގައި ތުރުތުރެއް ހުއްޓެވެ.

އަހަރެން ބުނީ ކޮޓަރިއަށް ގޮސް އެއްޗެހި ބަދަލު ކޮށްލުމަށެވެ. އަޝްބާގެ އުޅުން މަޑުމައިތިރިއެވެ. އަހަރެންނަށް ސުވާލު އުފެދުނެވެ. ޝައްކުގެ ނަޒަރަކުން ބަލަހައްޓައިގެން ހުރެވުނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި ހިނިތުން ވެވުނީ އަހަރެން ހެދި ސިހުރުގެ ބާރު ގަދައީ ކަމަށް އުންމީދު ކުރަމުންނެވެ.

އިރުކޮޅެއް ފަހުން އަޝްބާ ނުކުތެވެ. ލައިގެން ހުރީ އަހަރެން ލާ ތަނުން ގަމީހެކެވެ. ބުރުގާއެއް ނެތެވެ. ހާވާލާފައިވާ އިސްތަށިގަނޑުގައި ތެތްކަން ހުއްޓެވެ. މޫނުމަތީ ކުޅެމުން ދިޔަ ފެން ތިކިތައް ބަބުޅަމުން ދިޔައެވެ. އަހަރެންނަށް ބަލަހައްޓައިގެން ހުރެވުނީ ކިހާ އިރެއް ވަންދެން ކަމެއް ނޭނގެއެވެ.

"ކިހިނެއް ވީ؟" އަޝްބާ ކުއްލިއަކަށް އެހިއެވެ. އަހަރެން އެއްޗެއް ނުބުނަމެވެ. އަތުގައި ހުރި ނޫޑްލްސް ތަށި ދިއްކޮށްލީމެވެ.

"އަހަރެން މިއައީ ކީއްކުރަންތޯ ނާހާނަންތަ؟" ސޯފާގައި އިށީނދެލަމުން އަޝްބާ އެހިއެވެ.

"ކީއްކުރަން؟ މި އޮއް ރޭގަނޑު ކޮންތާކަށް ތި ދަނީ؟ ހަމަ މި ގެއަށްތަ ތި އައީ؟" އަހަރެން ވެސް ސޯފާގައި އިށީނީމެވެ.

"އާނ. އަހަރެން މި އައީ ހާމިޒް ގާތަށް. އަހަރެން ބޭނުމެއް ނޫން އެ ކައިވެނި ކުރާކަށް. ބޭނުންވަނީ ހާމިޒްގެ މީހަކަށް ވާން،" އަޝްބާ އަހަރެންނާ ގާތަށް ޖެހިލަމުން ބުންޏެވެ. އަހަރެން ގައިން ހީބިހި ނަގައިގަތެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް