ވިލާ އެއާގެ ބޯޓެއް އެއާޕޯޓް ރަންވޭގައި: އެ އެއާލައިންގެ ވިޔަފާރި ސީޕްލޭން އޮޕަރޭޝަންތަކަށް ބަދަލުކުރަން ވަނީ ނިންމާފައި

ވިލާ އެއާ

ވިލާ އެއާގެ މިސްރާބު ބަދަލުކޮށް ސީޕްލޭން ދަތުރުތައް ފަށަނީ

އެ ކުންފުނީގެ އުދުހުންތަކުގައި ބޭނުންކުރަމުން އައި އޭޓީއާރު ބޯޓުތައް ވަނީ މިފަހުން ވިއްކާލާފައި؛ މިހާރު ބޭނުން ކުރަނީ އެންމެ ބޯޓެއް
8 ގަޑިއިރު ކުރިން

ރާއްޖޭގެ އެތެރޭގެ ދަތުރުތައް ކުރަން ފްލައިމީގެ ނަމުގައި އުފެއްދި އަދި މިހާރު ވިލާ އެއާގެ ނަމަށް ބަދަލުކޮށްފައިވާ އެއާލައިންގެ ވިޔަފާރި މިސްރާބު އެ ކުންފުނިން ބަދަލުކޮށް، ސީޕްލޭން ހިދުމަތް ފަށަން ތައްޔާރުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަހަރުގެ މެދު ތެރޭން ފެށިގެން ވިލާ އެއާއިން ދަތުރުތަކުގައި ގެންގުޅުނު އޭޓީއާރުގެ ގިނަ ބޯޓުތައް ވަނީ ދޫކޮށްލައިފަ އެވެ. އެ ކުންފުނީގެ އުދުހުންތަކުގައި މިހާރު ބޭނުން ކުރަނީ އެންމެ ބޯޓެކެވެ.

އެ އެއާލައިނުން އުދުހެނީ ހަމައެކަނި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މާމިގިލި އަދި ދަރަވަންދޫ އަށެވެ. އަދި އެންމެ ބޯޓެއް ގެންގުޅޭތީ އެ އެއާލައިންގެ މުވައްޒަފުން ވެސް މިއަހަރު މަދުކުރި އެވެ. 

"އެ ބަދަލުތައް ގެނައީ އެއާލައިންގެ ވިޔަފާރި އެހެން ގޮތަކަށް ބަދަލުކޮށްލަން. ފައިދާވާ ދިމާލަށް ބޮޑަށް ދާން،" ވިލާ ކުންފުނީގެ އޮފިޝަލަކު ވިދާޅުވި އެވެ.

ސީޕްލޭން ހިދުމަތް ފަށަން ވިލާ އެއާއިން ގެނައި ޓްވިން އޮޓާ މަރުކާގެ ބޯޓް: މި ބޯޓްތައް ބޭނުން ކުރާނީ މޮޑިފައިކޮށް ކަދު ހަރުކުރުމަށް ފަހު.

ތަފްސީލް - އެ ބަދަލުތަކުގެ ތެރެއިން ވިލާ އެއާއިން މި ހަފްތާ ވަނީ ޓްވިން އޮޓާގެ ދެ ބޯޓު ރާއްޖެ ގެނެސްފަ އެވެ. ޓްވިން އޮޓާ ބޯޓްތަކަކީ ސީޕްލޭންގެ އުދުހުންތަކުގައި ރާއްޖޭގައި ބޭނުން ކުރާ ބާވަތުގެ ބޯޓުތަކެވެ. 

އޮފިޝަލް ވިދާޅުވީ ވިލާ އެއާގެ ވިސްނުމަކީ ސީޕްލޭންގެ ދަތުރުތައް އަންނަ މަހު ފެށުން ކަމަށެވެ.

"ސީޕްލޭން އޮޕަރޭޝަންތައް ފުޅާކުުރުން މިވަގުތު ވިލާ އެއާގެ ވިޔަފާރި ފޯކަސް ކުރާ ގޮތަކީ،" އޮފިޝަލް ވިދާޅުވި އެވެ. 

ސީޕްލޭން އޮޕަރޭޝަންތަކުގެ މައި ހަބެއްގެ ގޮތުގައި ބޭނުން ކުރަން ރާވާފައި ވަނީ މާމިގިލީ އެއާޕޯޓެވެ. އެ ތަނުގައި ސީޕްލޭން އޮޕަރޭޝަންތަކަށް ބޭނުންވާ ވަސީލަތްތައް ގާއިމްކުރުމުގެ މަސައްކަތް ވަނީ މިހާރު ފަށައިފަ އެވެ. އެ އެއާލައިންގެ ވިސްނުމަކީ އެ އެއާޕޯޓް މެދުވެރިކޮށް ރިސޯޓްތަކަށް ޓޫރިސްޓުން އުފުލުމެވެ. 

ވިލާ އެއާއިން މީގެ ކުރިން ގެންގުޅުނު ސީޕްލޭން: އޭރު އެ ކުންފުނިން ސީޕްލޭން ބޭނުންކުރީ ފޮޓޯ ފްލައިޓް އަދި ޗާޓާ ދަތުރުތަކަށް.

ގުޅުން ހުރި - ފްލައިމީގެ ނަމުގައި ވިލާ އެއާ ހިންގި ދުވަސްވަރު ސީޕްލޭންގެ ގޮތުގައި ބޭނުން ކުރާ އެއް ބޯޓް ގެންގުޅުނެވެ. ނަމަވެސް އެ ބޯޓް އާންމުކޮށް ބޭނުން ކުރަމުން ދިޔައީ ފޮޓޯ ފްލައިޓްތަކުގެ ގޮތުގަ އާއި ބައެއް ޗާޓާ ދަތުރުތައް ކުރުމުގަ އެވެ. ފަހުން އެ އެއާލައިނުން އެ ފްލައިޓް ވިއްކާލީ އެވެ.

އެނގުން މުހިންމު - މިވަގުތު ރާއްޖޭގައި ސީޕްލޭންގެ ހިދުމަތް ދެނީ ޓީއެމްއޭ އާއި މަންޓާ އެއާ އަދި މޯލްޑިވިއަނުންނެވެ. 

ސީޕްލޭންގެ ހިދުމަތްތައް ފުޅާކުރުމުގެ ގޮތުން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން އާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕޭނީ (އެމްއޭސީއެލް) ގުޅިގެން ޖޮއިންޓް ވެންޗާ ކުންފުންޏެއް އުފައްދަން މިފަހުން ސަރުކާރުން ވަނީ ނިންމައިފަ އެވެ. 

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް