މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ތެރޭ މާލޭ ކައިރީ ބަނދަރުކޮށްފައި އޮތް ބޮޑު ކްރޫޒްލައިނާއެއް (ފޮޓޯ ދައުރު)

ޓޫރިޒަމް

އަގު ބޮޑުވެ ކްރޫޒް ލައިނާގެ ވިޔަފާރި ރާއްޖެއަށް ގެއްލިއްޖެ

ރާއްޖެއާ އަވަށްޓެރި ލަންކާ އަދި އިންޑިއާގެ ކޮޗިނުން ކްރޫޒް ލައިނާގެ ވިޔަފާރީގެ ތެރެއަށް މި ދަނޑިވަޅުގައި ވަދެ އެތައް 100 ބޯޓެއް ކޮންމެ އަހަރަކު މިހާރު އަންނަނީ ގެންނަމުން
20 ނޮވެމްބަރު 2024
2

ކްރޫޒް ލައިނާތަކުގައި ރާއްޖެ އަންނަ ޓޫރިސްޓުންގެ އަތުން ވެސް މިހާރު ޓީޖީއެސްޓީ ނަގާތީ  ކްރޫޒް ލައިނާގައި ރާއްޖެ އައުމުގެ އަގު ބޮޑުވެ، ކްރޫޒްތައް ރާއްޖެ އައުން ހުއްޓާލައިފި އެވެ. އެއާ އެކު ރާއްޖެއަށް ކްރޫޒްތައް ގެންނަ އެޖެންޓުންގެ ވިޔަފާރި އެކީހެން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. 

ވީ ކިހިނެއް؟ - މިދިޔަ ސަރުކާރުގެ ތެރޭ ކްރޫޒް ލައިނާ ގަވައިދަށް ގެނައި ބަދަލާ އެކު ކްރޫޒްތަކުން އަންނަ ޓޫރިސްޓުން ވެސް ރާއްޖޭގެ ސަރަހައްދަށް ވަންނަ ދުވަހުން ފެށިގެން ޓީޖީއެސްޓީ ދައްކަން ވަނީ ލާޒިމްކޮށްފަ އެވެ. އެ އުސޫލުގެ ދަށުން ކްރޫޒް ލައިނާތަކުން ރާއްޖެ ހިމަނާ ޓޫރިސްޓުންނަށް ޕެކޭޖް ވިއްކާ ނަމަ ވިއްކާ ޖުމްލަ އަގުގެ %16 ރާއްޖެއަށް ޖީއެސްޓީގެ ގޮތުގައި އެޖެންޓުން މެދުވެރިކޮށް ދައްކަން ޖެހެ އެވެ. 

މާލެ ކައިރީގައި ކްރޫޒް ލައިނާއެއް ބަނދަރުކޮށްފައި (ދައުރު ފޮޓޯ/މުޙައްމަދު އަމާން)

ތަފްސީލް - ރާއްޖެއަށް އަންނަ ބައެއް ކްރޫޒް ލައިނާތަކުގެ އެޖެންޓުކަން ކުރާ އިނާ-މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ފިރާގު މިއަދު 'ދައުރު'އަށް ވިދާޅުވި ގޮތުގައި ރާއްޖެއާ ވާދަވެރި މަންޒިލްތަކާ އަޅާބަލާއިރު ރާއްޖެ އައުމުގެ އަގު މިހާރު އެތައް ތަނެއް ކްރޫޒް ލައިނާތަކަށް ބޮޑުވެފައިވާ ކަމަށެވެ. އެގޮތުން ބައެއް މިސާލުތައް ދައްކަވަމުން އޭނާ ވިދާޅުވީ: 

  • 1،500 ޓޫރިސްޓުން ގެންނަ ކްރޫޒް ލައިނާއަކުން ރާއްޖެއަށް ޓެކްސްއަށް އެބަ ދައްކަން ޖެހޭ 80،000 ޑޮލަރު 

  • ވާދަވެރި މަންޒިލްތައް ކަމަށްވާ ދުބާއީގައި ވެސް އެވަރުގެ ކްރޫޒް ލައިނާއަކުން 28،000 ޑޮލަރު ޓެކްސްއަށް؛ އަދި މިތާ ކައިރި ލަންކާގައި 18،000 ޑޮލަރު މި ހުންނަނީ 

"ކްރޫޒް ލައިނާއަކީ ވެސް ބަޔަކު ކުރާ ވިޔަފާރިއެއް. އެހެން ވީމާ އެ މީހުން ވެސް ބަލާނެ އެ މީހުންގެ ވިޔަފާރީގެ ހަރަދުތައް ވެސް ކުޑަވާ ގޮތަށް އެކަން ކުރަން. އެހެންވެ ރާއްޖޭގެ މިހާބޮޑު އަގެއް ހުންނަންޏާ ކްރޫޒް ލައިނާތައް ބޭނުމެއް ނުވޭ މިހާރު ރާއްޖެ އަންނާކަށް. ފީސިބިލް ނުވަނީ އެ މީހުންނަށް،" ފިރާގު ވިދާޅުވި އެވެ. 

"މީގެ ކުރިން ވިންޓާއާ ދިމާކޮށް ރަނގަޅު އަދަދެއް ހަމަ ރާއްޖެ އަންނާނެ. އެކަމަކު މިއަހަރު އަދި ނެތް އެއްޗެއް އަންނާކަށް." 

ފާހަގަކޮށްލެވޭ - މީގެ ކުރިން އެވްރެޖްކޮށް އަހަރެއްގެ މައްޗަށް 20-30 ކްރޫޒް ލައިނާ ރާއްޖެއަށް ބަނދަރު ކުރެ އެވެ. 

ރާއްޖެއަށް ވަރަށް ބޮޑަށް ގެއްލުނު ވިޔަފާރިއެއް މިއީ. އިންޑިއާގެ ކޮޗިން، ލަންކާ މިތަންތަނުން އެތައް 100 ކްރޫޒެއް މިހާރު އެ ގެންދަނީ

މުހައްމަދު ފިރާގު، އިނާ-މޯލްޑިވްސްގެ ސީއީއޯ

ރާއްޖެއާ އަވަށްޓެރި ގައުމުތަކުން ފައިދާ ނަގަނީ

ފިރާގު ވިދާޅުވީ ރާއްޖެއާ އަވަށްޓެރި ލަންކާގެ ހަމްބަންޓޯޓާ ބަނދަރު މިހާރު ހާއްސަ ކުރަމުން އެދަނީ ސީދާ ކްރޫޒް ލައިނާތަކަށް ހިދުމަތް ދިނުމަށް ކަމަށެވެ. އެހެންވެ، ރާއްޖެ އަގުބޮޑުވުމާ އެކު އަވަށްޓެރި ގައުމުތަކުން އެ ފައިދާ ނެގުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް ފިރާގު ވިދާޅުވި އެވެ. 

"ރާއްޖެއަށް ވަރަށް ބޮޑަށް ގެއްލުނު ވިޔަފާރިއެއް މިއީ. އިންޑިއާގެ ކޮޗިން، ލަންކާ މިތަންތަނުން އެތައް 100 ކްރޫޒެއް މިހާރު އެ ގެންދަނީ،" ފިރާގު ވިދާޅުވި އެވެ.

ކްރޫޒް ލައިނާއެއް މާލޭ ކައިރީ ބަނދަރުކޮށްފައި (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އޭނާ ވިދާޅުވި ގޮތުގައި ރާއްޖެއަށް ބަނދަރު ކުރާ ކްރޫޒް ލައިނާތަކުން ނަގާ ފީތައް ވެސް އެ ގައުމުތަކާ އަޅާ ބަލާއިރު ބޮޑު ކަމަށެވެ. ރާއްޖޭގެ ބަނދަރުތަކުން ކްރޫޒް ލައިނާތަކަށް ރަނގަޅު ފެންވަރެއްގެ ހިދުމަތެއް ނުދެވޭއިރު އަވަށްޓެރި ގައުމުތަކުން މާ ރަނގަޅު ހިދުމަތްތައް އެކަށީގެންވާ އަގުގައި ދޭ ކަމަށް ފިރާގު ވިދާޅުވި އެވެ. 

"ވަރަށް ހާލުގައި ކްރޫޒްލައިނާތައް މިތަނަށް އައިސްފައި އުޅެން ޖެހެނީ. އެ ހުރިހާ ކަމަކަށް ބަލާފައި ކްރޫޒް ހިންގާ މީހުން ރާއްޖެ ނުލާން އެ މީހުންގެ ދަތުރުގައި އެ ނިންމަނީ،" ފިރާގު ވިދާޅުވި އެވެ. 

ހައްލަކީ ގަވައިދު ބަަދަލުކޮށް ބޮޑު ޓެކުހުން އިސްތިސްނާ ކުރުން

ފިރާގު ވިދާޅުވީ ކްރޫޒްލައިނަތަކުން ފީ ނަގާ ގޮތަށް ގަވައިދު ބަދަލުވެގެން އައީ އޭގެ ތެރޭގައި އޮޅުންތަކެއް ހުރެގެން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ގަވައިދު އެކުލަވާލިއިރު ކަންބޮޑުވުމަކަށް އޮތީ ރާއްޖެ އަންނަ އެންމެ އަގު ބޮޑެތި ޔޮޓްތައް ނުވަތަ ސްޕޮ ޔޮޓްތަކުގައި ތިބޭ ޓޫރިސްޓުންގެ އަތުން ޓީޖީއެސްޓީ ނުނެގުމެވެ.

"ގަވައިދު ނިކުތް އިރު ކްރޫޒްލައިނާތައް ވެސް އެ ގަވައިދުގެ ތެރެއަށް އޮތީ ވައްދާފައި. މިއީ އަސްލު ދައްކާ ވާހަކަ ރަނގަޅަށް ނޭނގި އުސޫލު ހެދީމާ ދިމާވާ ގޮތް،" ފިރާގު ވިދާޅުވި އެވެ. 

ކްރޫޒް ލައިނާއަކުން ޓޫރިސްޓުން ބޭލުމަށް ތައްޔާރުވެފައި (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

އޭނާ ވިދާޅުވީ ކްރޫޒް ލައިނާތަކުން އެ މީހުންގެ ދަތުރުތައް އަހަރެއް ނޫނީ ދެ އަހަރެއް ކުރިން ޝެޑިއުލްކުރާ ކަމަށެވެ. އަދި އަންނަ އަހަރުގެ ދަތުރުތައް ފެބުރުއަރީގައި ޔަގީންކުރާނެ ކަމަށް ފިރާގު ވިދާޅުވި އެވެ. އެހެންވެ، އެންމެ ލަސްކޮށް ވެސް ފެބުރުއަރީގެ ކުރިން ގަވައިދު އިސްލާހުކޮށް ހައްލުތަކެއް މިކަމަށް ބޭނުންވާ ކަމަށް ފިރާގު ވިދާޅުވި އެވެ.

"ޓެކްސްއެއް ނުނަގަން ވީއެއް ނޫން. އެކަމަކު އެއީ މި ވިޔަފާރި ހިނގާ ގޮތަށް ބަލާފައި ވާދަވެރި ގައުމުތަކުގެ އަގުތަކަށް ވެސް ބަލާފައި ނަގާ ރީޒަނަބަލް އެއްޗަކަށް ވާންވީ،" ފިރާގު ވިދާޅުވި އެވެ. 

ކޮމެންޓް (2)

profile-image-placeholder

ވޯލް

21 ނޮވެމްބަރު 2024
ދެރަ ކަންކަން. ވެރިކަމުގައި ތިބެ ދަުއލަތުގެ އާމްދަނީ އިސްރާފު ކުރަން އެކަނި ވިސްނެނީ. ދިރާސާއެއް ކުރުމެއް ނޯވޭ. ކޮންމެކަމަކީ ސީދާ ފައިދާއަށް އެކނަި ވިސްނާގެން ކުރަންެޖެހޭ ކަންކަމެއް ނޫން. ނުސިދާގޮތުން ކުރޫޒް ލައިނާއިން ވާ މަންފާވެސް މިހިންމު. ޓެކްސް ބޮޑު ކުރުމުގެ ކުރިން އެ އަންނަ ކްރޫޒްތރަކަށް ޚިދުމަތް ދެވޭނެ ގޮތެއް ހެދުން މާމުހުންމު އޭގެ ފަހުގައު ޓެކްސް ބޮޑު ކުރިނަމަ ކުރޫޒު ލައިނާ ހިންގާ މީހުންނަށްވެސް އަންދާޒާކޮށްލަން ލިބުނީ ޓެކްސާ އެކަށޭނެ ޚިދުމަތެއް ލިބޭތޯ އެހެންކަމަށް ވާނަމަ ޓެކްސް ބޮޑު ނަމަވެސް ރާއްޖެ އައުން ކުރިއާށް ގެންދިއުންވެސް އެކަށީގެންވޭ.

ވިންޑްސަންސް

20 ނޮވެމްބަރު 2024
މޭނޭޖްކުރަން ނޭނގި ނާގާބިލް ސިޔާސީން ގިނަވެ މަތިބަރުވެ ގައުމުގެ ރަންބިސްއަޅާ ކުކުޅުގެ ބަނޑުފަޅާލައިގެން ހުރިހާ ބިހެއް އެއްފަހަރާ ނަގަން އުޅެގެން ލިބޭ ލަނޑު މިހުންނަނީ

އިތުރު އާޓިކަލް

އިތުރު އާޓިކަލް