ޖެނާ އޯޓޭގާ

ހޮލީވުޑް

ޖެންޒީއަކީ ވިސްނުންތޫނު ބައެއްގެ ގޮތުގައި ނުދައްކާތީ ޖެނާ އޯޓޭގާގެ ނުރުހުން

ޖެނާ ބުނީ މިހާރަށް ވުރެ ރަނގަޅަށް އޭނާގެ ޖީލު ބަލައިގަންނާނެ ނަމައޭ ހިތަށް އަރާ ކަމަށް
4 މާރިޗު 2023

އޭނާގެ ޖީލަކީ ވިސްނުންތޫނު ބައެއްގެ ގޮތުގައި ޓީވީން ނުދައްކާ ކަމަށް ޖެނާ އޯޓޭގާ ބުނެފި އެވެ.

ޓީވީ ޝޯތަކުގައި ޖެންޒީގެ ޒުވާނުންނާއި ފުރާވަރުކުދިން ތަމްސީލުކުރާ ގޮތާ މެދު ނުރުހޭ އެއްވެސް ކަމެއް އެބައޮތްތޯ އިންޓަވިއުއެއްގައި ސުވާލުކުރުމުން 20 އަހަރުގެ އެކްޓަރު ބުނީ އަބަދުވެސް ފުރާވަރު ކުދިން ދައްކަނީ ގޯސްކޮށް އުޅޭ، ހުތުރު ބަހުން ވާހަކަދައްކާ، ވިސްނުންކޮށި ބައެއްގެ ގޮތުގައި ކަމަށެވެ.

ގިނަ ޓީނޭޖު ރޯލުތަކެއްގެ ތަޖުރިބާ ހުރި ޖެނާ ބުނީ އޭނާގެ ޖީލު އެއަށް ވުރެ ރަނގަޅަށް ބަލައިގަތުން އެދޭ ކަމަށެވެ.

"އަހަރެމެންނަކީ ބައެއް ފަހަރު ވިސްނުންތެރި ވެސް ބައެއް،" އޭނާ ބުނެލި އެވެ.

ޖެނާ ބުނިގޮތުގައި، އޭނާ އުމުރަށް ވުރެ ހަގު ކަމަށް ދައްކާތީ ވޭތުވެދިޔަ 10 އަހަރު ގިނައިން ލިބިފައި ހުރީ ފުރާވަރު ކުއްޖެއްގެ ރޯލުތަކެވެ.

އޭގެ ތެރެއިން އޭނާ އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ނެޓްފްލިކްސްގެ ހިޓް ސިލްސިލާ 'ވެންސްޑޭ'ގެ ވެންސްޑޭ އެޑަމްސްގެ ގޮތުގަ އެވެ. އެ ރޯލުން މި އަހަރުގެ ގޯލްޑެން ގްލޯބްސް އަށް އޭނާ ނޮމިނޭޓް ވެސް ވި އެވެ.

'ވެންސްޑޭ'ގެ ކުރިން ޑިޒްނީ ޗެނަލްގެ 'ސްޓަކް އިން ދަ މިޑްލް' ސިލްސިލާ އިން ވެސް ޖެނާ ފެނުނެވެ. އަދި އޭނާއަކީ ހޮލީވުޑްގެ އެންމެ ބޮޑު އެއް ޓީން ފްރެންޗައިޒް 'ސްކްރީމް'ގެ ވެސް ތަރިއެކެވެ. މިދިޔަ އަހަރުގެ 'ސްކްރީމް' އަށް ފަހު އޭނާ އަނެއްކާވެސް 'ސްކްރީމް 6' އިން މި މަހު ފެންނާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް