ވާހަކަ: ހަޔާތުގެ ސިއްރު

ވާހަކަ

ވާހަކަ: ހަޔާތުގެ ސިއްރު

6 މާރިޗު 2023

އެޕިސޯޑް 16

ކޮންމެ ފަދަ ކަމެއް ކުރިމަތި ވިޔަސް، މިކަމުގައި ނިމި ދާން ޖެހުނަސް، އެކަމުގައި އުޅޭނީ ރަމްލާއެވެ. ހަމައެކަނި ރަމްލާއެވެ. ރަމްލާ އަޒުމް ކަނޑައެޅީ އެގޮތަށެވެ. ފާފަވެރި މުޑުދާރު އަމަލުގެ އެއްވެސް ޒިންމާއެއް ފައިސަލްއަށް ނުޖެއްސުމަށެވެ. އެކަމުގެ އެއްވެސް އަސަރެއް އޭނާއަށް ނުފޯރުވުމަށެވެ. ނަމަވެސް އެއީ ކުރެވިދާނެ ކަމެއް ހެއްޔެވެ؟

މިކަމުގެ ހަގީގަތް ފައިސަލްއަށް ކިޔައިދޭނެ ހިތްވަރެއް ރަމްލާގެ ނެތެވެ. މި ދަރިފުޅުގެ ސިއްރު ބޭޒާރުވާ ދުވަހަކުން ފައިސަލްގެ ހިތް ފަޅައިގެން ދާނެއެވެ. ކޮންމެވެސް ދުވަހަކުން އެ ބޭޒާރު ވެސް ވާނެއެވެ. މިކަމުގެ ހިތި ރަހަ ފައިސަލްގެ ކަރުގައި ލުމަކީ ރަމްލާ އެއްގޮތަކަށް ވެސް ބޭނުންވާ ގޮތެއް ނޫނެވެ. ނަސަބު އޮޅުމުގެ ނުރައްކާ އެނގި ހުރެ މި ދަރިފުޅުގެ ނަސްލު ފައިސަލްއާ ގުޅުވުމުކީ ރަމްލާއަށް ކުރެވޭނެ ކަމެއް ނޫނެވެ. ވާން ބޭނުންނުވި ކަންތައްތަކެއް ހިނގައިދިޔަ ކަމުގައި ވިޔަސް ފައިސަލްއާ އެކީ އުޅެވޭނެ ކޮންމެވެސް ގޮތެއް ހޯދުނީހެވެ. ނަމަވެސް އެކަމުގެ ސަބަބުން ދަރިއަކު އުފަންވާން އުޅުން މިއީ ފައިސަލްއާ ވަކިވާން ޖެހިއްޖެ ކަމުގެ ސިގްނަލެއް ކަމަށް ރަމްލާ އަށް ވިސްނުނެވެ.

"މިއީ ކޮން ފަދަ މުސީބާތެއް ހެއްޔެވެ؟ މިފަދަ މަޅިއަކަށް ފެތެން އަހަރެންނަށް ކުރެވުނީ ކޮން ކުށެއް ހެއްޔެވެ؟" ރަމްލާ ހިތާ ހިތުން ސުވާލު ކުރިއެވެ.

ހިޔާލުތަކުގެ ދުނިއެއިން ރަމްލާއަށް ނުކުމެވޭ ވަރަށް ވުރެ ވިސްނޭ ކަންކަން ގިނައެވެ. ޝިކާރަވެރިޔާއަށް، ރަމްލާގެ ހާލަތު އެނގޭ ބާވައެވެ؟ ރަމްލާ ބަލިވެއިން ކަމުގެ ހަބަރު އޭނާއާ ހަމައަށް ދާކަށް ލަހެއް ނުވާނެއެވެ. އޭނާއަށް އެކަން އެނގުމުން އޭނާ ކަންތައް ކުރާނީ ކޮން ގޮތަކަށް ބާވައެވެ؟ ބޭޒާރު ވެދާނެ ކަމަށް އޭނާ ޖެހިލުން ވާނެބާވައެވެ؟ ނޫނީ އަނެއްކާވެސް އޭނާއަށް މި ލިބުނީ ރަމްލާ އޭނާގެ މަޅީގައި ޖައްސާފައި ކޮންޓްރޯލް ކޮށްގެން އުޅެން އިތުރު ބާރެއް ނޫން ބާވައެވެ؟

ރަމްލާގެ އަޒުމް ވަރުގަދައެވެ. އެމީހާގެ މުށު ތެރެއަށް ދެނެއް ރަމްލާ ނުދާނެއެވެ. އެހެން ނަމަވެސް މި ދަރިފުޅާ މެދު ކަންތައް ކުރަންވީ ގޮތެއް ވެސް ރަމްލާއަކަށް ނުވިސްނުނެވެ. ސިއްރު ބޭޒާރު ވަންދެން ހުންނާކަށް ބޭނުމެއް ނޫނެވެ. ގަސްދުގައި ދަރިފުޅަށް ގެއްލުމެއް ލިބޭފަދަ ކަމެއް ކުރާކަށް ވެސް ބޭނުމެއް ނޫނެވެ. ކޮންމެ ގޮތެއް ވިޔަސް، އެއީ ކުށެއް ނެތް ދަރިއެކެވެ.

މި އިނދެވެނީ ކޮން ތަނެއްގައިކަން ނޭނގޭހާ ފުނަށް ހިޔާލުތަކުގެ ދުނިޔެއިން ރަމްލާއަށް ވަނީ ދެވިފައެވެ. ކައިރީގައި ތިބި މީހުންނަށް ފެންނާނީ ރަމްލާ މަޑުމޮޅިކަމާ އެކު ގަބުވެފައި އިން ތަނެވެ. އޭނާގެ ލޮލުން ހޯސްލާފައި ފައިބަމުންދާ ކަރުނަތަކެވެ. ރަމްލާގެ ހިތް ކެތްނުވާހާ ގަދަ ކަނޑެއްގައި ކުރަމުންދާ ހިތްވަރެއް އެކަކަށް ވެސް ނުފެންނާނެއެވެ.

"ރަމްލާ. ފައިސަލް އަތުވެއްޖެ. އެބަހުރި ޑޮކްޓަރު ކައިރީގަ." ރަމްލާއަށް ހޭވެރިކަންވީ ދޮންތަ އައިސް ރަމްލާގެ ކޮނޑުގައި ހިފާލުމުންނެވެ. ރަމްލާ އަވަސް އަވަހަށް ކަރުނަތައް ފޮހެލިއެވެ.

"ރަމީ. ކިހިނެއް؟" ފައިސަލް އައިސް ވަނެވެ. ކިތަންމެ ބޭނުންވިޔަސް ރަމްލާއަށް ހިތާމަތަކެއް ނުފޮރުވުނެވެ. ހިނިތުންވުން ދައްކަން ބޭނުންވި ނަމަވެސް އެކަމެއް ނުވިއެވެ. ރަމްލާއަށް ފެށުނީ ރޯށެވެ. ފައިސަލް އަވަހަށް އައިސް ރަމްލާގެ މޫނު މޭގައި ޖައްސާލައިގެން މަޑުކޮށްލިއެވެ. ރަމްލާ ރޯނެ ވަރަކަށް ރޯން ޖާގަ ދިނުމަށެވެ.

"އަހަރެން ނައިސް ދުރުގަ ހުރެގެން ފޯނުކުރިޔަސް ރަމީ އަށް ރޮވެނީ. ފެންނަ ހިސާބަށް އައިމަ ވެސް ރޮވެނީ،" ރަމްލާގެ ބޮލުގައި ފިރުމަމުން ފައިސަލް ބުންޏެވެ. ފައިސަލް ހީކުރީ ގިނަ ދުވަސްތަކެއް ވަންދެން ނުފެނި ހުރެ ފެނުމުން ވީ އުފަލުން ރޮވެނީ ކަމަށެވެ. އުފާވެރިކަމެއް ކުރިމަތިވިއިރު އެކަމުގެ އެކިއެކި ކަންކަން ހިއްސާ ކުރެވޭނެ ގޮތެއް ނެތުމުން ހިފަހައްޓައިގެން ހުރި އިހުސާސްތައް ކަރުނަތަކެއްގެ ސިފާގައި ބޭރުވަނީ ކަމަށެވެ. ހަގީގަތް ނޭނގޭއިރު ފައިސަލްއަށް ގޯސް ނަޒަރަކުން ނުވިސްނޭނެތާއެވެ.

"ކޮން ކަމަކާ ރަމީ ހިތާމަ ކުރަނީ؟ ޑޮކްޓަރު ނުބުނޭ ކަމެއް ގޯސް ވާހަކައެއް. ރަމީއަށް އުނދަގުލެއް ވަންޏާ ވެސް ބުނާތި، ތަނަކަށް ތަދު ވަންޏާ ވެސް." މާބަނޑުވުމާއެކު އެކި ކަހަލަ އުނދަގޫތައް ކުއްލިއަކަށް ވެސް ކުރިމަތި ވާން ފަށާފާނެކަން ފައިސަލް އަށް އޮތީ އެނގިފައެވެ. އެހެންކަމުން ފައިސަލް ހީކުރީ ރަމްލާއަށް ވެސް އެކަހަލަ ކަމެއް ކުރިމަތިވަނީ ކަމަށެވެ.

ރަމްލާ އެއްޗެކޭ ނުބުނެ އިނީ ބުނާނެ އެއްޗެއް ނޭނގިގެނެއް ނޫނެވެ. ބުނަން ބޭނުން ނުވާތީއެއް ވެސް ނޫނެވެ. ފަށާނެ ހިސާބެއް ނޭނގޭތީއެވެ. ބުނާނެ މިންވަރެއް ވެސް ނުނިންމޭތީއެވެ. އަދި ބުނާނެ ހިތްވަރެއް ވެސް ނެތީމައެވެ. ރަމްލާގެ ފައިސަލް ބެލީ އެކި ވާހަކަ ދައްކައިގެން ރަމްލާ ހަމައަކަށް އެޅުވޭތޯއެވެ. ރަމްލާގެ ޝައުގުވެރިކަން ލިބޭނެ ކަމަށް ހީކޮށް ފައިސަލް ދެއްކީ ލިބެން އުޅޭ ދަރިފުޅުގެ ސަބަބުން ފައިސަލް އުފާވާ ވަރެވެ. އާއިލާގެ އެކި މީހުންގެ އިހުސާސްތައް ހުރި ގޮތެވެ. މަންމަ އާއި ބައްޕަގެ ވާހަކަތައް ހުރި ގޮތެވެ. އެމީހުންގެ އިސްނެގުމަށް ގޭތެރޭގައި ކޮށްފައިވާ ތައްޔާރީތަކެވެ. ކޮޓަރިއަށް ގެނެސްފައިވާ ބަދަލުތަކެވެ. ފައިސަލް ކުރިން ހުރީ ގެއަށް ގޮސް އެކަންކަން ސަޕްރައިޒަކަށް ހަދާށެވެ. އެހެންނަމަވެސް ރަމްލާގެ މަޑުމޮޅިކަން ފެނިފައި ރަމްލާ ހަމައަކަށް އަޅުވަން އެވާހަކަތައް ކިޔައިދިނީ އެއީ ރަމްލާ ވެސް އެކަމާ އުފާ ވާނެ ކަމަށް ގަބޫލު ކުރެވިގެންނެވެ.

ރަމްލާ ހެއްވާލަން އެކިއެކި ސަމާސާކޮށް ހެދުމުން ވެސް ފައިސަލް ބޭނުންވި ފަދަ ރައްދެއް ރަމްލާގެ ފަރާތުންނެއް ނައެވެ. އޭގެ ބަދަލުގައި ފައިސަލްއަށް ފާހަގަވީ ރަމްލާއަށް އެކަންކަމުން އުނދަގޫވާ ކަމަށެވެ.

"ނޫން. ފައިސަލް. ގުޅާފަ މިހުރި އައިވީއެއް ނުފެނޭތަ؟ ތިހާ ވަރަށް ސަކަރާތް ނުޖަހާ މަޑުން ހުރެބަލަ!" ރަމްލާއާ ގާތްވެލައި އުރާލަން ކަމަށް އުޅުމުން ރަމްލާ ފައިސަލްގެ އަތް ދުރުކޮށްލިއެވެ. މާ ހަރުކަށިކޮށް ރަމްލާއަށް ޖަވާބު ދެވުނީ ހިތު ތެރޭގައި ހިނގަމުންދާ ހައިޖާނުގެ ސަބަބުންނެވެ. ފައިސަލް ފެނުމުން އުފާ ނުވާތީއެއް ނޫނެވެ. ފައިސަލްގެ ސަކަ މިޒާޖުން އުފާ ނުލިބޭތީއެއް ނޫނެވެ. އެއީ އެވަގުތު ރަމްލާއަށް އިޖާބަ ދެވުނު ގޮތެވެ. އެ ކަންތައް ކުރެވުނީ ފައިސަލް ދެރަވާނެ ގޮތަކަށް ކަމެއް ވެސް ރަމްލާއަކަށް އިހުސާސެއް ނުވެއެވެ. ރަމްލާ އެވަގުތު ނަފްސާނީ ގޮތުން ހުރި ހާލަތަކީ އެއީ އެވެ.

ތިން ދުވަހު ހޮސްޕިޓަލުގައި މަޑުކުރުމަށް ފަހު ގެއަށް ދާން ޑޮކްޓަރު ލަފާދިނެވެ. ފައިސަލް އެކަމާ ވަރަށް އުފާވިއެވެ. އަލަތު ދަރިފުޅުގެ ހަބަރާ އެކު ލިބުނު އުފާވެރިކަމުގެ ވަގުތުތައް ފައިސަލް ހޭދަކުރަން ބޭނުންވަނީ ހޮސްޕިޓަލުގައި ކަމަށް ނުވާތީއެވެ. ބޭނުންވާ ޕްރައިވެސީއާ އެކުގައި ކަމަށް ވާތީއެވެ. ގެއަށް ދާ ވާހަކަ ބުނުމާ އެކު އެކަން ރަމްލާއަށް ވީ އަނެއްކާވެސް ބޮލުގެ ރިހުމަކަށެވެ. ހިތްހަމަނުޖެހުމަކަށެވެ. ރަމްލާ ދިމާވާން ބޭނުންނުވާ މީހަކާ އެއް ފުރާޅެއްގެ ދަށަށް ދާން ބޭނުން ނުވާ ކަމަށް ރަމްލާ ހުރީ މާ ކުރިން ވެސް ގޮތް ނިންމައިގެންނެވެ. ނުނިމި ހުރީ އެކަން އެހެން ކުރަން ހަދާނެ ގޮތެކެވެ. ދައްކާނެ އުޒުރެކެވެ.

ރަމްލާގެ ފަރާތުން އެދެވޭ ފަދަ ގޮތަކަށް ފައިސަލްއަށް އެއްބާރުލުން ނުލިބޭތީ ފައިސަލް އެންމެ ފަހުން ސީދާ ސީދަލަށް އެހިއެވެ. "އަބަދު ކޮން ހިޔާލެއްގަ ތި އިންނަނީ؟ އަހަރެން އައިމަ ވެސް ރަމްލާ އުފާވިހެނެއް ހިއެއް ނުވޭ. ދަރިފުޅުގެ އެއްވެސް ވާހަކައެއް ވެސް ރަމީ ނުދައްކާ. ކޮން ކަމަކާތަ ރަމީ ތި ވިސްނަނީ؟ ކޮން ކަހަލަ އުނދަގުލެއްތަ ވަނީ؟"

ފައިސަލްގެ ސުވާލުތަކަށް ރަމްލާ ޖަވާބެއް ނުދެއެވެ. ރަމްލާގެ ހިތުގައި ރާވަމަން ދިޔައީ ގެއަށް ދިއުމާ މެދު ކަން ކުރާނެ ގޮތެކެވެ. އެކަމަށް ބުނާނެ އެއްޗެކެވެ.

" ފައިސަލް. އަހަރެން ދޮންތަ ގެއަށް ގެންގޮސްދީ..."

- ނުނިމޭ -

އިތުރު ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް