ސީޑްގެ ވޯކް ސްޓޭޝަނެއްގައި ބަޔަކު މަސައްކަތްކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސީޑު: އީޖާދީ ހިޔާލުތައް ހަގީގަތަކަށް ހަދައިދޭ އޮފީސް މާހައުލެއް

މިއީ ރާއްޖޭގައި ހުޅުވި މިފަދަ ފުރަތަމަ ކޯ-ވޯކް ސްޕޭސް؛ އޮފީހެއް ހިންގާނެ ޖާގައެއް ހޯދަން ދަތި ނުވަތަ ގޭގައި މަސައްކަތް ކުރަން ދަތި މީހުންނަށް މިއީ މަސައްކަތް ކޮށްލަން ދާން ރަނގަޅު ޖާގައެއް

މާލެ އަކީ ޖާގައިގެ ދަތިކަން ބޮޑު ތަނެއް ކަމާ މެދު އެއްވެސް މީހަކު ސުވާލެއް ނުއުފައްދާނެ އެވެ. ދިރިއުޅޭނެ ތަނެއްގެ އިތުރުން ހިތްހަމަޖެހިލައިގެން މަސައްކަތް ކޮށްލާނެ މާހައުލެއް ހޯދުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ކުންފުނިތަކަށް ލިބޭ އާމްދަނީން އޮފީހެއް ހިންގަން ތަނެއް ކުއްޔަށް ހިފިދާނެ އެވެ. އެކަމަކު އަލަށް ވިޔަފާރިއެއް ފަށާ ބަޔަކަށް ނުވަތަ އަމިއްލައަށް އެކަނި ވިޔަފާރި ކުރާ ކޮންމެ މީހަކަށް އެއީ ކުރެވޭނެ ކަމެއް ނޫނެވެ. ސަރުކާރުގެ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން ހިންގާ 'ސީޑު' މިއީ ސީދާ އެ މައްސަލައަށް ހައްލެއް ހޯދައިދޭން ހުޅުވި ތަނެކެވެ.

ސީޑްގެ ޖާގައެއްގައި މީހަކު މަސައްކަތްކުރަނީ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސީޑު: މިއީ ކޮން ތަނެއް؟

އިކޮނޮމިކް މިނިސްޓްރީގެ ބީސީސީ އިން ޖުލައި 2021 ގައި ހުޅުވި ސީޑަކީ ކުރުކޮށް ބުނާ ނަމަ ކޯ-ވޯކް ސްޕޭސްއެކެވެ. އެއީ އެކި ފަންނުގެ މީހުންނަށް އެއް ތަނެއްގައި ތިބެ މަސައްކަތް ކޮށްލެވޭނެ ޖާގައެކެވެ. ސީޑުން ފަހިކޮށްދެނީ މިނިވަން މާހައުލެއްގައި މަސައްކަތް ކޮށްލާނެ ފުރުސަތެކެވެ. އެ ފުރުސަތު ސީޑުން ފަހިކޮށްދެނީ ޖީބަށް ލުއި ގޮތަކަށެވެ.

ސީޑު ހިންގަނީ މާލޭގެ ނިސްބަތުން ބަލާ ނަމަ، ޖާގައިގެ ގޮތުން ތަނަވަސް އިމާރާތެއްގެ ދެ ފަންގިފިލައެއްގަ އެވެ. އެ ދެ ފަންގިފިލާގައި ހުންނަނީ އެކި ކަހަލަ ބޭނުންތަކަށް ހާއްސަ ވޯކް ސްޓޭޝަންތަކެކެވެ. ޕްރައިވެސީ ބޭނުންވާ މީހުންނަށް އެކަނި މަސައްކަތް ކޮށްލެވޭ ކަހަލަ ސްޓޭޝަންތަކާއި ދެ މީހަކު ގުޅިގެން މަސައްކަތް ކޮށްލެވޭ ކަހަލަ ސްޓޭޝަންތަކެވެ. ގުރޫޕެއް އެކުގައި ކުރާ މަސައްކަތެއް ނަމަ، އެކަމަށް ވެސް ސީޑުން ޖާގަ ލިބޭނެ އެވެ.

ގިނަ ބަޔަކަށް އެކުގައި މަސައްކަތްކުރެވޭނެ ގޮތަށް ސީޑްގައި ތައްޔާރުކޮށްފައިވާ ޖާގައެއް (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ސީޑްގެ ވޯކް ސްޓޭޝަނެއް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ސީޑްގެ ވޯކް ސްޓޭޝަނެއް. މި ތަން ފިލްމު ބެލުމަށާއި ގޭމް ގުޅެން ވެސް ބޭނުން ކުރެވިދާނެ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ސީޑްގެ ވޯކް ސްޓޭޝަނެއް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ސީޑްގެ ވޯކް ސްޓޭޝަނެއް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ސީޑްގެ ވޯކް ސްޓޭޝަނެއް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އެކި ސްޓައިލްތަކުގެ މި ވޯކް ސްޕޭސްތައް، ސީޑްގެ ވެބްސައިޓުން ބަލައިލެވޭނެ އެވެ. ވެބްސައިޓުގައި ލިސްޓުކޮށްފައިވަނީ މައިގަނޑު ނުވަ ބާވަތެއްގެ ޖާގަތަކެވެ. ނަމަވެސް، ސީޑްގެ ޑިރެކްޓާ، އޮޕަރޭޝަންސް އަލީ އާނިފު ވިދާޅުވާ ގޮތުގައި އެކަމުގައި ސީޑުން ވަކި ލިމިޓެއް ނުގެންގުޅެ އެވެ. ސީޑަށް ވަނުމަށް ފަހު، އެމީހަކަށް އެންމެ ކަމުދާ ގޮނޑިއެއްގައި، ބޭނުން ތާކު އިށީންނަންވީ އެވެ.

"އެމީހަކު ބޭނުން ގޮތަކަށް މި ތަނުގެ ފަރުނީޗަރު ރީއެރޭންޖް ކޮށްލަދީ، ކަސްޓަމައިޒް ކޮށްދޭނެ،" އޭނާ ވިދާޅުވި އެވެ.

ސީޑުގެ ފެށުން އައީ ބަޔަކު ފާޅުކުރި ކަންބޮޑުވުންތަކަކުން

ސީޑު އުފެއްދުމުގެ އަސްލަކީ، އާނިފް ވިދާޅުވި ގޮތުގައި، ޔޫއެންޑީޕީގެ ސަސްޓެއިނަބަލް އިކޮނޮމިކް އެޕްޕަވަމަންޓް އެންޑް ޑިވެލޮޕްމަންޓް ފޮ އެސްއެމްއީސީ (ސީޑްސް) ފަންޑު ބޭނުން ކުރާނެ އެންމެ ރަނގަޅު ގޮތް ދެނެގަތުމަށް ކުރި މަސައްކަތެވެ. އެއީ ޒުވާނުންނާއި ފްރީލާންސަރުންނާ ބައްދަލުކޮށް މަޝްވަރާކުރުމުގެ ސެޝަންތަކެއްގައި ބައިވެރިން ހިއްސާކުރި ކަންބޮޑުވުމަކުން އައި ތަނެކެވެ.

"އެ ސެޝަންތަކުގައި ވަރަށް ގިނަ މީހުން ބުނި ތިމަންނާމެން މަސައްކަތް ކުރާނެ ޖާގައެއް ނެތޭ،" ސީޑު އުފައްދަން ހިޔާލު އައި ގޮތް އާނިފް ކިޔައިދެއްވި އެވެ. 

"މިއީ ރާއްޖޭގައި އާ ކޮންސެޕްޓަކަށް ވިޔަސް މެލޭޝިއާ، ޔޫކޭ ތަންތަނުގައި އާންމު އެއްޗެއް."

ސީޑްގެ ޑިރެކްޓާ، އޮޕަރޭޝަންސް އަލީ އާނިފު 'ދައުރު'އާ ވާހަކަދައްކަވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

މަޝްވަރާ ބައްދަލުވުމެއްގެ ބައިވެރިން ފާޅުކުރި ކަންބޮޑުވުމަކަށް ހައްލެއް ހޯދައިދޭން ކުރި މަސައްކަތުގައި ހަގީގީ ކުލަ ޖެއްސުމުގައި މިސާލަކަށް ބަލާފައިވަނީ، އާނިފް ވިދާޅުވި ގޮތުގައި، އިނގިރޭސިވާލުގެ އަންކޮމަން އާއި އެމެރިކާގެ ވީވޯކް ފަދަ ކޯ-ވޯކިން ސްޕޭސްތަކެވެ.

އެންމެ ބޮޑު ގޮންޖެހުން: ނެތް ސަގާފަތެއް ތައާރަފު ކުރުން

ސީޑު ތައާރަފު ކުރިއިރު އެއީ ރާއްޖެއަށް މުޅިން އާ ކޮންސެޕްޓެކެވެ. ނެތް ސަގާފަތެކެވެ. އެ ތަން ހުޅުވައިގެން ދެން ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ވެސް އެއީ އެވެ.

"ނެތް ކަލްޗާއެއް ބިލްޑު ކުރަން ޖެހުނީމަ ވަރަށް އުނދަގޫވި. ވަރަށް ސްޓްރަގްލް ކުރިން، ކުރީކޮޅުގައި މީހުން ނައިސްގެން،" އާނިފު ވިދާޅުވި އެވެ.

ޖުލައި-ޑިސެމްބަރު 2021 އާ ހަމައަށް ސީޑަށް ޖުމުލަ ލިބިފައިވަނީ، އޭނާ ވިދާޅުވި ގޮތުގައި، 500 އެއްހާ ކަސްޓަމަރުންނެވެ.

"އެކަމަކު މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި އެކަނި ވެސް 700 އަށް ވުރެ ގިނަ [ކަސްޓަމަރުން ލިބުނު]. ވަރަށް ބޮޑު ޖަމްޕެއް މިއީ،" އާނިފު ވިދާޅުވި އެވެ.

"މި ތަނުގެ އެކްސްޕީރިއަންސަށް ބަލާފައި ސީޑު، އެކްސްޕޭންޑު ކުރުމުގެ ވިސްނުން ވެސް އެބަހުރި، މާލެ އާއި ރާއްޖޭގެ އެހެން ސަރަހައްދުތަކަށް ވެސް."

ސީޑުގެ ކަސްޓަމަރެއްގެ ތަޖުރިބާ

އޮފީސް ސްޕޭސްއެއްގެ ގޮތުގައި ސީޑު ބޭނުން ކުރާ މަހުފޫޒު އަލީ ބުނިގޮތުގައި މާލޭގައި މިގޮތަށް މަސައްކަތް ކޮށްލެވޭނެ ތަނެއް ހުރުމަކީ ލިބުނު ވަރަށް ބޮޑު ފަސޭހައެކެވެ.

ކުރިން ގޭގައި ހުރެގެން މަސައްކަތް ކުރި މަހުފޫޒު ބުނީ އޭނާ ސީޑަށް އަންނަތާ މިހާރު ދެ މަހެއްހާ ދުވަސް ވެދާނެ ކަމަށެވެ.

"ގޭގައި ވާ ގޮތަކީ ކަންނެތް ވުން ކަހަލަ ކަންކަން ދިމާވަނީ. މިކޮޅަށް [ސީޑަށް] އައިމަ ސްޓެޑީކޮށް ވޯކް ކުރެވޭ،" އޭނާ ބުންޏެވެ.

މަހުފޫޒު ދެކޭ ގޮތުގައި މާލޭގައި ސީޑު ކަހަލަ ތަނެއް ހުރުމަކީ ފްރީލާންސަރުންނަށް ލިބޭ ވަރަށް ބޮޑު ފަސޭހައެއް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސީޑާ މެދު މަހުފޫޒު އެންމެ ހިތްހަމަޖެހޭ އެއް ކަމަކީ އެ ތަނުގައި ސްޓޭންޑިން ޑެސްކު ހުންނާތީ އެވެ.

"ކަނދުރާގައި މައްސަލަ ހުރޭ. ދޭތެރެއަކުން ކަނދުރާގައި ރިއްސަން ފެށީމާ ކޮޅަށް ހުރެ މަސައްކަތް ކުރެވޭ. އެ [ސްޓޭންޑިން ޑެސްކު] ހުންނާތީ އަސްލު ސީޑަށް ގިނައިން އަންނަނީ ވެސް،" އޭނާ ބުންޏެވެ.

"އެއީ އެންމެ ސަޅި ކަމަކީ."

މަހުފޫޒު ބުނި ގޮތުގައި މިގޮތަށް ރިމޯޓުކޮށް ނުވަތަ ފްރީލާންސްކޮށް މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ސީޑަކީ ވަރަށް ބޮޑު ފަސޭހައެކެވެ.

އޭނާ ބުނީ ކޮންސެޕްޓުގެ އާ ކަމުން އަދިވެސް ގިނަ މީހުންނަށް މި ކޮންސެޕްޓު ނަގައިނުގަނެވޭ ކަމަށެވެ.

"އެކަމަކު ވެސް، މިތަނަށް އަންނަން ފެށި ފަހުން ފެނޭ ހަމަ ބައިވަރު މީހުން މިތަނަށް އައިސް އަމިއްލަ ޕްރޮޖެކްޓުތަކުގެ މަސައްކަތް ކުރާ ތަން،" އޭނާ ބުންޏެވެ.

އަގުތަކާއި ހިދުމަތްތައް ރަނގަޅު

ސީޑުން ލިބޭ ހިދުމަތްތަކަށް ބަލާއިރު، އޮފީސް މަސައްްކަތަށް ބޭނުންވާ ގާތްގަނޑަކަށް ހުރިހާ ހިދުމަތްތަކާއި ވަސީލަތްތައް މި ތަނުން ވެސް ލިބެ އެވެ. އެގޮތުން:

  • އިންޓަނެޓު (1 ޖީބީޕީއެސްއާ ހަމައަށް، ދިރާގު އަންލިމިޓެޑް އިންޓަނެޓް)

  • ސްކޭނިން ހިދުމަތް

  • ޕްރިންޓިން ހިދުމަތް

  • ކެފެޓީރިއާ

  • ވެންޑިން މެޝިން

  • ލޮކާ

  •  ސީޑްގެ ކެފެޓީރިއާ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ސީޑްގައި ކަސްޓަމަރުން ބޭނުން ކުރަން ހުންނަ ލޮކާތައް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
  • ސީޑްގެ ވެންޑިން މެޝިން. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

އަގުތައް ކަނޑައަޅާފައިވަނީ ކަސްޓަމަރުން ހިދުމަތް ހޯދާ ގަޑި ނުވަތަ މުއްދަތަށް ބިނާކޮށްފަ އެވެ. އޭގެ ތެރޭގައި އަވަސް މަސައްކަތްތައް ނިންމާލަން ހާއްސަ އެއް ގަޑިއިރުގެ ޕެކޭޖުން ފެށިގެން މަސް ދުވަހަށް ބަހާލައިގެން ބޭނުން ކުރެވޭ، 180 ގަޑިއިރާ ހަމައަށް ގަޑި ކަނޑައަޅާފައިވާ ޕެކޭޖެއް ވެސް ހިމެނެ އެވެ. އެންމެ ކުޑަ ޕެކޭޖުގެ އަގު ފެށެނީ 20ރ. އިންނެވެ. އަދި އެންމެ ބޮޑު ޕެކޭޖަށް ނަގަނީ 2،000ރ. އެވެ.

ސީޑްގެ އެކި ޕެކޭޖުތަކާއި އަގުތައް. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ސީޑު ހުންނަނީ އޯކިޑުމަގުގައި ބީސީސީ ހުންނަ މ. ކަނީރު ވިލާގޭ ގްރައުންޑު ފްލޯ އާއި ފުރަތަމަ ފަންގިފިލާގަ އެވެ. އެ ތަން ހުޅުވާފައި ހުންނަނީ:

  • ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 - ރޭގަނޑު 10 އަށް

  • ހުކުރު ދުވަހު މެންދުރުފަހު 2 - ރޭގަނޑު 10 އަށް

ސީޑާ ގުޅޭ އިތުރު މައުލޫމާތު، އެ ތަނުގެ ފޯން ނަންބަރު 3010546 އަށް ގުޅައިގެން ހޯދޭނެ އެވެ. އަދި ސީޑްގެ ވެބްސައިޓުން ވޯކް ސްޓޭޝަން ބުކް ކޮށްލެވޭނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް