ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު: އެއާޕޯޓު ތަރައްގީއަށް ޗައިނާ އިން ނެގި ލޯނުން ބައެއް ވަނީ ރީފައިނޭންސް ކޮށްފައި (ދައުރު ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)
ވީއައިއޭގެ ތަރައްގީއަށް ޗައިނާއިން ނެގި ލޯނު ރިފައިނޭންސްކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ ތަރައްގީއަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުގެ ބައެއް ރީފައިނޭންސްކޮށްފި އެވެ.
އެނގުން މުހިއްމު - ވީއައިއޭގެ ތަރައްގީއަށް ޗައިނާގެ އެގްޒިމް އިން 2015 ވަނަ އަހަރު ނެގީ 373.8 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ)ގެ ލޯނެކެވެ.
ވީ ކިހިނެއް؟ - ވީއައިއޭގެ ތަރައްގީއަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ ލޯނުން 74.7 މިލިއަން ޑޮލަރު (1.1 ބިލިއަން ރުފިޔާ) ރީފައިނޭންސް ކުރުމުގެ އެއްބަސްވުމުގަައި ސޮއިކޮށް ފިނޭންސް މިނިސްޓްރީން ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް މިދިޔަ ބުރާސްފަތި ދުވަހު އަންގައިފަ އެވެ.
ތަފްސީލް - ފިނޭންސް މިނިސްޓްރީން މަޖިލީހަށް ފޮނުވި ސިޓީގައި ބުނެފައިވަނީ ވީއައިއޭގެ ތަރައްގީއަށް ޗައިނާ އެގްޒިމް ބޭންކުން 2015 ވަނަ އަހަރު ނަގާފައިވާ ލޯނުގެ ބައެއް ރީފައިނޭންސް ކުރުމަށް މަޝްވަރާ ކުރުމަށް ފަހު މިދިޔަ މަހުގެ 23 ވަނަ ދުވަހު އެކަމުގެ އެއްބަސްވުމުގައިި ސޮއިކޮށްފައިވާ ކަމަށެވެ.
މި ލޯނު ރީފައިނޭންސް ކުރުމުގެ މަގުސަދަކީ، ފިނޭންސް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، ކުރު އަދި މެދު ރާސްތާގައި ދައްކަން ޖެހޭ ދަރަނި ދެއްކުމަށް ދައުލަތުގެ ރިޒާވުން ކުރާ ހަރަދު ކުޑަކޮށް މާލީ ހާލަތު ރަނގަޅު ކުރުމެވެ.
ރީފައިނޭންސް ކުރާ އަދަދު އަނބުރާ ދައްކަން 6 އަހަރު ލިބޭއިރު، ގްރޭސް ޕީރިއަޑުގެ ގޮތުގައި 3 އަހަރު ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މާލިއްޔަތު ކޮމެޓީއަށް ފޮނުވި ސިޓީގައި ބުނެފައިވެ އެވެ.
އެ ސިޓީގައި ބުނެފައިވާ ގޮތުން:
-
ލޯނުގެ ފުރަތަމަ އިންޓަރެސްޓު ދައްކަން ޖެހެނީ އަންނަ 12 ޖެނުއަރީގައި
-
އޭގެ ފަހުން އަހަރަކު ދެ ފަހަކު އިންޓަރެސްޓު ދައްކަން ޖެހޭ؛ އެއީ 12 ޖެނުއަރީ އަދި 21 ޖޫންގައި
-
ލޯނު ދައްކަން ފަށާނީ 21 ޖުލައި 2027 އިން ފެށިގެން
-
މިއީ ކޮންސެޝަނަލް ޓާމްސްގައި ނަގާ ލޯނެއް
-
ރީފައިނޭންސް ކުރާ ލޯނުގެ އިންޓްރެސްޓު ރޭޓަކީ %2
ފިނޭންސް މިނިސްޓްރީން ބުނީ ވީއައިއޭގެ ތަރައްގީއަށް 2015 ވަނަ އަހަރު ނެގި ލޯނުގެ ޕްރިންސިޕަލް އަދަދު 21 ޖުލައި 2027 އިން ފެށިގެން ދައުލަތުގެ ކޭޝް ފްލޯ އިން ދައްކަން ފަށާނެ ކަމަށެވެ. އަދި 2030 ވަނަ އަހަރު އެ ލޯނު ދައްކާ ނިމޭނެ ކަމަށާއި 2015 ގައި ނެގި ލޯނާއި ރީފައިނޭންސް ކުރާ ލޯނުގެ ޕްރިންސިޕަލް އަަދަދުު އެކުގައި ދައްކަން ފެށުމުން ދަތިވި ނަމަވެސް ދައުލަތުގެ ދަރަނީގެ މިންވަރަށް އޭގެ ސަބަބުން ބަދަލު ނާންނާނެ ކަމަށް ވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެ އެވެ.