އިންޑިއާގެ ނިއު ދިއްލީގައި މިރޭ ބޭއްވި ބިޒްނަސް ފޯރަމް (ފޮޓޯ/ރައީސް އޮފީސް)

ރާއްޖެ-އިންޑިއާ

ރާއްޖެއަކީ ޑިޖިޓަލް އިގްތިސޯދަށް އިންވެސްޓުކުރަން ފަހި ތަނެއް: ރައީސް

ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމްކުރުމަށް ރާއްޖޭގެ ގާނޫނުތަކަށް ބޭނުންވާ ބަދަލުތައް ގެނެސްފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޓޫރިޒަމްގެ އިތުރުން އިގްތިސޯދުގައި އެހެން ސިނާއަތްތައް ދިރުވަން މަސައްކަތް ކުރައްވާ ކަމަށް

ޑިޖިޓަލް އިގްތިސޯދާ ގުޅޭ ދާއިރާތަކުން އިންވެސްޓްކުރުމަށް ރާއްޖެއަކީ ފަހި މާހައުލެއް އޮތް ތަނެއް ކަމަށާއި އެ ދާއިރާ ތަރައްގީ ކުރުމަށް އިންޑިއާގެ އެހީ ބޭނުންވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައީސް މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިރޭ ނިއު ދިއްލީގައި ކުރިއަށް ގެންދިޔަ އިންޑިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމްގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެކި ދާއިރާތަކުން ރާއްޖޭގެ ތަރައްގީއަށް އިންޑިއާއިން އަބަދުވެސް އެހީތެރިކަމާއި އެއްބާރުލުން ދޭ ކަމަށެވެ.

އިންޑިއާގެ ނިއު ދިއްލީގައި މިރޭ ބޭއްވި ބިޒްނަސް ފޯރަމް (ފޮޓޯ/ރައީސް އޮފީސް)

ތަފްސީލް - ރައީސްގެ ވާހަކަފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ވިޔަފާރި އާއި އިގްތިސޯދީ ދާއިރާއިން ގުޅުން ބަދަހިވެފައިވާ މިންވަރު ފާހަގަކުރެއްވި އެވެ.

ރަސްމާލެ ޕްރޮޖެކްޓުގެ ނަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖޭގެ ފުރަތަމަ އިކޯ ސިޓީގެ ގޮތުގައި ތަރައްގީކުރާ އެ ސިޓީ ވާނީ ބޮޮޑު ބަދަލެއް ފެންނާނެ ތަރައްގީ އާއި ތަހުޒީބުގެ ސިޓީއަކަށް ކަމަށެވެ.

"އަޅުގަނޑުގެ ނަޒަރުގައި އިގްތިސޯދު ކުރިއެރުވުމަށް ޕްރައިވެޓު އިންވެސްޓުމެންޓުތައް މުހިއްމު. އިގްތިސޯދީ ދުވެލި ހަލުވިކޮށް އިނޮވޭޝަން ކުރިއަރުވާ، ވިލުންވެރިކަން އިތުރުކޮށް ދެމެހެއްޓެނިވި ތަރައްގީ ކުރިއެރުވުމުގައި ޕްރައިވެޓު ސެކްޓާގެ ބައިވެރިވުން މުހިއްމު،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ އިންވެސްޓުމެންޓުތަކަށް ހިތްވަރުދީ، މަގުފަހިކޮށްދޭން ޖެހޭ ކަމަށެވެ.

އިންޑިއާގެ ނިއު ދިއްލީގައި މިރޭ ބޭއްވި ބިޒްނަސް ފޯރަމް (ފޮޓޯ/ރައީސް އޮފީސް)

ވެރިކަމާ ހަވާލުވެވަޑައިގަތީ ރާއްޖޭގެ އިގްތިސޯދަށް ބޮޑު ބަދަލެއް ގެނައުމުގެ އަމާޒުގައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ފަތުރުވެރިކަމާ ގުޅުން ހުރި އަސާސްތައް ހަރުދަނާކޮށް މާލީ އަދި މެރިޓައިމް ހިދުމަތްތަކާއި ޑިޖިޓަލް އިގްތިސޯދު ފަދަ ދާއިރާތައް ޑައިވާސިފައިކުރަން އިސްކަންދެއްވާ ކަމަށެވެ.

"އަޅުގަނޑުގެ ސަރުކާރުގެ އެންމެ މުހިއްމު އެއް މަސައްކަތަކަށް ވާނީ އެކި ދާއިރާތަކުން އިންވެސްޓުމެންޓުތައް އިތުުރުކުރުން. އަޅުގަނޑު ދައުވަތު ދެން ތިބޭފުޅުންނަށް ރާއްޖޭގެ އިގްތިސޯދުގައި އިންވެސްޓުކޮށް  އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރުމަށް،" ރައީސް ވިދާޅުވި އެވެ. 

މި އަހަރުގެ ފަހު ކުއާޓަރުގައި ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމެންޓު ބޭންކް އޮޕަރޭޝަނަށް ގެނެވޭނެކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ރާއްޖެ އާއި އިންޑިއާގެ ޕްރައިވެޓު ސެކްޓަރަށް ވެސް މިއީ ފަހި ފުރުސަތަކަށް ވާނެ ކަމަށެވެ.

އިންޑިއާގެ ނިއު ދިއްލީގައި މިރޭ ބޭއްވި ބިޒްނަސް ފޯރަމް (ފޮޓޯ/ރައީސް އޮފީސް)

ރައީސް ވަނީ ޓޫރިޒަމާ ގުޅުން ހުރި އެކި ދާއިރާތަކުން ވެސް އިންވެސްޓުމެންޓުގެ ފުރުސަތުތައް ހުރިކަން ފާހަގަކުރައްވައިފަ އެވެ. ރާއްޖެއަކީ އިންޑިއާ ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލެއް ކަމަށާއި ދެ ގައުމުގެ ގުޅުން ބަދަހިވެގެންދާއިރު އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިން އިތުރުވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

ބޭރުގެ އިންވެސްޓަރުންނަށް ފަހި މާހައުލެއް ގާއިމްކުރުމަށް ރާއްޖޭގެ ގާނޫނުތަކަށް ބޭނުންވާ ބަދަލުތައް ގެނެސްފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ ޓޫރިޒަމްގެ އިތުރުން އިގްތިސޯދުގައި އެހެން ސިނާއަތްތައް ދިރުވަން މަސައްކަތް ކުރައްވާ ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް