މާލީ ވުޒާރާގެ މައި އިދާރާ: ސޮވަރިން ފަންޑުގެ ހިސާބުތައް ދިމާނުވާ މައްސަލަ ވަނީ ފެންމަތިވެފައި (ދައުރު ފޮޓޯ/އަބްދު ﷲ އަނޫފް ޖުނައިދު)
ސޮވަރިން ފަންޑުން އިންވެސްޓްކުރި އަދަދު ދިމާނުވާތީ އޮޑިޓް އޮފީސް ކަންބޮޑުވެއްޖެ
ބޭރުގެ ދަރަނި ދެއްކުމަށް ރާއްޖޭން އުފައްދާފައިވާ ސޮވަރިން ޑިވަލޮޕްމަންޓް ފަންޑު (އެސްޑީއެފް)އިން އިންވެސްޓްކޮށްފައިވާ ކަމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދީފައިވާ އަދަދުތައް ދިމާނުވާ ކަމަށް އޮޑިޓް އޮފީހުން ހެދި މުޅި ސަރުކާރުގެ ހަރަދުތަކުގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިފަހުން އޮޑިޓް އޮފީހުން އާންމުކުރި ސަރުކާރުގެ 2022 ވަނަ އަހަރުގެ ހަރަދުތަކުގެ އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ އެ އަހަރު ނިމުނުއިރު ސޮވަރިން ފަންޑުން އެ އަހަރު އިންވެސްޓްކޮށްފައި ހުރި ކަމަށް ދައުލަތުގެ މާލީ ހިސާބުތައް ބަލަހައްޓާ ސިސްޓަމް، ސެޕުން ދައްކަނީ 2.7 ބިލިއަން ރުފިޔާ ކަމަށެވެ.
އެހެން ނަމަވެސް އޮޑިޓަރުން އެދިގެން މާލީ ވުޒާރާއިން ފޯރުކޮށްދިން ސޮވަރިން ފަންޑުގެ ސްޓޭޓްމަންޓުން ދައްކަނީ 3.2 ބިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. މިއީ، 550.3 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
ތަފްސީލް - އޮޑިޓް ރިޕޯޓުގައި ފާހަގަކުރި ގޮތުގައި އެފަދަ ބޮޑު ތަފާތެއް އަންނަ ސަބަބު ސާފުކޮށްދޭން އެދުމުން އެ ތަފާތު އަންނަ ގޮތުގެ އެކަށީގެންވާ ތަފްސީލެއް އޮޑިޓް އޮފީހަށް މާލީ ވުޒާރާއަށް ފޯރުކޮށް ދީފައެއް ނުވެ އެވެ.
"އެ ތަފާތު ހުރުމުން ސޮވަރިން ފަންޑުގެ ފައިސާގެ އަދަދު ހުރި މިންވަރާއި އިންވެސްޓްކޮށްފައި ހުރި އަދަދުތަކުގެ ސައްހަކަން ކަށަވަރެއް ނުކުރެވެ އެވެ،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
އޮޑިޓް ރިޕޯޓްގައި ލަފާދީފައި ވަނީ އެ ތަފާތު އަންނަ ގޮތެއް ރަނގަޅަށް ބެލުމަށް ފަހު ސޮވަރިން ފަންޑުގެ ހިސާބުތައް ސައްހަ ކުރުމަށެވެ.
އެނގުން މުހިންމު - ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017ގައި އުފެއްދި ސޮވަރިން ފަންޑަށް 50 މިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދެއް މިއަހަރު ޖަމާކޮށްފައިވާ ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. މާލީ ވުޒާރާއިން ބުނެފައި ވަނީ:
-
އެ ފަންޑުގައި އަހަރު ފެށި އިރު ޖުމްލަ 480 މިލިއަން ޑޮލަރު (7.4 ބިލިއަން ރުފިޔާ) ހުރި
-
370 މިލިއަން ޑޮލަރު (5.7 ބިލިއަން ރުފިޔާ) ހުރީ ސަރުކާރުގެ ޓީބިލުގައި އިންވެސްޓްކޮށްފައި
-
އެހެނިހެން އިންވެސްޓްމެންޓްތަކުގައި 110 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ)
-
އެމްޑީޕީގެ ސަރުކާރުގައި އެ ފަންޑުގައި ހުރި ޑޮލަރު މާރުކޮށް ވަނީ ހޭދަކޮށްފައި
މި އަހަރު ނިމޭ އިރު އެ ފަންޑަށް ޖަމާކުރާ އަދަދު 100 މިލިއަން ޑޮލަރަށް ގެންދިޔުމަކީ ސަރުކާރުގެ އަމާޒެކެވެ. ސަރުކާރުން ބުނަނީ އެ ފަންޑުން ދަރަނި އަދާކުރަން އަންނަ އަހަރާއި 2026ގައި އަހަރަކު 250 މިލިއަން ޑޮލަރު (3.8 ބިލިއަން ރުފިޔާ) ހޭދަކުރާނެ ކަމަށެވެ.