ބާރްތީ އާއި ހަރްޝް

ބާރްތީ ސިންގް

ޑްރަގް މައްސަލާގައި ބާރްތީގެ ދެމަފިރިންގެ މައްޗަށް ދައުވާ އުފުލައިފި

މުމްބާއީގައި އެމީހުން އުޅޭ ގެއިން ކެނަބިސް ފެނުމާ ގުޅިގެން 2020ގައި ދެމަފިރިން ހައްޔަރު ކުރި
30 އޮކްޓޯބަރު 2022

މަޝްހޫރު ކޮމީޑިއަން އަދި ހޮސްޓު ބާރްތީ ސިންގް އާއި އޭނާގެ ފިރިމީހާ ހަރްޝް ލިމްބާޗިއާގެ މައްޗަށް ދައުވާ ކުރަން މުމްބާއީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ކޯޓަށް ފޮނުވައިފި އެވެ.

ޑްރަގް މައްސަލައަކާ ގުޅިގެން 2020 ވަނަ އަހަރު އެ ދެ މީހުން ހައްޔަރުކޮށް ކަފާލާތުގެ ދަށުން ދޫކޮށްލީ އެވެ. އެ އަހަރުގެ ނޮވެމްބަރު މަހު އެ މީހުން ހައްޔަރު ކުރީ މުމްބާއީގައި އެމީހުން އުޅޭ ގެ ބަލާ ފާސްކުރި އިރު އެ ގެއިން ކެނަބިސް ފެނުމާ ގުޅިގެންނެވެ.

އެންސީބީ އިން އޭރު ބުނީ އެގެއިން 86.5 ގްރާމުގެ ކެނަބިސް ފެނިފައިވާ ކަމަށެވެ. އަދި ބާރްތީ އާއި ހަރްޝް ވެސް، ކެނަބިސް ބޭނުންކުރި ކަމަށް ތަހުގީގުގައި އިއުތިރާފުވި ކަމަށް އެންސީބީއާ ހަވާލާދީ އޭއެންއައި އިން އޭރު ރިޕޯޓު ކޮށްފައިވެ އެވެ.

ހައްޔަރު ކުރިތާ ދެ ދުވަސް ފަހުން ކޯޓުން އެމީހުން ދޫކޮށްލީ ކޮންމެ މީހަކު 15،000 ރުޕީސްގެ ބޮންޑު ދެއްކުމުންނެވެ.

ނާކޮޓިކްސް، ޑްރަގްސް އެންޑް ސައިކޯޓްރޮޕިކް ސަބްސްޓެންސަސް ގާނޫނުގެ ދަށުން، ކެނަބިސް ގެންގުޅުމާއި ކުޑަ މިންވަރަކަށް އެ ބޭނުން ކުރުމުގެ ދައުވާގެ އިތުރުން އެ ގެއިން މަސްތުވާތަކެތި ފެނުނު ކަމުގެ ދައުވާ އެ ދެ މީހުންގެ މައްޗަށް އުފުލުމަށް 200 ސަފުހާގެ ދައުވާ ޝީޓެއް އެންސީބީ އިން ވަނީ ކޯޓަށް ފޮނުވައިފަ އެވެ.

އެކަމާ ގުޅިގެން ބާރްތީ އަދި ހަރްޝް ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް