ބިއުޓީ

ބިލީ އައިލިޝްގެ ދެވަނަ ސެންޓު ލޯބިވެރިންނަށް ހާއްސަ

'އައިލިޝް ނަމްބަ 2' އަކީ އަކީ ކޮންމެ މީހަކަށް ވެސް ބޭނުން ކުރެވޭނެ، ލޯބީގެ އިހުސާސުތައް ގެނެސްދޭ ސެންޓެއް ކަމަށް ބިލީ ބުނޭ
4 އޮކްޓޯބަރު 2022

މަޝްހޫރު ލަވަކިއުންތެރިޔާ ބިލީ އައިލިޝްގެ ފުރަތަމަ ސެންޓު 'އައިލިޝް' އަކީ ފޮނި ވަހެއް ދުވާ، ވެނިލާ، ކަކާއޮ އަދި އެމްބާ ވަސް ހިމެނޭ ސެންޓެކެވެ. މިދިޔަ އަހަރު ނެރުނު އެ ސެންޓު ވަރަށް މަގުބޫލުވެގެންދިޔަ އެވެ.

ބިލީގެ ދެވަނަ އަލްބަމް 'ހެޕިއާ ދެން އެވާ'ގެ ކާމިޔާބީއަށް ފަހު މިހާރު ނެރެން ތައްޔާރުވަމުން އަންނަ އޭނާގެ ދެވަނަ ސެންޓަށް ވެސް އެވަރުގެ ތަރުހީބެއް ލިބިދާނެ ބާވަ އެވެ؟

ބިލީ، 20، ބުނިގޮތުގައި އޭނަގެ ދެވަނަ ސެންޓު ފުޅީގައި ހިމެނޭ ވަސްތަކުން ލޯބިވެރިންނަށް ހާއްސަ، ލޯބީގެ އިހުސާސުތައް ގެނެސްދޭނެވެ.

ބިލީގެ ދެވަނަ ސެންޓު ފުޅި 'އައިލިޝް ނަމްބަ 2'ގެ ވަސް ފުރިހަމަކަން އޭނާއަށް ޔަގީންވީ އޭރު އުފައްދަމުން އައި ސެންޓު މިކްސް ޖަހައިގެން އޭނާއަށް ކަމުދާ މީހަކާ ބައްދަލު ކުރިއިރު އެވެ. އޭނާ އަކީ ގިނަ އަދަދެއްގެ ސެންޓު ފުޅި ބޭނުންކުރާ މީހެއް ކަމަށް ބިލީ ބުންޏެވެ. 

"އަހަރެން އަބަދުވެސް 30 ހަކަށް ސެންޓު ފުޅި ގެންގުޅެން،" ޑަބްލިއު މެގެޒިންއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުންޏެވެ. 

ބިލީ އެކި މީހުންނާ ބައްދަލުކުރާއިރު ބޭނުން ކުރަނީ ވެސް އެކި ވަސް ދުވާ ސެންޓެވެ.

"އަހަރެން ގަޔާވާ މީހަކާ ފުރަތަމަ ފަހަރަށް ބައްދަލު ކުރަން ދާއިރު އަހަރެން އެ ދުވަހު ޖަހަން ގަސްދު ކުރާ ސެންޓަކީ އަހަންނަށް ވަރަށް މުހިއްމު އެއް ކަންތައް،" ބިލީ ކިޔައިދިނެވެ. 

އޭނާގެ ދެވަނަ ސެންޓަކީ އޭނާއާ ލޯބީގެ ގޮތުން ގުޅުން އޮތް މީހަކާ ބައްދަލު ކުރި އިރު ޖެހި ސެންޓަކަށް ވުމުން، 'އައިލިޝް ނަމްބަ 2' އަކީ ކޮންމެ މީހަކަށް ވެސް ބޭނުން ކުރެވޭނެ، ލޯބީގެ އިހުސާސުތައް ގެނެސްދޭ ސެންޓެއް ކަމަށް ބިލީ ބުންޏެވެ.

މި ސެންޓުގައި ސްޕައިސީ އަދި ވުޑީ ވަސްތަކެއް އެކުލެވިގެންވެ އެވެ. ސެންޓުގެ ވަސް ފަނޑުވަމުންދާއިރު ދެން ނުކުންނަނީ މަސްކް، އަސޭމިރުސް އަދި ޕޮޕީގެ ވަސްތަކެވެ. ސެންޓު ފުޅި ފަރުމާ ކޮށްފައިވަނީ ބިލީގެ ކަރު ރަމްޒުވާ ސިފައަކަށެވެ. މިއީ އެންމެ ފުރަތަމަ އޭނާ ނެރުނު ފުޅިން ވެސް ފެންނަ ޑިޒައިނެވެ. އެކަމަކު 'އައިލިޝް ނަމްބަ 2'ގައި ޖައްސާފައިވަނީ އަޅި ކުލައެކެވެ.

ބިލީގެ ދެވަނަ ސެންޓު ފުޅި ނެރޭނީ އަންނަ މަހު އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް