ވާހަކަ: މެންދަން ވީމާ ހިމޭން
ވާހަކަ: މެންދަން ވީމާ ހިމޭން
އެޕިސޯޑް 07
އަހަރެން ތެދުވީމެވެ. އަދި އެ ދިމާލަށް ހިނގައިގަތީމެވެ. އަހަރެންގެ ފަހަތުން ޝަހުލާ ވެސް ތެދުވި އެވެ. ކިހިނެއްވީހޭ އަހަމުން އަހަރެންނާ އެއް ވަރަށް ހިނގަމުން އަ އެވެ. ކުއްލިއަކަށް އެ ސޫރަ ގެއްލުނެވެ. އަހަރެން ވަށައިގެން ހޯދީމެވެ. ނަމަވެސް ނުފެނުނެވެ.
ދުވަސްތަކަކަށް ފަހު ޝަހުލާއާ ވެސް ގުޅުން ކަނޑާލީމެވެ. ކޮންމެ ގުޅުމެއް ފެށުމާ އެކު އަހަރެންނަށް ވަނީ ކީއްކަމެއް ނޭނގެ އެވެ. ކުއްލިއަކަށް ފޫހިވާން ފަށަނީ އެވެ. ކަމުދާ ހުރިހާ ސިފައެއް ކަމުނުދާން ފަށަ އެވެ. އެކުގައި ވަގުތު ހޭދަ ކުރާއިރު ހިތް ނުތަނަވަސް ވާން ފަށަ އެވެ. ކޮންމެ މީހަކާ ގުޅުނަސް ވަނީ އެހެންނެވެ. ފުރަތަމަ ވަރަށް ހިތްހެޔޮ ވެފައި ރަނގަޅެވެ. ދުވަސްކޮޅެއް ނުވެ އެ މީހަކު ދެކެ ފޫހިވަނީ އެވެ.
އަހަރެންގެ އުމުރުގެ ގިނަ ކުދިން ކައިވެނި ކުރަން ފެށި އެވެ. އަހަރެން ކައިވެނި ނުކޮށްގެން މަންމަ ޝަކުވާ ކުރަން ފެށި އެވެ. އެކަމަކު އަހަރެން ކައިވެނި ކުރާ ހިތެއް ނުވެ އެވެ. ހިތް އެދެނީ ކޮންމެވެސް އެހެން މީހަކަށެވެ. ކާކަށް ކަމެއް ނޭނގެ އެވެ. އެނގެނީ އޭނާ އަހަރެންނަށް ކަމުދާ ކަމެވެ. ގަޔާ ވެވޭ ކަމެވެ. އަހަރެން އެކަނިވާ ވަގުތުތަކުގައި ވެސް އެކަނިވެރިކަން ފިލުވައިދޭ ކަމެވެ. އެކަމަކު ބައެއް ފަހަރު ބިރުވެރި ކަންކަމާ ދިމާވެ އެވެ. އެއީ ދެ މީހެއް ހެއްޔެވެ؟ ނުވަތަ އެކަކު ހެއްޔެވެ؟
އަނެއްކާވެސް އެހެން ކުއްޖަކާ އަހަރެން ގުޅުނީމެވެ. ނަމަކީ ނަދާ އެވެ. ނަދާ އަކީ އަހަރެންނާ އެއް އުމުރެއްގެ ކުއްޖެކެވެ. ބަލާލަން ރީތި ކުއްޖެކެވެ. ވަޒީފާ އަދާ ކުރަނީ ރަށުގެ ކޯޓުގަ އެވެ. ހީވާގި ގެވެހި ކުއްޖެކެވެ. އަހަރެން ގުޅުނު އެހެން ކުދިންނާ ހިލާފަށް ނަދާ އަކީ ވަރަށް ބަސް މަދު ކުއްޖެކެވެ. އަހަރެންނާ ބައްދަލު ކުރަނީ ވެސް ވަރަށް މަދުންނެވެ. ގިނައިން އަހަރެމެން ތިބެނީ ނަދާގެ ގެ ކައިރީ ހުންނަ ޖޯލިފަތީގަ އެވެ. އެއީ އޭނާ ބޭނުންވާ ގޮތެވެ. އަދި ނަދާ މަންމަ ވެސް ބޭނުންވާ ގޮތެވެ. އަހަރެން ޝަކުވާއެއް ނުކުރަމެވެ.
ނަދާއާ ދިމާވި ފަހުން މަހެއް ވެއްޖެ އެވެ. އަހަރެންނަށް އިހުސާސް ވީ ނަދާ ދެކެ ލޯބި ވެވުނު ކަމެވެ. ނަމަވެސް ކައިވެނި ކުރަން އަދިވެސް ޖެހިލުންވަނީ އެވެ. ބިރުގަންނަނީ އެވެ. ހީވަނީ ނުފެންނަ ބާރަކުން އެކަން ހުއްޓުވަން މަސައްކަތް ކުރާ ހެންނެވެ. އެކަމަކު އަހަރެންނަށް ކުރިން ދިމާވި ކަންކަން މިހާރު ދިމައެއް ނުވެ އެވެ. އެފަދަ އެއްވެސް އިހުސާސެއް ވެސް ނުވެ އެވެ. ކުރިން ފެނުނު ފަދަ އެއްޗެއް ނުވެސް ފެނެ އެވެ. އަހަރެން ވިސްނީމެވެ. އެކަން އެ ނިމުނީ ހެއްޔެވެ؟ ނުވަތަ ދިރިއުޅުމުގެ ވަކި ހިސާބަކުން އަނެއްކާވެސް އެ ކަމާ ކުރިމަތިލާން ޖެހޭނެ ހެއްޔެވެ؟
ނަދާ އާއި އަހަރެންގެ ގުޅުމަށް އެއް އަހަރު ފާއިތުވެދިޔަ އެވެ. ދެ މީހުން ވެސް އުޅުނީ ހިތްހަމަޖެހިގެންނެވެ. ނަމަވެސް ދެ ފަރާތުގެ މައިންބަފައިން ބާރުއަޅަމުން ދިޔައީ ކައިވެނި ކުރުމަށެވެ. އެންމެ ފަހުން، ހިތާ ދެކޮޅަށް އަހަރެން ކައިވެނި ކުރީމެވެ. ކައިވެނި ކުރުމުން އަހަރެންނަށް އިހުސާސްވީ ކޮއްޓަކަށް ލައި ބަންދު ވެވުނުހެންނެވެ. ކުޑަ ގޮތަކަށް ހަވީރު ސަޔެއް ބާއްވާލާފައި އެކަން ނިންމާލީމެވެ. އެއީ އަހަރެން ބޭނުންވާ ގޮތެވެ. ކައިވެނި ކޮށްގެން ނަދާ ބަދަލުވީ އަހަރެމެންގެ ގެއަށެވެ.
ރެއަކީ ކައިވެނީގެ ފުރަތަމަ ރެ އެވެ. އަހަރެން ހުރީ ކުޑަދޮރު ކައިރީގަ އެވެ. އަހަރެންގެ ފަހަތުން އައިސް ނަދާ އަހަރެން ގައިގާ ބައްދާލި އެވެ. ބޭއިހުތިޔާރުގައި ނަދާ ދުރަށް ލެވުނެވެ. އަދި ކޮޓަރިން ނުކުމެގެން ދިޔައީމެވެ. ގެއިން ނުކުމެގެން ގޮސް އަހަރެން އިނީ އަތިރިމަތީގަ އެވެ. މޫދު ފެންނަހެން ވެލިގަނޑު މަތީގަ އެވެ. މިއީ އަހަރެން ބޭނުންވާ ގޮތެއް ނޫނެވެ. ނަދާ އަކީ މިހާރު އަހަރެންގެ އަނބިމީހާ އެވެ. އޭނާ ދެރަކޮށް ހިތުގައި ޖައްސާކަށް ބޭނުމެއް ނޫނެވެ. އަހަރެން ނަދާ ދެކެ ލޯބިވެ އެވެ. އެކަމަކު މި ހިތް އެކަމަށް އިޖާބައެއް ނުދެ އެވެ. ހިތުގެ މައްޗަށް އެހެން ބާރެއް ފޯރުވާ ކަމުގެ އިހުސާސް ވަނީ އެވެ.
ފޯނު ރިންގްވި އެވެ. ގުޅަނީ ބައްޕަ އެވެ. ދެ ފިކުރުގައި ހުރެފައި ފޯނު ނެގީމެވެ. ވަގުތުން ގެއަށް އައުމަށް ބުންޏެވެ. އަހަރެން އެއްވެސް އެއްޗެއް ނުބުނެ ފޯނު ކަނޑާލީމެވެ. އަދި އެ ތަނުން ތެދުވެފައި ދެ އަތް ފޮޅާލީމެވެ. އަހަރެން މިތަނަށް އައީ ކީއްކުރަން ހެއްޔެވެ؟ އެކަނި ވެލަން ހެއްޔެވެ؟ އެކަނި ވެލަން މި ނޫނަސް ރަށުގައި ތަންތަން ހުންނާނެ އެވެ. ނަމަވެސް މި ތަނުގައި ހުރުމުން ހަނދާންތަކެއް އަ އެވެ. އަހަރެން ހޭޅިއަށް ބަލާލީމެވެ. އެއްވެސް ހިލަމެއް ނެތެވެ. އިރުކޮޅަކު މަޑުކޮށްލީމެވެ. ދެން ވެސް އެއްވެސް ކަމެއް ނުވި އެވެ. އަޑެއް ނީވުނެވެ. އެއްޗެއް ވެސް ނުފެނުނެވެ. އަހަރެން ހިނގައިގަތީ ގެއަށް ދިޔުމަށެވެ.
ކައިވެންޏަށް ތިން ހަފުތާވި އެވެ. އޭރު އަހަރެންނާއި ނަދާ ވަނީ ދެ ބީރައްޓެހިންނަށް ވެފަ އެވެ. އެއް އެނދަކު ނުނިދަމެވެ. އެއް ތަށިމަތިން ނުކަމެވެ. އަހަރެން ކޮޓަރީގައި އުޅޭ ނަމަ ނަދާ އިންނާނީ ސިޓިން ރޫމުގަ އެވެ. ނަދާ ކޮޓަރީގައި އުޅޭ ނަމަ އަހަރެން އިންނަނީ ބޭރު ޖޯލީގަ އެވެ. ގޭ މީހުންނަށް މި ކަންކަން ފާހަގަވާން މާ ގިނަ ދުވަހެއް ނުނެގި އެވެ.
"ދަރިފުޅާ. ދަރިފުޅުމެން ތި އުޅެނީ މައްސަލައެއް ޖެހިގެންތަ؟ މިހެން މި އެހީ މަންމަމެންނަށް ފެންނަން ނުޖެހޭ މަންޒަރުތައް ފެންނާތީ،" މަންމަ އަހަރެން ގާތުގައި ސުވާލު ކުރި އެވެ. އެ ވަގުތު ނަދާ ވެސް އަ އެވެ.
"ހައްލު ނުކުރެވޭ ވަރު މައްސަލައެއް ނުހުންނާނެ. ކޮންމެ ކަމެއްގެ ވެސް ހައްލު ނުކުންނާނީ ވާހަކަ ދައްކައިގެން. މަންމަ ނުދެކެން ދަރިފުޅުމެން އެކަކު އަނެކަކާ ހީނލާފައި ވާހަކަ ދައްކާ ތަނެއް. މަންމަ ގާތު ބުނެބަލަ. ކިހިނެއް ވެގެން ތި އުޅެނީ؟" މަންމަ އޯގަތެރިކަމާ އެކު އެހި އެވެ.
އަހަރެން ބުނާނީ ކީކޭ ހެއްޔެވެ؟ ވެގެން އުޅޭ ގޮތެއް އަހަރެންނަކަށް ވެސް ނޭނގެ އެވެ. އަހަރެން ނަދާއަށް ބަލާލީމެވެ. އެ ދެލޮގައި ވަނީ ކަރުނަ އެވެ. އަހަރެން ދެރަވި އެވެ. އެއްވެސް ކުށަކާ ނުލާ އަހަރެންގެ ވަފާތެރި އަނބިމީހާ ހިތުގައި ޖެހުމުންނެވެ. ނަދާ ބޭނުން ނަމަ މަންމައަށް ހުރިހާ އެއްޗެއް ކިޔައިދެވޭނެ އެވެ. އަހަރެންގެ ކިބައިގައި ހުރި ހުރިހާ އުނި ސިފަތަކާއި އަހަރެންގެ ޒިންމާދާރުކަން ކުޑަ ވާހަކަ ވެސް ބުނެވޭނެ އެވެ. ފިރިއެއްގެ ފަރާތުން ދޭން ޖެހޭ ލޯތްބާއި އަޅާލުން ނުދޭކަން ވެސް ބުނެވޭނެ އެވެ. އެކަމަކު ނަދާ އެއްވެސް އެއްޗެއް ނުބުނެ އެވެ. ފިރިމީހާ ބޭޒާރު ކުރަން ބޭނުން ނުވަނީ ކަންނޭނގެ އެވެ.
"އޭތް! މަންމަ އެ ކިޔާ އެއްޗެއް އަޑު އިވޭތަ؟" އެއީ ބައްޕަގެ އަޑެވެ.
"ކޮންމެ ރެއަކު 12 ޖެހީމަ ކޮންތާކަށް ތި ދަނީ؟" އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހަރެން ހިތުން ކޮންމެ ރެއަކު ވެސް އަހަރެން ނުކުންނަނީ އެންމެން ނިދީމައެވެ. ބައްޕަ އަހަރެންނަށް ފާރަލާ ކަމެއް ނޭނގެ އެވެ.
"ބުނެބަލަ. ފިރިއެއްގެ ވާޖިބުތައް އަދާ ނުކުރެވެންޏާ ކީއްކުރަން މީހަކާ އިނދެގެން އޭނަ މި ގެއަށް ގެނެސް ލީ؟ އޭނައަށް އިތުރު ހިތްދަތިކަމަކާއި ހިތާމައެއް ދޭންތަ؟"
ބައްޕަ އެހެން ބުނުމުން އަހަރެން ހައިރާންވި އެވެ. މިހާ ދުވަސް ވީ އިރު މަންމައަށް ބައްޕަ ދޭ ހިތްދަތިކަން ކުޑަ ހެއްޔެވެ؟ ފިރިއެއްގެ ފަރާތުން އަދާ ކުރަން ޖެހޭ އެއްވެސް ވާޖިބެއް ބައްޕަ އަދާ ކުރި ހެއްޔެވެ؟ މިއީ އަހަރެންގެ ހިތުގައި އުފެދުނު ސުވާލުތަކެވެ. ބައްޕައާ ކުރަން ހިތަށް އެރި ނަމަވެސް ނުކުރަމެވެ. މައިންބަފައިންނަށް އަޑުލައި ވާހަކަ ނުދައްކަން ވެގެންނެވެ. އަހަރެން އިސްދަށަށް ޖެހީމެވެ. އެކަކު ވެސް އެއްޗެއް ނުބުނެ އެވެ. އެ ގޮތުގައި ސިކުންތެއް ހޭދަވި އެވެ. ބައްޕަ ނުކުމެގެން ދިޔުމުން އަހަރެން ކޮޓަރިއަށް ދިޔައީމެވެ.
އަހަރެން ހުރީ ފެން ވަރާށެވެ. ޑިއުޓީއަށް ދިޔުމަށްޓަކަ އެވެ. މި މަހު އަހަރެންނަށް ލިބުނީ ދަންވަރު ޑިއުޓީ އެވެ. ބޮލުގައި ޝޭމްޕޫ ލާން ފެށީމެވެ. އަހަރެން ދެ ލޯ މެރީ ލޮލަށް ޝޭމްޕޫ އެޅިދާނެތީ އެވެ. ލޯ ނުމެރުނު ނަމައޭ ފަހުން ހިތަށް އެރިއެވެ.
- ނުނިމޭ -