ވާހަކަ: ހަޔާތުގެ ސިއްރު

ވާހަކަ

ވާހަކަ: ހަޔާތުގެ ސިއްރު

13 މާރިޗު 2023

އެޕިސޯޑް 18

ފައިސަލް މާޔޫސްވިއެވެ. ފިރިމީހާގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާނެ އެއް ދުވަސްވަރު، ވަކިން އުޅެން ރަމްލާ ބޭނުންވީ ކީއްވެ ބާވައެވެ؟ ފައިސަލްގެ ގެއިން ރަމްލާއަށް ނުލިބެނީ ކޮން އުފަލެއް ހެއްޔެވެ؟ ރަމްލާގެ ބޮލަށް އުނދަގޫވާންވީ އެގޭގެ ކޮން ކަމަކާ ހެދިހެއްޔެވެ؟ ރަމްލާ އެއް ކަމެއް ނުކޮށް އޮތަސް އެކަމާ ކުދިކިޔާނެ މީހަކު ނުހުންނާނެއެވެ. ޒިންމާއެއް އުފުލަން ބޭނުން ނުވާ ނަމަ އެގޮތަށް ވެސް އުޅެވެން އޮންނާނެއެވެ. އެހެން ނަމަވެސް އެއިން ކަމަކާ މަޝްވަރާ ކުރަން ވެސް ރަމްލާ އަދި ތައްޔާރު ނޫން ކަން ފައިސަލް އަށް އެނގެއެވެ. ރަމްލާގެ ނިންމުން ފައިސަލް ގަބޫލު ކުރީ އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ކޮށްގެންނެއް ނޫނެވެ. އެހެން ނަމަވެސް އިތުރަށް ރަމްލާ ހިތްހަމަނުޖެހޭ ކަމެއް ކޮށްގެން ދެމައިންގެ ސިއްހަތަށް ވެސް ވާނީ އިތުރު ގޯހެއް ކަން އެނގޭތީއެވެ.

އެ މައުލޫއުއިން ކުރިޔަށް ދާކަށް ފައިސަލް ބޭނުމެއް ނޫނެވެ. ރަމްލާއާ އެކު ހޭދަކުރަން އެ ލިބޭ މަދު ވަގުތުކޮޅު އެގޮތުގައި ދުއްވާލާކަށް ފައިސަލް ނޭދެއެވެ. އެހެން ނަމަވެސް އެ ގޭގައި އުޅުމަށް މާލީގޮތުން ބޭނުންވާ ހުރިހާ ކަމެއް ފައިސަލް ހަމަޖައްސައިދެއެވެ. އަދި އެއްވެސް ކަމެއްގައި އެހީތެރިކަމެއް ބޭނުންވެއްޖެ ނަމަ އެކަމެއް ވެސް ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ފައިސަލް ދެއެވެ. އެހެންކަމުން ދިރިއުޅުމުގެ އެ ހަގީގަތް ފައިސަލް އެވަނީ މިހާރު ގަބޫލުކޮށްފައެވެ.

އެހެން ނަމަވެސް ރަމްލާ ކަންތައް ކުރަމުން އެދާ ގޮތް ބަލައިގަންނަން އެހެން މީހުންނަށް ފަސޭހައެއް ނުވިއެވެ. ހާއްސަކޮށް އެންމެ ގާތުގައި އުޅޭ ދޮންތައަށް އެކަން ބަލައެއް ނުގަނެވުނެވެ. ދޮންތައަށް އުނދަގޫ ވާތީއެއް ނޫނެވެ. އެހީތެރިވާން ބޭނުން ނުވާތީއެއް ވެސް ނޫނެވެ. ނަމަވެސް، ރަމްލާ ކަންތައް ކުރަމުން އެދާ ގޮތުން ރަމްލާގެ ދިރިއުޅުން މަޑުމަޑުން ހަލާކު ވެދާނެ ކަމަށް ދޮންތައަށް ހީވާތީއެވެ. އެކި އިރު އެކި ގޮތަށް އެވާހަކަ ދައްކައިގެން ވެސް ރަމްލާގެ ވިސްނުން ބަދަލުވާ ގޮތެއް ދޮންތައަކަށް ނުފެނުނެވެ. ސީދާ ސީދަލަށް ފައިސަލްމެން ގެއަށް ދާށޭ ބުނާކަށް ދޮންތަ ބޭނުމެއް ނުވެއެވެ.

ފައިސަލްގެ މަންމަ އަށް ވެސް ރަމްލާގެ އުޅުން ކަމަކު ނުދިޔައެވެ. ދުވަސްތައް ފާއިތުވަމުން ގޮސް ރަމްލާ ވިހަން ގާތް ވަމުން ދާއިރު ދޮންތައަށް ރަމްލާގެ ކަންކަމުގައި އެހީތެރިވެދޭން ބުރައަކަށް ވެދާނެ ކަމަށް ފައިސަލްގެ މަންމަ ދެކެއެވެ. ރަމްލާ ގެއަށް ގެންނަން ފައިސަލްގެ މަންމަ އެންމެ ފަހުން އެދުނީ ރަށުގައި ހުރި ރަމްލާގެ މަންމަ ގާތުންނެވެ. ރަމްލާއަށް ވިސްނައިދީގެން ގެއަށް ގެންނަށް ބާރުއެޅުމަށެވެ. ރަމްލާގެ އުޅުން ބަދަލުވެގެން ގޮސްފައިވާ ގޮތުން މަންމަ ވަރަށް ދެރަވިއެވެ. އަދި ލަދު ވެސް ގަތެވެ. ރަމްލާގެ މަންމައަށް އެ އުޅުން ސިފަ ކުރެވުނީ ކޮންމެވެސް ކަމަކާ ރުޅިހަދާލައިގެން ފިރިމީހާގެ ބަހަށް ނުކިޔަމަންތެރިވުން ކަމަށެވެ. އެހެންކަމުން، ރަމްލާއަށް ވެގެން އުޅޭ ގޮތެއް ބަލައި އެކަން ހައްލު ކުރުމަށް މަންމަ މާލެ އައެވެ.

ރަމްލާގެ މަންމަގެ އެންމެ ބޮޑު ޝަކުވާއަކީ ސަބަބެއް ނެތި ރަމްލާ ގެއަށް ނުދާން އުޅޭތީއެވެ. ކަންބޮޑުވަނީ ފިރިމީހާއާ ވަކިން އެހެން ގިނަ ދުވަހު އުޅެން ފެށުމުން އެ ގުޅުން މަޑުމަޑުން ހީނަރުވާން ފަށާފާނެތީއެވެ. ރަމްލާއަށް ވިސްނައިދިނީ، ފައިސަލް އާއި އެއާއިލާއާ ދުރުގައި އެހެން އުޅެން ފެށުމުން ރަމްލާއާ ނުލައި އުޅެން ފައިސަލް ވެސް ދަސްކޮށްފާނެ ކަމެވެ. އަދި ރަމްލާ ވެސް އެމީހުންނަށް ދެން މުހިންމު ނުވާ ހިސާބަށް ހިނގައިދާނެ ކަމެވެ. މަންމަ ވާހަކަ ދެއްކީ އަބަދުވެސް މަންމަ ވާހަކަ ދައްކާ ރާގުގައެވެ. ބައެއް ފަހަރު ބާރަށެވެ. ރަމްލާ ކަންތައް ކުރަމުން އެދާ ގޮތުން، ފައިސަލްމެންގެ އާއިލާއަށް ދޭނެ ޖަވާބެއް ނޭނގޭތީ އެ ޝަކުވާ ވެސް ކުރިއެވެ. އަދި ފައިސަލްގެ މަންމަ ފެންނަ ހިސާބަށް ވެސް ދާން ލަދުގަންނަ ވާހަކައެވެ. މަންމަގެ ޝުއޫރުތައް ބަންޑުން ކުރަމުން ގޮސް ދެމައިންނަށް ރޮވުނެވެ.

އެވަގުތު ފައިސަލް ހުރީ އެ ދެމައިންގެ ވާހަކަ އަޑު އިވޭ ހިސާބުގައެވެ. ފައިސަލް ގެއަށް ވަންނަން އައި ވަގުތު މާ އަޑުގަދަ ކަމުން ބޭރުގައި މަޑުކޮށްލައިގެންނެވެ. ދެމައިން ރޯން ފެށި އަޑާ އެކު ފައިސަލް އެތެރެއަށް ވަދެ މަންމަ ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރިއެވެ. މަންމަގެ ކުރިމަތީގައި ރަމްލާގެ އަގު ހިފެހެއްޓުމަށްޓަކައި ވާހަކައެއް ހަދާލިއެވެ. ރަމްލާ އެގޭގައި ހުރީ ދެ މީހުން ވެސް މަޝްވަރާކޮށްފައި މި ދުވަސްކޮޅު އެންމެ ރަނގަޅު ގޮތަކީ އެއީ ކަމަށް ވާތީ ކަމަށެވެ. ދެމީހުންގެ ދެމެދުގައި އެއްވެސް މައްސަލައެއް ނޫޅޭ ކަމުގެ ޔަގީންކަން ވެސް ފައިސަލް ދިނެވެ.

ރަމްލާ އައިސް ފައިސަލް ކޮނޑުގައި ބޯއަޅާލިއެވެ. ރަމްލާގެ ރުއިމުގެ އަޑު ފައިސަލްގެ ކަންފަތަށް އިވޭ ހިސާބުގައެވެ. ފައިސަލް ހީކުރީ ރަމްލާ އަށް ވިސްނުނީ ކަމަށެވެ. "ވަރަށް ބޮޑަށް ބަނޑަށް ތަދުވޭ އެބަ،" ރަމްލާގެ ރުއިމުގެ ތެރެއިން ބުންޏެވެ.

ފައިސަލް އަވަސްއަވަހަށް ރަމްލާ ނަގައިގަނެގެން ގެންގޮސް އެނދުގައި ބޭއްވިއެވެ. ދޮންތަ އާއި މަންމަ ވެސް ކައިރީގައި ތިއްބެވެ. އެމީހުންގެ ވެސް ލަފަޔާ އެކު، ކާރުގައި ރަމްލާ ގޮވައިގެން ހޮސްޕިޓަލަށް ދިޔައެވެ. ދުވަސް ފުރެން އޮތީ މަހަކަށް ވުރެ ވެސް ކުޑަ ވެފައެވެ.

ޑޮކްޓަރުން ރަމްލާގެ ހާލަތު ދެނެގަތެވެ. ފިކުރުތައް ގިނަވުމުގެ ސަބަބުން ދިމާވާ އެކި ކަންކަމެވެ. ޕްރެޝަރު މަތިވުމާއި ސްޓްރެސް ވުމެވެ. އެކަންކަމަށް ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދޭން ފެށިއެވެ. އެހެނިހެން ތަހުލީލުތަކުން ޑޮކްޓަރު ލަފާކުރީ ވިހަން ވެސް ގާތް ވެއްޖެ ކަމެވެ. ދުވަސް ނުފުރުނު ކަމުގައި ވިޔަސް ދަރިފުޅުގެ ހެދިބޮޑުވުން ރަނގަޅު ކަމަށެވެ. އެހެންކަމުން ދެ ދުވަހެއް ވަރު ހޮސްޕިޓަލުގައި ބާއްވައިގެން މޮނިޓާ ކުރަން ޑޮކްޓަރު ނިންމިއެވެ. ކަން ދިމާވީ ހަމަ ލަފާކުރި ގޮތަށެވެ. ދެ ދުވަސް ވީތަނާ ރަމްލާ ބަނޑުގައި ރިއްސަން ފެށިއެވެ. އަދި ފައިސަލް އުންމީދު ކޮށްގެން އުޅުނު ވަގުތު އައެވެ. ދެކެން ބޭނުންވެގެން އުޅުނު ދަރިފުޅު ފައިސަލްގެ އަތަށް ލިބުނެވެ. އުފާވެރި ވަގުތުކޮޅެކެވެ. އެހެން ނަމަވެސް އެ އުފާވެރިކަން ހިއްސާކުރެވޭ ވަރަށް ވުރެ ރަމްލާގެ ހާލަތު ދެރައެވެ. ރަމްލާ ހަމައަކަށް އެޅެންދެން ފަރުވާ ދޭން ހޮސްޕިޓަލުގައި ބޭއްވިއެވެ. ހަފްތާއެއް ފަހުން، ގެއަށް ދާން ހުއްދަ ދިނެވެ.

ފައިސަލް ރަމްލާއާ ސުވާލު ކުރީ ދާނެ ގެއަކާ ބެހޭ ގޮތުންނެވެ. ރަމްލާ އެއްގޮތަކަށް ވެސް ފައިސަލްމެން ގެއަށް ދާކަށް ބޭނުމެއް ނޫނެވެ. ގެއަށް ދާނެ ވާހަކަ ކުރިން ބުނެވިފައި އޮތް ކަމުގައި ވިޔަސް، އެ ގޮތަށް ކަންތައް ކުރާކަށް ރަމްލާ ބޭނުމެއް ނޫނެވެ. އެކި މުއްދަތު އެގޮތަށް ދެމުން އަބަދަކު އެހެން ނޫޅެވޭނެކަން ރަމްލާއަށް ވެސް އެނގެއެވެ. އެހެން ނަމަވެސް މިއަދު އެ ނޫން ގޮތެއް ނެތެވެ. އޮތީ ފައިސަލްއާ އަބަދަށް ވަކިވުމެވެ. ނަމަވެސް އެފަދަ ބޮޑު ކަމަކަށް ރަމްލާ އަދި ތައްޔާރެއް ނޫނެވެ. އެހެންކަމުން ރަމްލާ ވިސްނާލުމަށް ފަހު އަނެއްކާވެސް އެދުނީ ދޮންތަމެން ގެއަށް ގެންގޮސްދިނުމަށެވެ.

ފައިސަލް ހައިރާނެއް ނުވެއެވެ. ސުވާލު ކުރިއިރު، އަންނާނީ އެ ޖަވާބުކަން ފައިސަލް އަށް ހީވިއެވެ. ކައިރީގައި ހުރި، ފައިސަލްގެ މަންމަގެ މޫނުގެ ކުލަވަރު ބަދަލުވިތަން ފައިސަލް އަށް ފެނުނެވެ. ނަމަވެސް އެއްޗެއް ބުނެފާނެތީ އިޝާރާތުން މަންމަ އަށް ފައިސަލް އެކަން މަނާކުރިއެވެ.

ހޮސްޕިޓަލުން ނިންމަން ޖެހޭ ކަންކަން ނިންމާލުމަށް ފަހު ފައިސަލް ރަމްލާ އާއި ދަރިފުޅުގޮވައިގެން ކާރަށް އެރިއެވެ. ދަރިފުޅު އޮތީ ފައިސަލްގެ މަންމަގެ އުނގުގައެވެ. ރަމްލާގެ މަންމަ އާއި ދޮންތަ ފަހަތުގައި ތިއްބެވެ. ޖެހިގެން އިން ގޮނޑީގައި ރަމްލާ އިން ކަމުގައި ވިޔަސް ފައިސަލް ރަމްލާއަށް ބަލައިވެސް ނުލައެވެ. ފައިސަލްގެ ބޮލުތެރޭގައި އެކި ކަންކަން އެނބުރުނެވެ. ކާރުގެ މިސްރާބު ގެއާ ދިމާލަށް ބަހައްޓަން ވީއޭ ވެސް ހިތަށް އެރިއެވެ. ރަމްލާގެ ނުރުހުމުގައި ވެސް ދާންވީ ގެއަށޭ ހިތަށް އެރިއެވެ. އެކަކު ވެސް ވާހަކައެއް ނުދައްކައެވެ. ހިނދުހިނދުކޮޅުން ދަރިފުޅު ލައްވާލާ އަޑެއް ފިޔަވައި އިތުރު އަޑެއް ނީވެއެވެ. ކާރު ތެރޭގައި ވަނީ ހަމަހިމޭންކަމެވެ. ފޫހި ގޮތަކަށް ފައިސަލް ކާރު ދުއްވަމުން ދިޔައެވެ.

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް