'އެވެޓާ: ދަ ވޭ އޮފް ވޯޓާ'

ހޮލީވުޑް

ޖޭމްސް ކެމެރަންއަށް ބޮޑު ކާމިޔާބީއެއް: 'އެވެޓާ 2' 2 ބިލިއަން ޑޮލަރު ހޯދައިފި

'ދަ ވޭ އޮފް ވޯޓާ' މިހާރު އޮތީ، ކުޑަ ދުވަސްކޮޅެއް ތެރޭ، އެންމެ ބޮޑެތި އާމްދަނީގެ ލިސްޓުގެ ހަތަރުވަނަ އަތުލެވޭ ހިސާބުގައި
23 ޖެނުއަރީ 2023

'އެވެޓާ: ދަ ވޭ އޮފް ވޯޓާ' އަށް ބޮކްސް އޮފީހުގައި ލިބުނު ޖުމްލަ އާމްދަނީ 2 ބިލިއަން ޑޮލަރު ހުރަސްކޮށްފި އެވެ. މީގެ ކުރިން މިވަރުގެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އެންމެ ފަސް ފިލްމަކަށެވެ.

ވަކިން ހާއްސަކޮށް ޑައިރެކްޓަރު ޖޭމްސް ކެމެރަން އަށް މި ލިބުނީ ވަރަށް ބޮޑު ކާމިޔާބީއެކެވެ. އޭނާ މިހާރު މިވީ 2 ބިލިއަން ޑޮލަރު ހޯދި ތިން ފިލްމު އުފައްދާފައިވާ ޑައިރެކްޓަރަކަށެވެ. އެއީ މިހާތަނަށް އެހެން މީހަކަށް ހާސިލްކުރެވިފައި އޮތް ކަމެއް ނޫނެވެ.

ޑިޒްނީ އިން އިއްޔެ ބުނިގޮތުގައި، ބޮޑު ބަޖެޓަކުން އުފެއްދި މި ސީކުއެލް ހަފްތާބަންދު ނިންމާލާ އިރު ދުނިޔޭގެ އާމްދަނީ 2.024 ބިލިއަން ޑޮލަރަށް އަރާނެ އެވެ. މިއީ ކޮވިޑް ބަލިމަޑުކަމުގެ އަސަރުތަކުގެ ތެރޭގައި ފިލްމަކުން ހޯދި އެންމެ ބޮޑު ތަރުހީބެވެ.

'އެވެޓާ 2' އަށް މިހާތަށް ލިބިފައިވާ އާމްދަނީ ބެހިގެންދާ ގޮތް:

  • އުތުރު އެމެރިކާގައި ލިބުނު 598 މިލިއަން ޑޮލަރު

  • އެ ނޫން ގައުމުތަކުން 1.426 ބިލިއަން ޑޮލަރު؛ އޭގެ ތެރެއިން 230 މިލިއަން ޑޮލަރު ލިބުނީ ޗައިނާ އިން

ޖޭމްސް ކެމެރަން 'އެވެޓާ: ދަ ވޭ އޮފް ވޯޓާ' ޑައިރެކްޓުކުރަނީ

މީގެ 13 އަހަރު ކުރިން ނެރުނު ފުރަތަމަ 'އެވެޓާ' އަކީ އަދިވެސް، އެންމެ ބޮޑު އާމްދަނީގެ ރެކޯޑް އޮތް ފިލްމެވެ. ޓިކެޓު ވިއްކައިގެން ހުރިހާ ގައުމަކުން އެ ފިލްމަށް ލިބުނު ޖުމްލަ 2.9 ބިލިއަން ޑޮލަރަށް އަރަ އެވެ.

ކެމެރަންގެ 'ޓައިޓޭނިކް' އަކީ ވެސް 2 ބިލިއަން ޑޮލަރު ކްލަބުގެ މެމްބަރެކެވެ. 

މިހާތަނަށް އެންމެ މަތިން އާމްދަނީ ލިބުނު ފިލްމުތައް:

  • 1-

    'އެވެޓާ' - 2.9 ބިލިއަން ޑޮލަރު

  • 2-

    'އެވެންޖާސް: އެންޑްގޭމް' - 2.79 ބިލިއަން ޑޮލަރު

  • 3-

    'ސްޓާ ވޯޒް: ދަ ފޯސް އަވޭކެންސް' - 2.07 ބިލިއަން ޑޮލަރު

  • 4-

    'އެވެންޖާސް: އިންފިނިޓީ ވޯ' - 2.05 ބިލިއަން ޑޮލަރު

'ދަ ވޭ އޮފް ވޯޓާ' މިހާރު އެ އޮތީ ކުޑަ ދުވަސްކޮޅެއް ތެރޭ މި ލިސްޓުގެ ހަތަރުވަނަ އަތުލެވޭ ހިސާބުގަ އެވެ.

ކެނެޑާ ޑައިރެކްޓަރު ކެމެރަން ފިލްމު ޕްރޮމޯޓްކުރަމުން ދައްކާފައިވާ ވާހަކައިން އެނގޭ ގޮތުގައި، 'ދަ ވޭ އޮފް ވޯޓާ' އަކީ ކާމިޔާބު ފިލްމެއް ކަމަށް ބަލާނީ 2 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިގެންނެވެ. ޑިޒްނީ އާއި ޓުވެންޓިއެތު ސެންޗަރީ އިން މި ފިލްމު އުފައްދަން، މާކެޓިން ހަރަދުތައް ނުލާ ވެސް، 400 މިލިއަން ޑޮލަރަށް ވުރެ ބޮޑު އެއްޗެއް ހޭދަކުރި އެވެ.

'އެވެޓާ: ދަ ވޭ އޮފް ވޯޓާ'ގެ ޓްރެއިލާ

އިތުރު އާޓިކަލް

އިތުރު އާޓިކަލް