Majlis 2024

ވާހަކަ: ހަޔާތުގެ ސިއްރު

ވާހަކަ: ހަޔާތުގެ ސިއްރު

9 މާރިޗު 2023
2

އެޕިސޯޑް 17

"ފައިސަލް. އަހަރެން ދޮންތަ ގެއަށް ގެންގޮސްދީ..." ރަމްލާ އެދުނެވެ.

"އާނ ހިނގާ އަވަހަށް. އެގެއަށް ގޮސްފައި އިރު އޮއްސެން ވާއިރަށް ގެއަށް ދެވޭތޯ،" އެއްވެސް އެއްޗެއް ބޭއްވިފައި އޮތްތޯ ބަލަމުން ފައިސަލް ބުންޏެވެ. ރަމްލާ ބުނި ޖުމްލައިގެ ހަގީގީ މާނަ ފައިސަލް އަކަށް އަދި ނަގައެއް ނުގަނެވެއެވެ.

"މިބުނީ ދޮންތަމެން ގެއަށޭ ދާނީ. އަދި އެގޭގަ ހުންނާނީ. ގެއަށް ދާނީ ފަހުން،" ރަމްލާ ތަފްސީލު ކޮށްދިނެވެ.

ރަމްލާގެ ހާލަތަށް ވިސްނައި އިތުރު އެއްޗެއް ނުބުނެ ފައިސަލް އެކަމާ އެއްބަސްވިއެވެ. ސުވާލު ގިނަކުރުމަކީ އެވަގުތު ކުރުން ރަނގަޅު ކަމެއް ނޫންކަން ފައިސަލް އަށް ވިސްނުނީ ރަމްލާގެ މިޒާޖަށް އައިސްފައިވާ ބަދަލުންނެވެ.

ރޭގަނޑުގެ އެންމެ ހަލަބޮލި ވަގުތެވެ. ދުނިޔެމައްޗަށް ކިތަންމެ ބޮޑަށް އަނދިރިކަން ވެރިވެފައިވީ ނަމަވެސް މަގުތައް ވަނީ ހުޅުދާން ވެފައެވެ. މަގުބައްތިތަކުގެ އައްޔާއި ފިހާރަތަކުގެ އަލިންނެވެ. ފިހާރަތަކަށް ހިނގާ މީހުންނާއި އެކި ކަންކަމުގައި ދަތުރުކުރާ ވެހިކަލްތަކުން މަގުތައް ވަރަށް ބާރު ބޮޑެވެ. މަޖީދީމަގުގެ އެ ހަލަބޮލިކަމުގެ ތެރެއިން ފައިސަލް ކާރު ދުއްވަމުން ދިޔައީ ބާރަށެވެ. ބަލައިދާން ރަމްލާ ބުނެފައިވާ ގަޑިޔަށް އެގޭ ދޮށަށް ދިޔުމަށް ފައިސަލްގެ ހިތް ވަނީ އަވަސްވެފައެވެ. ތަންކޮޅެއް އަވަހަށް ފިހާރަ ބަންދުކޮށްލައި ފައިސަލް ދިޔައީ ރަމްލާ ގެއަށް އަންނަން ތައްޔާރުވެފައި ހުންނާނެތީއެވެ.

ދޮންތަމެން ގޭދޮށަށް ކާރު މަޑުކޮށްލިއިރު 11 ޖަހަނީއެވެ. ގެއަށް ވަދެގެން އައިއިރު ދޮންތައާއި ޅިޔަނު ސިޓިން ރޫމުގައި ތިއްބެވެ. ޓީވީ ހުޅުވާފައި ހުރިއިރު ފައިސަލް ހީކުރީ ރަމްލާ ވެސް އެތަނުގައި އިންނާނެ ކަމަށެވެ. ފައިސަލް ސުވާލެއް ކުރުމުގެ ކުރިން ދޮންތަ ފައިސަލް އަށް ގޮވާލިއެވެ. "ދޮންތަ ހީކުރީ މިރޭ ނާދެވޭ ވާހަކަ ބުނެގެން ކަމަށް ރަމީ ނިދަން އެ ވަނީ. ފައިސަލް އަންނަން ވާއިރަށް ނިދަން ދަނީހޭ ބުނީމަ އެއްޗެއް ނުބުނެ ކޮޓަރިއަށް ދިޔަ ގޮތަށް އަދި ހަބަރެއް ނުވޭ."

"ފައިސަލް، ރަމީއަށް ކީއްތަ އެވަނީ މިހާރު؟ އަބަދު ހުންނަނީ ފިކުރެއްގަ. ގެއަށް ދާ ވާހަކަ ދެއްކިޔަސް އަޅައެއް ނުލާ މާ ބޮޑަކަށް. ކުރިން، މި ބުނީ ކައިވެނި ކުރި ދުވަސްވަރު އަބަދު ދައްކާނެ ތިގެ ހިތްހަމަޖެހޭ ވާހަކަ، މަންމަ ރަނގަޅު ވާހަކަ. އެކަމަކު މިހާރު ހީވަނީ ކޮންމެވެސް ސަބަބަކާ ހުރެ ތިގެއަށް ދާހިތް ނުވެގެން އުޅޭހެން."

"ރަމީ ބުނީތަ އެކަހަލަ އެއްޗެއް؟" ފައިސަލް އެހިއެވެ.

"ނޫން. އެހެން ބުނީކީ ނޫން. އަނެއްކާ ރަމީ ގާތު ނުބުނައްޗޭ އެހެން. މީ ހަމަ ދޮންތައަށް ހީވާ ގޮތެއް. ކޮންމެވެސް ގޮތަކުން އެކަން އޮޅުން ފިލުވަން ފައިސަލް ވެސް އުޅެލަބަލަ."

އެއީ ފައިސަލްގެ ވެސް ޝައްކެކެވެ. މާލެ އައި ދުވަހު ރަމްލާ ރުއި ގޮތާއި މަންމަ ހޮސްޕިޓަލަށް ދިޔަ ވަގުތު ރަމްލާ މާބޮޑަށް އަޅާނުލި ކަން ފައިސަލް ހަނދާން ވިއެވެ. ގެއަށް ނުގޮސް ދޮންތަ ގެއަށް އަންނަން ބުނި ވަގުތު ވެސް ފައިސަލް އަށް އެކަމާ ވިސްނުނެވެ. އެހުރިހާ ކަމެއް ހަނދާންވި ނަމަވެސް ފައިސަލް ވަކި ޖަވާބެއް ނުދީ، ގޮސް ރަމްލާ ނިދާ ކޮޓަރީގެ ދޮރުގައި ޓަކިދީގެން އިރުކޮޅަކު މަޑުކޮށްލިއެވެ. ހަބަރެއް ނުވުމުން، ފައިސަލް އެނބުރި ދިޔައީ ގެއަށެވެ.

ޖެހިގެން އައި ދުވަހު ހެނދުނު ފައިސަލް ދޮންތަމެން ގެއަށް އައީ ކުރިން ބުނުމަކާ ނުލައެވެ. ރަމްލާ އިނީ ސައިބޯށެވެ.

"ދައުވަތު ނުދިނަސް ރަނގަޅު ގަޑިއަކަށްނު މިއާދެވުނީ؟ ވަރަށް ބަނޑުހައިވެފަ މިހުރީ. ރަމީ ނެތީމަ ގެއިން ކެޔަސް ހައި ކަމެއް ނުފިލާ." ފައިސަލް ބެލީ ރަމްލާ ލައްވައި ގިނައިން ވާހަކަ ދައްކުވާށެވެ.

"ކޮފީއެއް ހަދައިދެންތަ؟" ހިނިތުންވެ ހުރެ ރަމްލާ އެހިއެވެ. އަދި ތެދުވެގެން ކަބަޑުތައް ކައިރިއަށް ދިޔައެވެ. ރަމްލާގެ މޫޑު ތަންކޮޅެއް ރަނގަޅު ކަމަށް ބަލައި، ފައިސަލް ރަމްލާ ފަހަތުން ގޮސް ކައިރިއަށް ހުއްޓުނެވެ.

"ގެއަށް ދަމާ ދެން. އަދިވެސް ނުވޭތަ ދާ ވަރެއް؟ މަންމަ ވެސް ބުނެފި މިހާރު، ރަމީ އެހާ ބަލިކޮށް އުޅޭއިރު ކީއްވެހޭ ގެއަށް ނުގެނެސް ތި އުޅެނީ. މަންމަ ބޭނުންވަނީ ރަމީ ގެނެސް ކައިރީގަ ބައިންދަން،" ފައިސަލް މަޑުމަޑުން ވާހަކަ ދެއްކިއެވެ.

"ފައިސަލް، އަދި ގެއަށް ދެވިދާނެއްނު؟ މި ގެ ވެސް މީ ހަމަ އަހަރެންގެ ގެ ފަދަ ތަނެއްނު؟ ވަރަށް ބޮލަށް ފަސޭހަ މި ދުވަސްކޮޅު މިގޭގަ ހުންނަން. އަބަދު ގެއަށް ދާ ވާހަކަ ކިޔަންޏާ ވަރަށް ބޮލަށް އުނދަގޫވޭ. ކޮންމެވެސް އެއްޗެއް ބުނެލައިގެން މަންމަ އަށް ފައިސަލް ވިސްނައިދީ މިގޭގަ ހުއްޓަސް ރަނގަޅުވާނެކަން އަދި ދުވަސް ކޮޅަކު." ރަމްލާ ވެސް ވާހަކަ ދެއްކީ ޓީވީ ކުރިމަތީ އިށީނދެގެން އިން ދޮންތައަށް އަޑުނީވޭ ވަރަށެވެ.

ރަމްލާގެ ވާހަކައިން ފައިސަލް އަށް ހަނދާންވީ ދޮންތަ ރޭގައި ދެއްކި ވާހަކަ އެވެ. އަދި ކުޑަކޮށް ހިތްހަމަނުޖެހި ހުރެ، އަހާލެވުނެވެ. "ރަމީ ކިހާ ދުވަހަކު މިކޮޅުގަ މަޑު ކުރާނީ؟"

ފައިސަލް ހިތްހަމަނުޖެހުނުކަން ރަމްލާއަށް އެނގެއެވެ. އެއީ ރަމްލާ ބޭނުންވި ގޮތެއް ނޫނެވެ. އެހެން ނަމަވެސް ދެން ވެސް ވަކި ފައިސަލް ހިތްހަމަޖެހޭނެ ޖަވާބެއް ދީގެން އޮޅުވާލާކަށް ރަމްލާ ބޭނުމެއް ނޫނެވެ. "އަހަރެން ވިހޭމަ ދާނަން. ފައިސަލް ދެން މި ދެ ގެ ދޭތެރޭ އެވަރަށް ނުދުވިޔަސް، ވަގުތު ވާ ވަރަކުން އައިސްލީމަ ރަނގަޅުވާނެ. ފައިސަލް ބޭނުމިއްޔާ މިގޭގަ ފައިސަލް އަށް ވެސް މަޑުކުރެވިދާނެ."

ފައިސަލް އަށް އެ ގޮތް ކަމަކު ނުދެއެވެ. އެހެން ނަމަވެސް އެ ބަހުސް ކުރާކަށް ބޭނުމެއް ނުވިއެވެ. އެއީ އެކަމުން ރަނގަޅު ނަތީޖާއެއް ނުނުކުންނާނެ ކަން އެނގޭތީއެވެ. ރަމްލާއާ އެކު ފައިސަލް އެގޭގައި މަޑު ކުރުމަކީ ވެސް ރަނގަޅު ނިންމުމެއް ކަމަކަށް ފައިސަލް އަކަށް ގަބޫލެއް ނުކުރެވެއެވެ. އެއީ އެކަމުގެ ސަބަބުން މަންމަމެންނަށް ޖަވާބުދާރީވާން އަދި މާ އުނދަގޫވާނެތީއެވެ.

"ކީއްވެތަ އަސްލު ގެއަށް ނުދާން ތި އުޅެނީ؟" ރަމްލާގެ ދަތްދޮޅީގައި ހިފައި ފައިސަލްގެ މޫނާ ސީދާ ކޮށްލުމަށް ފަހު ފައިސަލްގެ ހިތުގައި އޮތް ސުވާލު ކުރިއެވެ. "އެއްވެސް ހިތްހަމަނުޖެހޭ ކަމެއް އޮތަސް ބުނީމަ އެކަމެއް ހައްލު ކޮށްދޭނަން. ރަމީ ނުބުނަންޏާ ދެން ޖެހޭނީ ގޭ އެންމެން ގާތު ވަކިވަކިން ސުވާލު ކޮށްގެން ތި ވެގެން އުޅޭ ގޮތެއް ހޯދަން. އަހަރެން ގަބޫލެއް ނުކުރަން އަސްލު ރަމީ ސިއްރު ކުރާނެ ކަމަކަށް އެއްވެސް ކަމެއް. ތިހެން ފިކުރު ބޮޑުވެފަ އަބަދު އިންނަ ތަން ބަލާކަށް ފަސޭހައެއް ނޫން. ބަލިކަމެއް އުޅެންޏާ ވެސް ޑޮކްޓަރަށް ގޮސްގެން ވިޔަސް ތި ކަމެއް ރަނގަޅު ކުރަން ބޭނުން. އަޅާ ނުލައި ނުހުރެވޭނެ."

ރަމްލާ ހާސްވިއެވެ. އެގޮތަށް ސުވާލު ކުރަން އުޅެފި ނަމަ ކޮންމެ ފަދަ ނަތީޖާއެއް ވެސް ނުކުމެދާނެ ކަން ރަމްލާއަށް އެނގެއެވެ. "ނޫން. އަހާނެ ކަމެއް ނެތް. އެއްވެސް ކަމެއް ނުވޭ. މަންމައާ މެދު ވެސް އެއްވެސް ކަހަލަ ޝަކުވާއެއް ނެތް. އެއީ އެފަދަ ދެވަނަ މަންމައެއް ނުލިބޭ ފަދަ ރަނގަޅު މަންމައެއް. އެއްވެސް ކަހަލަ ހިތްހަމަނުޖެހޭ ކަމެއް މަންމަ ފަރާތުން ވެފައެއް ނެތް. ތިކަހަލަ ސުވާލެއް ކޮށްފިއްޔާ މަންމަ ވަރަށް ދެރަވާނެ." އެހެން މީހުންގެ ވާހަކަ ނުބުންޏަސް ރަމްލާ ގަބޫލު ކުރީ އެވަރުން ދެން ފައިސަލްގެ ނިންމުން ބަދަލު ކުރާނެ ކަމަށެވެ.

- ނުނިމޭ -

އިތުރު ވާހަކަ

ކޮމެންޓް (2)

މަރީ

9 މާރިޗު 2023
ޙާދަ ކުރޭ މިހާރުގެ ޕާރޓް ތައް
1 0

ދެން

9 މާރިޗު 2023
ހަމަ ތންފުކެއް އާކަމެއް ނުވޭ
2 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް