އެމްޑީޕީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވާހަކަ ދައްކަވަނީ (ފޮޓޯ/އެމްޑީޕީ)
މާލީ އިސްލާހީ ފިޔަވަޅުތައް އެޅުން މާ ބޮޑަށް ލަސްވެއްޖެ: އެމްޑީޕީ
އިގްތިސޯދީ ހާލަތު ރަނގަޅުކުރަން އަޅަން ނިންމައި މިދިޔަ މަހު ތަންފީޒު ކުރަން ފެށުމަށް ބަޖެޓުގައި ހިމަނާފައިވާ ފިޔަވަޅުތައް މި ސަރުކާރުން އަޅާފައި ނުވާ ކަމަށާއި އެ ފިޔަވަޅުތައް އެޅުން ލަސްވާ ނަމަ ބަޖެޓު ޑެފިސިޓު ބޮޑުވާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - އެމްޑީޕީގެ މިދިޔަ ސަރުކާރުގައި ފިނޭންސް މިނިސްޓަރުކަން ކުރެއްވި އަމީރު މިއަދު އެމްޑީޕީގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ބަޖެޓަށް އެއްވެސް ފައިސާއެއް މި ސަރުކާރަށް ހޯދިފައި ނުވާ ކަމަށާއި އިގްތިސޯދީ އިސްލާހީ ފިޔަވަޅުތައް އެޅުން މިހާރު ވެސް ލަސްވެފައިވާ ކަމަށެވެ.
ތަފްސީލް - ރާއްޖޭގެ އިގްތިސޯދީ ހާލަތާ ގުޅޭ ގޮތުން އިދިކޮޅު އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ އެމްޑީޕީގެ ވެރިކަން ނިމުނު އިރު މާލީ އިސްލާހީ ފިޔަވަޅުތައް އަޅަން ފަށާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ފިސްކަލް ރިފޯމުގެ ފިޔަވަޅުތައް އަޅަން ފަށާފައިވާނީ. އަޅުގަނޑުމެން ޓާގެޓު ކުރީ ޖީޑީޕީގެ ނިސްބަތުން %6 އިތުރުކުރަން، %6ގެ ރިފޯމު ގެންނަން. އޭގެ ތެރޭގައި އާމްދަނީ އިތުރު ކުރުމާއި ހަރަދުތައް ކުޑަކުރުން،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ:
-
އާމްދަނީ އިތުރު ކުރަން އަމާޒު ހިފީ 3 ބިލިއަން ރުފިޔާ؛ ޓެކްސް ރޭޓަށް މިދިޔަ އަހަރު ގެނައި ބަދަލާ އެކު އެކަން ފެށި
-
ހަރަދުން 3 ބިލިއަން ރުފިޔާ ކުޑަކުރަން މަސައްކަތްތަކެއް ފެށި؛ ބަލްކު ޕްރޮކިއުމެންޓުގެ ގޮތުގައި ބޭސް ގެންނަން މިދިޔަ އަހަރުގެ ޖޫން މަހު އެއްބަސްވުން އެކުލަވާލައި އެ މަސައްކަތް ފެށި
-
މެދު ރާސްތާގެ އާމްދަނީ އާ ގުޅޭ ސްޓްރެޓެޖީއެއްގެ މަސައްކަތް ފެށި
"ފިސްކަލް ރިޕޯމު ޕްލޭނުގެ ތެރެއިން ބަޖެޓުގައި ވެސް ފާހަގަކޮށްފައިވާނެ އާ ސަބްސިޑީގެ ނިޒާމެއް ގެނައުމަށް. އޭގެ އިތުރުން އާސަންދަ ރިފޯމު ކުރުމާއި ސަރުކާރުގެ ކުންފުނިތައް އިސްލާހު ކުރުމާއި ތެލުގެ އަގަށް އަންނަ ބަދަލާ އެކު އަންނަ ރިސްކުތައް މިޓިގޭޓު ކުރުމަށް އަޅުގަނޑުމެން ރާވާފައިވާނެ ބަޖެޓުގެ ތެރެއިން،" އަމީރު ވިދާޅުވި އެވެ.
އޭނާ ވަނީ، ކުރީގެ ސަރުކާރުން ރާވާފައިވާ ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް މި ސަރުކާރުން ވެސް ދަމަހައްޓަން ގޮވާލައްވައިފަ އެވެ.
"ހަމައެކަނި މިދިޔަ ނުވަ މަސްދުވަހު މި ސަރުކާރުން ކޮށްފައި އޮތް ކަމަކީ އަޅުގަނޑުމެން އޭރުކޮށްފައި ހުރި މަސައްކަތްތައް އެއީ ރަނގަޅު އެއްޗެއްތޯ ބެލުން. ރިފޯމުގެ އެއްވެސް މަސައްކަތެއް ކުރެވިފައެއް ނެތް،" އަމީރު ވިދާޅުވި އެވެ.
އިސްލާހީ ފިޔަވަޅުތައް އެޅުމުގެ ބަދަލުގައި ސަރުކާރުން އަބަދު ވެސް ބަހަނާ ދައްކަމުންދާ ކަމަށް ވިދާޅުވެ، އޭނާ ފާހަގަކުރެއްވި ގޮތުގައި މިދިޔަ މަހުން ފެށިގެން އިސްލާހީ ފިޔަވަޅުތައް އަޅަން ބަޖެޓުގައި ހިމަނާފައި އޮތް ނަމަވެސް އެ މަސައްކަތްތައް ފަށާފައެއް ނުވެ އެވެ.
"މި ސަރުކާރުން ވޭތުވެ ދިޔަ ނުވަ މަހުގެ ތެރޭގައި ސަބްސިޑީ އާއި އާސަންދައަށް ގެންނަން ނިންމާފައިވާ ކަންކަމަށް އެއްވެސް ބަދަލެއް ގެނެސްފައެއް ނުވޭ. ނުވަ މަހުން ކުރި ދިރާސާއަކުން ހާސިލްވި ކަމެއް ފާހަގައެއް ނުވޭ،" އަމީރު ވިދާޅުވި އެވެ.
އެމްޑީޕީ ސަރުކާރު ނިމުނުއިރު، ހަރަދު ކުޑަކުރާނެ ގޮތުގެ ޕްލޭން ނިމިފައިވާކަން އަމީރު ފާހަގަކުރެއްވި އެވެ.
މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓަކީ ބޭސްލައިންގައި ވެސް ޑެފިސިޓު ބޮޑު ބަޖެޓެއް ކަމަށާއި، ފާއިތުވި ދުވަސްތަކުގައި އިސްލާހީ ފިޔަވަޅުތައް އެޅުން ލަސްވުމުގެ ސަބަބުން އިތުރަށް ޑެފިސިޓު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބަޖެޓަކީ ގާތްގަނޑަކަށް 50 ބިލިއަން ރުފިޔާގެ ބަޖެޓެއް. މިހާރު މިދާ ގޮތަށް ދާ ނަމަ، 57 ބިލިއަން ރުފިޔާއަށް ބަޖެޓު އަރާނެ ވާހަކަ ފިނޭންސް މިނިސްޓަރު އެބައޮތް މަޖިލީހުގައި ފާހަގަކޮށްފައި. ކީއްވެތޯ މިދާ ގޮތަށް ޖެހުނީ އަޅުގަނޑުގެ ސުވާލަކީ؟،" އަމީރު ވިދާޅުވި އެވެ.
ޕްލޭނާ އެއްގޮތަށް ދާ ނަމަ އެ އަދަދަށް ބަޖެޓު ނާރާނެ ކަމަށާއި މިހާރު ފެންނަނީ އިސްލާހީ ފިޔަވަޅު ލަސްވުމުގެ ސަބަބުން ފައިސާ ހޯދަން ޖެހޭ ވަރު އިތުރުވާ ތަން ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު އިސްލާހީ ފިޔަވަޅުތައް ތަންފީޒު ނުކުރާ ނަމަ ގާތްގަނޑަކަށް 1.8 ބިލިއަން ރުފިޔާ އިތުރަށް އެބަ ހޯދަން ޖެހޭ. ހަމައެކަނި ސަބްސިޑީ ރިފޯމް އެކަނި ލަސްކޮށްފިއްޔާ،" އަމީރު ވިދާޅުވި އެވެ.
އޭނާ ފާހަގަ ކުރެއްވި ގޮތުގައި:
-
ބޭސްލައިންގައި ޑެފިސިޓަކީ 14 ބިލިއަން ރުފިޔާ
-
މި އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ސަބްސިޑީއަށް ގެންނަ ބަދަލުތައް ތަންފީޒު ކުރާ ނަމަ 916 މިލިއަން ރުފިޔާއަށް ބަޖެޓު ޑެފިސިޓު އިތުރުވާނެ
-
އެ ކަންތައް ތަންފީޒު ނުވާ ނަމަ 1.8 ބިލިއަން ރުފިޔާ ބަޖެޓު ޑެފިސިޓަށް އިތުރުވާނެ
"މިހާރު ވެސް ލަސްވެއްޖެ. މި ހިސާބުން ވެސް ގާތްގަނޑަކަށް 916 މިލިއަން ރުފިޔާ އިތުރަށް ސަރުކާރުން ހޯދަން އެބަ ޖެހޭ، ރިފޯމު ޕްލޭންތައް ތަންފީޒު ކުރުން ލަސްވީމާ،" އަމީރު ވިދާޅުވި އެވެ.
"މިހާރު ވެސް ފާހަގަވަނީ ބަޖެޓު ފައިނޭންސް ކުރަން ސަރުކާރަށް ބޭރުން އެންމެ ޑޮލަރެއް ވެސް ހޯދިފައެއް ނެތް. އިތުރަށް 1 ބިލިއަން ރުފިޔާ ހޯދާނެ ގޮތެއް އަޅުގަނޑުމެންނަކަށް ނޭނގެ. މިހާރު ވެސް އޭގެ ހިތި ނަތީޖާތައް ފެންނަން ފަށާފައި މި ވަނީ."
ކޮމެންޓް (5)
މެކޭ
ވެންތިލޭޓަރު
ގޮހޮޑާ
ސިކުނޑި
އަމީރޫ