ކުރުބާ ރިސޯޓުގައި ބޭއްވި މަޓީގެ އަހަރީ އާންމު ޖަލްސާއެއްގައި އެ ޖަމްއިއްޔާގެ މެންބަރުން (ފޮޓޯ/ދައުރު)
ޑޮލަރު މާރުކުރަން މެދުމިނުގެ ހައްލުތަކެއް ރިސޯޓް ވެރިން ސަރުކާރަށް ހުށަހެޅި
ޓޫރިޒަމް ސިނާއަތަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މާރުކުރަން ޓޫރިޒަމް ސިނާއަތުގެ ފަރާތްތަކުން މެދު މިނުގެ ހައްލުތަކެއް ސަރުކާރާއި މަރުކަޒީ ބޭންކް، އެމްއެމްއޭއަށް ހުށަހެޅިކަން ހާމަވެއްޖެ އެވެ.
މައްސަލައިގެ ފެށުން - މިދިޔަ އޮކްޓޯބަރު މަހުން ފެށިގެން އެމްއެމްއޭން އަމަލުކުރަން ފެށި ބޭރު ފައިސާއިން މުއާމަލާތްކުރުމުގެ އާ ގަވައިދުގެ ދަށުން:
-
ރިސޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް 500 ޑޮލަރު މާރުކުރާ ގޮތަށް އެމްއެމްއޭން ހަމަޖެއްސީ ރިސޯޓްތަކުގެ ވެރިން ރާއްޖޭގެ ބޭންކުތަކަށް އެ މީހުންނަށް ލިބޭ ބޭރު ފައިސާ އާމްދަނީ ވައްދަން ދެކޮޅު ހަދާ ކަމަށް ބުނެ
-
އެކަމުގައި މަޝްވަރާކޮށް ހައްލުތަކަކަށް ނާދެވުނު ކަމަށް ވެސް ބުނޭ
ވީ ކިހިނެއް؟ - އެހެން ނަމަވެސް 'ދައުރު'އަށް ލިބިފައިވާ ލިޔެކިޔުންތަކާއި މައުލޫމާތުތަކަށް ބަލާއިރު އެމްއެމްއޭން ކުއްލި ގޮތަކަށް ބޭރު ފައިސާ މާރުކުރުމުގެ ގަވައިދު ގެޒެޓްކޮށް އަމަލުކުރަން ފެށުމުގެ ކުރިން ވެސް މަޝްވަރާތަކުގައި ރިސޯޓް ވިޔަފާރިވެރިން ގެންދިޔައީ ސަރުކާރަށް ގޮތްތަކެއް ހުށަހަޅަމުންނެވެ.
ތަފްސީލް - އާ ގަވައިދު ގެޒެޓްކުރި ފަހުން ވެސް ރިސޯޓްވެރިން ރަސްމީކޮށް ސަރުކާރަށް ސިޓީއަކުން ގޮތްތަކެއް ހުށަހެޅި އެވެ. އެގޮތުން ރިސޯޓް ވިޔަފާރިވެރިންގެ ގައުމީ ޖަމްއިއްޔާ، މަޓީން 13 އޮކްޓޯބަރުގައި ރައީސް މުހައްމަދު މުއިއްޒު އަދި އެމްއެމްއޭގެ ގަވަރުނަރަށް ކޮޕީކޮށް ހައްލުތަކަކާ އެކު ސިޓީއެއް ހުށަހެޅި އެވެ.
އެ ސިޓީގައި ޓޫރިޒަމް ސިނާއަތުން ހުށަހެޅި ފުރަތަމަ ހައްލަކީ:
-
ރިސޯޓްތަކަށް ލިބޭ ބޭރު ފައިސާގެ އާމްދަނީގެ %10 މާރުކުރަން މަޖުބޫރުކުރުން
އެގޮތަށް އެއްބަސް ނުވެވޭ ނަމަ ދެން ވެސް އިތުރު ގޮތްތަކެއް ވެސް އެ ސިޓީގައި ހުށަހެޅި އެވެ. އެއީ:
-
ރިސޯޓްތަކަށް އަންނަ ކޮންމެ ޓޫރިސްޓެއްގެ ބޮލަށް މާރުކުރަން މަޖުބޫރުކުރާ އަދަދު 150 ޑޮލަރަށް ހެދުން
-
ޓޫރިޒަމް ސިނާއަތުގެ އެހެން ސެކްޓާތައް، ގެސްޓްހައުސް، ސިޓީ ހޮޓަލް އަދި ސަފާރީތަކުން ކޮންމެ ޓޫރިސްޓެއްގެ ބޮލަކަށް 15 ޑޮލަރު މާުރުކުރަން މަޖުބޫރުކުރުން
މަޓީގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި އެ ސިޓީއަށް ރައީސް އޮފީހުން ވެސް އަދި އެމްއެމްއޭއިން ވެސް ޖަވާބެއް ނުދިނެވެ. އަދި އިތުރަށް އެކަންކަމާ މަޝްވަރާކޮށް މެދުމިނުގެ ހައްލުތަކަށް އަންނަން ވެސް އެބޭފުޅުން ތައްޔާރަށް ތިބި ކަމަށް ދެންނެވި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
މީގެ އިތުރަށް ޑޮލަރު މާރުކުރަން ގެންނަ ބަދަލާ ގުޅޭ ގޮތުން މަޓީން ބޭރުގެ ފަރާތަކާ ހަވާލުކޮށްގެން އެކުލަވާލައި ސަރުކާރާ ހިއްސާކުރި ދިރާސާ ރިޕޯޓެއްގައި ވެސް އެހެން ރަނގަޅު ހައްލެއް ވެސް އެބޭފުޅުން ހުށަހެޅުއްވި އެވެ. އެއީ:
-
ޑޮލަރުން އިންވެސްޓްކުރެވޭނޭ މާލީ އިސްޓްރޫމަންޓްތަކެއް ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް ތައާރަފްކުރުން؛ މިސާލަކަށް ބޭންކުތަކުގައި ބޭރު ފައިސާ ބަހައްޓަން ރަނގަޅު އިންޓަރެސްޓަކާ އެކު ފިކްސްޑް ޑިޕޮސިޓް ފެސިލިޓީތައް ތައާރަފްކުރުން
އެ ބޭފުޅުން ތިއްބެވީ އެފަދަ ފެސިލިޓީތަކަށް އިންވެސްޓްކޮށް ބޭންކުތަކަށް އިތުރު ޑޮލަރު ލިބޭނޭ މަގުފަހި ކުރަން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ފާހަގަކޮޮށްލެވޭ - ރާއްޖޭގައި އޮޕަރޭޓް ކުރާ 70 އެއްހާ ރިސޯޓުން ވަނީ އެމްއެމްއޭން ނެރެފައިވާ ބޭރު ފައިސާ މާރުކުރުމުގެ ގަވައިދަށް އަމަލުކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ބުނެ އެ ގަވައިދު މުރާޖައާކޮށް ދިނުމަށް އެދިފަ އެވެ.
ގުޅުންހުރި - ސަރުކާރަށް އެއް އަހަރު ފުރުން ފާހަގަކުރަން ރޭ ސޯޝަލް ސެންޓަރުގެ ހޯލްގައި ބޭއްވި ހަފްލާގައި ރައީސް މުއިއްޒު ވަނީ ޓޫރިޒަމް ވިޔަފާރިވެރިންނަށް ގޮންޖައްސަވައި ޑޮލަރު މާރުކުރުމުގެ ގަވައިދު ބަދަލުނުކުރާނޭ ކަމަށް ވިދާޅުވެ އެ ގަވައިދަށް ބޯލަބަން ގޮވާލައްވައިފަ އެވެ.
ކޮމެންޓް (3)
ހެޔޮ މިތުރު
ހުސޭނުބެ
ރަހީމް