އެމެކްސްގެ ހިދުމަތްތައް ބީއެމްއެލްއިން ދޭން ފެށިތާ 20 އަހަރު ފާހަގަކުރަން ބޭއްވި ހަފްލާގައި ސީއީއޯ ޝަރީފް ވާހަކަ ދައްކަވަނީ: ވިދާޅުވީ އެ ގުޅުމުގެ ސަބަބުން ރާއްޖެ ދުނިޔޭގެ ޕޭމަންޓް ހިދުމަތްތަކާ ގުޅުވާލަ ދިން ކަމަށް (ފޮޓޯ/ބީއެމްއެލް)

ބީއެމްއެލް

އެމެކްސްއާ އާ ގުޅިގެން ދިވެހި އާ ޖީލަށް މާލީ ހައްލުތައް ހޯދައިދޭނަން: ބީއެމްއެލްގެ ސީއީއޯ ޝަރީފް

ބީއެމްއެލް އާއި އެމެކްސްގެ ގުޅުމަށް 20 އަހަރު ފުރުނުއިރު އެ ގުޅުމުން ބޭރުގެ މާލީ ބާޒާރުތަކަށް ރާއްޖެ ހުޅުވާލަދިން
6 ޑިސެމްބަރު 2024

އެމެރިކަން އެކްސްޕްރެސް (އެމެކްސް)އާ ގުޅިގެން ދިވެހި އާ ޖީލަށް ބޭނުންވާނޭ ޒަމާނީ، ފަސޭހަ މާލީ ހައްލުތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް އޮތް ތަނުގައި ހޯދައިދޭނެ ކަމަށް އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ. 

ވީ ކިހިނެއް؟ - އެމެކްސްގެ ހިދުމަތްތައް ބީއެމްއެލްއިން ފެށިތާ 20 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ހުޅުމާލެ ފަރުކޮޅުގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ 2004ގައި އެމެކްސްއާ އެކު ބޭންކުން ގާއިމްކުރި ގުޅުމުގެ ސަބަބުން  ބީއެމްއެލްއަށް ގިނަ ކުރިއެރުންތަކާއި ކާމިޔާބީތައް ހޯދިފައިވާ ކަމަށެވެ. 

ޝަރީފް ވިދާޅުވި ގޮތުގައި ބީއެމްއެލް އާއި އެމެކްސްގެ ގުޅުމުގެ އަމާޒު މިހާރު ހުރީ ޒަމާނީ އީޖާދީ ހިދުމަތްތަކެއް ތައާރަފްކުރުމަށް ކަމަށެވެ. 

"މިއީ ކުރިއަށް ބެލުމުގެ ވަގުތު. ފައިސާ ދެއްކުމާއި ބޭންކިންގެ ހިދުމަތްތަކަށް ޒަމާނާ އެކު ބަދަލުތައް އަންނައިރު އެމެކްސްއާ އެކު، އަޅުގަނޑުމެން މިވަނީ އާ އީޖާދުތަކުގެ ކުރީ ސަފުގައި ތިބުމަށް އަޒުމް ކަނޑައަޅާފައި. ޑިޖިޓަލް ބަދަލުތައް ގެންނަން މަސައްކަތްކުރުމާ އެކު، ރާއްޖޭގެ އާ ޖީލުތަކުން ބޭނުންވާ މާލީ ހައްލުތައް ފޯރުކޮށްދޭން މަސައްކަތްކުރާނަން،" އެމެކްސް އާއި ބީއެމްއެލްގެ ޓީމް ގުޅިގެން ކުރާ މަސައްކަތް ފާހަގަކުރައްވައި ޝަރީފް ވިދާޅުވި އެވެ. 

އެމެކްސްގެ ހިދުމަތްތައް ބީއެމްއެލްއިން ދޭން ފެށިތާ 20 އަހަރު ފުރުން ފާހަގަކުރަން ރޭ ބޭއްވި ހަފްލާގެ ތެރެއިން: އެމެކްސްއާ ގުޅިގެން ބީއެމްއެލްއިން ރާއްޖެއަށް ފުރަތަމަ ފަހަރަށް ކުރިޑިޓް ކާޑް ތައާރަފްކުރި (ފޮޓޯ/ބީއެމްއެލް)

ތަފްސީލް - އެމެކްސްއާ ބީއެމްއެލްއިން ގުޅުމަކީ ރާއްޖެ ދުނިޔޭގެ ފެންވަރުގެ ޕޭމަންޓް ނިޒާމަކަށް ހުޅުވިގެން ދިޔުމުގެ ބިންގާކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ:

  • އެމެކްސްއާ އެކު ރާއްޖޭގެ މާލީ ދާއިރާއަށް ބޮޑު ބަދަލެއް ގެނެވުނު؛ ދުނިޔޭގެ ފެންވަރުގެ މާލީ ހައްލުތަކަށް ވާސިލުވާން މަގުފަހިވި

  • އެމެކްސްއާ އެކު ރާއްޖެއަށް ފުރަތަމަ ފަހަރަށް ކުރެޑިޓް ކާޑް ތައާރަފްކުރި

  • ރާއްޖޭގެ މާލީ ދާއިރާގައި މަސައްކަތްކުރާ އެތައް ބައެއް ބިނާކުރަން ވަރަށް ބޮޑު އެހީތެރިކަމެއް އެމެކްސްގެ ސަބަބުން ލިބުނު

މިއީ ކުރިއަށް ބެލުމުގެ ވަގުތު. އެމެކްސްއާ އެކު، އަޅުގަނޑުމެން މިވަނީ އާ އީޖާދުތަކުގެ ކުރީ ސަފުގައި ތިބުމަށް އަޒުމް ކަނޑައަޅާފައި. ޑިޖިޓަލް ބަދަލުތައް ގެންނަން މަސައްކަތްކުރުމާ އެކު، ރާއްޖޭގެ އާ ޖީލުތަކުން ބޭނުންވާ މާލީ ހައްލުތައް ފޯރުކޮށްދޭން މަސައްކަތްކުރާނަން،

މުހައްމަދު ޝަރީފް، ބީއެމްއެލްގެ ސީއީއޯ އަދި އެމްޑީ

ކްރެޑިޓް ކާޑް އަލަށް ތައާރަފްކުރަން މަސައްކަތް ކުރިއިރު ބީއެމްއެލްގައި އޭރު އުފެއްދި ކާޑް ޑިޕާޓްމަންޓުގެ އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެން ޝަރީފް ކުރެއްވި މަސައްކަތް އޭނާ ހިސާކުރެއްވި އެވެ. އެއީ ފަހުރުވެރި މަސައްކަތެއްގެ ގޮތުގައި ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އެއީ ގޮންޖެހުން ބޮޑު މަސައްކަތެއް ނަމަވެސް އެމެކްސްގެ އެހީތެރިކަމާ އެކު ހުރަސްތައް ގިރާކުރަން ފަސޭހަވި ކަމަށެވެ. 

"ބޭންކުގައި އަލަށް އުފެއްދި ކާޑު ޓީމު އިސްވެ ހިންގުމުގެ ޝަރަފް އަޅުގަނޑަށް އޭރު ލިބުނު. އަޅުގަނޑުމެންނަށް އެ ދުވަސްވަރު ގިނަ ގޮންޖެހުންތަކާ ކުރިމަތިވި. ރާއްޖެއަށް [ކުރެޑިޓް ކާޑަކީ] މުޅިން އާ ހިދުމަތަކަށް ވުމާ އެކު އެކަމާ ގުޅޭ މައުލޫމާތާއި ތަޖުރިބާ އަޅުގަނޑުމެންގެ ކިބާގައި މަދުވި ނަމަވެސް، އަޅުގަނޑުމެން އެ މަސައްކަތް ފުރިހަމަކުރީ ޖޯޝާއި ފޯރީގައި،" ޝަރީފް ވިދާޅުވި އެވެ. 

"މާ ބޮޑު ތަޖުރިބާއެއް ނެތް ނަމަވެސް އަޅުގަނޑުމެންގެ މައިގަނޑު އަމާޒަކަށް ވީ އެއްވެސް ލަސްކަމެއް ނުގެނެސް އަދި ހަމައެހެންމެ ހުއްޓުމެއް ނެތި ކަސްޓަމަރުންނަށްމި ހިދުމަތް ފޯރުކޮށްދިނުން." 

ރޭގެ ހަފްލާގައި އެމެކްސްގެ ސައުތު އޭޝިޔާ ޕެސިފިކް ސަރަހައްދުގެ ވައިސް ޕްރެސިޑެންޓް ދިވްޔާ ޖެއިން ވާހަކަ ދައްކަވަނީ: އެމެކްސްއަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމުގައި ވެސް މުހިންމު ބައިވެރިއެއް (ފޮޓޯ/ބީއެމްއެލް)

އެމެކްސް އާއި ބީއެމްއެލް ގުޅިގެން ކުރިއަށް ގެންދިޔަ ކާމިޔާބު ހަރަކާތްތަކުގެ ގޮތުގައި ޝަރީފް ފާހަގަކުރެއްވީ: 

  • އެމެކްސް ކާޑުތަކާއި އެހެނިހެން ހިދުމަތްތައް ކުދި ވިޔަފާރިތަކުން ފެށިގެން ޓޫރިޒަމަށް ފުޅާކުރި

  • އެމްކްސްއާ އެކު 'އެކްސްޕީރިއަންސް މޯލްޑިވްސް'ގެ ނަމުގައި ރާއްޖެ އިޝްތިހާރުކުރުމުގެ ކެމްޕޭނެއް ކުރިއަށް ގެންދިޔުން 

  • މި އަހަރު ކުރީކޮޅު ރާއްޖޭގެ ފުރަތަމަ ޝަރީއާ ހުއްދަކުރާ ކްރެޑިޓް ކާޑު އެމެރިކަން އެކްސްޕްރެސްއާ އެކު ތައާރަފްކުރުން 

"ފަތުރުވެރިކަމުގެ ސިނާއަތަށް އެހީތެރިވެދީ، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހެދުމަށް އެމެކްސްގެ ފުޅާ ނެޓްވޯކާ އެކު މަސައްކަތް ކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަހުރެއް،" ޝަރީފް ވިދާޅުވި އެވެ. 

ފާހަގަކޮށްލެވޭ - ބީއެމްއެލްއަކީ ރާއްޖޭގައި އެމެކްސް ބަލައިގަންނަ ހަމައެކަނި ބޭންކެވެ.

އެނގުން މުހިންމު - ބީއެމްއެލްއަކީ 300،000 އަށް ވުރެ ގިނަ ކަސްޓަމަރުންނާއި 8،000 އަށް ވުރެ ގިނަ މާޗެންޓުންނާ އެކު ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑު ދޫކުރުމާއި ކާޑުގެ ހިދުމަތް ބަލައިގަންނަ ބޭންކެވެ.


ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް