ދައުލަތުގެ ޓެކްސް އިދާރާ މީރާ (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)
ޑޮލަރުން ޓެކްސް ދައްކާ ގޮތަށް ބަދަލުކުރުމުން އިތުރަށް 40-80 މިލިއަން ޑޮލަރު ލިބޭނެ: ސައީދު
ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުން ޑޮލަރުން ޓެކްސް ދައްކާ ގޮތަށް ބަދަލުކުރުމުން ދައުލަތުގެ އާމްދަނީއަށް އިތުރަށް 40-80 މިލިއަން ޑޮލަރު (617 މިލިއަން-1.2 ބިލިއަން ރުފިޔާ)ގެ އަދަދެއް ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރެއްވޭ ކަމަށް އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
އެ އަދަދަކީ އަހަރެއްގެ ތެރޭގައި ލިބޭނެ އަދަދެއް ކަމެއް ނުވަތަ މިއަހަރު ބާކީ އޮތްބައިގައި ލިބޭނޭ އަދަދެއް ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
ވީ ކިހިނެއް؟ - ވެރިކަން ކުރާ ޕީއެންސީގެ ފަރާތުން މިއަދު އެ ޕާޓީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑޮލަރުން ޓެކްސް ދައްކާ ގޮތަށް ބަދަލުކުރުމުން އާމްދަނީއަށް ލިބޭނޭ ކުރިއެރުމަކީ ކޮބައިތޯ އާއި އޭގެ ތަފްސީލްތައް ހޯދަން 'ދައުރު'އިން ސުވާލުކުރުމުން ސައީދު ވިދާޅުވީ:
-
ޕެންޝަނާއި އާމްދަނީ ޓެކްސް އަދި އިމްޕޯޓް ޑިއުޓީ ޑޮލަރުން ދައްކާ ގޮތަށް ބަދަލުކުރަން ނިންމާފައިވޭ
ތަފްސީލް - ސަރުކާރުން މަސައްކަތް ކުރަނީ އެކަމަށް ބޭނުންވާ އިސްލާހުތައް އަދި ގާނޫނީ ބަދަލުތައް ވީހާ ވެސް އަވަހަކަށް ތަންފީޒު ކުރަން ކަމަށް ސައީދު ވިދާޅުވި އެވެ. އަދި އެ ކަންކަން ތަންފީޒު ކުރަން، ކުރަން ޖެހޭ މަސައްކަތްތައް ފަށާފައިވާކަން ފާހަގަކުރައްވައި ސައީދު ވިދާޅުވީ އެ ފިޔަވަޅުތަކުން ބޭރު ފައިސާގެ އާމްދަނީއަށް ރަނގަޅު ކުރިއެރުމެއް އަންނާނެ ކަމަށް ލަފާކުރެއްވޭ ކަމަށެވެ.
"މިހުރީ އަދި ލަފާކުރުންތަކެއް. އަޅުގަނޑުމެން މި ދަނީ އެ ފިޔަވަޅުތަކުން އަންނާނެ ބަދަލުތަކުގެ ރަނގަޅު ހިސާބުތައް ހަދަމުން. 40-80 މިލިއަން ޑޮލަރާ ދޭތެރޭގެ ބޭންޑެއްގެ އަދަދެއް އާމްދަނީއަށް އިތުރުވާނެ ކަމަށް އަޅުގަނޑުމެން މި ލަފާކުރަނީ. ސީދާ އަދަދު އެނގޭނީ މިހާރު މި ހިނގާ މަސައްކަތްތައް ނިމުނީމާ،" ސައީދު ވިދާޅުވި އެވެ.
ރާއްޖޭގައި 950 ފޮރިން އިންވެސްޓްމަންޓް ހުރިއިރު 500 އިންވެސްޓްމަންޓަކީ ޓޫރިޒަމްގެ ވިޔަފާރިތައްކަން ފާހަގަ ކުރައްވާ ސައީދު ވިދާޅުވީ:
-
މި ސަރުކާރުން ޑޮލަރުގެ އާމްދަނީ އިތުރުކުރަން އަޅާ ފިޔަވަޅުތައް އަޅާނީ އެ ފަރާތްތަކާ މަޝްވަރާކޮށް އިންވެސްޓަރުންނާއި ވިޔަފާރިތަކަށް ވެސް އުނދަގޫ ނުވާނޭ ގޮތަށް
-
އެ ފިޔަވަޅުތަކުގެ ކުރިން އެންމެންގެ އަޑުއަހާނެ
"ގައުމުގެ އާންމު ބޮޑު މަސްލަހަތާއި ވިޔަފާރިވެރިންގެ އަޑުއަހައިގެން ކުރިއަށް ދާނީ ހުރިހާ މަސްލަހަތުތަކެއް ހިމާޔަތް ކުރެވޭ ގޮތަށް އުނދަގޫނުވާނެ ގޮތަށް." ސައީދު ވިދާޅުވި އެވެ.
އެނގުން މުހިންމު - ޑޮލަރުގެ އާމްދަނީ އިތުރުކޮށް އެ ބާވަތުގެ އާމްދަނީ ރާއްޖޭގައި ހިފަހައްޓަން ފިޔަވަޅުތަކެއް އަޅަން ނިންމިކަން ސަރުކާރުން އިއުލާންކުރީ ރުފިޔާ ކާޑުތަކުން ރާއްޖޭން ބޭރުގައި މުއާމަލާތް ނުކުރެވޭ ގޮތަށް ބީއެމްއެލްއިން ފިޔަވަޅު އެޅުމުން އެކަމާ ގުޅިގެން ސަރުކާރުން ނިންމި ނިންމުންތަކުގައި މިދިޔަ އާދިއްތަ ދުވަހު އެވެ.
ކޮމެންޓް (4)
ހަސަން
ސިކުނޑި
ހިސާބު
އޮފިސަރ