ބަންގްލަދޭޝްގައި ކުރިއަށްދާ އޭޝިއަން ޓޫރިޒަމް ފެއާ (އޭޓީއެފް)ގައި ރާއްޖެއިން ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރުން (ފޮޓޯ/އެމްއެމްޕީއާރުސީ)

ޓޫރިޒަމް

ރާއްޖޭގެ ފަތުރުވެރިކަން ބަންގްލަދޭޝްގައި އިޝްތިހާރުކުރުމަށް އޭޓީއެފްގައި ބައިވެރިވެއްޖެ

ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަނުން ބުނިގޮތުގައި ބަންގްލަދޭޝްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓަކަށް ހެދުމުގެ ފުރުސަތު އެބައޮތް
20 ސެޕްޓެމްބަރު 2024

ބަންގްލަދޭޝްގައި ބާއްވާ އޭޝިއަން ޓޫރިޒަމް ފެއާ (އޭޓީއެފް)ގައި ރާއްޖެ އިން ފުރަތަމަ ފަހަރަށް ބައިވެރިވެއްޖެ އެވެ.

އިއްޔެ އިން ފެށިގެން މާދަމާގެ ނިޔަލަށް ޑާކާގައި ކުރިއަށްދާ މި އަހަރުގެ އޭޓީއެފްގައި ރާއްޖެ އިޝްތިހާރު ކުރުމަށް 'ވިޒިޓް މޯލްޑިވްސް' ޝިއާރުގެ ދަށުން އެމްއެމްޕީއާރުސީއާ އެކު ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން ބައިވެރިވެ އެވެ.

އެންއެޗްޖީއޭއެމް އިން ބުނިގޮތުގައި އޭޓީއެފްއަކީ ރާއްޖޭގެ ފަތުރުވެރިކަން ބަންގްލަދޭޝްގައި އިޝްތިހާރު ކުރުމަށް މުހިއްމު ފެއާއަކަށް ވާނެ އެވެ.

އޭޓީއެފްގައި ރާއްޖެއިން ބައިވެރިވީ ދެކުނު އޭޝިއާގެ ގައުމުތަކުގައި ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ދަށުންނެވެ. އެ ގައުމުތަކުގެ ތެރޭގައި ހިމެނެނީ އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް އަދި ބޫޓާން އެވެ.

އެންއެޗްޖީއޭއެމް އިން ބުނިގޮތުގައި ބަންގްލަދޭޝްއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިއްމު މާކެޓަކަށް ހެދުމުގެ ފުރުސަތު އެބައޮތެވެ. މި މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެ ގައުމުން 18،000 އަށް ވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. ބަންގްލަދޭޝްގެ ފަތުރުވެރިންނަށް ރާއްޖެ އިޝްތިހާރު ކުރުން ފުޅާ ކުރެވިއްޖެ ނަމަ އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް އެންއެޗްޖީއޭއެމް އިން ދެކެ އެވެ. ހާއްސަކޮށް ދެ ގައުމުގެ ދެމެދުގައި ދަތުރުފަތުރުގެ ނިޒާމެއް ގާއިމްވެފައި އޮތުމަކީ ބޮޑު ފަސޭހައެއްކަން އެތަނުން ފާހަގަކުރެ އެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ އޭޝިއަން ޓޫރިޒަމް ފެއާގައި ރާއްޖެއިން ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރުން (ފޮޓޯ/ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން)

އޭޓީއެފްގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އެކި ޕްރޮޑަކްޓުތައް އިޝްތިހާރު ކުރުމަށް ބައިވެރިވާ ކުންފުނިތަކަށާއި ހޮޓާ، ގެސްޓުހައުސްތަކަށް ހާއްސަ ކަންތައްތަކެއް ފެއާ އިންތިޒާމުކުރާ ފަރާތްތަކާއި އެންއެޗްޖީއޭއެމް ގުޅިގެން ވަނީ ރާވައިފަ އެވެ.

އެގޮތުން:

  • ބަންގްލަދޭޝްގެ ޓޫރިޒަމް ބޯޑާއެކު ހާއްސަ ނެޓްވޯކިން ހަރަކާތެއް ރާވާފައިވޭ

  •  ބަންގްލަދޭޝްގެ ޓްރެވަލް އެޖެންޓުންނާ އެކު ބީ2ބީ ބައްދަލުވުންތައް ރާއްޖޭގެ ބައިވެރިންނަށް ހާއްސަކޮށް ވަނީ ރާވާފައި

  •  ރާއްޖެ އިން ބައިވެރިވާ ވަފުދުގެ ބައިވެރިންނަށް ޓޫރިސްޓު ފުުލުހުންގެ އެހީތެރިކަން ހަމަޖައްސާފައިވޭ

  • ފެއާ އޮންނަ ސަރަހައްދަށް ދަތުރު ކުރުމަށް ޝަޓްލްގެ ހިދުމަތް ވެސް އެންއެޗްޖީއޭއެމް އިން ހިލޭ ފޯރުކޮށްދޭ

  • ފެއާގެ ތެރެއިން ކޮންމެ ދުވަހެއްގެ ވެސް މެންދުރުގެ ކެއުން ދިވެހި ވަފުދުގެ ހުރިހާ ބައިވެރިންނަށް ވަނީ ހަމަޖައްސާފައި

  • ފެއާ ނިމޭ ދުވަހު ފެއާވެލް ޑިނާއެއް ބަންގްލަދޭޝްގެ ޓޫރިޒަމް ބޯޑާއެކު ކުރިއަށް ގެންދާނެ 

ބަންގްލަދޭޝްގައި ކުރިއަށްދާ އޭޓީއެފްގައި ރާއްޖެއިން ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރުން (ފޮޓޯ/އެމްއެމްޕީއާރުސީ)
ބަންގްލަދޭޝްގައި ކުރިއަށްދާ އޭޓީއެފްގައި ރާއްޖެއިން ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރުން (ފޮޓޯ/ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން)

އޭޓީއެފްގައި ރާއްޖޭގެ ސްޓޭންޑު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތިކަމާއި ކަނޑުއަޑީގެ ހިތްގައިމުކަން ފެންނަ ގޮތަށެވެ. ރާއްޖޭގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިންނަށް ކުރެވޭނެ ތަޖުރިބާތައް ވެސް ސްޓޭންޑުގައި ފެންނަން ހުންނާނެ އެވެ.

އެގޮތުން ރާއްޖެ އަކީ ހުރިހާ ފަންތިއެއްގެ މީހުންނަށް ވެސް ޗުއްޓީ ހޭދަކުރެވޭނެ މަންޒިލެއްކަން ބުނެދީ ރާއްޖޭގައި ފަތުރުވެރިންނަށް ކުރެވޭނެ ތަޖުރިބާތައް ކިޔައިދީ ފެއާގައި ރާއްޖެ އިޝްތިހާރުކުރަން ވަނީ އިސްކަންދީފަ އެވެ.

ބަންގްލަދޭޝްގައި ކުރިއަށްދާ އޭޓީއެފް ފެއާގައި ރާއްޖެއިން ބައިވެރިވެ ރާއްޖެ އިޝްތިހާރު ކުރުން (ފޮޓޯ/ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން)

މި ފެއާއަށް ބަންގްލަދޭޝްގެ މަތީ ފަންތީގެ ވެރިންނާއި އެ ގައުމަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޝިއުނީން ރަޝީދު ވަނީ ޒިޔާރަތް ކުރައްވައިފަ އެވެ.

ފެއާގެ އިންތިޒާމުތަކުން ފެށިގެން ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ފޯރުކޮށްދޭ މެހުމާންދާރީ ވަރަށް ފުރިހަމަ ކަމަށް ރާއްޖޭގެ ފަރާތުން ފެއާގައި ބައިވެރިވާ ވަފުދުން ފާހަގަކުރެ އެވެ. ހާއްސަކޮށް ބަންގްލަދޭޝްގެ ސަރުކާރާއި ޓޫރިޒަމް މިނިސްޓްރީ އަދި އެ ގައުމުގެ ޓޫރިޒަމް ބޯޑުން ރާއްޖޭގެ ފަތުރުވެރިކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާކަން ވަފުދުން ވަނީ ފާހަގަކޮށްފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް