މާލޭ ކޮމާޝަލް ހާބަރު (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

އިގްތިސާދު

މާލީ އިސްލާހީ ފިޔަވަޅުތައް ލަސްވާތީ ވޯލްޑް ބޭންކުގެ ކަންބޮޑުވުން؛ މިއީ ފިޔަވަޅުގެ ވަގުތު

ރާއްޖޭގެ ތަރައްގީގެ އުންމީދުތައް ހާސިލްކުރުމުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް އެ ކަންތައް ދެމެހެއްޓޭނީ މިހާރު ކުރިމަތިވެފަައިވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދިގެން ކަމަށް ވޯލްޑް ބޭންކުން ފާހަގަ ކުރޭ

މިދިޔަ ފެބުރުއަރީ މަހު އިއުލާން ކުރި މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރުން ރާއްޖެއިން ލަސްކުރަމުންދާ ކަމަށް ބުނެ ވޯލްޑް ބޭންކުން ކަންބޮޑުވުން ފާޅުކޮށްފި އެވެ. އަދި މިއީ އުމްރާނީ ތަރައްގީގައި ރާއްޖޭން ހޯދާފައިވާ ކުރިއެރުންތައް ދެމެހެއްޓުމަށް ލަސްނުކޮށް މާލީ އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރަން ޖެހޭ ވަގުތު ކަމަށް ވެސް އެ އިދާރާއިން ވަނީ ބުނެފަ އެވެ. 

ވީ ކިހިނެއް؟ - އެ އިދާރާ އިން މިއަދު އާންމު ކުރި 'މޯލްޑިވްސް ޑިވެލޮޕްމެންޓު އަޕްޑޭޓް: ސީކިން ސްޓެބިލިޓީ އިން ޓާބިއުލެންޓް ޓައިމްސް' ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން ރާއްޖެ އަށް ދިމާވެފައިވާ މާލީ ގޮންޖެހުންތައް، ހާއްސަކޮށް ބޭރުގެ ދަރަނީގެ މައްސަލަތައް ހައްލު ކުރުމަށް އިސްލާހީ ފިޔަވަޅުތައް އެޅުން އަވަސް ކުރަންޖެހެ އެވެ.

ތަފްސީލް - ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާގޮތުން މާލީ އަޑިގަނޑުން އަރައިގަތުމަށް މި އަހަރުގެ ފެބްރުއަރީ މަހު ސަރުކާރުން އާންމުކުރި އިސްލާހީ ފިޔަވަޅުތައް ތަންފީޒު ކުރަން އަދިވެސް ނުފެށެ އެވެ.

ބަޖެޓު ބެލެންސް ކުރުމަށް މިވަގުތަށް އަޅަންޖެހޭ އެންމެ މުހިއްމު ފިޔަވަޅަކީ އިސްލާހީ ފިޔަވަޅުތައް ތަންފީޒުކުރަން ފެށުން ކަމަށާއި އެ ފިޔަވަޅުތައް އަޅާއިރު އާންމުން ވެސް އެކަމަށް ހޭލުންތެރިކޮށް އެކަމާ ގުޅޭ ފުރިހަމަ މައުލޫމާތު ފޯރުކޮށްދޭން ޖެހޭ ކަމަށް އެ އިދާރާ އިން ބުންޏެވެ.

ވޯލްޑް ބޭންކުގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވާގޮތުން:

  • ޓާގެޓެޑް ސަބްސިޑީ ނިޒާމަކަށް ވީހާވެސް އަވަހަކަށް ބަދަލުވާން ޖެހޭ

  • އާސަންދަ ނިޒާމު ހަރުދަނާ ކުރަން ޖެހޭ

  • ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ހަރަދު ކުޑަކުރަން ޖެހޭ

  • ހަރަދުތައް ކުޑަކުރުމަށް ފިޔަވަޅުތައް ހަރުދަނާކޮށް އާމްދަނީ އިތުރު ކުރުމަށް ޓެކްސް ނިޒާމަށް ގެންނަން ނިންމާފައިވާ ބަދަލުތައް ގެނައުން ވެސް އަވަސް ކުރަން ޖެހޭ؛ އެގޮތުން ޓެކްސް ބޮޑުކުރަން ރެވެނިއު ސްޓްރެޓަޖީގައި ހިމަނާފައިވާ ކަންތައް ތަންފީޒުކުރުން އަވަސް ކުރަން ވަނީ ގޮވާލާފައި

ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވު ހުރީ 442 މިލިއަން ޑޮލަރުގައި ކަމަށާއި މިއީ ގާތްގަނޑަކަށް ދޮޅު މަހުގެ އިމްޕޯޓަށް ވާ ފައިސާ ކަމަށް ވޯލްޑް ބޭންކުން ބުންޏެވެ.

ރާއްޖޭގެ ދަރަނި ހުރީ ބޮލަކަށް ޖެހޭ އަދަދު %110.4ގައި ކަން ފާގަގަކޮށް އެ ރިޕޯޓުގައި ބުނީ ސޮވެރިިން ޑިވެލޮޕްމެންޓު ފަންޑުގައި ހުރި 65 މިލިއަން ޑޮލަރަކީ ރާއްޖެ އަށް ބޭނުންވާ ބޭރު ފައިސާގެ ވަރަށް ކުޑަ މިންވަރެއް ކަމަށެވެ.

ލޯނާއި ސަބްސިޑީ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކުރާ ހޭދަ އިތުރުވެފައިވުމަކީ ވެސް ގޮންޖެހުމެއްކަން ވޯލްޑް ބޭންކުން ފާހަގަކޮށްފައިވެ އެވެ.

ވޯލްޑް ބޭންކުން ރާއްޖެ، ނޭޕާލް އަދި ސްރީ ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ރީޖަނަލް ކަންޓްރީ ޑިރެކްޓަރު ޑޭވިޑް ސިސްލެން ވިދާޅުވީ ރާއްޖޭގެ ތަރައްގީގެ އުންމީދުތައް ހާސިލްކުރުމުގައި ފާހަގަކުރެވޭ ކުރިއެރުންތަކެއް ލިބިފައިވީ ނަމަވެސް އެ ކަންތައް ދެމެހެއްޓޭނީ މިހާރު ކުރިމަތިވެފަައިވާ މާލީ ގޮންޖެހުންތަކަށް ހައްލު ހޯދިގެން ކަމަށެވެ.

"ހަރަދު ކުޑަކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާ ދައުލަތުގެ ހަރަދުތައް ހަރުދަނާގޮތެއްގައި ކުރިއަށް ގެންދިއުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް." އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް