ސީޕްލޭން ޓާމިނަލްގައި ފަސިންޖަރުންތަކެއް (ދައުރު ފޮޓޯ/އަހްމަދު މިޒްޔާލް)

ޓޫރިޒަމް

މިހާރަށް ވުރެ ޓޫރިޒަމް ފުޅާކުރެވޭނީ ދަތުރުފަތުރު ފުޅާކުރެވިގެން: މަނިކު

އެއާޕޯޓުތައް ގިނަ ނަމަވެސް އެތަންތަނަށް ފައިދާވާނީ ދަތުރުފަތުރު ހަރުދަނާވެ ގިނަ ފްލައިޓުތައް ބޭއްވިގެން ކަމަށް އެމްޔޫމަނިކު ވިދާޅުވި

ރާއްޖޭގައި ފަތުރުވެރިކަން ނެތް ސަރަހައްދުތަކަށް އެ ސިނާއަތް ފުޅާކޮށް މާލެ ސަރަހައްދާ ދުރުގައި ވެސް އެ ސިނާއަތް ތަރައްގީ ކުރެވޭނީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާ ވެގެން ކަމަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެއް ބާނީ އަދު މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - މިއަދު ފާހަގަ ކުރާ ރާއްޖޭގެ ޓޫރިޒަމް ދުވަހާ ގުޅުވައިގެން ޕީއެސްއެމް އިން ގެނެސްދިން ޕެނަލް ޑިސްކަޝަނެއްގައި ވާހަކަ ދައްކަވަމުން އެމްޔޫ މަނިކު ވިދާޅުވީ ރާއްޖޭގައި ޓޫރިޒަމް ފެށިގެން އައި ދުވަސްވަރު މާލެ ސަރަހައްދުން އަރި އަތޮޅަށް ވެސް ދަތުރު ކުރުމަކީ ދަތިކަމެއް ކަމަށާއި އެކަންތައް ހައްލުވީ ހެލިކޮޕްޓަރާއި ސީޕްލޭނުގެ ހިދުމަތް ރާއްޖޭގައި ފެށުމުން ކަމަށެވެ.

ތަފްސީލް - އެމްޔޫ މަނިކު ވިދާޅުވީ ތަޖުރިބާ އިން ވާހަކަ ދައްކާނަމަ، ރާއްޖޭގެ ދުރު ސަރަހައްދުތަކަށް ޓޫރިޒަމް ފުޅާކުރެވޭނީ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް ތަރައްގީކޮށްގެންނެވެ.

"އަޅުގަނޑުމެންގެ ތަޖުރިބާ ހުރި ގޮތަށް ވިއްޔާ ޓޫރިޒަމް ފަށައިގަތް އިރު މިތަނުން [މާލެ ސަރަހައްދުން] ފައްޓައިގެން އަޅުގަނޑުމެންނަކަށް ނުދެވުނު އަރިއަތޮޅާ ހަމައަށް ވެސް. އަރިއަތޮޅާ ހަމައަށް އަޅުގަނޑުމެންނަށް ދާންޖެހުނީ ބޯޓު ގަނޑެއްގައި، 8 ގަޑިއިރުން،" ވައިގެ ދަތުރުގެ ސިނާއަތް ރާއްޖޭގައި ފުޅާ ނުވާ ދުވަސްވަރަށް އިޝާރާތް ކުރައްވާ އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ދުރު އަތޮޅުތަކުގެ ރަށްތައް ވެސް ހަމަ ހިނގައި ނުގަންނާނެ [ދަތުރުފަތުރު ނެތް ނަމަ.] އަޅުގަނޑުމެން އެއާޕޯޓު ހަދައިފީމު. އެކަމަކު އެތަނަކަށް އަދި ޕްލޭނެއް ނުދޭ. މިތަނަށް ފްރިކުއެންޓު ފްލައިން ހެދިއްޖެއްޔާ ނޫނީ އެތަންތައް ހިނގައި ނުގަންނާނެ. ކޮމާޝަލް އިންޓްރެސްޓު ވެސް އަންނާނެ އޭރުން،"

އެމްޔޫ މަނިކު ގަބޫލުކުރައްވަނީ ޓޫރިޒަމް ހިނގައިގަންނާނީ ފަތުރުވެރިންނަށް އެ ސަރަހައްދުތަކަށް ދަތުރުކުރެވިގެން ކަމަށެވެ.

"މިހާރު ވެސް ގއ. ގދ. ހިސާބުގައި އެ ހުންނަ ރަށްތައް އެ އުޅޭ ހާލު. އަދި މިފަހަރު އެ ގަދަވި ދުވަސްވަރު އެމީހުން އުޅުނު ހާލު އެބަ އެނގޭ، އެހެންވީމާ އެތަނަށް ކޮންމެ ދުވަހަކު ދެތިން ހަތަރު ފްލައިޓު ނުދަންޏާ ނުވާނެ އެނގޭތޯ. ކޮމާޝަލީ ފީޒިބަލް ވެސް ނުވާނެ މިކަމެއް. އެއާޕޯޓުތަކެއް އެބަ އެޅޭ އަޅުގަނޑުމެންނަށް. އެކަމަކު އެންމެ ދެ ފްލައިޓު މި ދަތުރު ކުރަނީ. ދަތުރުފަތުރުން ގުޅާލުމަކީ ވަރަށް މުހިއްމު ކަމެއް."

އެ ޑިސްކަޝަންގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ ޓޫރިޒަމްގެ އާމްދަނީ ނޫނީ ފައިދާ ހުރިހާ ދިވެހިންނަށް ލިބޭގޮތް ހެދުމަކީ ސަރުކާރުގެ އަމާޒު ކަމަށެވެ.

"ޓޫރިޒަމް މާ ފުޅާ ނޫން ސަރަހައްދުތައް އެބައޮތް، ރައީސްގެ ވަރަށް މުހިއްމު ވައުދެއް އެތަންތާ ޓޫރިޒަމް ތަރައްގީ ކުރުން،" ޓޫރިސްޓު ރިސޯޓުތައް ނެތް އަދި މަދު އަތޮޅުތަކަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް