މަރުކަޒީ ބޭންކް އެމްއެމްއޭ ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް

އެމްއެމްއޭ

ބޭނުންކުރެވޭ ރިޒާވް ހީނަރުވުމަށް ފަހު %26 މައްޗަށް ޖެހިލައިފި

މިދިޔަ މަސް ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވް ވަނީ 43.65 މިލިއަން ޑޮލަރުން 61.22 މިލިއަން ޑޮލަރަށް އަރާފައި
8 ސެޕްޓެމްބަރު 2024

މިދިޔަ އޮގަސްޓް މަސް ނިމުނުއިރު ވަގުތުން ބޭނުން ކުރެވޭ ގޮތަށް ހުންނަ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ނުވަތަ ޔޫސެބުލް ރިޒާވަށް 17.6 މިލިއަން ޑޮލަރު އިތުރުވެ %26ގެ ކުރިއެރުމެއް ލިބިފައިވާކަން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ވީ ކިހިނެއް؟ - އެމްއެމްއޭން ތަފާސްހިސާބުތައް އާންމުކުރާ ވިޔަ ޕޯޓަލްގައި މިއަދު ވަނީ މިދިޔަ އޮގަސްޓް މަސް ނިމުނުއިރު ރާއްޖޭގެ ރިޒާވް ހުރި ގޮތުގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ. އެ ތަފާސްހިސާބުތަކުގައިވާ ގޮތުގައި: 

  • އޮގަސްޓް މަސް ނިމުނުއިރު ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 61.22 މިލިއަން ޑޮލަރު

  • ނަމަވެސް ޖުލައި މަހު ބޭނުން ކުރެވޭ ރިޒާވްގައި ހުރީ 43.65 މިލިއަން ޑޮލަރު؛ އެހެންކަމުން މަހުން މަހާ އަޅާބަލާއިރު މި ވަނީ 17.6 މިލިއަން ޑޮލަރު އިތުރުވެފައި 

  • މަހުން މަހަށް ބަލާއިރު ޔޫސަބުލް ރިޒާވަށް ކުރިއެރުން ލިބުނު ނަމަވެސް މިހާރު ރިޒާވް ހުރި އަދަދަަކީ ދެ ހަފްތާއަށް ފުދޭ ވަރަށް ރާއްޖެއަށް ބޭނުންވާ ޒަރޫރީ މުދާ އެތެރެ ކުރެވޭނެ އަދަދެއް 

ފާހަގަކޮށްލެވޭ - ރާއްޖެއަށް ބޭނުންވާ ޒަރޫރީ ތަކެތި އެތެރެކުރަން މަހެއްގެ މައްޗަށް 70 މިލިއަނެއްހާ ޑޮލަރު ރާއްޖެއަށް ބޭނުންވާ ކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. 

މިއަހަރު ފެށުނު އިރު ޔޫސަބުލް ރިޒާވްގައި މަހެއްހާ ދުވަހަށް ތަކެތި އެތެރެކުރެވޭނެ ފައިސާ ހުއްޓެވެ.

އެނގުން މުހިންމު - ބޭނުންކުރެވޭ ރިޒާވުގެ ބޭނުމަކީ ރާއްޖެއަށް ބޭނުންވާ ތެލާއި ބޭސް ފަދަ ޒަރޫރީ ތަކެތި ރާއްޖެ އެތެރެކުރުމަށެވެ. ގައުމެއްގައި ބޭރު ފައިސާއިން ހުންނަ ރިޒާވަކީ އެ ގައުމެއްގެ އިގްތިސާދީ އަދި މާލީ ހާލަތު މިންކުރަން ބޭރުގެ މާލީ އިދާރާތަކާއި އިންވެސްޓަރުން ބަލާ މިންގަނޑެކެވެ.

ޖުމްލަ ރިޒާވްގައި 443 މިލިއަން ޑޮލަރު

ޔޫސަބުލް ރިޒާވް މައްޗަށް ޖެހިލި މައިގަނޑު ސަބަބަކީ ޖުމްލަ ރިޒާވް މައްޗަށް ދިޔުމެވެ. އެގޮތުން: 

  • އޮގަސްޓް ނިމުނު އިރު ޖުމްލަ ރިޒާވަށް ވަނީ 48.4 މިލިއަން ޑޮލަރު އިތުރުވެ 443.9 މިލިއަން ޑޮލަރަށް އަރާފައި 

  • ޖުލައި މަހު އެ އަދަދު ހުރީ 395.4 މިލިއަން ޑޮލަރުގައި؛ އެހެންކަމުން، މިއީ %12 އިތުރު އަދަދެއް

އިތުރު އާޓިކަލް

އިތުރު އާޓިކަލް