ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ރެވިއޯ ބޭންޑް ޝޯއެއްގައި ލަވަކިޔަނީ: ނޮއިސްގައި އެ ބޭންޑު ޕާފޯމް ކުރުމަށް ވަނީ ހަމަޖެހިފައި (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު

މިއުޒިކް

މާޗު 17-18 ގައި އޮލިމްޕަހުގައި ބޮޑުބެރާ އެކު ލައިވް މިއުޒިކް އިވެންޓެއް

އެއްކާފުން ބާއްވާ 'ނޮއިސް'ގެ ފުރަަތަމަ ރޭ އޮތީ ބޭންޑްތައް، ދެވަނަ ރޭ ހާއްސަކޮށްފައިވަނީ ބޮޑުބެރާއި ޕާފޯމިން އާޓްސްއަށް
7 މާރިޗު 2023

އޮލިމްޕަސް ސްޓޭޖުގައި މި މަހު 17 އަދި 18ގެ ރޭ 'ނޮއިސް'ގެ ނަމުގައި ލައިވް މިއުޒިކް އިވެންޓެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ޝޯގެ ފުރަތަމަ ރޭ ބޭންޑުތަކުން މިއުޒިކް ކުޅުމަށް ފަހު ދެވަނަ ރޭ ހާއްސަކޮށްފައިވަނީ ބޮޑުބެރަށެވެ. އޭގެ އިތުރުން ޕާފޯމިން އާޓިސްޓުން ބައިވެރިވާނެ އެވެ.

ކްރިއޭޓިވް ސްޓޫޑިއޯއެއް އަދި ޕްރޮޑަކްޝަން ހައުސްއެއް ކަމުގައިވާ އެއްކާފު އިން އިންތިޒާމް ކުރާ މި ޝޯގެ މަގުސަދަކީ މިއުޒިޝަނުންނާއި ފަންނާނުންނަށް އެމީހުންގެ ހުނަރުތައް ދައްކާލާ، އަމިއްލަ އުފެއްދުންތައް ކުރިއެރުވުމަށް ފުރުސަތު ހޯދައިދިނުން ކަމުގައި އެއްކާފުގެ އޮފިޝަލެއް ކަމަށްވާ އިނާޔާ އަލީ ބުންޏެވެ.

އޭނާ ބުނިގޮތުގައި ދިވެހި ބޭންޑްތަކާއި ފަންނާނުންގެ އަމިއްލަ އުފެއްދުންތައް ޕްރޮމޯޓް ކުރުމުގެ އިތުުރުން، ދިވެހި ފަންނާނުންގެ ލައިވް މިއުޒިކާއި ޕާފޯމަންސް ބަލައިލަން ބޭނުންވާ އާއްމުންނަށް އެ ފުރުސަތު ހޯދައިދިނުމަކީ ވެސް މަގްސަދެކެވެ.

އެއްކާފުން އިންތިޒާމްކޮށްގެން މާޗް 17 އަދި 18ގައި ބާއްވާ 'ނޮއިސް' އިވެންޓްގެ ޕޯސްޓަރު

'ނޮއިސް' ގައި 17 މާޗުގައި މިއުޒިކް ކުޅެން ހަމަޖެހިފައިވަނީ:

  • އެޗޭސިއާ

  • ރެވިއޯ

  • ކޮރެލިއަމް 

  • ފަޔާ

18 މާޗުގެ ބޮޑުބެރު ނައިޓްގައި ފެންނާނީ:

  • ފަތްމިނި

  • ހަބޭސް

  • އެކަތި

  • ތުއްތު ޕާކް

  • ހިޔަލަ

އާއްމުކޮށް މިއުޒިކް ޝޯތައް ބާއްވަނީ ވަކި ދުވަހެއް ފާހަގަކުރުމަށް ނުވަތަ ކޮންމެވެސް މުނާސަބަތަކާ ގުޅުވައިގެންނެވެ. އެހެންކަމުން ދިވެހިންނަށް ދިވެހި ފަންނާނުންގެ ހުށެހެޅުންތައް ބަލާލުމަށް ލިބެނީ މަދު ފުރުސަތުތަކެއްކަން އިނާޔާ ފާހަގަ ކުރި އެވެ.

‎"ދިވެހި ގިނަ ބޭންޑްތަކުގެ ލައިވް ޕާފޯމަންސް ބަލާލަން ފުރުސަތު ލިބޭލެއް މަދު. ވަކިން ހާއްސަކޮށް ބޮޑުބެރު ޝޯތައް އެއްވެސް ގޮތަކަށް ނޯވޭއޭ ވެސް ބުނެވިދާނެ. އެހެންވީމަ، 'ނޮއިސް' ގައި ވަކިން ހާއްސަކޮށް ބޮޑުބެރަށް ރެއެއް ހަމަޖެއްސީ،" އޭނާ ބުންޏެވެ.

އެއްކާފުން ބުނި ގޮތުގައި 'ނޮއިސް'ގެ ފުރަތަމަ އިވެންޓަށް ފަހު ސިލްސިލާ ގޮތެއްގައި ކޮންމެ އަހަރަކު ވެސް 'ނޮއިސް' ޝޯއެއް ބާއްވާނެ އެވެ.

‎މި ޝޯ ބެލުމަށް އޮލިމްޕަހަށް ވަނުމުގެ ޓިކެޓެއްގެ އަގަކީ 150 ރުފިޔާ އެވެ. ޓިކެޓް މިއަދު މެންދުރު 2 އިން ފެށިގެން ވިއްކާނެ ކަމަށާއި ގަންނަން ލިބޭނެ ތަނެއްގެ މައުލޫމާތު 'ނޮއިސް'ގެ އިންސްޓަގްރާމް ޕޭޖުގައި ދޭނެ ކަމަށް އެއްކާފުން ބުންޏެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް