ސަން ސިޔާމް ގުރޫޕުގެ ވެރިޔާ އަހުމަދު ސިޔާމް މުހައްމަދު (ފައިލް ފޮޓޯ)
500 ޑޮލަރު މާރުކުރަން އެންގުމަކީ ފޭރުން؛ ސިނާއަތް ހަލާކުވެދާނެ: ސިޔާމް
ރިސޯޓަށް ލިބޭ ބޭރު ފައިސާގެ އާމްދަނީން 500 ޑޮލަރު ދައުލަތަށް މާރުކުރަން އެންގުމަކީ 'ފޭރުން ކަމަށް' ވިދާޅުވެ ޓޫރިޒަމް ވިޔަފާރިވެރިޔާ އަހުމަދު ސިޔާމް މުހައްމަދު ސަރުކާރުގެ ސިޔާސަތުތަކަށް މިއަދު ފާޑު ވިދާޅުވެއްޖެ އެވެ.
އޭނާ ވަނީ ޓޫރިޒަމާ ގުޅުންހުރި ޓެކްސްތައް ބޮޑުކުރި ބޮޑުކުރުމަށް ވެސް ފާޑު ވިދާޅުވެފަ އެވެ.
ވީ ކިހިނެއް؟ - 'ރާއްޖެ ޓީވީ' ގެ 'ފަށާއިރު' ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ސިޔާމް ވިދާޅުވީ ޓޫރިޒަމާ ގުޅުން ހުރި ޓެކްސްތައް ބޮޑުކުރަން ސަރުކާރުން ނިންމީ ކުއްލިއަކަށް ކަމަށާއި އެ ބަަދަލު ގެންނަން އުޅޭކަން ޓޫރިޒަމް ވިޔަފާރިތަކަށް ކުރިއާލާ ނާންގާ ކަމަށެވެ. އަދި އޭގެ ސަބަބުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ތަފްސީލް - ރާއްޖޭގައި އެންމެ ގިނަ ރިސޯޓުތައް ހިންގާ އެއް ކުންފުނި، ސަން ސިޔާމް ގުރޫޕުގެެ ވެރިޔާ ވިދާޅުވި ގޮތުގައި ރިސޯޓް ވެރިން އެތަންތަން ތަރައްގީ ކުރުމަށް ބޮޑެތި ލޯނުތައް ނަގަނީ އެ ފައިސާ އަނބުރާ ދައްކާނެކަމުގެ ބޮޑު ޔަގީންކަމެއް އިންވެސްޓަރުންނަށް ދީގެންނެވެ. ނަމަވެސް ކުއްލިއަކަށް ޓެކްސްތައް ބޮޑުކުރުމަކީ ހަރަދު ބޮޑުވެ، ލޯނު ދެއްކުމަށް ދަތިތައް ކުރިމަތިވާ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް އެގޮތަށް އެކަންތައް ކުރީމާ ކިހިނެއްތޯ އަޅުގަނޑުމެން ވަގުތުން އެ ފައިސާ ދައްކާނެ ގޮތެއް ހަމަޖެހޭނީ؟" ސިޔާމް ވިދާޅުވި އެވެ.
ސިޔާމް ފާހަގަކުރެއްވި ގޮތުގައި ރިސޯޓުތަކުގެ ކޮޓަރިތައް އާންމުކޮށް ފަތުރުވެރިންނަށް ވިއްކުމަށް ޓުއަ އޮޕަރޭޓަރުންނާ އެކު އެކެއް ނޫނީ ދެ އަހަރު ކުރިން އެއްބަސްވުން ހަދަ އެވެ. އެ އެއްބަސްވުން އެކުލަވާލާފައި އޮންނަނީ އަގުތަކާ އެކު ކަމަށާއި އެ އަގަށް ބަދަލު ގެނެވޭ ގޮތަށް އެއްބަސްވުމުގައި ނޯންނަ ކަން އޭނާ ފާހަގަކުރެއްވި އެވެ.
"ޕާޓްނަރުންނާ އެކު އެއް އަހަރުގެ އެއްބަސްވުން އޮވޭ އަގުތަކާ އެކު، 200 ޑޮލަރު ނަމަ އެގޮތަށް. އެއަށްވުރެ ބޮޑެއް ނުކުރެވޭނެ. އެކަމަކު ސަރުކާރުން ޓަސް ލާފައި މި ޓެކްސް ބޮޑުކޮށްލަނީ. ބޮޑުކޮށްލީމާ އޮޕަރޭޓަރުން ކައިރީ މި ބުނަނީ މި [ބޮޑުވާ އަދަދު] ނަގައިދޭށޭ. ސަރުކާރުން ޓެކްސް ބޮޑުކޮށްފިޔޭ. ބުނީމާ އެމީހުން މި ބުނަނީ ތިމަންނަމެން ބުކިން ކެންސަލްއޭ ކުރާނީ. ކެންސަލްކުރި. ވަރަށް ބައިވަރު ކެންސަލްކުރި. އެންމެ ފަހުން ކެންސަލްކުރާވަރު ގިނަވެގެން ގޮސް އަޅުގަނޑުމެންނަށް އޮބިނޯވެގެން އަޅުގަނޑުމެން ބުނީ ތި ލާރި އަޅުގަނޑުމެން އަމިއްލައަށް ދައްކާނިއްޔޭ،" ސިޔާމް ވިދާޅުވި އެވެ.
ޓޫރިޒަމާ ގުޅުން ހުރި ޓެކްސްތަކަށް ގެނައި ބަދަލާ އެކު ކުރިއަށް އޮތް ތިން އަހަރު އެކަނި ވެސް ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ އަދަދު 12 މިލިއަން ޑޮލަރު ބޮޑުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓޫރިޒަމް ސިނާއަތަށް ގެއްލުންވާނެހެން ސިޔާސަތުތައް ބައްޓަން ކުރުމަކީ އިގްތިސާދަށް ދެވޭ ގެއްލުމެއްކަން ފާހަގަކުރައްވާ ސިޔާމް ވިދާޅުވީ ޓޫރިޒަމް ސިނާއަތަށް ގެއްލުންވާ ނަމަ އޭގެ އަސަރު މުޅި އިގްތިސާދަށް ވެސް ކުރާނެ ކަމަށެވެ.
"ޓޫރިޒަމް ސިނާއަތުގެ ތެރެއަށް އަތް ބާނާ، އޭގެ ތެރެއަށް ގޯނާކޮށް، އެއަށް ގޯސް ހަދާ ނަމަ މި ކުޅެވެނީ ރާއްޖޭގެ ރައްޔިތުންގެ މޭގަނޑާ. އެނގިލައްވާނެ ފަދައިން ރާއްޖެއަށް ނެތް ފައިސާ ލިބޭ އިތުރު އެއްވެސް ކަމެއް ފަތުރުވެރިކަން ފިޔަވާ. މިދިޔަ 50 އަހަރު ވެސް،" ސިޔާމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މަސްވެރިން މަހަށް ފޮނުވަނީ ވެސް ޓޫރިޒަމުން ލިބޭ ޓެކުހުން ސަބްސިޑީ ދީގެން ކަމަށެވެ.
"މިއާ [ޓޫރިޒަމާ] ކުޅެން ވިސްނާއިރުގައި، މިއާ ކުޅޭ ގޮތަކުން މި އިންޑަސްޓްރީ ވަރަށް ބޮޑަށް ނިކަމެތިވެ ހަލާކުވެދާނެ،" އޭނާ ވިދާޅުވި އެވެ.
ރިސޯޓަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަށް 500 ޑޮލަރު މާރު ކުރަން ޖެހޭ ގޮތަށް އެކުލަވާލާފައިވާ ގަވާއިދަށް ފާޑު ވިދާޅުވަމުން ޝިޔާމް ވިދާޅުވީ އެގޮތަށް ކޮންމެ ފަތުރުވެރިޔެއްގެ ބޮލަށް 500 ޑޮލަރު މާރުކުރުމަކީ ކުރެވޭނެ ކަމެއް ނޫންް ކަމަށެވެ.
"500 ޑޮލަރު ބޮލެއްގެ މައްޗަށް މާރު ކުރަން ބުނާއިރުގައި، ފުރަތަމަ އިންޑަސްޓްރީ ބަލާލަންވީ ނޫންތޯ؟ މިސާލަކަށް ބޮޑެތި ރިސޯޓުތައް މި ވިއްކަނީ ކިހިނެއްތޯ؟ ހުރިހާ ކުޑަކުދިންނަށް ހިލޭ. އެ ނުލިބޭ އެއްޗެއް ކިހިނެއްތޯ މާރުކުރާނީ؟ މާރުކުރަން މަޖުބޫރުކުރާ ނަމަ އެންމެންނަށް ވެސް ބޮޑެތި ގެއްލުން ލިބޭނީ. އިންޑަސްޓްރީ ހަލާކުވެގެން ވެސް ހިނގައިދާނެ،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫން މިއީ 500 ޑޮލަރު ބޮލެއްގެ މައްޗަށް އެކްސްޗޭންޖު ކުރުމަކީ. ކުރެވޭނެ ކަންކަމުގެ ވާހަކަ އަޅުގަނޑުމެންގެ ކައިރީ ދެއްކީމާ އަޅުގަނޑުމެންނަށް އެކަމެއް ކުރެވޭނެ. އެކަމަކު މަޖުބޫރުކޮށްފިއްޔާ އަޅުގަނޑުމެންނަށް އެކަން ކުރަން މަޖުބޫރުވާނެ. ދެން އަޅުގަނޑުމެންގެ ކުންފުނިތައް ހަލާކުވާނީ،" ސިޔާމް ވިދާޅުވި އެވެ.
"ކިހިނެއްތޯ އަޅުގަނޑު އަތުގައި އޮތް ހަލާލު އެއްޗެއް އަތުލަން ދިމާކުރާނީ؟ އެއަށް ކިޔާނީ ފޭރުން. އެ ފޭރިގެން ނުވާނެ."
ކޮމެންޓް (2)
އަސްލަމް އަހްމަދު
ސިލާމް