މާފަރު އެއާޕޯޓް.
މާފަރު އެއާޕޯޓު އަލުން ބައިނަލްއަގުވާމީ ދަތުރުތަކަށް ހުޅުވާލައިފި
ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ބައިނަލްއަގުވާމީ ދަތުރުތަކަށް އަލުން ހުޅުވާލައިފި އެވެ.
ވީ ކިހިނެއް؟ - ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ދެން އެންމެ ގިނައިން ޕްރައިވެޓު ޖެޓު ޖައްސާ އެއާޕޯޓު ބައިނަލްއަގުވާމީ ދަތުރުތަކަށް އަލުން ހުޅުވާލާފައިވަނީ މި އަހަރުގެ ޓޫރިޒަމް ސީޒަން ފެށުމާ ދިމާކޮށެވެ.
ތަފްސީލް - މާފަރަކީ މާލެ ފިޔަވާ އެންމެ ގިނަ ޖެޓުތައް ދަތުރުކުރާ ރާއްޖޭގެ އިންޓަނޭޝަނަލް އެއާޕޯޓެވެ. އެ ސަރަހައްދުގައި އޮންނަ އަގުބޮޑެތި ރިސޯޓުތަކަށް ދާ މަތީ ފަންތީގެ ފަތުރުވެރިން މާލެ ނައިސް ސީދާ ދަނީ މާފަރު އެއާޕޯޓަށެވެ.
މާފަރު އެއާޕޯޓު އަޕްގްރޭޑު ކުރުމަށް އެ އެއާޕޯޓު ބައިނަލްއަގުވާމީ ދަތުރުތަކަށް ވަގުތީ ގޮތުން ބަންދުކޮށްފައި އޮތުމަށް ފަހު އަލުން ހުޅުވާލާފައި ވާއިރު، ވައިޑް ބޮޑީ މަތިންދާބޯޓު ޖެއްސޭ ވަރަށް އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމުގެ މަސައްކަތް ކުރިއަށް އެބަދެ އެވެ.
އަބޫ ދާބީ ފަންޑުގެ ހިލޭ އެހީގައި ތަރައްގީކޮށްފައިވާ އެ އެއާޕޯޓު ހުޅުވީ 1 ޑިސެމްބަރު 2019ގަ އެވެ.
ފާހަގަ ކުރެވޭ - މާފަރު އެއާޕޯޓުގައި ޖެޓު ޕާކު ކުރެވޭ އަދަދު ދެ ގުނަ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްގެން މަޝްރޫއެއް ކުރިއަށް އެބަދެ އެވެ. މިދިޔަ އޮގަސްޓު މަހު އެ މަޝްރޫއު އެ ކުންފުންޏާ ހަވާލު ކުރީ ހަ މަހުން ނިންމާ ގޮތަށެވެ.
އެ މަޝްރޫއުގެ ދަށުން މާފަރު އެއާޕޯޓުގެ ޕާކިން ކެޕޭސިޓީ ދެ ގުނަ ކުރުމަށް 15،300 އަކަމީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރާނެ އެވެ. އެގޮތުން:
-
މިވަގުތު މާފަރު އެއާޕޯޓުގައި 13 ބިޒްނަސް ޖެޓް ޕާކު ކުރެވޭ
-
އޭޕްރަން ބޮޑު ކުރުމުގެ މަޝްރޫއު ނިމުމުން އެއްފަހަރާ 26 ޖެޓް ޕާކު ކުރެވޭނެ
-
މި މަޝްރޫއާ އެކު ސީޒަން ތެރޭ މާފަރު އެއާޕޯޓުން ދަތުރުކުރާ މަތީ ފަންތީގެ ފަތުރުވެރިންނަށް ބޮޑު ލުޔެއް ލިބޭނެ
އެއާޕޯޓުގެ ރަންވޭ ބޮޑުކޮށް، އެ އެއާޕޯޓް އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއު 27.2 މިލިއަން ޑޮލަރު (419.1 މިލިއަން ރުފިޔާ)އަށް ހަވާލުކޮށްފައި ވަނީ ވެސް އެމްޓީސީސީއާ އެވެ.
އެ މަޝްރޫއުގެ ދަށުން:
-
ރަންވޭ 650 މީޓަރަށް ދިގުކޮށް، ފުޅާކުރުމަށް ބިން ހިއްކައި ތޮށިލާނެެ؛ އޭރުން ބޮއިން 777 މަރުކާގެ ބޯޓްތަކަށް ޖެއްސޭނެ
-
ޓެކްސީވޭ ފުޅާކުރާނެ
ކޮމެންޓް