އިލަސްޓްރޭޝަން: ސައްޔާފު ޒަނީން

ވާހަކަ

ވާހަކަ: ޕަޅަންދީޕާ

އެއީ ލައިނޫފަރު މަލުގެ ފިޔަތަކާއި ކަރުގަނޑު ސިފަވާ ކުދި އުށްބައްތިތަކަކުން ދިއްލާފައި އޮތް މަޖިލީހެކެވެ. އަށް ފިޔަ ސިފަކޮށް ދަނބުކުލަ އާއި ފިޔާތޮށިކުލައިން ހަދާފައިވާ އޭގެ ކޮންމެ އުށްބައްތިއެއް ގޮށްމުށެއްހާ ބޮޑެވެ. ވަށް ބުރުހަމަކޮށް ވަރަށް ފަރުވާތެރިކަމާ އެކު އެ އުށްބައްތިތައް އަތުރާފައި ވަނީ އެތަނުގެ މެދުގައި ހިރިގައު އަތުރައިގެން ހަނދު ބުރެއްގެ ސިފައަށް ހަދާފައިވާ ބޮޑު މޭޒެއްގެ މަތީގަ އެވެ. އުށްބައްތީގެ އަލިން މުޅިތަން ދިއްލިފައި އޮތްއިރު ހިރިގަލުގެ އެ މޭޒުމަތީގައި ކަނޑާނަގައި ކުރަހާފައިވާ ތަރިތަކާއި ތީރުތަކާއި ތެލާޕިޔާ މަސްތަކަށް ހީވަނީ ދިރުން އެޅިގެން އަންނަހެންނެވެ.

މިއީ ސޯމަވަންސަ ވަންހައިގެ ސިއްރު މަޖިލީހެކެވެ. ވީރަދޭވާގެ ހާތޫރު ވަންސައާ ދެކޮޅަށް ކޮއިމަލާގެ ޖާސޫސުން އެއްކޮށްފައިވާ އެންމެ ފަހުގެ ސިއްރުތައް އޭނާގެ ސެނާޕަތި ފައުޒުގެ ބޮޑުންނާ ހިއްސާކޮށް ސައްލާކުރުމަށް ރަން ކުލައިން ދިއްލާފައިވާ މަޖިލީހެކެވެ.

ވީރަދޭވާ އަކީ ޕަޅަންދީޕާއޭ ކިޔުނު ރާއްޖެއެއްގެ ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ރަސްކަމުގެ މައި ތަހުތުގައި އިންނެވި މަހާރަދުންނެވެ. ކުލަ ސުދަ އިރަ ކައްތިރި ބަވަނަ މަހާ ވީރުގެ ކޮލީނަންފުޅުން ގަދަފަދަކަމުގައި ޒީނަތްތެރިވެ އަތްގަދަކުރައްވައިގެން ހުންނެވި އެފަދަ ދެވަނައެއް ނެތް ޝަހުސިއްޔަތެކެވެ. އޭނާގެ ތަހުތުގެ ދަށުގައި އޭރު އޮތީ މިލަޑުންމަޑޫވާ އިން ފަށައިގެން ދެކުނަށް ގޮސް ކަޅުމަޑޫވާއޭ ކިޔުނު އަތޮޅަކާ ދެމެދުގައިވީ ހުރިހާ ހިކިފަސް ބިމަކާއި ރަށަކާއި ކަނޑަކާއި ފަޅަކާއި ގިރިއެކެވެ. ވީރަދޭވާ އަކީ އެފަދަ ދެ ވަނައެއް ނެތް ގާއިދެކެވެ. ހަނގުރާމައިގެ ފަހުލަވާނެކެވެ.

އޭނާ ލޯ އަޅުއްވަމުން މިހާރު އެ ދަނީ އަވައްޓެރި ލަންކާ ވެސް ހާތޫރު ތަހުތުގެ ދަށަށް ގެންދިއުމަށެވެ. މުޅި ލަންކާ އަޅުވެތިކޮށް އޭނާގެ ބާރުގެ ދަށަށް ގެންދިއުމަށެވެ. މިއީ ސޯމަވަންސައިގެ ޒުވާން ފަހުލަވާނު، ކޮއިމަލާކަލޯ އެއްކޮށްފައިވާ ޖާސޫސީ މައުލޫމާތެވެ. އަދި މަލިކާއި އައްޑޫއާ ދެމެދުގައި ވީ ހުރިހާ ރަށެއް، މައި އެއް ތަހުތުގެ ދަށަށް ގެނެސް ބަނދެލެއްވުމަށް ސޯމަވަންސަ އިން ގެންގުޅޭ ވިސްނުމާއި ސިޔާސަތަށް ވަރަށް މުހިންމު ދޮރެއް ހުޅުވައިދޭ މައުލޫމާތެކެވެ.

ސިލޯނުކަރައިގެ ޝާހީ ހާންދާނު ތެރޭގައި އުފެދިފައި އޮތް ބައިބައިވުމުގެ ފައިދާ ނަގައި ލަންކާ ހިފުމަށް ވީރަދޭވާ ރުކުރަވައިލަމުން އެ ގެންދަނީ އޭނާގެ އެންމެ ކުޅަދާނަ އަދި އެންމެ ގަދަފަދަ ލަޝްކަރެވެ. މި ލަޝްކަރަށް ނިސްބަތްވާ ސެނާޕަތި ފައުޒުތަކަކީ ސަރަހައްދުގައި ވެސް ނެތް ވަރުގެ ކުޅަދާނަ ކޮމާންޑަރުންނާއި ޖެނެރަލުންނާ އެކުގައި އެކުލަވާލާފައިވާ ބޮޑު ލަޝްކަރެކެވެ. އަދި މި ފަހުލަވާނުން ގޮވައިގެން ވީރަދޭވާ، އޭނާގެ ތަހުތާ އެތައް ސަތޭކަ މޭލު ދުރަށް ވަޑައިގަތުމަކީ ރަސްމަހަލް އަތޮޅުގައި ގާއިމުކޮށްފައިވާ މި ތަހުތު އިންތިހާއަށް ބަލިކަށިވެގެންދާނޭ ދަނޑިވަޅެކެވެ.

އެހެންކަމުން ޕަޅަންދީޕާގެ އެންމެ އުތުރުގައި އޮތް މަލިކަތޮޅާއި ތިލަޑުންމަތީގައި އަތްގަދަކޮށްގެން އުޅުނު އިންޑިއާގެ ރާޖާ ޑާޑާގެ ސަފުތަކާ ދެކޮޅު ހަނގުރާމާގައި ސޯމަވަންސަގެ ލަޝްކަރަށް ކުރި ލިބި އެ ހިސާބުގަނޑުގައި މަގާމުތައް ކަށަވަރުވަމުންދާ އިރު، މައި ތަހުތަށް ކުރިމަތިވާން އުޅޭ ބަލިކަށިކަމުގެ ފައިދާ ނުނަގަންވީ އެއްވެސް ސަބަބެއް ކޮއިމަލާކަލޯއަކަށް ނުފެނެ އެވެ. އޭނާގެ ހަނގުރާމަވެރި ބޮޑުންނަށް އޭނާ ދޭ އުފާވެރި ޚަބަރަކީ މި އެވެ.

ކޮއިމަލާގެ މި ހުށަހެޅުމާ އެކު ދެން އިވުނީ ގަދަފަދަވެގެންދީ އަޑުފަށްގަނޑެކެވެ. ސައްލާކުރަން އެއްވެ ތިބި ގޭގެ ފުރާޅުގަނޑު މަތީގައި ބާރަކަށް އެއްޗެއް އައިސް ޖެހުނު ގަދަ އަޑުފަށްގަނޑެކެވެ. ހީވީ ކޮއިމަލާގެ ވަންސައެކުގައި މި ބިމުން ނައްތާލުމަށް ވީރަދޭވާގެ ލަޝްކަރުން ހޮނުގުގުރިއެއްހެން ބޮޑުބަޑީގެ ހަމަލައެއް އެމީހުންގެ ބޮލަށް ވައްޓާލިހެންނެވެ. އެންމެން ދިޔައީ ތިބި ތަނުން ސިހިގެންނެވެ. އެއާ އެކު މަޖިލިސް ތެރޭގައި އެނބުރިގަތް ރޯޅިގަނޑަކާ އެކު ބައެއް އުށްބައްތިތައް ވެސް ނިވިއްޖެ އެވެ. ވެރިވެފައި އޮތް ފަނޑު އަލިކަމުގެ ތެރޭގައި މިހާރު ސެނާޕަތި ފައުޒުގެ އެންމެން އެތިބީ ކޮޅަށެވެ. ހަންޖަރުތަކާއި ކަނޑިތައް އުރަތަކުން ދަމައިގަނެ ހުސިޔާރުވެގެންނެވެ.

ޒުވާން ކޮއިމަލާ ހުރީ އެ އެންމެންގެ ތެރޭގައި މަޑުކޮށްލައިގެންނެވެ. އޭނާގެ ސިފައިންގެ ފުރިހަމަ ހިމާޔަތުގަ އެވެ.

ކުއްލިއަކަށް ވައި ބާރުކޮށްލައިފި އެވެ. ވާނުވާ ނޭނގި ތިބެފައި ސެނާޕަތިން ހަތިޔާރުތަކާ އެކު މުޅި މަޖިލީހުގައި އެކި ގޮތްގޮތަށް އެތުރެން ފަށައިގަތެވެ. އެމީހުން ސިއްސުވައި ފަހަތަށް ޖައްސާލީ ގަދަކޮށްލި ރޯޅިގަނޑެއްގައި ލުއްސުވާލައިގެން އެމީހުންނާ ދިމާލަށް އުދުއްސައިގެން އައި ދޮރުފަތްގަނޑެވެ. ކުރެހުން އެޅި ހައިވަކަރުގެ އެ ދޮރުފަތްގަނޑު ވިއްސައިގެން އައިސް މައިތިރިވީ އުށްބައްތިތައް އަތުރާފައި ހުރި ހިރިގަލުގެ މޭޒު މައްޗަށެވެ. އެއާއެކު މުޅި މަޖިލިސް އެއްކޮށް އަނދިރިކަމެއްގެ ތެރެއަށް ދަމައިގަތެވެ. އަދި ދިރޭ ނުބައި ހައިވާނެއްގެ ހޭރުމުގައި ވައިގެ ރޯޅިތައް މަޖިލިސް ތެރޭގައި އެނބުރިގަތެވެ. ހީވަނީ ލޮލަށް ނުފެންނަ ރޫހާނީ ނުބައި ބާރުތަކެއް އެމީހުންގެ ތެރެއަށް ވަދެގެން އުޅޭހެންނެވެ.

ކޮއިމަލާ އެކުލަވައިލި ބިރުކުޑަ ފައުޒު މިހާރު އެ އޮތީ ބިރުން ކުޑަވެފަ އެވެ. އެންމެން ގޮސް ވަދެ ތިބީ ކޮއިމަލާކަލޯގެ ފަހަތަށެވެ. އޭރު ބޭރުތެރެއަށް ފެތުރިގެންފައިވާ ހަނދުވަރުގެ ފުސް އަލިކަން ވަރަށް ރީއްޗަށް، ހަލާކުވެފައިވާ ދޮރާ ދިމާލުން އެމީހުންނަށް ފެނެއެ ވެ.

މިހެން ތިއްބައި މަތިން ވެއްޓިގެން އައިސް ދޮރުމަތީގައި ޖެހުނުތަން ފެނުނީ ޒުވާން އަންހެނެކެވެ. އެއީ އެމީހުން ދުވަހަކު ވެސް ލޯދެކެފައި ނުވާ ގޮތަކަށް ހެދުން އަޅައިގެން އޮތް އަންހެނެކެވެ. އޭނާ އޮތީ މަތިން ވެއްޓިގެން ގޮސް ޖެހުނު ގޮތަށް ހިރިވެސް ނުލައި އަނގަވަތަށެވެ.

ނަމަވެސް އެ އަންހެން މީހާއަށް ވެފައި އޮތް ގޮތެއް ބެލުމަށް މަޖިލީހުން ބޭރަށް ނުކުންނާކަށް އެންމެ ފުރަތަމަ އެކަކަށް ވެސް ނުކެރުނެވެ. އެންމެ ފަހުން ދަރުބުރިއެއްގައި ތެޔޮފޮތިގަނޑެއް އޮޅައި އޭގައި ހުޅެއް ރޯކޮށްލައިގެން ބޭރަށް ނުކުތުމަށް ހިނގައިގަތީ ކޮއިމަލާ އެވެ. މަޑުމަޑުން އުރައިން ދަމައިގަތް ސިލްވަރުގެ ކުރެހުން އެޅި ކަނޑިކޮޅު އަނެއް އަތަށް ހެޔޮވަރުކުރަމުންނެވެ.

ކޮއިމަލާ ކުރިއަށް ޖެހެމުން ގޮސް ދޮރާ އަރައި ހަމަވިތަނުން އެ އަންހެން މީހާ ކުއްލިއަކަށް ތެޅިގަތެވެ. އަދި ފުންމައިގެން ތެދުވެ ކޮއިމަލާއާ ދިމާލަށް އެނބުރި ބަލައިލި އެވެ. ޒުވާން އެ އަންހެން މީހާ ވަނީ ބިރުގަނެފަ އެވެ. އޭނާއަށް ގިމާޔަތުގެ ބިރު ފެނިގެން އުޅޭ ކަހަލަ އެވެ. އެކަމަކު އެއީ ކޮއިމަލާ ދުވަހަކު ވެސް ލޯ ނުދެކޭ ވަރުގެ ރީތި އަންހެނެކެވެ. ހަތްރީތި ހުސްކުރި ފަންމިންޏެކެވެ.

ކޮންމެއަކަސް ހަނދުވަރުގެ ރިހި އައްޔާއި އަތުގައި އޮތް އަލިފާން ދަރުގަނޑުގެ އަލިން ވިދައި ބަބުޅަމުން ދިޔަ އެ ރީތިކަމުގައި ޖެހި ކޮއިމަލާ ފާޑަކަށް ހުއްޓުން އަރައިފި އެވެ. އަދި މި ދަނޑިވަޅުގެ ފައިދާ ނަގައި ފުންމައިގެން ތެދުވެ އެ އަންހެން މީހާ ފިލަން ދުރަށް ދުއްވައިގަތެވެ.

އޭނާގެ ފަހަތުން ކޮއިމަލާ ވެސް ދުއްވައިގަތެވެ. ނަމަވެސް އޭނާ އަނެއްކާވެސް ހުއްޓުން އެރީ އެވެ. މިފަހަރު ލޮލުގައި އަޅައިގަތީ ބިންމަތީގައި އޮތް ނޯޓުފޮތެކެވެ. ކައިވަތެއް ވެސް ހަމަނުވާ އެ ކުޑަކުޑަ ފޮތާ އަރައި ހަމަކޮށް އުރައަށް ކަނޑިލައި ކޮއިމަލާ އެ ދިމާލަށް ގުދުވެ މި ނޯޓު ފޮތް ނަގައި ހުޅުވާލި އެވެ. އަލިފާނުގެ ދަންމަރު ގާތްކޮށް ފޮތަށް ރަނގަޅަށް އަލިކޮށްލި އެވެ. ނަމަވެސް އޭގައި ލިޔެފައި ވަނީ ކޮއިމަލާއަށް ކިޔަން އެނގޭ ނުވަތަ ފަހުމުވާނޭ އަކުރުތަކެއް ނޫނެވެ. އެއީ ސާފު ތާނަ އަކުރާއި އިނގިރޭސި އަކުރުގެ ލަފުޒުތައް އެއްކޮށްގެން ލިޔެފައިވާ ގަނޑުތަކެކެވެ. އަދި އެއީ ކޮއިމަލާ ދުވަހަކު ވެސް ލޯދެކެފައިނުވާ ޒާތެއްގެ އަކުރުތަކެކެވެ. އަދި ފޮތެކެވެ.

ނަމަވެސް އެ ފޮތުގެ ބައެއް ގަނޑުތަކުގައި ކުރަހާފައިވާ ކުރެހުންތައް ވީ އޭނާއާ ކިތަންމެހާ ވެސް ރައްޓެހި ކުރެހުންތަކަކަށެވެ. އޭގެ ބައެއް ކުރެހުންތަކުން ފެންނަނީ ސޯމަވަންސަގެ ސިއްކައިގެ ނިޝާންތަކާއި ރަމްޒުތަކެވެ. ހަނދުބުރާއި ތަރިތަކާއި ލައިނޫފަރު މަލެކެވެ. ތެލާޕިއާ އާއި ކުރެހުން އެޅި ރިހި ކަނޑިކޮޅުގެ ޖޯޑެކެވެ. ދެބޯލީ ސާމަރާދޫންޏެކެވެ.

ނަމަވެސް ކޮއިމަލާ ހައިރާންކޮށް އަންތަރީސްކޮށްލި ކުރެހުމަކީ އެ ފޮތުގައި ކުރަހާފައިވާ އޭނާގެ މޫނުގެ ސިފަ އާއި ކަނޑިކޮޅު ސިފަކޮށް ގަލަމު ދެލިން ކުރަހާފައިވާ ކުރެހުމެވެ.

ހައިރާންވެ ހަދާނެ ގޮތް ހުސްވެ ކޮއިމަލާއަށް ބަލައިލެވުނީ ފިލަން ދުއްވައިގަތް އަންހެން މީހާވީ ދިމާލަކަށެވެ. އޭރު އޭނާ ގޮސް ލޮލުކޮޅަށް އޮބާލައިފި އެވެ. އަދި ވީރަދޭވާގެ ސިފައިންގެ ފައުޖެއްގެ އަޑުފަތްގަނޑާ އެކު ކޮއިމަލާ އާއި އޭނާގެ ސެނާފަތި ފައުޒު އެތަނުން ރައްކާވެއްޖެ އެވެ.

***

އަލާދީދީއަކީ ރާއްޖޭގެ ގައުމީ ޔުނިވާސިޓީގައި ކިޔަވައިދޭ ލެކްޗަރާއެކެވެ. އޭނާ އަކީ ދިވެހި ތާރީޚު ދިރާސާކުރައްވާ ޕްރޮފެސަރެކެވެ. އަދި އަނދިރިކަމެއްގެ ތެރޭގައި އޮތް ބޯދާ ދިވެހި ތާރީޚުގެ ހަގީގަތް ހޯދުމުގެ ރޭހުގެ އެންމެ ކުރީގައި އުޅުއްވާ ތާރީޚީ އިލްމުވެރިޔެއް ވެސް މެއެވެ. އޭނާގެ ހޯދުންތަކާއި ދިރާސާތަކަކީ ބައެއް ފަހަރަށް ހިޔާލުތަފާތުވުމުން ގައުމު އެކުގައި ބައިބައި ވެސްކޮށްލާ ނަޒަރިއްޔާތަކެކެވެ. ނަމަވެސް އޭނާގެ ހޯދުންތަކާއި ލިޔުއްވުންތަކާ އެއްފަދަ އެހެން މަސައްކަތްތަކެއް ބޯދާ ދިވެހިރާއްޖެއާ ބެހޭ ގޮތުން އެއްކުރެވިފައެއް ނުވެ އެވެ. އަދި ނާޖިލާ އަކީ ޔަގީނަށް ވެސް ޕްރޮފެސަރު އަލާދީދީގެ މި ތާރީޚީ ހޯދުންތަކާއި ހިޔާލުތަކުގެ އެންމެ ބޮޑު އެއް ޝައުގުވެރިޔާ އެވެ.

ނާޖިލާ ފިކްރީ އަކީ ރާއްޖޭގެ ފުރަތަމަ އަންހެން އާކިއޯލޮޖިސްޓެވެ. އަދި މި ޖަޒީރާ ރަށްތަކަށް ނިސްބަތްވާ ހަމައެކަނި އާކިއޯލޮޖިސްޓް ވެސް މެއެވެ. އަދި އަލާދީދީ އާއި މި ޒުވާން އާކިއޯލޮޖިސްޓް ގުޅުވައިދޭ ޝައުގުވެރިކަމަކީ ދެ މީހުންގެ ހިތުގައި ވެސް ރާއްޖޭގެ ބޯދާ ތާރީޚުގެ ކަނުއަނދިރި ކަމަށް ދޫވެފައިވާ ހިތެވެ.

ކޮއިމަލާކަލޯގެ ކުރިން ދިވެހި ރާއްޖޭގެ ތަހުތުގައި އިންނެވި ރަސްކަލެއްގެ އަސްލާއި ނަސަބާއި ހަގީގަތް ހޯދުމަށް ކުރެވޭ ބަހުސާއި އިލްމީ ދިރާސާތަކުގައި ދެ މީހުން ގުޅިގެން މަސައްކަތްކުރާތާ ފަސް ވަރަކަށް އަހަރު ވީ އެވެ. ކުރީގެ ދިވެހި ރާއްޖެ ނުވަތަ ޕަޅަންދީޕާ އޮތް ގޮތާއި އެ ޖަޒީރާ ރާއްޖޭގެ ތަހުތާއި ޝާހީ ޚާންދާނުގެ އެތެރެ ކޮއިލު އޮތް ގޮތް ދެނެގަތުމުގެ މި ދަހިވެތިކަމުގައި ދެ މީހުންގެ ހިތާއި ސިކުނޑި އޮތީ އެކަތިގަނޑަކަށް ބަދަލުވެފަ އެވެ.

ނަމަވެސް އިއްޔެއަކީ ރާއްޖޭގެ ތާރީޚީ ހޯދުންތަކާއި ގަދީމީ ދިވެހި ރާއްޖޭގެ ހަގީގަތަށް ފެންބޮވައިގެންފައިވާ މީހުންނަށް ވަރަށް ވެސް ހިތާމަވެރި ދުވަހެކެވެ. ކޮޅުމަޑުލު ވޭމަންޑޫ އިން އަލަށް ފެނުނު އާސާރީ ތަރަހައްދެއް ހޯދައި ބެލުމުގެ ހާއްސަ ދިރާސާއެއްގައި އުޅެނިކޮށް ކުރިމަތިވި ހިތާމަވެރި ހާދިސާއެއްގައި ނާޖިލާ އާއި އަލާދީދީ ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ.

އެ ހިތާމަވެރި ހާދިސާއަކީ އެތައް ބަޔަކު އަޖައިބުން އަޖާއިބު ވެސް ކޮށްލި ކަމެކެވެ.

ނާޖިލާ އާއި އަލާދީދީ އެމީހުންގެ ހާއްސަ ޓީމެއް ގޮވައިގެން ކުއްލި ގޮތަކަށް ކޮޅުމަޑުލަށް ފުރައިގެން ދިޔައީ އެ ރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއަކަށް ސަރުކާރުން އަލަށް ތަރައްގީކުރަމުން ދިޔަ ސަރަހައްދަކުން އާދަޔާހިލާފަށް ބޮޑު ތަރާގަނޑެއް ފެނުނު ޚަބަރު ލިބިގެންނެވެ. އަދި މީގެ ކުރިން ފެނިފައި ނުވާވަރުގެ ބޮޑު ހިރިގަލު ފޮއްޓެއް މި ތަރާގަނޑު ހިމެނޭ ތަރަހައްދުން ފެނުނު ޚަބަރު ލިބިގެންނެވެ.

ވޭމަންޑޫ އިން ފެނުނު ތަރާގަނޑަކީ ގާތްގަނޑަކަށް ސަތޭކަ ފޫޓުގެ ދިގު ސަރަހައްދެކެވެ. ފުޅާމިނުގައި ގާތްގަނޑަކަށް ސާޅީހަކަށް ފޫޓެވެ. މީގެ ކުރިން ރާއްޖޭގެ އެއްވެސް ރަށަކުން ފެނިފައި ނުވާހާ ބޮޑު ތަރާގަނޑެކެވެ. އެކަމަކު މި ތަރާގަނޑަކީ ކުރިން ފެނިފައިވާ އާންމު ތަރާގަނޑުތަކާ ހިލާފަށް، ވީރާނާވެ ވަޅުލެވިފައިވާ ބުދުފައްޅިއެއްގެ އާސާރެއް ނޫނެވެ. ފްލެޓް އަޅަން ކޮންނަމުން ދިޔަ އުސްބިމަކުން، ގާތްގަނޑަކަށް 15 ވަރަކަށް ފޫޓު އަޑިން ފައުޅުވި މި ތަރާގަނޑަކީ ބެލެވޭ ގޮތުގައި ރަސްކަލެއްގެ ކޮޓަރިކޮޅެކެވެ. ނުވަތަ ގަނޑުވަރުކޮޅެކެވެ. ނޫން ނަމަ އެއީ ސައްލާގެ ހިރިގަލު މަޖިލީހެކެވެ.

ނާޖިލާ އާއި އަލާދީދީގެ ޝައުގުވެރިކަން ވަކިން ބޮޑަށް މި ހޯދުމާ ދިމާލަށް ދަމައިގެން ދިޔަ ސަބަބެއް ވެސް އޮތެވެ. އެ ސަބަބަކީ އެމީހުން ދިރާސާކުރަމުން ދިޔަ ވަރަށް ހާއްސަ އާސާރުތަކެއް މީގެ ކުރިން ވޭމަންޑޫން ފެނުނު ސަރަހައްދާ މާ ދުރު ނޫން ހިސާބަކުން މި ހިރިގަލުގެ އާސާރާއި ހިރިގަލުގެ ބޮޑުފޮށިގަނޑު ވެސް ފެނުމެވެ. އެހެންކަމުން ދެ މީހުންނަށް ވެސް ގަބޫލުކުރެވުނީ އަލަށް ފައުޅުވި ތަރާގަނޑު ވެގެންދާނީ ބޯދާ ދިވެހި ރާއްޖޭގެ ކަޅު އަނދިރި ޒަމާނަށް އަލިކަމެއް ގެނެސްދޭނެ ދަންމަރަކަށް ކަމަށެވެ.

ސަބަބަކީ މީގެ 25 އަހަރު ކުރިން ވޭމަންޑޫން ފެނުނު ރަންފަށްކޮޅަކުން ރަސްކަމެއްގެ ޝާހީ ނިޝާނާއި ސިއްކަތަކެއް ފައުޅުވެފައިވާތީ އެވެ. އެހެންކަމުން އަލަށް ފެނުނު ތަރާގަނޑަކީ، ކަނުއަނދިރީގައި އޮތް ބޯދާ ދިވެހި ރާއްޖެ ނުވަތަ ދީވާމަހަލްގެ އެންމެ މުސްކުޅި ޝާހީ ހާންދާނަކީ ކޮބައިތޯ ބެލުމަށް ކުރާ ބަހުސާއި ދަތުރަށް ހުޅުވިގެން ދިޔަ ރަނުގެ ފުރުސަތަކާއި ދޮރެކެވެ.

ނާޖިލާމެންގެ ޓީމަށް ވޭމަންޑުއަށް ދެވުނުއިރު އިރުއޮއްސި އަނދިރިވެއްޖެ އެވެ. ނަމަވެސް ގެސްޓްހައުސް އަށް ގޮސް ރޭގަނޑުގެ ނިދީގައި އަރާމުކުރުމުގެ ބަދަލުގައި ޒުވާން އާކިއޯލޮޖިސްޓާއި ތާރީޚީ އިލްމުގެ ޕްރޮފެސަރު ނިންމީ ލޯންޗުން ފޭބި ގޮތަށް އެ ތަރާގަނޑުގެ ސައިޓަށް ދާށެވެ. ދަބަސްތައް ކޮނޑުގައި އަޅުވައިގެން އެމީހުންގެ ޓީމު އެތަނަށް ދިޔައިރު މުޅިތަން އޮތީ އާންމުންނަށް ނުވަދެވޭ ގޮތަށް ބަންދުކޮށް، މާކަރީ ލައިޓުތަކާ އެކު ހަފަރާތުން ދިއްލައި ހުދުއަލިން އަލިކޮށްލައިފަ އެވެ.

އެއީ ވޭމަންޑޫގެ މަޝްހޫރު މުންނާރު އުސްގަނޑާއި ރެނދިގެން ވެވޭ ކިޔުނު އަޑިގަނޑު ހުރި ސަރަހައްދެވެ. ކުރިން އެއީ ވަރަށް ބޯކޮށް ވާހެދިފައި އޮތް ޖަންގައްޔެކެވެ. ފަހުން އައި ތަރައްގީ އާއި އެކި ސަރުކާރުތަކުގައި ރަށުގެ މި ހިސާބުގަނޑު އެކި ގޮތްގޮތަށް ތަރައްގީކޮށްފައިވެ އެވެ. އެއް އިރެއްގައި އެތަނުގައި މަދަރުސާއެއް ވެސް ހުއްޓެވެ. ފަހުން އެ މަދަރުސާ ރަށުގެ އެހެން ހިސާބެއްގައި ޒަމާނީ ފެންވަރަށް ތަރައްގީކުރުމުން އެތަން އަނެއްކާވެސް ފަޅުވެ ވީރާނާވެގެން ދިޔަ އެވެ. އޭގެ ފަހުން އެތަން ރަށު އިންޖީނުގޭގެ އެކި ބޭނުންތަކަށް ވެސް ބޭނުންކޮށް އުޅުނެވެ. މީހުންނަށް އެކި ޒާތްޒާތުގެ ހުކުމް އިއްވި ކޯޓު އިދާރާއެއް ވެސް އެތަނުގައި ހުއްޓެވެ. ސިއްހީ މަރުކަޒުގެ ވަގުތީ އިމާރާތަކަށް ވެސް ބޭނުންކުރި އެވެ. އެކަމަކު ފަހުން ފަހުން އައިސް މުޅިން ވެސް ބޭނުންކުރަމުން ގެންދިޔައީ ސަރުކާރުގެ ގުދަން އިމާރާތެއްގެ ގޮތުގަ އެވެ.

އޭގެ އެތައް އަހަރެއް ފަހުން ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި މުޅި ރާއްޖެ ހިސޯރުކޮށްލި ކޮންޓްރީޓް ތަރައްގީގެ އިންގިލާބު އެންމެ ފަހުން ވޭމަންޑުއަށް ވެސް އައީ އެވެ. ސަރުކާރުން ނިންމީ ވޭމަންޑޫގެ މުންނާރު އުސްގަނޑާއި ރެނދިގެން ވެޔޮ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގައި ތަރައްގީކުރާށެވެ. މި އަޖައިބުކުރުވަނިވި ތަރާގަނޑެއް ބިމުގެ އަޑިން ފައުޅުވެގެން އައީ އެތަން އެފުށްމިފުށަށް ޖެހުމުގެ ތެރެއިންނެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އަދި ހެރިޓޭޖުގެ ޓީމާ އެކު ނާޖިލާ އާއި އަލާދީދީގެ މަސައްކަތް ފަށައިގަތީ އެތަނުގައި ފޭލިގެ ޖަހައި ރޭގަނޑުގެ ކެއުމަށް ފަހު ގަޑިން ގާތްގަނޑަކަށް އެރޭ ދިހައެއް ޖަހަން އުޅެނިކޮށެވެ. ގަނޑުވަރެއްގެ ކޮޓަރިކޮޅެއް ކަމަށް ބެލެވޭ އާސާރު ވަނީ އެކްސްކަވޭޓަރެއްގެ ދަތްގަނޑަކުން ޖެހި އެއްފަޅި އެއްކޮށް ހަލާކުވެފަ އެވެ. ހިރިގަލުގެ ސަންދޯކެއްހެން ހީވާ ދިގުފޮށިގަނޑު ފެންނަނީ ހަލާކުވެފައިވާ އެ ދިމާލު ތެރެއިންނެވެ. އެއްވެސް ވަރަކަށް ހަލާކުވެފައި ނެތް ހިރިގަލުގެ މި ފޮށިގަނޑަކީ ސަންދޯކެއް ކަމަށް ބުނެ ބައެއް މީހުން މިއީ ޒިޔާރަތެކޭ ވެސް ބުންޏެވެ.

ސަލާމަތީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅުތަކާ އެކު ނާޖިލާ ސައިޓަށް ފޭބީ އެކަމަށް ހާސްކޮށްފައިވީ ހަރުގަނޑަކުންނެވެ. އޭރު މެންދަމުން އަލިވެ ދޭއް ޖަހަނީ އެވެ. އަލާދީދީ އޭގެ ދިހަ ވަރަކަށް ފޫޓު ދުރުގައި، ފޭލިގެއެއްގެ ފެންޑާގައި ދުންބޮއެ ދުފައި ރަތްކޮށްލައިގެން ދިވެހި ކަޅު ތާރީޚުގެ ތެރެއަށް ބޯދިއްކޮށްލައިގެން އުޅެ އެވެ.

ދެން ތިބި އެންމެން ތިބީ ޝައުގުވެރިކަމާ އެކުގައި އެމީހުންނަށް ކަނޑައަޅާފައިވާ ދުރުމިނުގައި މަޑުކޮށްލައިގެންނެވެ. އެއް ބަޔަކު ދެ އަތް އުރާލައިގެންނެވެ. ދެ އަތް ޖީބަށް ޖަހާލައިގެންނެވެ. އަނެއް ބަޔަކު ސިނގިރޭޓު ބޮއެ ދުން އަރުވަނީ އެވެ. އެކަމަކު އެންމެން ވެސް އެ ތިބީ ނާޖިލާގެ ހަރަކާތްތަކަށް ހުއްޓި ގެއްލިފަ އެވެ. ހިރިގަލުގެ އެ ސަންދޯކުގައިވީ އެއްޗެއް ބެލުމަށް ކެތްމަދުވެފަ އެވެ.

މި ސައިޓުގައި އެ ހިތާމަވެރި ހާދިސާ ހިނގީ އެ އެންމެން މި މަންޒަރަށް ގެއްލިފައި ތިއްބަ އެވެ. އޭރު ފަތިސްތަރި ގުރަހައިން ފައުޅުވެއްޖެ އެވެ.

އެންމެ ފުރަތަމަ ހެލިގަތީ ބިންގަނޑެވެ. ކޮނެފައި އޮތް ވަޅުގަނޑާ ދިމާލު އެކުގަ އެވެ. ފޭލިގެތަކުގައި ޖަހާފައިވީ ދަގަނޑު ހޮޅިތައް ވެސް ތެޅިގަތެވެ. ދެން ހީވީ އެ ވަޅުގަނޑުގެ ތެރޭގައި ހުރި ފަސްތަކުގެ ތެރެއިން ފަލަ ހަރުފައެއްހެން ހީވާ ޒާތެއްގެ ބިޔަ ސޫތްޕެއް ދެމެން ފެށިހެންނެވެ. ބިންގަނޑު ތެރެއިންނެވެ. އޭރު ނާޖިލާ ގޮސް ވަދެ އޮތީ ހިރިގަލުގެ އާސާރު ތެރެއަށެވެ. އެތެރޭގައި އޮތް ހިރިގަލު ފޮށިގަނޑުގެ މަތިގަނޑު ހުޅުވަން ތައްޔާރުވެގެންނެވެ.

ނަމަވެސް ބިންގަނޑުގެ އަޑިން އަރަން ފެށި ލޮޅުންތަކާ އެކު އޭނާ ވެސް ހާސްވެ ފިނިވެ ހުއްޓުން އަރައިފި އެވެ. އަދި ހަޅޭއްފަޅޭއްޖަހައިގަތްގަތުމާ އެކު އެތަން ދޫކޮށް ބިރުން ދުއްވައިގަތް މީހުންތައް ފެނުނުއިރު، ކޮނެފައިވާ ވަޅުގަނޑު ވަށައިގެން އޮތް ބިންގަނޑު ކަނޑައިގެން އެތަންމިތަނުން ފަސްގަނޑު ވަކިވެ ކުދިކުދިވަނީ އެވެ. އަޑިއަށް ގަނބަމުން، ދަމަމުން ދިޔަ ބިންގަނޑު ވަށައިގެން އޮތް ދިމާލުން ފެންނަ ފަށަލަތަކުގެ ތެރެއިން ތަރަތަރަޖަހަމުން ނިކަން ގަދަ ނޫ އަލިގަނޑެއްގެ ދޯދިތަކެއް އެ ދިމާލުން އޭރު ވަނީ ނުކުމެފަ އެވެ. މުޅި ހިސާބުގަނޑު މަޑު ނޫކުލައަކުން ދިއްލާލައިފި އެވެ. ސައިޓަށް އަލިކުރަން ހަރުކޮށްފައި ހުރި މާކަރީލައިޓްތައް އޭރު ވަނީ ތަޅައިގެން ގޮސް ނިވިފަ އެވެ.

ދިވެހި ކަޅު ތާރީޚުގެ ތެރެއިން ބޯދަމައިގަނެގެން ތެދުވެ އަލާދީދީ ދުއްވައިގަތީ އާސާރުގެ ވަޅުގަނޑާ ދިމާލަށެވެ. އޭރު ބިންގަނޑު އެކުގައި ކަނޑައިގެން މުޅި އެ ވަޅުގަނޑު ހުރި ގޮތަށް އަޑިއަށް ދަމައިގެންފި އެވެ. ނާޖިލާ މިހާރު ފެންނާކަށް ވެސް ނެތެވެ. ހަދާނެ ގޮތް ހުސްވެ ހިރިލަން ނޭނގި ހުއްޓައި ބިންގަނޑު ކަނޑަމުން ބައިބަޔަށް ވަކިވަމުން އައިސް އަލާދީދީ ހުއްޓި ހުރި ހިސާބު ވެސް އެންމެ ފަހުން އަޑިއަށް ދަމައިގަތެވެ.

ސަލާމަތްވުމަށް އޭނާ ތެޅިގަތެވެ. ނަމަވެސް ހިފެހެއްޓުމެއް ނެތި އެ ވަޅުގަނޑުގެ ތެރެއަށް ދަމަމުން ދިޔަ ވެއްޔާއި ވަށައިގެން ޖަހާފައި ހުރި ފޭލިގެތަކާއި އޭނާގެ އެ ހުރިހާ ތާރީޚީ ހޯދުންތައް ވެސް ވަޅުގަނޑުގެ ތެރެއަށް ޖަހައިގަނެގެން، ދަމައިގަނެގެން ގެންގޮސްފި އެވެ. އެތަނުގައި އުފެދި ކެކިއަރަމުން ދިޔަ ލޮޅުންގަނޑު މައިތިރިވީ އެއަށް ފަހު އެވެ.

މި ބިރުވެރިކަމަށް ފަހު އެ ވަޅުގަނޑުގެ ތެރެއިން ފެންނަމުން ދިޔަ ހަމައެކަނި އައްޔަކީ ދިގު ރޮނގެއްގެ ސިފައަށް އެ ވަޅުގަނޑުގެ މެދުން މައްޗަށް އަރައިގެން ގޮސް ގުރަހައިގެ ތަރިތަކާ ހަމައަށް ދިއްލިފައިވީ ގަދަފަދަ ނޫ އައްޔެވެ. އެކަމަކު މިހާރު އެ ވަޅުގަނޑުގެ ފުންކަމުގައި ނިމުމެއް ނުވެ އެވެ. އެތަނުގައި ވަނީ ފުންވެގެންވީ އަނދިރިކަމެކެވެ. ކާއިނާތެއްގައި ވީ ފުންކަމާއި އަނދިރިކަމެވެ. ނިމުމެއް، ހުސްވުމެއް ނެތް ހުސްކަމެވެ.

ވަޅުގަނޑު ތެރެއަށް ދަމައިގެން ގެންދިޔަ ގޮތަށް ނާޖިލާ އަދިވެސް ދެމެމުން އެ ދަނީ އެ ހުސްކަމާއި ކަނުއަނދިރީގައި ހެދިފައިވީ ހޮއިކަމުގެ ތެރެއިންނެވެ. އޭނާގެ އެއްވެސް ބާރެއް ނެތެވެ. ނުވަތަ އޭނާގެ އެއްވެސް ބާރެއް ނުހިނގާ ދަތުރެއްގައި ކަނުއަނދިރިކަމެއްގެ ތެރެއިން އެނބުރެމުން އެ ގެންދަނީ މުޅިން އައު ދުނިޔެއަކަށެވެ.

ހުރިހާ ހިއްސެއް ނާޖިލާއާ ބައްދަލުކުރީ މިހެން ދައުރުވާތާ އެތައް އިރެއްވީ ފަހުންނެވެ. ނުވަތަ އެއީ ފަޅި ސިކުންތެއްގެ ދަތުރެކެވެ.

މުޅި މީހާގެ ހަތަރެސްފައިގައި ބައްދައިގަތް ހިއްސުތަކާ އެކު ކުއްލިއަކަށް ލޯ ހުޅުވައި ބަލައިލެވުނެވެ. އެވަގުތު ހީވީ މަތިން ވެއްޓިގެން ގޮސް ތަނެއްގައި ޖެހުނު ހެންނެވެ. ކަނދުރާ ބިންދައިގެން ދިޔަހެންނެވެ. ކަށިތައް ކުދިކުދިވިހެންނެވެ.

ރަނގަޅަށް ހޭވެރިކަންވީއިރު އޭނާ އޮތީ ބިންމަތީގަ އެވެ. އަނގަވަތަށް ޖެހުނު ގޮތަށް ހިރިނުލެވިފަ އެވެ. އެތަނުން ތެދުވާން އިރުކޮޅެއް ނެގި އެވެ. ތެދުވެ އެނބުރި ބަލައިލުމުން ފެނުނީ އަލިފާނުގެ ދަންމަރެއް ހިފައިގެން އަނެއް އަތަށް ކަނޑިއެއް ހެޔޮވަރުކުރަމުން އޭނާއާ ދިމާލަށް ކުރިއަށް ޖެހެމުން އަންނަ މީހެކެވެ. އެއީ ޖާނުން ވަރުގަދަ ކަޅު ފިރިހެނެކެވެ.

ނާޖިލާ ބިރުން ދުއްވައިގަތެވެ. އެވަގުތު އެތަނަށް ވެއްޓުނީ ދިވެހި ކަޅު ތާރީޚުގެ ހުރިހާ ޝައުގުވެރި ވާހަކަތަކެއް އޭނާ ރައްކާކޮށްފައިވީ ކުޑަކުޑަ ނޯޓު ފޮތެވެ.

އަލިފާނުގެ ދަންމަރު ހިފައިގެން ކުރިއަށް ޖެހެމުން އައި ޒުވާން ފަހުލަވާނު ނަގައި ހުޅުވާލީ އެ ނޯޓު ފޮތެވެ.

(މި ވާހަކައިގައި ދެން އޮތް ބައި މާދަމާ)

ކޮމެންޓް (7)

ޝިޔާ

7 އޭޕްރީލު 2023
ދެވިހިފައިފި. ވާގޮތް އިނގެން ކެތްމަދުވެއްޖެ. ވަރަށް ސަޅި.
0 0

ާއަކޫ

30 މާރިޗު 2023
ވަރަށް ސަޅި.
1 0

ފޫޅު އަލިބޭބެ

27 މާރިޗު 2023
ވަރަށް ޝައުގުވެރިކޮށް ބޭބެއަށްވެސް ކިޔައި ލެވުނު ވާހަކައެއް.
2 0

މަރުމަރު

26 މާރިޗު 2023
ނަދީމް. ކޮބާ ސަންގުމަރުމަރު ހިލަ. ސެންޓު ޖަހައިގެން މީޓިން އަށް ދިޔަބައި
2 0

ހިއުހިއު

26 މާރިޗު 2023
މިއީ ހަމަ އެއްވަނައިގެ ވާހަކައެއް. ވަރަށް ރީތި ވަރަށް ތަފާތު ވާހަކައެއް. އަނެއް ބަޔަޢް ކެތްމަދުވެއްޖެ
1 0

ޢެދުރު ފޭން

26 މާރިޗު 2023
މީ އެދުރު ތަ؟ ކޮބާ ރީތި ހައްވަ؟
1 1

ލަތީފާ

26 މާރިޗު 2023
ވަރަށް ސަޅި ނަދީމް މިކަހަލަ ތާރީޚީ އަދި ހިޔާލީ ޖޯންރަައަށް ލިޔާ ވާހަކަތައް މަށަށް އެންމެ ކަމުދަނީ. ޔޫ އާ ސޯ އަންޑްރޭޓެޑް.
4 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް