ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފަތުރުވެރިން. ޓޫރިޒަމް ދާއިރާ އާ ގުޅޭ ޓެކްސްތައް ޑޮލަރުން އެކަނި ނަގަން ބަދަލުތައް ގެންނަން ވަނީ ނިންމާފައި (ދައުރު ފޮޓޯ/ އަބްދުﷲ އަނޫފް ޖުނައިދް)

މަޓާޓޯ

ޑޮލަރުން ޓެކްސް ނެގުމަށް މަޓާޓޯ އިން ތާއީދުކުރާކަން ހާމަކޮށްފި

މަޓާޓޯ އިން ބުނީ މާލީ ބަދަލުތައް ގެނައުމަކީ މުހިއްމު ކަމެއް ކަމަށާއި، ޓެކްސްގެ ނިޒާމު ހަރުދަނާކޮށް ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކުރަން މިއީ މުހިއްމު ވަގުތެއް ކަމަށް

ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކުގެ އަތުން ޑޮލަރުން ޓެކްސް ނެގުމަށް ސަރުކާރުން ގެންނަން ނިންމާފައިވާ ބަދަލުތަކށް ތާއީދުކުރާ ކަމަށް ދިވެހި ޓްރެވަލް އެޖެންޓުން ތަމްސީލް ކުރާ ގައުމީ ޖަމްއިއްޔާ، މަޓާޓޯ އިން މިއަދު ބުނެފި އެވެ. 

ވީ ކިހިނެއް؟ - ރާއްޖޭގައި އޮތް ބޭރު ފައިސާގެ ދަތިކަމަށް ހައްލު ގެނައުމަށް ޓެކުހާއި ޕެންޝަނާ ގުޅޭ ގާނޫނުތަކަށް ބަދަލު ގެންނަން ނިންމާފައިވާކަން ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އެގޮތުން ކެބިނެޓުން ނިންމާފައިވަނީ:

  • ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ފައިސާ ދައްކާއިރު ޑޮލަރުން ދެއްކުމަށް

  • ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޑޮލަރުން ދައުލަތަށް ފައިސާ ދެއްކުން

  • ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އެތެރެ ކުރާ މުދަލަށް ދައްކަން ޖެހޭ ކަސްޓަމްސް ޑިއުޓީ ވެސް ޑޮލަރުން ދައްކާ ގޮތަށް ބަދަލުކުރުން 

ތަފްސީލް - ޑޮލަރުން ލިބޭ އާމްދަނީން ދައްކާ ޓެކްސް ވެސް ޑޮލަރުން ދައްކަން ޖެހޭގޮތަށް ގާނޫނާއި ގަވައިދަށް ގެންނަން ނިންމާފައިވާ ބަދަލުތަކާ ގުޅިގެން ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ މަޓާޓޯ އިން މިއަދު ނެރުނު ބަޔާނުގައި ބުނީ ގެންނަ ބަދަލުތަކަކީ ޓޫރިޒަމް ދާއިރާގެ ހަގީގަތްތަކާ ދިމާވާ ބަދަލުތަކެއްތޯ ޔަގީން ކުރާނެ ކަމަށެވެ.

މަޓާޓޯ އިން ބުނީ ޑޮލަރުން ޓެކްސް ނެގުމަކީ އިގްތިސާދު ކުރިއެރުވުމުގައި މުހިއްމު ބަދަލަކަށް ވެސް ވާނެ ކަމަށެވެ.

އެ ޖަމްއިއްޔާ އިން ބުނީ މާލީ ބަދަލުތައް ގެނައުމަކީ މުހިއްމު ކަމެއް ކަމަށާއި ޓެކްސްގެ ނިޒާމު ހަރުދަނާކޮށް ނިޒާމުގައި ހުރި މައްސަލަތައް ހައްލު ކުރަން މިއީ މުހިއްމު ވަގުތެއް ކަމަށެވެ.

"މަޓާޓޯ އިން ދޭ ޔަގީން ކަމަކީ ޖީއެސްޓީ ގާނޫނަށް ގެންނަ ބަދަލުތަކަށް ސަރުކާރަށް އެއްބާރުލުން ދޭނެކަން. އަދި އެ ބަދަލުތަކާއެކު ޓޫރިޒަމް ދާއިރާގެ މަސްލަހަތު ވެސް ހިމާޔަތް ކުރާނެކަމަށް ޔަގީންކުރަން،" މަޓާޓޯ އިން ބުންޏެވެ.

ކުރިއަށް އޮތްތަނުގައި ކަމާ ގުޅުން ހުރި ފަރާތްތަކާއެކު މަޝްވަރާކޮށް ކުރިއަށް ދާނެ ކަމަށް ވެސް އެ ޖަމްއިއްޔާ އިން ބުންޏެވެ.

މަޓާޓޯގެ ބަޔާނުގައި، ދައުލަތުން ހަރަދު ކުޑަކުރުމަށް ގެންގުޅޭ ސިޔާސަތުތަކަށް ތާއީދުކޮށް، އިގްތިސާދު ހަރުދަނާ ކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ.

ކޮމެންޓް

profile-image-placeholder

އިތުރު އާޓިކަލް

އިތުރު އާޓިކަލް