ގީފާއިން ދޭ އެކްސެލެންސް އެވޯޑު، ނަން-ބޭންކް އިސްލާމިކް ފައިނޭންސް އެލިއާއަށް ވަނީ ލިބިފައި (ފޮޓޯ/އެލިއާ)
އިސްލާމިކް ފައިނޭންސިންގެ މުހިންމު އެވޯޑެއް އެލިއާއަށް
ގްލޯބަލް އިސްލާމިކް ފައިނޭންސް އެވޯޑްސް (ގީފާ) ގެ 'އެކްސެލެންސް އެވޯޑު- ނަން ބޭންކް އިސްލާމިކް ފައިނޭންސިން' އެލިއާއަށް ލިބިއްޖެ އެވެ.
ވީ ކިހިނެއް؟ - މިދިޔަ އަންގާރަ ދުވަހު ވިލާ ނޯޓިކާ ޕެރަޑައިސް އައިލެންޑުގައި ބޭއްވި ގީފާ އެވޯޑު ދިނުމުގެ ރަސްމިއްޔާތުގައި އެލިއާގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގަތީ މާކެޓިން މެނޭޖަރު އަހުމަދު އަސީލް އެވެ.
ތަފްސީލް - އެލިއާއަކީ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެކެވެ.
އެ ކުންފުނީގެ ވިޔަފާރީގެ ކާމިޔާބު 60 ވަނަ އަހަރު މި އަހަރު ފާހަގަކުރަމުން އަންނަ އިރު، ލަކުޑި އާއި ހާޑްވެއާގެ ވިޔަފާރިން ފެށި ވިޔަފާރި ފުޅާވެ 1974ގައި އެލިއާއިން ވަނީ ރާއްޖެއަށް ޔަމަހާ އައުޓްބޯޑު އިންޖީނު ތައާރަފުކޮށްފަ އެވެ.
މިއީ ރާއްޖޭގެ ކަނޑު ދަތުރުފަތުރު ކުރުމުގެ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެނައި ކަމެކެވެ.
ރާއްޖޭގެ އެންމެ މަގުބޫލު އައުޓްބޯޑް އިންޖީނުގެ ގޮތުގައި ދެގޮތެއްނުވެ ވޭތުވެދިޔަ 50 އަހަރު ޔަމަހާ ދެމިއޮތީ ފެންވަރު ރަނގަޅު އާފްޓާ ސޭލްސް ސާވިސްއެއް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުން އަންނާތީ އެވެ.
މި ރޮނގުން ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީ ކުރުމަށް ވެސް އެލިއާއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އެލިއާއިން 2013 ވަނަ އަހަރު ތައާރަފުކުރި 'އެލިއާ އިޖާރާ މޮޑެލް' އަކީ ރާއްޖޭގައި އަމިއްލަ ކުންފުންޏަކުން ތައާރަފުކުރި ފުރަތަމަ އިސްލާމިކް ފައިނޭންސިން (އިންސްޓޯލްމަންޓް) ސްކީމެވެ.
އޭގެ ފަހުން، 2017ގައި އެލިއާ ބައިއުލް ތަގުސީތު ތައާރަފުކޮށް އެ ސްކީމުގެ ދަށުން ސައިކަލު ގަންނަ ކަސްޓަމަރުންނަށް ފުރަތަމަ ޑައުންޕޭމަންޓް ދެއްކުމުން އެ ކަސްޓަމަރުގެ ނަމުގައި ސައިކަލު ރަޖިސްޓަރީކޮށް 'ސީ' ބޯޑުގެ ބަދަލުގައި 'ޕީ' ބޯޑުގައި ސައިކަލު ދޫކުރަން ފެށުމަކީ ވެސް އެލިއާއިން ރާއްޖޭގައި އަލަށް ތަޢާރަފްކުރި ކަމެކެވެ.
އެލިއާގެ އިސްލާމިކް ފައިނޭންސިން ސްކީމްތައް ޑިޒައިން ކޮށްފައިވަނީ އެ ކުންފުނީގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީގެ ލަފަ އާއި މަޝްވަރާގެ މަތީންނެވެ.
އެލިއާގެ ޝަރީއާ އެޑްވައިޒަރީ ކޮމެޓީގައި ތިއްބަވަނީ:
-
ޕްރޮފެސަރ ޑރ. ޢާއިޝަތު މުނީޒާ
-
ޑރ. އަލީ ޒާހިރު ބިން ސައީދު ގާސިމް
-
ޝައިހު އަހުމަދު ސަމީރު
އެލިއާގެ އިސްލާމިކް ފައިނޭންސިން ސްކީމްތައް ތައާރަފުކުރުމުގެ ކުރިން އެލިއާގެ ޝަރީއާ އެޑްވައިޒަރީ ކޮމިޓީއިން ވަނީ މުވައްޒަފުންނަށް އަމާޒުކޮށްގެން ސްކީމްގެ ތަފްސީލުތައް އޮޅުންފިލުވައިދީ ތަމްރީނުތައް ދީފަ އެވެ.
އެލިއާގެ ޝަރީއާ ފައިނޭންސިން ސްކީމަކީ ޒަމާނީ ވިޔަފާރީގެ އުސޫލުތަކާއި އިސްލާމީ ރިވެތި އާދަތަކަށް އެލިއާއިން ދޭ އަހައްމިއްޔަތުގެ ހެއްކެކެވެ.