ރިޗާ އަދި ފަޒަލް

ބޮލީވުޑް

ފަޒަލް އާއި ރިޗާގެ ކައިވެނީގެ ރަސްމިއްޔާތުތައް ފަށައިފި

ފަޒަލް އާއި ރިޗާގެ ގުޅުން ފެށުނީ 2012 ވަނަ އަހަރު ފިލްމު 'ފުކްރޭ'ގެ ސެޓުން
1 އޮކްޓޯބަރު 2022

އަލީ ފަޒަލް އާއި ރިޗާ ޗައްދާގެ ކައިވެނީގެ ރަސްމިއްޔާތުތައް ފަށައިފި އެވެ.

އަންނަ މަހުގެ 4ގައި މި ދެ މީހުން ކައިވެނި ކުރާނީ މުމްބާއީގަ އެވެ. އެކަމަކު އެމީހުންގެ ކައިވެނީގެ އިތުރު ރަސްމިއްޔާތުތައް ދިއްލީގައި ވަނީ ފަށައިފަ އެވެ.

ރިޗާ އާއި ފަޒަލް ވަނީ އެމީހުންގެ ޕްރީ ވެޑިން ފޮޓޯ އިންސްޓަގްރާމުގައި އާއްމު ކޮށްފަ އެވެ. ބޮލީވުޑްގެ އެހެން ތަރިންނާ ހިލާފަށް ރިޗާ އާއި ފަޒަލް، އެމީހުންގެ ކައިވެނީގެ ކަންތައް ސިއްރު ކުރާކަށް ނޫޅެ އެވެ. އާންމުކޮށް ކައިވެނީގެ ރަސްމިއްޔާތުތަކަށް ފޯނު ވެއްދުން މަނާކޮށްފައި އޮންނައިރު އެމީހުންގެ ކައިވެންޏަށް ފޯނު ވެސް ވެއްދޭނެ އެވެ.

ކައިވެނީގެ ރަސްމިއްޔާތުގެ ކުރިން ސަންގީތު އަދި މެހެނދީގެ ރަސްމިއްޔާތުތައް ބާއްވާފައި ވަނީ ދިއްލީގަ އެވެ. އަންނަ މަހު ކައިވެނީގެ ރަސްމިއްޔާތާއި ރިސެޕްޝަން މުމްބާއީގައި ބާއްވާނެ އެވެ.

ފަޒަލް އާއި ރިޗާގެ ގުޅުން ފެށުނީ 2012 ވަނަ އަހަރު ފިލްމު 'ފުކްރޭ'ގެ ސެޓުންނެވެ. އެމީހުން ރައްޓެހިވެގެން އުޅޭތާ ފަސް އަހަރު ފަހުން އެ ގުޅުން އާންމު ކުރި ފަހުން ދެ މީހުން އެކުގައި ބޭރު ތެރެއިން ގިނައިން ފެނެ އެވެ.

ހަތް އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށް ފަހު ފަޒަލް، ރިޗާ އަށް ޕްރޮޕޯޒް ކުރީ 2019 ވަނަ އަހަރު އެވެ. އަދި 2020 ވަނަ އަހަރުގެ ތެރޭގައި އެ ދެ ތަރިން ކައިވެނިކުރަން ނިންމި އެވެ. ނަމަވެސް ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ދެ ފަހަރު ކައިވެނި ލަސްކުރަން ޖެހުނެވެ. މިދިޔަ އަހަރު ވެސް އެ ދެ މީހުންގެ ކައިވެންޏަށް ތާރީހުތައް ކަނޑައެޅި އެވެ. އަދި މި އަހަރުގެ މާޗު މަހު ވެސް އެ ކައިވެނި ކުރަން އުޅުނެވެ.

ރިޗާ އާއި ފަޒަލް މިހާރު ދަނީ 'ފުކްރޭ 3'ގެ މަސައްކަތަށް ވެސް ތައްޔާރުވަމުންނެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް