ލޯނުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓަރު އަމީރު މިއަދު ސޮއިކުރައްވަނީ (ފޮޓޯ/ފިނޭންސް)

ގުޅިފަޅު ބަނދަރު

ބަނދަރު ހަދަން ގުޅީފަޅު ހިއްކުމަށް 1.6 ބިލިއަން ރުފިޔާގެ ލޯނެއް ނަގައިފި

ގުޅީފަޅުގައި ޕޯޓް ހެދުމުގެ މަޝްރޫއު ސަރުކާރުން ފަށާފައި ވަނީ 2019 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން

މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅުގައި ގާއިމްކުރުމަށް އެ ފަޅުގެ ބައެއް ހިއްކުމަށް 101 މިލިއަން ޔޫރޯ (1.6 ބިލިއަން ރުފިޔާ)ގެ ލޯނެއް ނެގުމަށް ޔޫރަޕްގެ ބޭންކްތަކަކާ އެކު ސަރުކާރުން މިއަދު ސޮއިކޮށްފި އެވެ.

ވީ ކިހިނެއް؟ - އޭބީއެން އެމްރޯ ބޭންކާއި ޔޫރަޕިއަން އެކްސްޕޯޓް ޓްރޭޑް ބޭންކް އަދި އައިއެންޖީ ބޭންކާ އެކު އެ ލޯނު ނެގުމުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ. ދިވެހި ސަރުކާރުގެ ފަރާތުން އެ ލޯނު އެއްބަސްވުމުގައި ސޮއިކުރެއްވީ. ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އެވެ. އެ ހަފްލާގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވެސް ބައިވެރިވި އެވެ.

ބުނީ ކީކޭ؟ - އެ ލޯނާ ގުޅޭ ގޮތުން މައުލޫމާތު ދެއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު 'ދައުރު'އަށް ވިދާޅުވީ މިއަދު ނެގި ލޯނު ބޭނުން ކުރާނީ ގުޅީފަޅުގައި ޕޯޓް ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތަށް ކަމަށެވެ. އެކަމަށް ބޭނުންވާ ބިމުގެ އެއްބައި މިހާރުވެސް ހިއްކާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ލޯނަކީ ކުރިން ވެސް ހަމަޖެހިފައި އޮތް ލޯނެއްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެ ލޯނު ނެގީ ރަނގަޅު އިންޓަރެސްޓް ރޭޓްގައި ކަމަށެވެ. އަދި ފަހުން އެ ތަފްސީލްތައް ހާމަކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ގުޅިފަޅު ހިއްކުން ބޮސްކާލިސްއިން މީގެ ކުރިން ކުރިއަށް ގެންދަނީ (ފޮޓޯ/ މިވެށި)

ފާހަގަކޮށްލެވޭ ކަމެއް - ގުޅީފަޅު ބަނދަރު ހެދުމަށް ބިން ހިއްކުމުގެ މަސައްކަތް 2019ގެ އޮކްޓޯބަރު މަހުގެ ތެރޭ ބޮސްކާލިސްއާ ވަނީ، 817.26 މިލިއަން ރުފިޔާއަށް ހަވާލުކޮށްފަ އެވެ. ބޮސްކާލިސްއާ އެކު ސަރުކާރުން އެއްބަސްވެފައި އޮތީ ހަ މަސްދުވަހުގެ ތެރޭގައި ބިން ހިއްކާ ނިންމާ ގޮތަށް ނަމަވެސް 2020ގެ މޭ ގައި އެ މަސައްކަތް ފެށި ނަމަވެސް ކުރިއަށް ނުގޮސް މަސައްކަތް ހުއްޓުނެވެ. އެ ބުރުގައި ހިއްކީ ކިހާ ސަރަހައްދެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.

ގުޅީފަޅު ޕޯޓް މަޝްރޫއުގެ ޓައިމްލައިން:

  • 19 ސެޕްޓެމްބަރު 2019 - ބަނދަރުގެ މާސްޓާޕްލޭން ހަދަން ސިންގަޕޫރުގެ އެޗްކިޔު ކުންފުންޏަށް؛ 10 މިލިއަން ރުފިޔާ 

  • 30 ސެޕްޓެމްބަރު 2019 - ބަނދަރުގެ މަޝްރޫއުގެ ކޮންސަލްޓެންޓަކަށް ޑެންމާކްގެ ނީރާސް އާއި ހޮލެންޑުގެ މެރިޓައިމް އެންޑް ޓްރާންސްޕޯޓް ގުޅިގެން އުފައްދާފައިވާ ޖޭވީ ކުންފުންޏަކާ ހަވާލުކުރި؛ 15 މިލިއަން ރުފިޔާ

  • 22 އޮކްޓޯބަރު 2019 - ގުޅީފަޅުން 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމަށް ބޮސްކާލިސްއާ ހަވާލުކުރި؛ 817.26 މިލިއަން ރުފިޔާ

  • 28 މޭ 2020 - ގުޅީފަޅުން ބިން ހިއްކަން ފެށި

އެއީ ކީއްވެ؟ - ސަރުކާރުން ބުނެފައި ވަނީ އެ މަސައްކަތް އޭރު ހުއްޓުނީ ކޮވިޑްގެ ސަބަބުން ކަމަށެވެ. އެހެން ނަމަވެސް އެނގިފައިވާ ގޮތުގައި ބޮސްކާލިސް އިން ބިން ހިއްކުމުގެ މަޝްރޫއު މަޑުޖައްސާލީ ގުޅީފަޅުން ހިއްކަން ކަނޑައެޅި ސަރަހައްދު ފުންކަމުން އެގްރިމަންޓްކުރި އަދަދަށް ވުރެ އެކަމަށް ހިނގާ ހަރަދު ބޮޑުވާތީ އެކަމާ މެދު ހިޔާލު ތަފާތު ވެގެންނެވެ. 

މާލޭ ބަނދަރު ސަރަހައްދަށް މުދާ ބާލަނީ (ފޮޓޯ/އެމްޕީއެލް)

ބިޑަކާ ނުލައި ބޮސްކާލިސްއާ ބިން ހިއްކަން ހަވާލުކުރި އިރު ގުޅީފަޅުގެ ބައެއް ހިސާބުތައް ފުންކަމުން ހަރަދު ބޮޑުވާނެކަމަށް، ދާއިރާގެ ބައެއް ތަޖުރިބާކާރުން އޭރުވެސް ގެންދިޔައީ ބުނަމުންނެވެ.

ގުޅީފަޅު ޕޯޓްގެ މަޝްރޫއު:

  • ގުޅީފަޅުގައި ހަދަނީ އަހަރަކު 400،000 ކޮންޓެއިނަރު ބޭލޭވަރުގެ ޕޯޓެއް

  • ބަނދަރަށް 80 ހެކްޓަރުގެ ބިން ބޭނުންވޭ

  • އެއް ފަހަރާ 3 ބޯޓް ކައިރިކޮށް މުދާ އަރުވާ ބޭލޭނެވަރުގެ ބަނދަރެއް

  • ބަނދަރު ގުޅީފަޅުގައި ހެދުމަށް އިންޑިއާގެ އެގްޒިމް ބޭންކުން 300 މިލިއަން ޑޮލަރު (5 ބިލިއަން ރުފިޔާ) ލޯނެއް ދޭނެ

  • ގުޅީފަޅު ބަނދަރުގެ މާސްޓާ ޕްލޭނާއި ކޮންސަލްޓެންސީ މަސައްކަތް އަދި ކުރިން ހިއްކުމަށް ސަރުކާރުން 842 މިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ

ސަރުކާރުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިފަހަރުވެސް ގުޅީފަޅު ހިއްކަން ހަވާލުކުރާނީ ބޮސްކާލިސްއާ އެވެ.

ކޮމެންޓް (2)

ތަކުރުފާނު

17 ޖޫން 2022
ކުރިން ވެސް ގުޅީ ފަޅު ހިއްކަން ބޮސްކާލިސްއާ ހަވާލު ކުރި. އަނެއްކާ އަނެއް ބުރަށް ލާރިގަނޑެއްް ނެގީދޯ/ ތިޔައިގެން ކަޓްއަށް ދާނީ ކިހާވަރެއް ބާ؟ ދަަރަނިބޯ/ ދަރަނިބޯ/ މިހާރު ވެސް ދަރަނި 100 މިލިއަން ރުފިޔާއަށް އަރައިފިޔޯ
0 0

ދިއިންލިޝް

16 ޖޫން 2022
ސުރުހީ "ބަނދަރު ހަދަން ގުޅީފަޅު ހިއްކުމަށް 1.6 ބިލިއަން ރުފިޔާގެ ދަަރަންޔެއް ނަގައިފި" މި ގޮތައް ބަދަލްކޮށްލަން ހުށައަޅަން. ދަރަނި އަނބުރާ ދަށްކަން ޖެހެނީ ކޮން އަހަރަކުތޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް