"މީ އިޝްގް"ގެ ދެ ދަރިން ކަމަށްވާ އާމިނަތު ރަޝްފާ އާއި ޝަރަފު އަބްދުﷲ

އަޒަހާންގެ ފުރަތަމަ ފީޗާ ފިލްމު 'މީ އިޝްގު' ލޯންޗްކޮށްފި

ޒުވާން ފިލްމް ޑިރެކްޓަރު އަދި ލިޔުންތެރިޔާގެ ފުރަތަމަ ފީޗާ ފިލްމު ބިނާކުރަނީ ލޯބީގެ ވާހަކައެއްގެ މައްޗަށް
16 މާރިޗު 2023

ދިވެހި ސިނަމާގެ ކުރިއަރަމުން އަންނަ އެއް ނަން ކަމަށް ވާ ލިޔުންތެރިޔާ އަދި ޑިރެކްޓަރު އަޒްހާން އިބްރާހިމް އޭނާގެ ފުރަތަމަ ފީޗާ ފިލްމު 'މީ އިޝްގް' ރަސްމީކޮށް ލޯންޗްކޮށްފި އެވެ.

'ދަރަކަ' އާއި މިހާރު ބައިސްކޯފުން ސްޓްރީމް ކުރަމުން އަންނަ 'މިރާއީ'އާ އެކު އޯޑިއަންސަށް އޭނާގެ ވާހަކަތަކާއި ޑައިރެކްޝަންގެ ހުނަރު ފާހަގަކުރެވޭނެ އެވެ.

ޑިރެކްޓަރު އަޒްހާން (ކަނާތް ފަރާތުން ދެވަނަ) އޭނާގެ އުފެއްދުންތަކުގެ ބައެއް ބައިވެރިންނާ އެކު (ފޮޓޯ މީ އިޝްގް ފޭސްބުކް)

މި ދެ ސީރީސްއަކީ ވެސް ކްރައިމް ތްރިލާ ޖޯންރާއަށް ފެތޭ، ދިވެހި އިޖުތިމާއީ މައްސަލަތަކަށް އަލިއަޅުވާލާފައިވާ އުފެއްދުންތަކެވެ.

މިއާ ހިލާފަށް، އޭނާ ބޮޑު ސްކްރީނަށް މި ދޫކޮށްލަނީ، ލޯބީގެ އަސަރު ގަދަ ވާހަކައެއް ކަމަށް ބެލެވެ އެވެ.

ފިލްމުގެ ޕްރޮޑިއުސަރަކީ ލީނާާޒް ހުސެން އެވެ. ލީޑް ރޯލް އިން ފެންނާނީ އާމިނަތު ރަޝްފާ، އާއްމު ނަމުން ނަމަ އާޝާ އެވެ. ފިރިހެން ލީޑެއްގެ ގޮތުގައި އުޅެނީ ޝަރަފް އަބްދުﷲ އެވެ.

އާޝާ ބުނި ގޮތުގައި މިއީ އަޒްހާންގެ އުފެއްދުންތައް ފެނިފައި އޭނާއާ އެކު ގާތުން މަސައްކަތް ކުރަން ބޭނުންވެފައި ހުއްޓާ ލިބުނު ފުރުސަތެކެވެ.

ސީރީސްތަކެއްގެ މަސައްކަތަށް ފަހު، މިދިއަ އާދިއްތަ ދުވަހުގެ ރޭ އެސްްއެމްއީ ހަބްގައި އޮތް އިވެންޓެއްގައި އަޒްހާން ވަނީ އޭނާގެ ފުރަތަމަ ފީޗާ ފިލްމުގެ މަސައްކަތް ރަސްމީކޮށް ލޯންޗްކޮށްފަ އެވެ.

ޑިރެކްޓަރު އަޒްހާން (ވ) އާއި ފިލްމުގެ ފިރިހެން ލީޑު ތަރި ޝަރަފް މިީ އިޝްގްގެ މަސައްކަތް ލޯންޗުކުރުމުގެ ހަފުލާގައި (ފޮޓޯ މީ އިޝްގް ފޭސްބުކް)

ފިލްމްގެ މިއުޒިކް މަސައްކަތްތައް ކުރާނީ ދިވެހި މިއުޒިޝަން އަހުމަދު ޝަހީދު، ޝަހީދު ލެގަސީ އެވެ.

ފިލްމާ ގުޅޭ ފުރަތަމަ އިވެންޓްގައި ފިލްމާ ބެހޭ މާ ބޮޑު ވާހަކަތަކެއް އަޒްހާން ހާމަކޮށްފައެއް ނުވެ އެވެ.

އޭނާ 'ދައުރު'އަށް ބުނީ ފިލްމްގެ ސްކްރިޕްޓްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. 

"ސްކްރިޕްޓް ނިމި، ސްކްރިޕްޓް ރީޑިން އަދި ޕްރީ ޕްރޮޑަކްޝަން މިހާރު ކުރިއަށް ދަނީ. ފިލްމުގެ ކޮސްޓިއުމް އަދި ލަވަތައް ނިންމުމަށް ފަހު، ރޯދައިގެ ފަހުން ޝޫޓިން ކުރިއަށް ދާނެ،" އަޒްހާން ބުންޏެވެ.

'މީ އިޝްގު'ގެ ލީޑް ތަރިން ކަމަށްވާ އާޝާ އާއި ޝަރަފް (ފޮޓޯ މީ އިޝްގް ފޭސްބުކް)

އަޒްހާން ބުނީ ފިލްމަކީ އޮރިޖިނަލް ސްކްރީން ޕްލޭއެއް ކަމަށެވެ. އަސަރުގަދަ ވާނެ ލޯބީގެ ވާހަކައެއް ކަމަށް ވެސް ބުންޏެވެ.

މީގެ ކުރިން ހަދާފައިވާ 'ޑާކް' އެއްޗެއްސާއި މި ފިލްމް ތަފާތުވާނެ ސަބަބަކީ ފިލްމު ބަލާ މީީހުންގެ އިހްސާސާ ވަރަށް ބޮޑަށް ކުޅެލުމެވެ.

"ލޯބީގެ އަސަރު ގަދަ ވާހަކައެއް. މިއީ އާއިލާއާ އެކު ވެސް، އެންމެން ވެސް ގޮސް ބަލާލަން ކަމުދާނެ ފިލްމެއް. އެންމެ ހިތް ހަރު މީހާ، ނުވަތަ ރޯލަން ބޭނުންނުވާ މީހާ ވެސް ފިލްމު ބަލާފައި ރޯނެ،" އަޒްހާން ބުންޏެވެ.

'މީ އިޝްގް' އޮލިމްޕަހަށް އަންނާނެ ވަކި ތާރީހެއް ބުނަން އަޒްހާނަށް އަދި ދައްޗެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް