ފިލްމު 'އާރްއާރްއާރް'ގެ ލަވަ 'ނާޓޫ ނާޓޫ'ގެ މަންޒަރެއް

އޮސްކާ އެވޯޑްސް

އޮސްކާ އެވޯޑްސް: އިންޑިއާއަށް ބޮޑު އަހަރެއް

'ނާޓޫ ނާޓޫ' އާ އެކު އިންޑިއާގެ އުފެއްދުންތައް ތިން އެވޯޑަކަށް ވާދަކުރާ އިރު ހަފްލާގެ ޕްރެޒެންޓަރުންގެ ތެރޭގައި ދީޕިކާ ޕަދުކޯން ހިމެނޭނެ
11 މާރިޗު 2023

އޮސްކާ އެވޯޑް ދޭ ހަފްލާ މާދަމާ ރޭ ލޮސް އެންޖެލިސްގައި ބާއްވާ އިރު އިންޑިއާ ފިލްމުތަކަށް ތަރުހީބުދޭ މީހުންގެ ސަމާލުކަން ވެސް ބޮޑުވާނެ އެވެ.

އިންޑިއާގެ އުފެއްދުންތައް ތިން ކެޓެގަރީއަކުން އޮސްކާއަށް ވާދަކުރެ އެވެ. އެއީ އޮރިޖިނަލް ސޯންގް، ޑޮކިއުމެންޓްރީ ފީޗާ އަދި ޑޮކިއުމެންޓްރީ ޝޯޓްގެ އެވޯޑެވެ.

މި އަހަރުގެ އޮސްކާގެ އެންމެ ބޮޑު އެއް އުސްއައްޔަކީ އެސްއެސް ރާޖަމޯލީގެ ބްލޮކްބަސްޓާ ފިލްމު 'އާރްއާރް'ގެ ދުނިޔެއަށް މަޝްހޫރު ލަވަ 'ނާޓޫ ނާޓޫ' އާ މެދު ކުރެވޭ ފޮނި އުއްމީދެވެ. އެންމެ މޮޅު އޮރިޖިނަލް ލަވައިގެ އޮސްކާއަށް ކުރާ ވާދައިގެ ކުރީގައި އޮތީ، ފޯރިހިއްޕާލާ ރާގަކާއި ގަދަފަދަ ނެށުންގަނޑަކާ އެކު އިންޓަނެޓުގައި އެތައް ބަޔަކު ނައްޓުވާލި އެ ލަވަ އެވެ.

އޮސްކާގެ ސްޓޭޖުގައި 'ނާޓޫ ނާޓޫ' ހުށަހަޅައިދޭ ތަން ވެސް ފެންނާނެ އެވެ.

ފިލްމު 'އާރްއާރްއާރް'ގެ ލަވަ 'ނާޓޫ ނާޓޫ'ގެ މަންޒަރެއް

ޝައުނާކް ސެންގެ 'އޯލް ދެޓް ބްރީދްސް' ފީޗާ ޑޮކިއުމެންޓްރީގެ އޮސްކާއަށް ވާދަކުރާ އިރު ކުރު ޑޮކިއުމެންޓްރީގެ އެވޯޑަށް ނޮމިނޭޓްވެފައިވަނީ ގަނީތު މޮންގާ ޕްރޮޑިއުސަރުންގެ ތެރޭގައި ހިމެނޭ 'ދި އެލިފެންޓް ވިސްޕަރާސް' އެވެ.

އިންޑިއާ ފިލްމުތަކުގެ ފޭނުންނަށް އޮސްކާ ހަފްލާގެ އަނެއް އުސްއައްޔަކަށްވާނީ ދީޕިކާ ޕަދުކޯން އެވެ. ހަފްލާގެ ޕްރެޒެންޓަރުންގެ ތެރޭގައި ހިމެނިގެން އޮސްކާގެ ސްޓޭޖުން ދީޕިކާ ފެންނާނެ އެވެ.

ޕްރިޔަންކާ ޗޯޕްރާ 2016 ވަނަ އަހަރުގެ އޮސްކާ ހަފްލާގެ ޕްރެޒެންޓަރުންގެ ތެރޭގައި ހިމެނުނެވެ.

ދީޕިކާ ޕަދުކޯން އޮސްކާ އެވޯޑް ހަފްލާގައި ބައިވެރިވުމަށް އެމެރިކާއަށް ފުރަން މުމްބާއީ އެއާޕޯޓަށް ވަންނަނީ

'ނާޓޫ ނާޓޫ': އޮސްކާއަށް ވާދަކުރާ އިންޑިއާގެ ފުރަތަމަ ލަވަ

މި އަހަރު އެންމެ މޮޅު ލަވައިގެ ގޯލްޑެން ގްލޯބް ހޯދާފައިވާ 'ނާޓޫ ނާޓޫ' އަކީ ލަވައިގެ ނުފޫޒު ބޮޑު އިންޑިއާގެ ފިލްމު އިންޑަސްޓްރީން އޮސްކާއަށް ނޮމިނޭޓްވި ފުރަތަމަ ލަވަ އެވެ. އެމްއެމް ކީރަވާނީ ކޮމްޕޯޒްކޮށްފައިވާ 'ނާޓޫ ނާޓޫ' އަށް އޮސްކާ ކާމިޔާބު ވެއްޖެ ނަމަ އެ އެވޯޑު ވެގެންދާނީ އިންޑިއާ ބަޔަކު އުފެއްދި ލަވަޔަކަށް ލިބުނު ދެވަނަ އޮސްކާ އަށެވެ. ފުރަތަމަ އެވޯޑު 2019 ގައި ގެންދިޔައީ އެ އަހަރު އެންމެ މޮޅު ފިލްމުގެ އޮސްކާ ވެސް ހޯދި 'ސްލަމްޑޯގް މިލިއަނާ'ގެ 'ޖައި ހޯ' އެވެ. އެއީ އެ ފިލްމުން އެންމެ މޮޅު ސްކޯގެ އެވޯޑާ އެކު ދެ އޮސްކާ ގެންދިޔަ އޭ.އާރް. ރަހްމާން ހެދި ރާގެކެވެ. ނަމަވެސް 'އާރްއާރްއާރް'އާ ހިލާފަށް 'ސްލަމްޑޯގް މިލިއަނާ' އަކީ އިންޑިއާގެ އުފެއްދުމެއް ނޫނެވެ. ފިލްމުގައި އިންޑިއާ ދެއްކި ނަމަވެސް، އެއީ އިނގިރޭސިވިލާތުގެ ފިލްމެކެވެ.

ފިލްމު 'އާރްއާރްއާރް'ގެ ލަވަ 'ނާޓޫ ނާޓޫ'ގެ މަންޒަރެއް

ޓެލޫގޫ ބަހުގެ 'އާރްއާރްއާރް' އަކީ ބައިނަލްއަގުވާމީ ސަމާލުކަން ލިބުނު ބޮޑު ހިޓެއް ނަމަވެސް، އިންޑިއާއިން ރަސްމީކޮށް އެ ފިލްމު އޮސްކާގެ އެންމެ މޮޅު އިންޓަނޭޝަނަލް ފިލްމުގެ ކެޓެގަރީއަށް ހުށަނާޅާތީ، އެ އެވޯޑަށް ވާދަކުރެވޭ ގޮތެއް ނުވި އެވެ. އެންމެ މޮޅު ފިލްމުގެ އޮސްކާއަށް 'އާރްއާރްއާރް' ވާދަކުރާތަން ދެކެން ވެސް ގިނަ ބަޔަކު ބޭނުންވި އެވެ.

އޮސްކާގެ އެންމެ ޝަރަފްވެރި އެވޯޑުގެ ފަހަތުން ދެވޭވަރު ނުވިޔަސް، 'އާރްއާރްއާރް'ގެ 'ނާޓޫ ނާޓޫ' މާދަމާ ރޭގެ ހަފްލާގައި ހުށަހަޅައިދިނުމުން އިންޑިއާ ފިލްމުތަކަށް ބައިނަލްއަގުވާމީ ޝައުގުވެރިކަން ބޮޑުކޮށްދޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.  

'އާރްއާރް'ގެ 'ނާޓޫ ނާޓޫ'

އިތުރު އާޓިކަލް

އިތުރު އާޓިކަލް