ރާއްޖެ އައި ޓޫރިސްޓުންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ފަތުރުވެރިންތަކެއް (ދައުރު ފޮޓޯ/މުޒައްޔިން ނާޒިމް)

ޓޫރިޒަމް

ރިލަޔަންސް ގްރޫޕުގެ 300އެއްހާ މުވައްޒަފުން ޗުއްޓީއަށް ރާއްޖެއަށް

މިއީ އިންޑިއާގައި ރެ މަގުބޫލުކަން އަލުން އިތުރުވާކަމުގެ ހެއްކެއް ކަމަށް ދާއިރާގެ ފަރާތްތަކުން ބުނޭ
24 އޮކްޓޯބަރު 2024

އިންޑިއާގެ ބޮޑު ވިޔަފާރި ކުންފުންޏެއް ކަމަށްވާ ރިލަޔަންސް ގްރޫޕުގެ 300އެއްހާ މުވައްޒަފުން ރާއްޖެއަށް ޗުއްޓީ ހޭދަކުރުމަށް އައިސްފި އެވެ.

ވީ ކިހިނެއް؟ - ސްރީލަންކަން އެއާލައިންސްގެ ރާއްޖޭގެ އެޖެންޓް އިނާ މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު މިއަދު 'ދައުރު'އަށް ވިދާޅުވީ ރިލަޔަންސް ގްރޫޕުގެ އެތެރޭގެ ހަފްލާއަކަށް މިއަދު ރާއްޖެ އައިސްފައި ވަނީ އެ ކުންފުނީގެ 290 މުވައްޒަފުންނެވެ. އެގޮތުން:

  • އެ މުވައްޒަފުން މިއަދު ރާއްޖެ އައިސްފައި ވަނީ ސްރީލަންކަންގެ ދެ ފްލައިޓެއްގައި 

  • އެ ގްރޫޕް ޗުއްޓީ ހޭދަކުރާނީ ރ. އަތޮޅުގައި ހިންގާ ރާޔާ ބައި އެޓްމޮސްފިއާ ރިސޯޓްގައި 

ތަފްސީލް - ފިރާގް ވިދާޅުވި ގޮތުގައި، ރާއްޖެ-އިންޑިއާގެ ނުތަނަވަސްކަމަށް ފަހު އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުން މަދުވުމަށް ފަހު އިންޑިއާގެ ކުންފުންޏެއްގެ ބޮޑު ގްރޫޕެއް ރާއްޖެ އައި މިއީ ފުރަތަމަ ފަހަރެވެ. މިކަމުން ދޭހަކޮށްދެނީ އިންޑިއާގެ ރައްޔިތުންގެ މެދުގައި ރާއްޖޭގެ މަގުބޫލުކަން އަލުން އިތުރުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިއީ އިންޑިއާ މާކެޓް ރަނގަޅުވާކަމުގެ ވަރަށް ބޮޑު ހެއްކެއް މިވަރުގެ ބޮޑު ގްރޫޕެއް ރާއްޖެ އައުމަކީ،" ފިރާގު ވިދާޅުވި އެވެ. 

އިންޑިއާ މާކެޓު ރަނގަޅުވުމުގެ ކޮޅުމަތި ފެންނާތީ އަންނަ އަހަރު އިންޑިއާ މާކެޓް އަނެއްކާ ވެސް ރަނގަޅުވާނޭ ކަމަށް އޭނާ އަންދާޒާ ކުރައްވަ އެވެ. 

އެނގުން މުހިންމު - މިއަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު %10 އިތުރުވެ، 1.5 މިލިއަނަށް ވުރެ ގިނަ ޓޫރިސްޓުން ވަނީ އައިސްފަ އެވެ. ނަމަވެސް މިދިޔަ އަހަރު އެންމެ މަތީގައި އޮތް އިންޑިއާ މާކެޓް ވަނީ މިހާރު ހަ ވަނައަށް ވެއްޓިފަ އެވެ. އިންޑިއާއިން ރާއްޖެ އައި ޓޫރިސްޓުންގެ އަދަދަކީ މިދިޔަ އަހަރާ އަޅާބަލާއިރު 100،000 ޓޫރިސްޓުންނަށް ވުރެ މަދު އަދަދެކެވެ.

ފާހަގަކޮށްލެވޭ - މިފަހުން ރައީސް މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ރާއްޖެ އިންޑިއާގެ ގުޅުން އަނެއްކާ ވެސް ވަނީ ރަނގަޅުވެފަ އެވެ. އަދި އެ ދަތުރުފުޅުގައި ރައީސް ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ބައެއް ހަރަކާތްތަކުގައި ބައިވެރިވެ ވަޑައިގެން ޓުއަރިޒަމް ދާއިރާގެ ފަރާތްތަކާ ވެސް ބައްދަލުކުރައްވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް