ޑަބްލިއުޓީއެމް ލަންޑަންގައި ބޭއްވި ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަންގެ ހަރަކާތެއްގެ ތެރެއިން: ރާއްޖޭގެ ޓޫރިޒަމް ބަޖެޓް މިއަހަރު ބޮޑެއް ނުވި (ފޮޓޯ/ޑަބްލިއުޓީއެމް)

ޓޫރިޒަމް

ރާއްޖޭގެ އިޝްތިހާރު ބަޖެޓް ބޮޑެއް ނުވި؛ ވާން ވެސް ޖެހޭތަ؟

ޓޫރިޒަމް ސިނާއަތުގެ ބޭފުޅުންގެ ނަޒަރުގައި ރާއްޖޭގެ ޕްރޮމޯޝަނަށް ބޮޑެތި ބަދަލުތަކެއް ގެނެސް ބައިވެރިވާ ފެއާތައް މަދުކޮށް، ބަޖެޓުގެ ބޮޑު ބައެއް ޑިޖިޓަލް މާކެޓިން އާއި ބުރޭންޑިން އަދި އެވެއަނެސް ކެމްޕެއިންތަކަށް ހަރަދުކުރަން ޖެހޭ
27 ނޮވެމްބަރު 2024
1

ޓޫރިޒަމްގައި ރާއްޖެއާ އެންމެ ބޮޑަށް ވާދަކުރާ ސްރީ ލަންކާއިން މިހާރު ވަނީ އިންޑިއާ ޓޫރިސްޓުން އެ ގައުމަށް އިތުރުކުރަން ހާއްސަ މަސައްކަތްތަކެއް ފަށައިފަ އެވެ. ރާއްޖެއާ ވަރަށް އެއްގޮތް މޫދާއި ގޮނޑުދޮށްތައް ހިމެނޭ އެންމެ މަތީ ފަންތީގެ ރިސޯޓްތަކާ އެކު ސައުދީގެ ރަތް ކަނޑުން ޓޫރިސްޓުންނަށް މަރުހަބާ ކިޔަން ވަނީ ތައްޔާރުވެފަ އެވެ. އިންޑޮނޭޝިޔާ އާއި ތައިލެންޑުން ވިސާ ފީތައް ކުޑަކޮށް ޓޫރިސްޓުން އިތުރުކުރަން އާ ބާރެއް ލައިފި އެވެ.

ކޮވިޑަށް ފަހު ރާއްޖެއާ ވާދަވެރި އެތައް މަންޒިލްތަކަކުން ޓޫރިޒަމްގެ އިޝްތިހާރަށް ކުރާ ހަރަދުތަކާއި އެ މީހުންގެ އުކުޅުތައް އެތައް ގޮތަކަށް ބަދަލުކުރި އެވެ. ރާއްޖެއިން އެކަމަށް ދެނީ ކިހާ މިންވަރެއްގެ އަހަންމިއްޔަތުކަމެއް ހެއްޔެވެ؟ 

ޓޫރިޒަމް މިނިސްޓަރު ފައިސަލް ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން ޑަބްލިއުޓީއެމްގައި ވާހަކަދައްކަވަނީ (ފޮޓޯ/ޑަބްލިއުޓީއެމް)

ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރާއްޖެ އިޝްތިހާރުކުރަން ކުރާ ހޭދަ މިހާރަށް ވުރެ ބޮޑު ތަނުން އިތުރުކޮށްގެން ނޫނީ ރާއްޖެއަށް ޓޫރިސްޓުން އިތުރެއް ނުކުރެވޭނެ އެވެ. ރާއްޖެއަށް ޓޫރިސްޓުން އިތުރުކުރަން ކުރާ މަސައްކަތުގައި އޮތް އެންމެ ބޮޑު ހުރަހަކީ ބަޖެޓް ކުޑަވުން ކަމަށް ފައިސަލް ވެސް ގަބޫލުކުރައްވަ އެވެ.

ފައިސަލް މިދިޔަ ޖުލައި މަހު ޔަގީންކަން ދެއްވާފައިވާ ގޮތުގައި: 

  • އަންނަ އަހަރުން ފެށިގެން ގްރީން ޓެކްސް ނޫނީ ޓީޖީއެސްޓީ އާމްދަނީގެ ވަކި ޕަސެންޓެއް ޓޫރިޒަމް ޕްރޮމޯޝަނަށް ހާއްސަކުރާނެ 

  • އެއާ އެކު ޓޫރިޒަމް ޕްރޮމޯޝަނަށް އެމްއެމްޕީއާރުސީއަށް ލިބޭ ބަޖެޓް 20-25 މިލިއަން ޑޮލަރުގެ (307-383 މިލިއަން ރުފިޔާ)އަށް ބޮޑުވެގެންދާނެ 

ބަޖެޓުން އެހެން މަންޒަރެއް

ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅައި މިހާރު ފާސްކުރުމުގެ މަރުހަލާގައި އޮތް 2025ގެ ދައުލަތުގެ ބަޖެޓުގައި ހުރި ނަމްބަރުތަކަށް ބަލާއިރު ރާއްޖޭގެ ޓޫރިޒަމް އިޝްތިހާރު ކުރާ އެޖެންސީ، އެމްއެމްޕީއާރުސީއަށް ދީފައި ވަނީ މިދިޔަ އަހަރާ އެއްވަރުގެ އަދަދެކެވެ. އެއީ 154.2 މިލިއަން ރުފިޔާ އެވެ. މި އަހަރު ވެސް ޕްރޮމޯޝަނަށް ކަނޑައަޅާފައި ވަނީ ހަމަ އެ އަދަދެވެ.

ކޮންމެ ޑެސްޓިނޭޝަނަކީ ވެސް ރިޕުލޭސްކުރެވޭނެ ޑެސްޓިނޭޝަނެއްކަމަށް ގަބޫލުކުރަން ޖެހޭ. ރާއްޖެއާ ވާދަކުރާ ރާއްޖެއާ ވަރަށް ބައިވަރު އެއްގޮތް ސިފަތަކެއް ހުރި އެތަކެއް ޑެސްޓިނޭޝަންސްތަކެއް މިހާރު އެބަހުރި. ޒެންޒިބާރު، ފުރެންޗް ޕޮލިނީސިއާ (ބޯރާ ބޯރާ)، ސީޝެލްސް އަދި ސައުދީގެ ރެޑްސީ ޕުރޮޖެކްޓްގެ މިސްރާބު އެހުރީ ސީދާ ރާއްޖޭގެ މާކެޓުޝެއާގެ ބޮޑު ބައެއް ނަގަން.

އަމްޖަދު ތައުފީގު / ޑެސްޓިނޭޝަން ފިއުޗާ ޖަމްއިއްޔާގެ ވައިސް ޗެއާ

ކޮވިޑަށް ފަހު ރާއްޖެ ޕްރޮމޯޓްކުރަން ކުރާ މަސައްކަތް އިތުރުކުރަން ޖެހޭ ކަމަށް ގަބޫލުކުރެވިގެން ޓޫރިޒަމް އިޝްތިހާރު ބަޖެޓް 2023އާ އަޅާބަލާއިރު މި އަހަރު އޮތީ %24އަށް އިތުރުކޮށްފަ އެވެ. ނަމަވެސް އަންނަ އަހަރު ވެސް ރާއްޖެ އިޝްތިހާރުކުރަން އިތުރު މަސައްކަތް ކުރަން ޖެހޭއިރު، ބަޖެޓް އެކުލަވާލާފައި އޮތީ އެ މަސައްކަތް ފުޅާކުރެވޭ ގޮތަކަށް ނޫނެވެ. ބޮޑު ބަޖެޓެއް އެކަމަކަށް ނުލިބެ އެވެ.

"ކޮންމެ ޑެސްޓިނޭޝަނަކީ ވެސް ރިޕުލޭސްކުރެވޭނެ ޑެސްޓިނޭޝަނެއް ކަމަށް ގަބޫލުކުރަން ޖެހޭ. ރާއްޖެއާ ވާދަކުރާ ރާއްޖެއާ ވަރަށް ބައިވަރު އެއްގޮތް ސިފަތަކެއް ހުރި އެތަކެއް ޑެސްޓިނޭޝަންސްތަކެއް މިހާރު އެބަހުރި. ޒެންޒިބާރު، ފުރެންޗް ޕޮލިނީސިއާ (ބޯރާ ބޯރާ)، ސީޝެލްސް އަދި ސައުދީގެ ރެޑުސީ ޕުރޮޖެކްޓްގެ މިސްރާބު އެހުރީ ސީދާ ރާއްޖޭގެ މާކެޓު ޝެއާގެ ބޮޑު ބައެއް ނަގަން. ރާއްޖެއަކީ ދުނިޔެމަތީގައި އޮތް ހަމައެކަނި ސުވަރުގެ ގޮތުގައި އޮތް އޮތުމަށް މިވަނީ ގޮންޖެހުންތަކެއް ކުރިމަތިވެފައި،" ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޝަނަށް ވަކާލާތުކުރަން އުފައްދާފައިވާ ޑެސްޓިނޭޝަން ފިއުޗާ ޖަމިއްޔާގެ ވައިސް ޗެއާ އަމްޖަދު ތައުފީގު ވިދާޅުވި އެވެ.

"ރާއްޖެއަށް އަންނަ ރިޕީޓާސް އަކީ ނިސްބަތުން މަދު އަދަދެއް. މީގެ މާނައަކީ ރާއްޖޭގެ މަގާމު ދަމަހައްޓައި ރާއްޖެއަށް އާ ފަތުރުވެރިން ހޯދުމަށްޓަކައި މާކެޓިން ވަރަށް ބޮޑުތަނުން ވެސް ރަނގަޅުކުރަން ޖެހޭނެއޭ." 

ނަމަވެސް އެ ކަންބޮޑުވުންތަކާ ގުޅޭ ގޮތުން ސަރުކާރުގެ ޓޫރިޒަމާ ގުޅުން ހުރި މިނިސްޓްރީތަކާއި އިދާރާތަކުގެ ބަހެއް ނެތެވެ.

ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފަތުރުވެރިން (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

އަމްޖަދު ވިދާޅުވި ގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ގިނަވި ނަމަވެސް ހިފެހެއްޓުމެއްނެތި ގިނަވާ އެނދުތަކުގެ ސަބަބުން ރާއްޖޭގެ އެވްރެޖް އޮކިއުޕެންސީ މި އަހަރުގެ މިހާ ހިސާބަށް ހުރީ %59.1ގަ އެވެ. ރާއްޖޭގެ ރަން އަހަރެއް ކަމުގައިވާ 2014ގައި ރާއްޖޭގެ އެވްރެޖް އޮކިއުޕެންސީ އޮކްޓޫބަރާ ހަމައަށް ހުރީ %75 އެވެ. މި އަހަރު ރިސޯޓުތަކުގެ އޮކިއުޕެންސީ ހުރީ %70.8 އަދި 2014 ވަނަ އަހަރު ހުރީ %83ގަ އެވެ.

"ކުރިޔަށް ފެންނަނީ ވެސް ގޮންޖެހުން ބޮޑު ދުވަސްތަކެއް. މިހެންވީމަ ސަރުކާރާއި އިންޑަސްޓުރީގެ އެންމެން ގުޅިގެން މާކެޓިން ބޮޑުތަނުން ރަނގަޅުކޮށް ވަރުގަދަ ކުރަން ޖެހޭ،" އަމުޖަދު ވިދާޅުވި އެވެ.

ޓޫރިޒަމް ފެއާއެއްގައި ރާއްޖެ އިޝްތިހާރުކުރަނީ (ފޮޓޯ/ޑަބްލިއުޓީއެމް)

ރާއްޖޭގައި އިތުރުވާ ސަޕްލައިއާ ގާތަށް ވެސް އޮކިއުޕެންސީ ނުހިފެހެއް ޓުމުގެ ނަތީޖާ ދުރު މުސްތަގުބަލުގައި މުޅި ރާއްޖޭގެ ޓޫރިޒަމަށް ކުރާނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. މިހެން މިކަން ހުއްޓާ ޓެކްސްތައް ބޮޑުކުރުމަކީ އިންޑަސްޓުރީގެ ރިހޭ ފައިމައްޗަށް ފޮއި ވައްޓާލުން ފަދަ ކަމެއްގެ ގޮތުގައި ސިފަކުރެއްވި އެވެ. ޓީޖީއެސްޓީ އާއި ގުރީން ޓެކުހާއި އެއާޕޯޓް ޓެކްސް ބޮޑުކުރުމުގެ ސަބަބުން ބަޖެޓް ރިސޯޓުތަކާއި ގެސްޓުހައުސްތަކާއި ސަފާރީ ބޯޓްތަކަށް ވަރަށް ބޮޑަށް އަސަރުކުރާނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"މި ހުރިހާ ކަމެއް މިހެން ހުރުމާ އެކު އަދި މިނިސްޓަރު ފައިސަލް ދެއްވި ޔަގީންކަމާ އެކު އިންޑަސްޓުރީއިން އުންމީދުކޮށްގެން ތިބީ އަންނަ އަހަރު ޑެސްޓިނޭޝަން މާކެޓިންއަށް ބޮޑު ބަޖެޓެއް ލިބޭނެކަމަށް. އެކަމަކު ހީކުރި ވަރާ ގާތަށް ވެސް ބަޖެޓު ނުލިބުމަކީ މުޅި އިންޑަސްޓުރީއަށް ލިބޭނެ އިތުރު ގޮންޖެހުމެއް،" އަމްޖަދު ވިދާޅުވި އެވެ. 

'ބޮޑު ބަޖެޓަކީ ވެސް މުޅި ހައްލެއް ނޫން'

ރިސޯޓުތަކުގެ ސޭލްސް އެންޑު މާކެޓިންގައި ވަރަށް ގިނަ ދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިވަޑައިގެންފައިވާ އަމްޖަދުގެ ވިސްނުމުގައި ބޮޑު ބަޖެޓެއް ލިބުމަކުން ޓޫރިޒަމް ރަނގަޅަށް ޕުރޮމޯޓެއް ނުކުރެވޭނެ އެވެ. ޓޫރިޒަމް ޕުރޮމޯޓުކުރުމަށް މަތިކުރެވިފައިވާ އެމްއެމްޕީއާރުސީ އިސްލާހުކޮށް އެތަނުގެ ހިންގުމާއި އުފެއްދުންތެރިކަން އިންތިހާއަށް މަތިކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ގަބޫލުކުރައްވަ އެވެ.

"ފަތުރުވެރިކަމުގެ ތައުލީމާއި ތަޖުރިބާ، އަދި ވަކިން ހާއްސަކޮށް މާކެޓިން ތަޖުރިބާ ހުރި ފަންނީ ބޭފުޅުން ލީޑަޝިޕަށް ގެނެސް، އެމްއެމްޕީއާރުސީގެ ހިންގުން ހަރުދަނާކުރުމަކީ ވަރަށް މުހިންމު ކަމެއް. ފަތުރުވެރިކަމަކީ މި ގައުމުގެ މިވަގުތުގެ ލޭނާރު. ކޮމްޕެޓިޝަން އިތުރުވެ ދުނިޔެއަށް ކުރިމަތަވަމުންދާ އެކިއެކި ކަޅު ވިލާތަކުގެ ސަބަބުން މިއިން ޒަމާނަކު ފަތުރުވެރިކަމަށް ނާންނަހާ ގޮންޖެހުންތައް މިދަނީ އިންތިހާއަށް ގިނަވަމުން،" އަމްޖަދު ވިދާޅުވި އެވެ. 

އެމްއެމްޕީއާރުސީން ބައިވެރިވާ ފެއާތައް މަދުކޮށް، ބަޖެޓުގެ ބޮޑު ބައެއް ޑިޖިޓަލް މާކެޓިންއަށާއި ބުރޭންޑިން އަދި އެވެއަނެސް ކެމްޕެއިންތަކަށް ހަރަދުކުރަން ޖެހޭ.

އަމްޖަދު ތައުފީގު / ޑެސްޓިނޭޝަން ފިއުޗާ ޖަމިއްޔާގެ ވައިސް ޗެއާ 

އޭނާ ވިދާޅުވީ މިއީ ކަންކަން ތަޖުރިބާކޮށްލަކޮށްލައިގެން ތިބެންވީ ވަގުތެއް ނޫން ކަމަށެވެ. ލިބިފައިވާ ކުޑަ ބަޖެޓާ އެކު ރާއްޖެ އިޝްތިހާރުކުރަން އަންނަ އަހަރު ގެންނަންވީ ބައެއް ބަދަލުތަކާ މެދު އޭނާ ހިޔާލު ފާޅުކުރެއްވި އެވެ.

މިހާރު ޕްރޮމޯޝަން ބަޖެޓުގެ ބޮޑު ބައެއް ހޭދަކުރަނީ ބީ2ބީ ނުވަތަ ޓޫރިޒަމް ވިޔަފާރިތަކަށް ހާއްސަކުރާ ހަރަކާތްތަކަށްކަން ފާހަގަކުރައްވައި އަމްޖަދު ވިދާޅުވީ އެމްއެމްޕީއާރުސީން ބައިވެރިވާ ފެއާތައް މަދުކޮށް، ބަޖެޓުގެ ބޮޑު ބައެއް ޑިޖިޓަލް މާކެޓިންއަށާއި ބުރޭންޑިން އަދި އެވެއަނެސް ކެމްޕެއިންތަކަށް ހަރަދުކުރަން ޖެހޭ ކަމަށެވެ. ސޯޝަލް މީޑިއާގައި ރާއްޖޭގެ އިޝްތިހާރުކުރުން ވަރުގަދަކޮށް، ކޮލިޓީ ޕީއާރު ރެޕުން މަދުވެގެން 10 ވަރަކަށް ގައުމަށް ހަމަޖައްސައި އިންޓަނޭޝަނަލް ބުރޭންޑުތަކާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޑަބްލިއުޓީއެމްގެ ހަރަކާތެއްގެ ތެރޭ ޓޫރިޒަމް މިނިސްޓަރާއި އެމްއެމްޕީއާރުސީގެ އެމްޑީ (ފޮޓޯ/ޑަބްލިއުޓީއެމް)

"އެކި ފަންނުތަކުގެ މަގުބޫލު އަދި މަޝްހޫރު ސެލެބުރިޓީން އެމްބެސެޑަރުން ހަމަޖެއްސުން ފަދަ ކަންކަމަށް އިންވެސްޓުކުރުން ވަރަށް މުހިންމު،" އަމްޖަދު ވިދާޅުވި އެވެ.

އޭނާގެ ނަޒަރުގައި އެމްއެމްޕީއާރުސީއިން ބައިވެރިވާންވީ އެންމެ ގިނަވެގެން ވެސް ހަތް ވަރަކަށް ބޮޑު ފެއާގަ އެވެ. ދެން ހުރި ފެއާތަކަށް މަޓާޓޯ، މަޓީ އަދި ގެސްޓުހައުސް އެސޯސިއޭޝަންތަކަށް އެހީތެރިވެގެން އެ ފަރާތްތަކަށް ބައިވެރިވެވިދާނެ އެވެ.

"އިންވެސްޓެއް ގޮތުގައި އިޝްތިހާރުކުރަންވީ. މިހާރު ޒަމާން ބަދަލުވެފައިވާ ގޮތުން ކުޑަ ހަރަދަކުން ބޮޑު ރީޗްއެއް ހޯދަން އެބަ އޮތް. ސޯޝަލް މީޑިއާ ޕްރިޒެންސް ވަރުގަދަކޮށް އެގޮތަށް ގިނަ ކެމްޕޭންތައް ހިންގާ ހަދަން އެބަ ޖެހޭ ޓޫރިސްޓުންގެ މި ބަދަލުވާ ޓްރެންޑްތަކާ އެއްޗިއްސަށް ބަލައިގެން،" އަމްޖަދު ވިދާޅުވި އެވެ. 

ކޮމެންޓް (1)

profile-image-placeholder

ހަސަންދީ

27 ނޮވެމްބަރު 2024
މިއަހަރުގެ ބަޖެޓު ހުސްކޮށްލީ އެމް.އެމް.ޕީ.އާރު.ސީ ގެ ވެރިންނާ، މިނިސްޓްރީގެ އިސްމީހުން ބިޒްނަސް ކްލާސް ދަތުރުތަކަށް. މީގެކުރިން މިނިސްޓަރުންދަނީ އައިޓީބީއާ ޑަބްލިއުޓީއެމް އަށް. މިހާރު މިނިސްޓަރާ، ސްޓޭޓާ، ޑެޕިއުޓީން ހުރިހާ ފެއާއަކާ އަދި ރޯޑްޝޯތަކަށްވެސް ދާން ފަށައިފި.

އިތުރު އާޓިކަލް

އިތުރު އާޓިކަލް