މީހަކު ޑޮލަރުތަކެއް ގުނަނީ: ބޭރު ފައިސާގެ މުއާމަލާތް ކުރުމާ ގުޅޭ އާ ބިލެއް އެމްއެމްއޭން އެކުލަވާލައި އަންނަ ޖެނުއަރީ 1ގެ ކުރިން ގާނޫނަކަށް ހެދުމަށް ވަނީ ތައްޔާރުވެފައި
ފޮރެކްސް ބިލް: ވިޔަފާރިވެރިންނަށް ކޮންމެހެން އެނގެން ޖެހޭ ކަންކަން
މަރުކަޒީ ބޭންކް އެމްއެމްއޭން މިދިޔަ 1 އޮކްޓޯބަރުގައި އަމަލުކުރަން ފަށާފައިވާ ރާއްޖޭގައި ބޭރު ފައިސާއިން މުއާމަލާތް ކުރުމުގެ އާ ގަވައިދަށް ގާނޫނީ ބާރު ދިނުމުގެ ގޮތުން ގަވައިދުގައި ހުރި ކަންކަން ހިމަނާ ބޭރު ފައިސާގެ މުއާމަލާތް ކުރުމުގެ އާ ބިލެއް ނުވަތަ ފޮރެކްސް ބިލެއް އެމްއެމްއޭން މިހާރު ވަނީ އާންމުންގެ ހިޔާލަށް ހުޅުވާލައިފަ އެވެ.
މި ބިލަށް ހިޔާލު ހުށަހެޅުމަށް އާންމުންނަށް ހުޅުވާލާފައި ވަނީ މިއަދުގެ މެންދުރު ފަހު 2ޖެހުމާ ހަމައަށެވެ.
ބައެއް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން ޖެހޭ އަދަދަށް ބަދަލެއް
މިހާރު އަމަލުކުރާ ގަވައިދާ ހިލާށް މި ބިލްގައި ޓޫރިސްޓުންނަށް ހިދުމަތް ދޭ ބައެއް ތަންތަން ބަހާލާފައިވާ ގިންތިތަކަށް ވަނީ ބަދަލު ގެނެސްފަ އެވެ. އެއާ އެކު ގެސްޓްހައުސް އަދި ސަފާރީ އުޅަނދުތަކުން މާރުކުރަން މަޖުބޫރު ކުރުވާފައިވާ އަދަދު ކުޑަވެގެން ދާނެ އެވެ އެއީ:
-
މީހުން ދިރިއުޅޭ ރަށްރަށުގެ ހޮޓާތައް މިހާރު "ކެޓަގަރީ ބީ" ގެ ގޮތުގައި ގިންތިކޮށް ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 25 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ބަދަލުކުރުން
-
ސަފާރީތަކާއި ޓޫރިސްޓު އުޅަނދުތައް ކެޓަގަރީ ބީގެ ތެރޭގައި ހިމަނާފައިވާއިރު ޑޮލަރު މާރުކުރަން ޖެހޭނީ 25 ޑޮލަރު
ރިސޯޓްތައް އަދިވެސް އޮތީ "ކެޓަގަރީ އޭ"ގަ އެވެ. އެހެންކަމުން ރިސޯޓުތަކުން އަދިވެސް ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު މާރުކުރަން ޖެހޭނެ އެވެ. އެހެން ނަމަވެސް ރިސޯޓްތަކުން ޑޮލަރު މާރުކުރާ ޖުމްލަ އަދަދު ކަނޑައެޅުމުގައި ބައެއް ކަހަލަ ލުއިތައް މިހާރު ވަނީ ދީފަ އެވެ. އެގޮތުން ޑޮލަރު މާރުކުރުމުން އިސްތިސްނާ ވާނީ:
-
24 ގަޑިއިރަށް ވުރެ ކުރު މުއްދަތަކަށް ރިސޯޓްގައި ތިބޭ ފަރާތްތައް
-
ދެ އަހަރުން ދަށުގެ ކުދިން
-
ރިސޯޓްތަކުގައި ހިލޭ ބައިތިއްބާ ފަރާތްތައް
އާމްދަނީއަށް 20 މިލިއަން ޑޮލަރު ލިބޭނަމަ މާރުކުރަން މަޖުބޫރު
މިހާރު އަމަލުކުރާ ފޮރެކްސް ގަވައިދުގައި ހަމައެކަނި އޮތީ ޓޫރިޒަމް ދާއިރާގެ ވިޔަފާރިތަކުން ޑޮލަރު މާރުކުރުމާއި އެ މީހުންނަށް ލިބޭ ހުރިހާ ބޭރު ފައިސާއެއް ރާއްޖޭގެ ބޭންކަކަށް މާރުކުރަން ޖެހޭ ގޮތަށް މަޖުބޫރުކޮށްފަ އެވެ.
ނަމަވެސް ފޮރެކްސް ބިލްގައި އެ މާނަފުޅާކޮށް "ބޭރު ފައިސާގެ އާމްދަނީ ލިބޭ ކުންފުނިތައް" މާނަކުރާ ގޮތް ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން:
-
އެއްވެސް މިންވަރަކަށް ބޭރު ފައިސާއިން އާމްދަނީ ލިބޭ ކޮންމެ ވިޔަފާރިއަކީ ވެސް ބޭރު ފައިސާ ލިބޭ ކުންފުންޏެއްގެ ގޮތުގައި ބެލޭނޭ ކަމަށް ބިލުގައިވޭ؛ ވިޔަފާރީގެ ކުޑަ ބޮޑުމިނުގެ ސަބަބުން އިސްތިސްނާއެއް ނުވޭ
-
އެހެންކަމުން، ބޭރު ފައިސާ އެއްވެސް މިންވަރަކަށް ލިބޭ ވިޔަފާރިތަކުން އެމްއެމްއޭގައި ރަޖިސްޓްރީ ކުރުން ވެސް ލާޒިމް
-
އެ ވިޔަފާރިތަކަށް ލިބޭ ހުރިހާ ބޭރު ފައިސާގެ އާމްދަނީއެއް ރާއްޖޭގެ ބޭންކަކަށް ޖަމާކުރުން ވެސް ލާޒިމްކުރޭ
އެ މާނަކުރުން ފުޅާކުރުމާ އެކު ބިލުގައި ވަނީ ޑޮލަރު މާރުކުރުން މަޖުބޫރުވާ އާ ކެޓަގަރީއެއް ވެސް ތައާރަފުކޮށްފަ އެވެ. އެއީ:
-
ޓީޖީއެސްޓީއަށް ރަޖިސްޓްރީ ކޮށްފައި ނުވާ ނަމަވެސް ބޭރު ފައިސާއިން އަހަރަކު 20 މިލިއަން ޑޮލަރަށް ގިނައިން އާމްދަނީ ލިބޭ ކޮންމެ ވިޔަފާރިއަކުން ޑޮލަރު މާރުކުރަން ލާޒިމްކުރޭ
-
އެފަދަ ވިޔަފާރިތަކަށް މަހަކު ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %25އަށް ވުރެ ބޮޑު ނުވާނޭ އަދަދެއް މާރުކުރަން މަޖުބޫރު
-
އެފަދަ ވިޔަފާރިތަކުން ސީދާ މާރުކުރަން ޖެހޭ އަދަދު ކަނޑައަޅާނީ އެ ގާނޫނުގެ ދަށުން އެމްއެމްއޭއިން ހަދާ ގަވައިދަކުން
މިހެންވުމުން، ސީޕްލޭން ދުއްވާ ޓީއެމްއޭ އާއި ބައެއް އަމިއްލަ ތެޔޮ ކުންފުނިތަކަށް ވެސް އާ ބިލް ގާނޫނަކަށް ވުމުން ޑޮލަރުމާރުކުރުން މަޖުބޫރު ވާނެ އެވެ.
ޖޫރިމަނާތަކާއި އެމްއެމްއޭއަށް އިތުރު ބާރުތަކެއް
ބިލުގައިވާ ގޮތުން ޑޮލަރު މާރުކުރަން ދެކޮޅު ހަދާ ވިޔަފާރިތަކާ މެދު ފިޔަވަޅު އަޅަން އެމްއެމްއޭއަށް އިތުރު ގާނޫނީ ބާރުތަކެއް ލިބެ އެވެ. އެގޮތުން ޓެކްސް އިދާރާ، މީރާއާ ގުޅިގެން ވިޔަފާރިތަކަށް ވަދެ އޮޑިޓްކޮށް ލިޔެކިޔުންތައް ހިފަހައްޓައި އެފަދަ ވިޔަފާރިތަކުގެ މައްޗަށް ތަހުގީގުތައް ހިންގުމުގެ ފުރިހަމަ ބާރު ވަނީ ބިލުން ލިބިދީފަ އެވެ.
މީގެ އިތުރަށް ޑޮލަރު މާރުކުރަން ދެކޮޅު ހަދާކަން ފާހަގަވާ ނަމަ އަދި މަކަރު ހަދާ ނަމަ އެފަދަ ކުންފުނިތައް ޖޫރިމަނާކުރުމުގެ ބާރުވެސް ވަނީ ދީފަ އެވެ. އެގޮތުން ކުރެވޭނެ ޖޫރިމަނާތަކަކީ:
-
ބޭރު ފައިސާ ބޭންކަށް ޖަމާނުކުރުން: މަހުން މަހަށް ލިބޭ އާމްދަނީގެ %0.05 އިން ޖޫރިމަނާކުރުން، އަދި ޖާމަނުކޮށް ހޭދަވާ ކޮންމެ ދުވަހަކަށް އާމްދަނީގެ %0.05އިން ޖޫރިމަނާކުރުން.
-
ލާޒިމްކުރާ އަދަދަށް ބޭރު ފައިސާ މާރުނުކުރުން: މަހުން މަހަށް ލިބޭ އާމްދަނީގެ %0.1އިން ޖޫރިމަނާ ކުރުން، އަދި މާރުނުކޮށް ހޭދަވާ ކޮންމެ ދުވަހަކަށް އާމްދަނީގެ %0.1އާ ހަމައަށް ޖޫރިމަނާކުރުން.
-
އެހެނިހެން ޒިންމާތައް އަދާނުކުރުން: ގާނޫނަށް ބޯނުލެބުމުގެ ކުޑަބޮޑުމިނަށް ބަލައި 10،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން.
ފޮރެކްސް ބިލް އެކުލަވާލާފައި އޮތީ އަންނަ ޖެނުއަރީ އެކަކުން ފެށިގެން އަމަލުކުރާ ގޮތަށެވެ. އެހެންކަމުން ރައްޔިތުންގެ މަޖިލިސް މި މަހުގެ 15ގައި ޗުއްޓީއަށް ދިޔުމުގެ ކުރިން އެ ބިލް ފާސްކޮށް ރައީސް ތަސްދީގު ކުރައްވާނޭ ކަމަށްބެލެވެ އެވެ.
އެ ގާނޫނު ވުޖޫދުވާ ދުވަހާ ހަމައަށް މިހާރު އަމަލުކުރަމުން އަންނަ ފޮރެކްސް ގަވާއިދު ދެމިއޮންނާނެ އެވެ.
ކޮމެންޓް