ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން ބަޖެޓް ފޮތް ބައްލަވަނީ: ސަރުކާރު މެންބަރުންނަށް މިއީ ފުރިހަމަ ސާފު، ސީދާ ބަޖެޓެއް (ފޮޓޯ/ މަޖިލިސް)
މުވައްޒަފުންގެ ހަރަދާ ގުޅޭ ސަފުހާ ބަޖެޓުން ވަކިކޮށްލީ ކީއްވެ؟
މިދިޔަ ހައެއްކަ އަހަރުގެ ތެރޭ ކޮންމެ ސަރުކާރަކުން ވެސް ރައްޔިތުން މަޖިލީހަށް ހުށަހަޅާ ދައުލަތުގެ ބަޖެޓް ފޮތުގައި އޮންނަ އެއް ސޮފްހާއަކީ، "ދައުލަތުގެ ބަޖެޓުގައި ހިމެނޭ މުވައްޒަފުންނަށް ކުރާ ހަރަދު"ގެ ތަފްސީލްތައް ހިމެނޭ ތާވަލެވެ.
އާންމު ގޮތެއްގައި ދެ ސޮފްހާއަކަށް އޮންނަ އެ ތާވަލުގައި ދައުލަތުގެ ވަކިވަކި އިދާރާތަކާއި އޮފިސްތަކުގައި މުވައްޒަފުން ތިބި އަދަދާއި އެ މީހުންނަކީ ކޮން ބާވަތެއްގެ މުވައްޒަފުންނެއްކަން އެނގެ އެވެ. ޔުނީފޯމް އެޅި މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކާއި ސިޔާސީ މުވައްޒަފުން ތިބި ސީދާ އަދަދުތަކާއި އެ މީހުންގެ މުސާރަ އާއި އިނާޔަތްތަކަށް ކުރާ ހަރަދުތައް ވަރަށް ރަނގަޅަށް އެ ތާވަލުން ސާފުވެ އެވެ.
އިއްޔެ ރައްޔިތުން މަޖިލީހުގެ ބަޖެޓް ކޮމިޓީން ނިންމައި ފާސްކުރަން ތަޅުމަށް ފޮނުވި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުގައި އެ ތާވަލެއް އަދި އެ ތަފްސީލެއް ވެސް ނެތެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ބަޖެޓް ފޮނުވިއިރު ވެސް ބަޖެޓް ފޮތުގައި އެ ތަފްސީލު ހިމަނާފައެއްނުވެ އެވެ.
ބަޖެޓުން އެ ތާވަލްގެ ސަފުހާ ފެންނަން ނެތް އިރު އެކަމާ ގުޅޭ ގޮތުން ބަޖެޓް ކޮމިޓީގަ އާއި ބަޖެޓް ބަހުސްގައި ވެސް މެންބަރުން ސުވާލެއް ނުއުފައްދަވަ އެވެ.
ދައުލަތުގެ މުވައްޒަފުންގެ ފުރިހަމަ މައުލޫމާތު ހިމެނޭ އެ ސޮފްހާ ބަޖެޓުން އުނިކުރި ސަބަބާ ގުޅޭ ގޮތުން 'ދައުރު'ން ސުވާލުކުރުން މާލީ ވުޒާރާއިން ބުނީ އެކަމާ ގުޅޭ ގޮތުން 'ކޮމެންޓެއް ނެތް' ކަމަށެވެ.
'ދައުރު'އާ ވާހަކަދެއްކެވި އޭގެ މައުލޫމާތު އެނގިވަޑައިގަންނަވާ ސަރުކާރުގެ އިސް ބައެއް އޮފިޝަލުން ވިދާޅުވީ މާލީ ވުޒާރާއިން ބަޖެޓް ތައްޔާރުކޮށް ރައީސް އޮފީހަށް ފޮނުވިއިރު އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މުވައްޒަފުންނަށް ކުރާ ހަރަދުގެ ތަފްސީލްތައް ހިމެނޭ ތާވަލެއް ހިމަނައިފައި އޮތް ކަމަށެވެ. ނަމަވެސް ރައީސް އޮފީހުން ބަޖެޓް ފައިނަލްކޮށް މާލީ ވުޒާރާއަށް ފޮނުވިއިރު އެބައި އޮތީ އުނިކޮށްފައި ކަމަށްވެ އެވެ.
މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މީގެ ކުރިން އެކި ފަރާތްތަކުން އާރުޓީއައިތައް ލައިގެން ވެސް ސިޔާސީ މުވައްޒަފުންގެ ޖުމްލަ އަދަދާއި އެ މީހުންނަށް ކުރާ ހަރަދުގެ މައުލޫމާތު ރައީސް އޮފީހުން ދީފައެއް ނުވެ އެވެ.
ބެލެވޭ ގޮތުގައި އެ ތާވަލް މަޖިލީހަށް ހުށަހެޅި ބަޖެޓުން އުނިކުރީ ސަރުކާރުގެ ސިޔާސީ މުވައްޒަފުންނާއި ކޮންޓްރެކްޓް މުވައްޒަފުންގެ އަދަދާއި އެ މީހުންނަށް ކުރާ ހަރަދު ހާމަވެދާނެތީ އެވެ.
އެ ސޮފްހާ އުނިކުރި ސަބަބާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ސްޕޯކްސްޕާސަން ހީނާ ވަލީދާ ސުވާލުކުރި ނަމަވެސް އެކަމާ ގުޅޭ ގޮތުން ޖަވާބެއް ނުދެއްވި އެވެ.
ބަޖެޓުގައި ހިމަނާފައިވާ އަންނަ އަހަރު މުވައްޒަފުންގެ މުސާރަތަކާއި އިނާޔަތްތަކަށް ކުރާ ހަރަދުގެ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރާ އަޅާބަލާއިރު މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް 2.4 ބިލިއަން ރުފިޔާ އަންނަ އަހަރު އިތުރުވެ އެވެ. އެއީ %20.3ގެ އިތުރުވުމެކެވެ. އެގޮތުން އެ ހަރަދުތައް އިތުރުވާ މައިގަނޑު ސަބަބުތަކަކީ:
-
އިތުރު މުވައްޒަފުން ނެގުމުން އިތުރުވާ 1.9 ބިލިއަން ރުފިޔާ
-
މުސާރަތައް ބޮޑުކުރަން 500 މިލިއަން ރުފިޔާ
ރައީސް މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދަކީ 700 މުވައްޒަފުންނަށް ވުރެ ސިޔާސީ މީހުންގެ އަދަދު ގިނަ ނުކުރުމެވެ. އެކަމަކު އިދިކޮޅު ސިޔާސީ ފަރާތްތަކުން ތުހުމަތުކުރަނީ އެ އަދަދު 2،000އަށް ވުރެ މިހާރު މަތިވާނެ ކަމަށެވެ.
މިފަހުން ރައީސް މުއިއްޒު ވަނީ ހަރަދު ކުޑަކުރުމުގެ ގޮތުން 200 އެއްހާ ސިޔާސީ މުވައްޒަފުން ވަކިކުރާނޭކަން އިއުލާންކުރައްވައިފަ އެވެ. އެކަން ކުރި ކަމަށް ރައީސް އޮފީހުން ބުނި ނަމަވެސް ތަފްސީލު ދީފައެއް ނުވެ އެވެ.
މިފަހަރުގެ ބަޖެޓް ބަހުސްގައި މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ ދާއިރާގައި ހިންގާ މަޝްރޫއުތަކުގެ ތަފްސީލުތައް ބަޖެޓުގައި ނެތުމެވެ. މިފަހަރުގައި ބަޖެޓުގައި އޮތީ މަޝްރޫއުތަކަށް 12.4 ބިލިއަން ރުފިޔާ ހަރަދު ކުރާނޭ ކަމަށެވެ. އަދި މަޝްރޫއުތަކުގެ ތަފްސީލްތައް ނުދީ މަޝްރޫއުތަކަށް ހަރަދުކުރާނޭ ދާއިރާތަކެއް ބަޖެޓުގައި އޮތީ ކަނޑައަޅައިފަ އެވެ.
ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ އެގޮތަށް ބަޖެޓް ހުށަހެޅީ ވަކިވަކި މަޝްރޫއުތައް ބަޖެޓުގައި ހިމެނުުމުން އެ މަޝްރޫއުތައް ނިންމަން އެކަށީގެންވާ އަދަދަކަށް ފައިސާ ނުހިމެނޭތީ ކަމަށެވެ. އަދި އެގޮތަށް މަޝްރޫއުތަކުގެ ތަފްސީލް ހިމެނުމުން މެންބަރުންގެ ފަރާތުން އިތުރު ކަންކަން އަންނާތީ ބަޖެޓް ބޮޑުވެ ފިނޭންސް މިނިސްޓްރީގެ އަމާޒުތަކުން ބޭރަށް ބަޖެޓް ދާތީ ކަމަށެވެ.
ނަމަވެސް ދައުލަތުގެ މުވައްޒަފުންގެ އަދަދާއި އެ މީހުންނަށް ކުރާ ހަރަދުގެ ތަފްސީލް ފެންނަ ތާވަލް އުނިކުރަން އޮތީ ކޮން ބަހަނާއެއް ހެއްޔެވެ؟
ކޮމެންޓް (2)
ވަދަނީ މިނާމް
ރައްޔިތު އަހްމަދު