ރ. ޓޫރިޒަމް އެކްސްޕޯ 2022ގެ ދަށުން ބޭއްވި މޫދު ކުޅިވަރު ހަރަކާތެއްގައި ދަރިވަރުންތަކެއް ޖެޓްސްކީ ދުއްވަން ތައްޔާރުވަނީ
ޓޫރިޒަމްގެ 50 އަހަރު ފާހަގަކުރަން ރ. އަތޮޅު ކައުންސިލުން މޫދު ކުޅިވަރު ހަރަކާތްތަކެއް ބާއްވައިފި
ރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ރ. އަތޮޅު ކައުންސިލުން އިއްޔެ މޫދު ކުޅިވަރު ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.
ވީ ކިހިނެއް؟ - މިއީ ޓޫރިޒަމް މިނިސްޓްރީގެ އެހީއާ އެކު ރ. އަތޮޅު ކައުންސިލުން ކުރިއަށްގެންދާ ރ. ޓޫރިޒަމް އެކްސްޕޯ 2022 ގެ ތެރެއިން ބޭއްވި ހަރަކާތްތަކެކެވެ.
ތަފްސީލު - ރ. ހުޅުދުއްފާރުގައި ބޭއްވި އެ ހަރަކާތް އިފްތިތާހު ކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު އާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހްމަދު އާތިފް އަދި ރ. އަތޮޅު ކައުންސިލްގެ ރައީސް ހުސައިން ނާސިފް އެވެ.
މޫދު ކުޅިވަރުގެ އެ ހަރަކާތްތަކުގައި ރ. އަތޮޅުގެ އެކި ސްކޫލްތަކުގެ ދަރިވަރުންނާއި އާންމުން ވެސް ބައިވެރިވި އެވެ. މޫދު ކުޅިވަރުގެ ހުނަރު ދައްކާލުމާއި މޫދު ކުޅިވަރުގައި ބޭނުންކުރާ އާލާތްތައް ދަރިވަރުންނާއި އާންމުންނަށް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް، އެ ހަރަކާތުގެ ތެރެއިން ލިބުނެވެ.
މި ހަރަކާތުގައި ރ. އަތޮޅުގެ ހަތް ރިސޯޓަކުން ބައިވެރިވި އެވެ. އަދި ހުޅުދުއްފާރު، މާކުރަތު، ރަސްމާދޫ އަދި އިންނަމާދޫ ސްކޫލުގެ މަތީ ގްރޭޑުތަކުގެ ދަރިވަރުންނަށް ވަރަށް ގިނަ ތަޖުރިބާތަކެއް ވެސް، މި ހަރަކާތްތަކުގެ ތެރެއިން ލިބުނެވެ.
އެ ދަރިވަރުންނަށް ވަނީ ކެރިއާ ގައިޑެންސްއާ ބެހޭ މައުލޫމާތު ވެސް ފޯރުކޮށްދީފަ އެވެ.