27 މެއި 2024: އެމްއެމްއޭ. (ދައުރު ފޮޓޮ/ އަބްދުﷲ އަނޫފް ޖުނައިދް)
އިގްތިސާދީ ދުވެލި ރަނގަޅު؛ 606 މިލިއަން ޑޮލަރަށް ރިޒާވް އަރާނެ: އެމްއެމްއޭ
ރާއްޖެއަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ގޮންޖެހުންތައް ހައްލުކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ފަށާފައިވާ ކަމަށާއި މިއަހަރު ނިމޭއިރު ރާއްޖޭގެ އިގްތިސާދީ ދުވެލި ދަމަހައްޓައި ރިޒާވު 606 މިލިއަން ޑޮލަރަށް ގެންދެވޭނެ ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ރާއްޖޭގެ ކްރެޑިޓު ރޭޓިން ސީސީސީ ޕްލަސް އިން ސީސީ އަށް ދައްކުރުމާ ގުޅިގެން އެމްއެމްއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އިގްތިސާދު ކުރިއެރުވުމަށް ރާވާފައިވާ ކަންތައްތަކާ އެކު އިގްތިސާދަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ.
ތަފްސީލް - މަރުކަޒީ ބޭންކުން ބުނި ގޮތުގައި ފަތުރުވެރިކަމުގެ ސިނާއަތާއި އެހެނިހެން މައިގަނޑު އިގްތިސާދީ ސިނާއަތްތައް އަންނަނީ ކުރިއަރަމުންނެވެ.
އެގޮތުން:
-
މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާ އަޅާބަލާއިރު %11 އިތުރުވެފައިވޭ
-
މި އަހަރުގެ ޖެނުއަރީން ޖުލައި މަހާ ހަމައަށް ބެޑް ނައިޓްސް %7 އިތުރު
-
ގައުމީ އުފެއްދުންތެރިކަން މި އަހަރު ހުންނާނެ ކަމަށް ލަފާކުރެވެނީ %4.9ގައި، އަންނަ އަހަރު އެ މިންވަރު %6.5ގައި ހުންނާނެ ކަމަށް ލަފާކޮށްފައިވޭ
ގައުމީ އުފެއްދުންތެރިކަން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ މި އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޕެސެންޖާ ޓާމިނަލް ހުޅުވާ ފަތުރުވެރިން އަންނަ އަދަދު އިތުރުވާނެތީ އެވެ.
ބެލެންސް އޮފް ޕޭމަންޓް ކަރަންޓް އެކައުންޓް ޑެފިސިޓް 2023ގައި %21.4ގައި ހުރުމަށް ފަހު މި އަހަރު އެ އަދަދު ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ %19.9 ގަ އެވެ.
އެމްއެމްއޭއިން ބުނީ ރާއްޖޭގެ ރަސްމީ ރިޒާވްގައި މިދިޔަ އަހަރުގެ ޖުލައި މަހާއި މި އަހަރުގެ އެ މުއްދަތުގައި ހިމެނޭ ބައިތައް ތަފާތު ކަމަށެވެ.
އެއާ އެކު ރިޒާވް އަޅާބެލުމުގައި ބައެއް ކަންތަކަށް ރިއާޔަތްކުރަން ޖެހޭ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެގޮތުން މި އަހަރުގެ ޖުލައި މަސް ނިމުނު އިރު:
-
ރަސްމީ ރިޒާވް ހުރީ 395 މިލިއަން ޑޮލަރުގައި
-
ޔޫޒަބަލް ރިޒާވް ހުރީ 45 މިލިއަން ޑޮލަރުގައި
-
މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޒާވް ބޭންކް އޮފް އިންޑިއާ އިން ނަގާފައިވާ 100 މިލިއަން ޑޮލަރުގެ ސްވޮޕް ހިމަނައިގެން ޖުމްލަ ރިޒާވް ހުރީ 594 މިލިއަން ޑޮލަރުގައި
-
ބޭނުންކުރެވޭ ރިޒާވްގައި ހުރީ 129 މިލިއަން ޑޮލަރު
-
މި އަދަދުގެ ތެރޭގައި ޑިސެމްބަރު 2019އިން ފެށިގެން ސަރުކާރުން ސޮވެރިން ޑިވަލޮޕްމަންޓް ފަންޑަށް ޖަމާކުރަމުން ދިޔަ ޑޮލަރު މާރުކުރުމަށް ފަހު ރިޒާވަށް ބޭނުންކުރަން ދީފައިވާ ފައިސާ ހިމެނޭ
އެމްއެމްއޭއިން ބުނީ ނޮވެމްބަރު 2023 ނިމުނު އިރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑްގެ ޑޮލަރު އެކައުންޓްގައި 5 މިލިއަން ޑޮލަރު ހުރި ނަމަވެސް މި އަދަދު މިހާރު 65 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށެވެ.
މީގެ މައިގަނޑު ސަބަބަކީ އެމްއެމްއޭއިން ބުނި ގޮތުގައި:
-
ސޮވަރިން ޑިވެލޮޕްމަންޓް ފަންޑަށް ވަންނަ ޑޮލަރު މާރުނުކޮށް އެ ފަންޑުގައި ބަހައްޓަމުން ދިއުން
-
ޔޫޒަބަލް ރިޒާވްގެ އަދަދު ހިމަނައިގެން، ޖުލައި 2024ގެ ނިޔަލަށް ޖުމްލަ 105 މިލިއަން ޑޮލަރު ހުރި
-
މި އަހަރުގެ ނިޔަލަށް ޔޫޒަބަލް ރިޒާވާއި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑް ހިމަނައިގެން ރާއްޖޭގެ ރަސްމީ ރިޒާވް 606 މިލިއަން ޑޮލަރަށް ވުރެ އިތުރުވެގެންދާނެ ކަމަށް ބެލެވޭ
ރާއްޖޭގެ ރަސްމީ ރިޒާވްގެ ހާލަތު ރަނގަޅުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެމްއޭ އިން ބުންޏެވެ. އެގޮތުން ބުނީ ސަރުކާރާ ގުޅިގެން ރީފައިނޭންސް ގްރީން ބޮންޑެއް އިޝޫކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން ސާކް ފްރޭމްވޯކްގެ ދަށުން ރިޒާވް ބޭންކް އޮފް އިންޑިއާއާ އެކު 400 މިލިއަން ޑޮލަރުގެ ފޮރިން ކަރަންސީ ސްވޮޕް އެރޭންޖްމަންޓެއް ގާއިމްކުރުމުގެ ފަންނީ ހުރިހާ މަސައްކަތެއް ނިމި، އެރޭންޖްމަންޓްގައި ސޮއިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްކޮށް ފިިޗުން މިއަދު ނެރުނު ބަޔާނުގައި ވެސް ރާއްޖޭގައި ބޭރު ފައިސާގެ ދަތިކަން އޮތް މިންވަރު ހާމަކޮށް އެކަން ހައްލުކުރަން ކަރަންސީ ސްވޮޕެއް ހެދިދާނެ ކަމަށް ލަފާ ދީފައިވެ އެވެ.
އެމްއެމްއޭއިން ބުނީ:
-
ޖުލައި މަސް ނިމުނު އިރު ބޭންކިން ނިޒާމުގައި ސާޕްލަސް ލިކުއިޑިޓީ ހުރީ އެވްރެޖްކޮށް 6.7 ބިލިއަން ރުފިޔާގައި
-
ދިވެހި ރުފިޔާގެ އެކްސްޗޭންޖް ރޭޓް ހިފެހެއްޓުމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުޑަކުރުމަށް ބޭންކިން ނިޒާމުގައި އިތުރުވެފައިވާ ސާޕްލަސް ލިކުއިޑިޓީ، މަނިޓަރީ ވަސީލަތްތައް ބޭނުންކޮށްގެން ބޭންކިން ނިޒާމުން ނެގުމަށް (މޮޕް-އަޕް ކުރުމަށް) ވަނީ ނިންމާފައި
އެމްއެމްއޭން ބުނީ ސަރުކާރުގެ މެދު ރާސްތާގެ ފިސްކަލް އަދި ޑެޓް ސްޓްރެޓެޖީއާ އެއްގޮތަށް ހަރަދު ކުޑަކޮށް އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގެ މާލީ ހާލަތު މިހާރަށް ވުރެ ރަނގަޅުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.
މާލީ ނިޒާމަށް ގޮންޖެހުންތައް ކުރިމަތިވި ނަމަވެސް އެމްއެމްއޭ އާއި ފިނޭންސް މިނިސްޓްރީ އާއި ސަރުކާރުގެ ކަމާ ގުޅުން ހުރި ވުޒާރާތަކާއި މާލީ ހުރިހާ އިދާރާތައް އެކުވެގެން ކުރާ މަސައްކަތުން އެދެވޭ ނަތީޖާއަކަށް ވާސިލްވެވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބަ އޮތް ކަމަށް ވެސް އެމްއެމްއޭއިން ބުންޏެވެ.
ކޮމެންޓް (4)
ސިކުނޑި
ކުރީ ސަރުކާރު ކަލޯ
ހަސީނާ މުހައްމަދު
ސައިމާ